Support Us

ވާހަކަ: ތެދުވެރިކަމުގެ އިނާމު

ދިވެހިރާއްޖޭގެ ކުޑަ، ހިތްފަސޭހަ ރަށެއްގައި އަލީ ނަމަކަށް ކިޔާ ޒުވާނަކު ދިރިއުޅެމުން ދިޔައެވެ. އެރަށުން އިރު އޮއްސޭ މަންޒަރު ފެންނަނީ ރަންކުލައިންނެވެ. މަޑުމަޑުން ގޮނޑުދޮށަށް ޖަހާ ރާޅުތަކުން ދިރިއުޅުމުގެ އެތައް ސިއްރުތަކެއް ހާމަކޮށްދެމުން ދެއެވެ. ރަށުގެ އެންމެންނަށް އޭނާ މަޝްހޫރުވެފައިވަނީ އޭނާގެ ތެދުވެރިކަމާއި ބަހުގެ އިތުބާރު ހިފަހައްޓާ ކަމުންނެވެ. ނަމަވެސް އޭނާއަކީ ވަރަށްވެސް ފަގީރު މީހެކެވެ. އަލީ ދުވަހުން ދުވަހަށް ބުރަކޮށް މަސައްކަތްކުރެއެވެ. މީހުންނަށް ކުދިކުދި މަސައްކަތް ކޮށްދީ، ބައެއް ފަހަރު މަސްވެރިކަމުގައި ވެސް އުޅެއެވެ. އޭނާގެ އުމުރުން ދުވަސްވީ މައިންބަފައިންނަށް ޚަރަދު ކުރުމަށް އޭނާއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން ދިޔައެވެ. ކުރިމަތިލާން ޖެހުނު ކޮންމެ ބުރަކަމަކާ އެކުވެސް އަބަދުވެސް އޭނާގެ މޫނުމަތީން ފެންނަނީ ހިނިތުންވުމެވެ. އޭނާގެ އޮންނަނީ އުއްމީދުން ފުރިފައިވާ ހިތެކެވެ.

އަލީ ވަނީ ހަމަ އެ ރަށުގައި ދިރިއުޅޭ އަމީނާ ނަމަކަށް ކިޔާ އަންހެން ކުއްޖަކާ ހެދި މޮޔަވާ ވަރަށް ލޯބިވެފައެވެ. އަމީނާއަކީ މަޑުމައިތިރި، ހިތްހެޔޮ ކުއްޖެއް ކަމުން އެ ކުއްޖާއަކީ އެކުގައި އުޅެން ނިކަން އެކަށީގެންވާ ކުއްޖެއްކަމަށް އަލީ ގަބޫލުކުރިއެވެ. އެކަމަކު ދިމާވި އެންމެ ބޮޑު މައްސަލައަކީ އަމީނާގެ މައިންބަފައިން އަލީއަށް ރުހުން ނުދިނުމެވެ. އެއީ އޭނާއަކީ ނިކަމެތި މީހަކަށް ވާތީއެވެ. އެމީހުން ބޭނުންވީ އެމީހުންގެ އަންހެން ދަރިފުޅު މުއްސަނދިކަމާއި ހައިސިއްޔަތު ލިބިފައިވާ މީހަކާ ކާވެނި ކުރުވުމަށެވެ. އޭނާއަށް ތަނަވަސް ދިރިއުޅުމެއް ގެނެސްދޭނެ މީހަކާއެވެ.

އެއްދުވަހަކު އަލީ ހޮޅުއަށީގައި ކަމެއް ނެތި އިންދައި ހާޖީބޭ ކިޔާ އުމުރުން ދުވަސްވީ މީހަކު އޭނާއަށް ގޮވާލިއެވެ. ހާޖީބެ އަކީ އެ ރަށުގެ އެންމެ މުއްސަނދި އަދި އެންމެންގެ އިޙްތިރާމް ލިބިގެންވާ، ބަސްވިކޭ، ދީލަތިކަމުގެ ގޮތުން މަޝްހޫރު މީހާއެވެ. އެކަމަކު އޭނާގެ ދިރިއުޅުން ހިއްސާކުރާނެ އާއިލާއެއް ނެތުމުން އޭނާ ދިރިއުޅެމުން ދަނީ މުޅީންވެސް އެކަނިވެރި ގޮތުގައެވެ.

