އަޑަށްވުރެ ބާރަށް ޖެޓު ދަތުރުކުރާއިރު އޭގެ ވަށައިގެން "ހަލޯ"އެއް އުފައްދައެވެ. މިއީ ވައިގެ ތެރޭގައި ހުންނަ ތެތްކަމުން އުފެދޭ އާވީގެ ފަށަލައެކެވެ.
މިއީ ކަނޑުގެ ލޮނުގަނޑަށްވުރެ ކުޑަ ތަންކޮޅެއް މަތިން ޖެޓެއް ދަތުރުކުރާ ހަލުވިމިނެވެ. މި ސްޕީޑަކީ ގަޑިއަކު 741 މޭލެވެ. އެއީ ވައިގެ ޓެމްޕަރޭޗަރު ނުވަތަ ހޫނުކަން 20 ޑިގްރީ ސެލްސިއަސްގައި ހުންނަ ނަމައެވެ.
މި ބޮޅު ހުންނާނީ ހުދު ކުލައިގައެވެ. މިއަށް "ވޭޕާ ކޯން" އަދި "ޝޮކް ކޮލާ" ވެސް ކިޔައެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން ގުގުރުން ކަހަލަ އަޑެއް ވެސް އުފެދެއެވެ. މިއަށް ކިޔަނީ "ސޮނިކް ބޫމް"އެވެ.
ސޮނިކް ބޫމް އުފެދެނީ ޖެޓު އުފައްދާ "ސައުންޑް ވޭވްސް" ނުވަތަ ފަޒާގައި "އަޑުގެ ރާޅުތައް" އުފައްދާ، އެއަށްވުރެ ހަލުވި ދުވެއްޔެއްގައި ދަތުރުކުރުމުންނެވެ. މިހެންވުމުން ސައުންޑް ވޭވްތައް އެކަތި އަނެކަތި މައްޗަށް ފުނިޖެހި، ޝޮކް ވޭވްއަކަށް ބަދަލުވެއެވެ. މިއީ ވައިގެ "ޕްރެޝަރާ"އި "ޑެންސިޓީ"އަށް އަންނަ ކުއްލި ބަދަލެއްގެ ސަބަބުން ވާ ގޮތެކެވެ.
މި ޝޮކް ވޭވް ޖެޓުގެ ފަހުން "ދުވާނެ"އެވެ. ހީވާނީ ޖެޓުގެ ފަހަތުގައި ކޯނެއް ހުންނަހެނެވެ. ކޯންގެ "އޭންގަލް" ބިނާވެފައި ހުންނާނީ ޖެޓުގެ ދުވެލީގެ މައްޗަށެވެ. އެ ގޮތުން، ޖެޓުގެ ދުވެލި ބާރުވީ ވަރަކަށް ކޯންގެ ބައްޓަމަ ހަނިވާނެއެވެ.
ޖެޓުގެ ވަށައިގެންވާ ވަޔަށް ޝޮކް ވޭވްގެ އަސަރުތައް ފޯރައެވެ. އެ ވައިގެ ޕްރެޝަރާއި ޓެމްޕަރޭޗަރު ދަށަށް ދެއެވެ. މި ކަމުގެ ސަބަބުން ވައިގެ ތެތްކަމުގައި ހުންނަ ފެން "އައިސް ކްރިސްޓަލްސް" ނުވަތަ ގަނޑުފެނުގެ އެތިކޮޅުތަކަށް ބަދަލުވެއެވެ. މިހެންވެ، ޖެޓުގެ ފަހަތުގައި ހަލޯ ހުންނާނީ ވިލާކޮޅެއްގެ ސިފައިގައެވެ.
އެހެން ގޮތަކަށް ބުނާ ނަމަ މި ވިލާކޮޅަކީ ޖެޓުގެ ވަށައިގެން ހުންނަ ހަލޯއެވެ. މީގެ ބައްޓަން ހުންނާނީ ޝޮކް ވޭވް ހުރި ބައްޓަމަށެވެ. އަދި މި ވިލާކޮޅު ވަރަށް އަވަހަށް ގެއްލި ނެތިގެން ވެސް ދާނެއެވެ. އެއީ ވައިގެ ޕްރެޝަރާއި ޓެމްޕަރޭޗަރު ކުރިން ހުރި ވަރަށް ރުޖޫއަވެ، ފެންތިކިތައް އާތްވަށް އަލުން ވުމުންނެވެ.
އާވީގެ ކޯންއަކީ އަބަދު ފެންނާނެ އެއްޗެއް ނޫނެވެ. މި ކޯން ފެނުން ބިނާވެފައިވަނީ ވައިގެ ތެތްކަމާއި ވައިގެ ޓެމްޕަރޭޗަރަށެވެ. ވައިގެ ތެތްކަން އިތުރުވި ވަރަކަށް އަދި ޓެމްޕަރޭޗަރު ދަށްވި ވަރަކަށް، އާވީގެ ކޯން އުފެދުން ގާތެވެ. އަދި ޖެޓު ދަނީ ކަނޑުގެ ލޮނުގަނޑަށްވުރެ ކިހާ މައްޗަކުންތޯ އާއި ޖެޓު ހުންނަ އޭންގަލަކީ ވެސް މި ވޭޕާ ކޯންއަށް އަސަރުކުރާ ކަންކަމެވެ. އެ ގޮތުން ބިމާ ކައިރީގައި، އަދި މަތިން ތިރިއަށާއި ތިރިން މައްޗަށް ދަތުރުކުރާއިރު މި ކޯން އުފެދޭނެއެވެ.
ވޭޕާ ކޯންއަކީ ޖެޓަށާއި ފަސިންޖަރުންނަށް ހުރި ނުރައްކަލެއް ނޫނެވެ. އުޅަނދުގެ ހަރަކާތްތެރިކަމަށާއި ސަލާމަތަށް ވެސް ނޭދެވޭ އަސަރުކުރާ އެއްޗެއް ނޫނެވެ. މި ހަލޯއަކީ ޖެޓުގެ ދުވެލި ދައްކައިދޭ ވިލާކޮޅެކެވެ.