ގޭގައި ހުންނަ ފިހާރައިގެ ހުރިހާ މަސައްކަތެއް ކުރަނީ އެކަނިމާ އެކަންޏެވެ. މާލެ ގޮސް އަމިއްލައަށް ތަކެތި ގަނެގެން އައިސް ފިހާރަ ހިންގަމުންދަނީ ފައިދާއަކަށް ވުރެން ބޮޑަށް ހިތްހަމަ ޖެއްސުމުގެ ގޮތުންނެވެ. ބޭނުމެއް ހިފޭނެ ފަދައިން ވަގުތު ހޭދަ ކުރުމަށެވެ.

"އައްޔާ." ހާޖީބޭ އަލީގެ ކައިރީގައި އިށީނދެފައި ބުންޏެވެ. "އަހަރެން ބުނާކަމެއް ކަލެއަށް ކުރެވިދާނެތަ؟"

މިހުރިހާ ދުވަހު އަލީ މިރަށުގައި އުޅެމުން ދިޔަ އިރުވެސް ހާޖީބޭ އޭނާއާ މިހާ ގާތްކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެންވެ ހައިރާންވެފައި އަލީ އަހާލިއެވެ.

"އަޅުގަނޑުތޯ؟" އޭނާ ހާޖީބޭގެ މޫނަށް ބަލާލީ ޔަގީން ކުރުމަށެވެ. "ކޮންކަމެއްތޯ އަޅުގަނޑު ކޮށްދޭންވީ؟"

"ކަލެއަށް ވެސް އެނގޭނެ އަހަރެން މިއޮތްހާ ދުވަހު ފިހާރަ ހިންގަމުން ދިޔައީ އެކަނިމާއެކަނިކަން. މުދާ ގަންނަން ދަނީ ވެސް އަހަރެން އަމިއްލައަށް. އެކަމަކު މިހާރު އަހަރެންގެ ކަކުލުގައި ވަރުދެރަކަމުން މާލެ ދަތުރުކޮށް ހެދޭ ވަރެއް ނުވޭ،" އަދިވެސް ހާޖީބޭ ބުންޏެވެ. "ކަލޭ ތީ ވަރަށް އިތުބާރު ކުރެވޭ މީހެއްކަން އަހަރެން ދަންނަން. އެހެންވީމާ މި ފަހަރު އަހަރެންގެ ފިހާރައަށް ގަންނަން ބޭނުންވާ ތަކެތި މާލެ ގޮސް ގަނެލައިގެން ގެނެސް ދީފާނަންތަ؟"

އަލީ ވަރަށް ކަންބޮޑުވިއެވެ. "ހާޖީބޭ، އަޅުގަނޑަކީ އެހާ ތަންދޮރު ދަންނަ މީހެއް ވެސް ނޫން. ހިސާބުޖަހާކަށް ވެސް އެހާ މޮޅެއް ނޫން. އަޅުގަނޑަށް ތިކަން ކުރެވިދާނެއޭ ނަންގަންނާކަށް ނުކެރޭނެ."

"އައްޔާ، ފަށައިގަންނަ އިރަކު އެންމެންނަކަށް ކަންކަން މޮޅަށް ކުރާކަށް ނޭނގޭނެ. ކުރެވޭނީ ކޮށް ބަލައިގެން. މާދަމާދޭ މިރަށު ސުއްބެގެ ބައްތެލި މާލެ ދާން އެބަ ފުރާ. ކަލޭ އޭގައި މިދަތުރު އަހަންނަށް ކޮށްދީ."

އައްޔައަކަށް ހާޖީބޭއަށް ނޫނެކޭ ނަންގަންނާކަށް ނުކެރުނެވެ. އޭނާ ހާޖީބޭ ދިން ލިސްޓާއި މުދާގަންނަން ހަވާލު ކުރި ފައިސާތައް ހިފައިގެން އެބައްތެލިން މާލެ ހިނގައްޖެއެވެ.

އަލީ ދަތުރު ނިންމާލާފައި އައިސް މުދާ ގަނެ ބާކީވި 500 ރުފިޔާ ހާޖީބެއަށް ދިނެވެ. ހާޖީބެ އެ ފައިސާ އައްޔަށް ދިނެވެ. "މިއީ ކަލޭ ކުރި މަސައްކަތުގެ އަގު ކަމަށް ބަލާ." ހާޖީބޭ ބުންޏެވެ. "ކަލޭ އަހަރެން ބުނާ ކުދިކުދި ކަންކަން ކޮށްދޭން އަންނަ ނަމަ އަދި އިތުރަށް ވެސް ފައިސާ ދޭނަން."

އަލީ ހުރީ އުފަލުންނެވެ. މިއީ މިހާތަނަށް އޭނާއަށް އެއްފަހަރާ ލިބުނު އެންމެ ގިނަ ފައިސާއެވެ.

ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް ހާޖީބެއަށް އަލީގެ ތެދުވެރިކަމާއި ބުރަ މަސައްކަތް ފާހަގަކުރެވެމުން ދިޔައެވެ. އަލީ ދުވަހަކުވެސް އިތުރަށް ފައިސާ އަތުލައެއް ނަހަދައެވެ. ދުވަހަކުވެސް އޮޅުވައެއް ނުލައެވެ. އަބަދުވެސް އޭނާ ކަންކަން ކުރަނީ އަމާނާތްތެރިކަމާއެކުގައެވެ. އޭނާ އަނެކުންނާ މެދު ކަންކަން ބަހައްޓަނީ އިހުތިރާމާއެކުގައިކަން މީހުންނަށް ފާހަގަ ކުރެވެއެވެ.

އެއްދުވަހު ހާޖީބޭ އަލީ ގެންގޮސް ބުންޏެވެ.

"އަލީ" ހާޖީބޭ ބުންޏެވެ. "އަހަރެންގެ އަމިއްލަ އާއިލާއެއް ނެތްކަން ކަލެއަށް ވެސް އެނގޭނެ."

"އަހަރެންނަށް މިއަދު މިވަނީ އިތުބާރު ކުރެވޭ މީހަކު ބޭނުންވެފައި. އެކަމަކު މިޒަމާނުގައި އެކަހަލަ މީހަކު ހޯދުމަކީ ބޮޑު ކަމެއް. އެހެންނަމަވެސް އަހަރެންނަށް ކަލޭގެ ކިބައިން މި ޚާއްސަ ސިފަ އެބަފެނޭ.  އަހަރެންގެ ކަންކަމުގައި އެހީތެރިވާން އަހަރެންގެ ގާތަށް އަތުވެދާނަންތަ؟"

އަލީއަށް މިލިބުނު ފުރުސަތަށް ޝުކުރުވެރިވެ އޭނާ އެއްބަސްވިއެވެ. އޭގެފަހުން އަލީ މަސައްކަތް ކުރަމުން ދިޔައީ ހާޖީބޭގެ ވަޒީފާގައެވެ.

ހާޖީބެ އަލީއަށް ގިނަގުނަ މަސްއޫލިއްޔަތުތަކެއް ހަވާލުކޮށް، ގެއާއި ފިހާރަ ބެލެހެއްޓުމަށް ބޮޑެތި އަދަދުތަކުން ފައިސާ ވެސް ދިނެވެ. ހާޖީބޭއަށް ވަރުވާއަށް ލިބިފައި އޮންނަ ކުޑަ ފަޅުރަށެއް ވެސް އޮވެއެވެ. މިހާރު އެރަށް ވެސް ބަލަައްޓަނީ އައްޔައެވެ. ހާޖީބޭ އެދޭ ކަންތައް ފުރިހަމަ ކޮށް ދިނުމުގައި އަލީ ދުވަހަކުވެސް ފަރުވާ ކުޑައެއް ނުކުރެއެވެ. ކޮންމެ މަސައްކަތެއް ވެސް އޭނާއަށް ކުރެވުނު އެންމެ ރަނގަޅަކަށް ވަރަށްވެސް ނަޒާހަތްތެރިކަމާއެކުގައެވެ. ހާޖީބޭ އޭނަހަށް މަހު މުސާރަޔާއި އޭގެ އިތުރުން ވެސް ފައިސާގެ އިނާޔަތް ދީ ހަދައެވެ.

ހާޖީބޭ އަލީއާމެދު އޮތް އިތުބާރު ބޮޑުކަމުން ހާޖީބެ ވަރަށް ގިނަފަހަރު މިހެން ބުނަމުން ދިޔައެވެ. "އަލީ، ކަލޭ ތިއީ އަހަންނަށް ލިބިފައި ނުވިޔަސް އަހަރެންގެ އުފަން ދަރިފުޅު."

ހާޖީބެ އާއި އަލީގެ ގާތްކަން މިހާ ބޮޑު ނަމަވެސް، އަމީނާ ދެކެ އޭނާވާ ލޯބި ހާސިލްވާހާ ތަނަވަސްކަމެއް އޭނާއަކަށް ނުލިބެއެވެ. މިހާރު އަމީނާގެ މައިންބަފައިން ވަނީ އަލީ ރިޒާއަށް ރުހުން ދީފައެވެ. އެއީ އޭނާއަކީ ކައިރި ރިސޯޓެއްގެ އެސިސްޓެންޓް މެނޭޖަރެވެ. އެމީހުން ހިތްފުރޭހާ މުދާ އޭނާގެ އަތުގައި އެބަހުއްޓެވެ. އެހެންވެ އެކާވެނީގެ ކަންކަން އެދަނީ ބާރަށް ކުރިޔަށެވެ.

އެހެންނަމަވެސް އަލީއަކަށް އޭނާ ދެކެމުން އައި ހުވަފެން ދުށުން ހުއްޓައެއް ނުލެވެއެވެ. އެ ލޯބި އޭނާއަށް ހާސިލް ނުކުރެވުނަސް، އޭނާ ދަނީ ދިރިއުޅުމުގައި ކުރިޔަށް ދިއުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް އަޒުމު ކަނޑައަޅައިގެންނެވެ.

މާ ގިނަ ދުވަސްތަކެއް ނުވެ ހާޖީބެގެ ސިއްހީ ހާލަތު މާބޮޑަށް ދަށްވާން ފެށިއެވެ. އޭނާގެ ދިރިއުޅުން ނިމުމާ ގާތްވެފައިވަނިކޮށް އޭނާ އަލީ ގެނެސް ބުންޏެވެ. "އަހަރެން ދެކެނީ ކަލޭ ތީ އަހަރެންގެ ދަރިފުޅު ސަމީރު ކަމުގައި. އެއީ އޭނާ ދުނިޔޭގައި ހުރި ނަމަ މިހާރު ހުންނާނީ ކަލޭގެ ތިޔަ އުމުރުގައި."

ހާޖީބޭގެ ލޮލުން ކަރުނަ ހިލުނެވެ. "ސަމީރުއާއި އޭނާގެ އަންހެން ކޮއްކޮއާއި އޭނާގެ މަންމަ ވެސް މަރުވެ ދިޔައީ މާލެ އަށް ކުރި ދަތުރެއް ނިންމާފައި ރަށަށް އަންނަނިކޮށް ބައްތެލި ބަންޑުން ޖަހާލައިގެން."

ހާޖީބޭގެ އަޑު ތުރުތުރުއަޅައެވެ. އޭނާ އަލީ ކުރެން އަނެއްކާވެސް އިތުރު ކަމަކަށް އެދުނެވެ.

"މިއީ ކަލޭ ކުރެން އަހަރެން އެދޭނެ އެންމެ ފަހު ކަންތައް."

އަލީ އިސްދަށަށް ޖަހާލައިގެން ހުއްޓެވެ. "ކަލޭ ތީ އަހަރެންގެ އުފަން ނޫނަސް އަހަރެންގެ ދަރިއެއް ކަމުގައި ވެދީ."

ހާޖީބޭގެ މި ނިންމުމަކީ މުޅި ރަށް ސިއްސުވާލާ ފަދަ ނިންމުމެކެވެ. އޭނާ ވަޞިއްޔަތް ކުރީ އޭނާގެ ހުރިހާ މުދަލެއް ޢަލީއަށް ދޫކޮށްލުމަށެވެ. އެ ޚަބަރު ހަލުވިކަމާއެކު ރަށުތެރެއަށް ފެތުރިގެން ދިޔައިރު އެންމެން ތިބީ ހައިރާންވެފައެވެ. އެއް އިރެއްގައި ނިކަމެއްޗެއްގެ ގޮތުގައި އެންމެން ބަލަމުންދިޔަ ޒުވާނާއަކީ މިހާރު އެ ރަށުގައި ހުރި އެންމެ މުއްސަނދި މީހާ ކަމުގައި ވީއެވެ.

އޭރު އަމީނާގެ ކާވެނިވާން އޮތީ މަދު ދުވަސްކޮޅެކެވެ. އެކަމަކު އޭނާ މައިންބަފައިންނަށް އެ ޚަބަރު ލިބުމުން އެމީހުން އަމީނާ ރިޒާއާ ކާވެނި ކުރުމުގެ ޚިޔާލު ދޫކޮށްލައިފިއެވެ. އެމީހުން އޭނާ އަލީއާ ކާވެނި ކުރުވުމަށް ކެތްމަދު ވެއްޖެއެވެ. ކުއްލިއަކަށް އެމީހުންނަށް އަލީ ފެނުނީ އެމީހުންގެ އަންހެން ދަރިފުޅާ ކާވެނި ކުރުވުމަށް އެންމެ ކަމުދާ މީހާ ކަމުގައެވެ. އެމީހުން އޭނާއަށް ތައުރީފުކޮށް، އަލީ އާއި އަމީނާގެ ގުޅުން އަލުން އާލާކުރުމަށް މަސައްކަތް ފަށައިފިއެވެ.

އެކަމަކު އަލީއަށް އެމީހުންގެ ނިޔަތް ރަނގަޅަށް ވިސްނެއެވެ. އެމީހުން މިހާރު އޭނާއަށް އެދެނީ ހަމައެކަނި އޭނާގެ މުއްސަނދިކަމުގެ ސަބަބުންނެވެ. އޭނާގެ ނަފުސަށްޓަކައި ނޫން ކަމެވެ.

އަލީ ހިތް އޮތްތާ ގާގަނޑެއް ބާއްވައިގެން އެމީހުންގެ ހުށަހެޅުން ބޮލާލާ ޖަހައިފިއެވެ. ހަގީގީ ލޯތްބަކީ ފައިސާ އާއި ހައިސިއްޔަތެއް ނޫންކަން އޭނާއަށް އެނގެއެވެ. އޭނާ ބޭނުންވީ އޭނާގެ އަތުގައި ހުރި މުދަލަކަށްޓައި އިންނާނެ މީހެއް ނޫނެވެ. އޭނާގެ ކިބައިގައި ހުރި ހާލަތަކާ ރުހިގެން އިންނާނެ މީހެކެވެ. އެހެންކަމުން، އޭނާ ބަލަމުން ގެންދިޔައީ، އޭނާގެ އަގުތައް ކަމަށްވާ ތެދުވެރިކަމާއި، އޯގާތެރިކަމާއި، ސާދާކަން ހިއްސާކުރާ އަންހެނަކު ހޯދުމަށެވެ.

އެންމެ ފަހުން އަލީއަށް ދިމާވީ އަވަށްޓެރި ރަށެއްގައި ދިރިއުޅޭ ސާރާ ކިޔާ އަންހެނެކެވެ. ސާރާއަކީ ސާދާ އަންހެނެކެވެ. އޭނާއަކަށް އަލީގެ ތަނަވަސްކަމާ ބެހޭ އެއްވެސް ޚަބަރެއް އިވިފައެއް ނުވެއެވެ. އަލީ އޭނާއާ ކާވެނި ކުރަން އެދުމުން އެއްވެސް ޝަރުތެއް ނެތި އޭނާ އެއްބަސްވިއެވެ. އަލީ ސާރާއާ އިނދެގެން ދުވަސްކޮޅެއް ވަންދެން ވަރަށް އާދައިގެ މީހެއްގެ ގޮތުގައި އޭނާއެކު އެ ރަށުގައި ވަގުތުތަކެއް ހޭދަ ކުރިއެވެ.

އަލީ އާއި ސާރާ ކައިވެނި ކުރެވުނީ ސާރާގެ އާއިލާއާއި ރަށު މީހުންނާ އެކީ ނުހަނު ސާދާ ރަސްމިއްޔާތެއްގައެވެ. އަލީގެ މުއްސަނދިކަން އެމީހުންނަށް އެނގުނީވެސް މާ ފަހުންނެވެ. އަލީ އެރަށު މީހުންނަށް ދީލަތި ކަމާއެކު އެހީވިއެވެ. އެރަށުގެ ސްކޫލަށް ބޭނުންވާހާ ސާމާނެއް ހޯދައިދިނެވެ. ހަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެދީ، އެމީހުންގެ މުޖުތަމަޢު ހިތްފަސޭހަ ކޮށްދިނުމަށް މަސައްކަތް ކުރިއެވެ.

މިއަދު މިހާ ގިނަ މުދާ ލިބިފައި ވިޔަސް އަލީ އަކަށް އޭނާގެ އަސްލިއްޔަތެއް ނޯޅެއެވެ. އަދި އޭނާއާ ކުރިމަތިވި އުނދަގޫތަކެއް ހަނދާނެއް ނުނެތޭމެއެވެ. އޭނާ ދިރިއުޅެމުން ދިޔައީ ހުރިހާ ވަގުތެއްގައި ވެސް އެކަން ހަނދާން ކުރަމުންނެވެ. އޭނާއަށް ލިބުނު ތަނަވަސްކަމުން މައިންބަފައިންނަށް ރަނގަޅު ބޭސްފަރުވާ ކުރުވައިދީ އެމީހުން ހައްޖަށް ފޮނުވިއެވެ. އަދި އެނޫނަސް ރަށުގައި ނިކަމެތިކަމާއި ދިރިއުޅުމުންދާ އެންމެންނަށް ވެސް އޭނާ ނުހަނު ދީލަތިކަމާއެކު އެހީތެރިވަމުން ދިޔައެވެ.

އޭނާ އަދިވެސް ދެކެމުންދަނީ އޭނާގެ މުދަލަކީ ހާޖީބޭގެ މުދާ ކަމުގައެވެ. އެހެންވެ އަލީ ކުރާ ހުރިހާ ހޭދައެއް ވެސް ކުރަމުން ދިޔައީ ހާޖީބޭގެ ނަން މަތީގައެވެ.

އޭނާ ހާޖީބޭގެ ގެޔާއި ފިހާރަ މަރާމާތުކޮށް ބޮޑުކުރިއެވެ. ފަޅުރަށުގައި ދަނޑު ހައްދައި އެތަނުންވެސް ރަށުމީހުންނަށް ފައިދާވާނެ ގޮތްތައް ހޯދައިދިނެވެ.

އާޚިރުގައި އަލީއަށް އެލިބުނީ އޭނާގެ ތެދުވެރިކަމާއި ނަޒާހަތްތެރިކަމުގެ އިނާމެވެ. ދިރިއުޅުމުގައި ކުރިއަރައި ދަނީ މަކަރުވެރިކަމާއި ހީލަތުން ނޫންކަން އޭނާއަށް ހާމަވެގެން ދިޔައެވެ. ލޯތްބަކީ ހަމަ އެކަނި ރީތިކަމާއި އިއްޒަތާއި ދަރަޖަ ނޫންކަން ވެސް ދަސްވެގެން ދިޔައެވެ. އޭނާގެ ވާހަކަ ވެގެން ދިޔައީ ރަށުގެ އެންމެންނަށް އިބުރަތަކަށެވެ. ހުރިހާ މުއްސަނދިކަމަކަށްވުރެ ރަނގަޅުއަޚްލާޤަކާއި ތެދުވެރިކަމަކީ މާ އަގުހުރި އެއްޗެއް ކަން މީހުންނަށް ފާޅުވެގެން ދިޔައެވެ. އަދި ހަގީގީ ލޯތްބަކީ ގަނެވިއްކާލެވޭނެ އެއްޗެއް ނޫންކަން ވެސް މީހުންނަށް ދަސްވެގެން ދިޔައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *