ވީޑިއޯ ހިއްސާކުރާ މަގަބޫލު އެޕް ޓިކްޓޮކަށް އަލުން ހުއްދަ ދޭން ނޭޕާލުން ނިންމައިފިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޓިކްޓޮކް މަނާކޮށްފައި، އަލުން ހުއްދަކުރަން ނިންމީ ބުރާސްފަތި ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ކަމަށް ނެޝަނަލް ނިއުސް އެޖެންސީން ރިޕޯޓްކުރިއެވެ.
ދެކުނު އޭޝިއާގެ މި ގައުމުން ޓިކްޓޮކް މަނާކުރީ "އިޖުތިމާއީ ހަމަޖެހުން ނަގާލާ އެޕެއް" ކަމަށް ބުނެފައެވެ. ނަމަވެސް އޭގެ ތަފުސީލެއް ނުދެއެވެ.
މީގެ ނުވަ މަސް ކުރިން މަނާކުރި ޓިކްޓޮކް އަލުން ހުއްދަ ކުރަން ސަރުކާރުން ނިންމީ ޓިކްޓޮކްގެ ދެކުނު އޭޝިއާ ގޮފިން، މުވާސަލާތާއި މައުލޫމާތު ޓެކްނޯލޮޖީއާ ބެހޭ ވަޒީރު ޕްރިތުވީ ސުއްބަ ގުރަންގްގެ އަރިހުން ޓިކްޓޮކް އަލުން ހުއްދަ ކުރަން އެދުމުންނެވެ.

"ނޭޕާލުގެ ގަވައިދުތަކަށް ބޯލަނބަން ޓިކްޓޮކުން އެއްބަސްވި،" ވުޒާރާގެ ތަރުޖަމާނު ގަޖެންދްރަ ކުމާރް ތާކޫރް ވިދާޅުވިއެވެ.
ޕްރިތުވީ ވިދާޅުވީ ޓިކްޓޮކް އަލުން ހުއްދަ ކުރާނީ ބައެއް ޝަރުތުތަކާއެކު ކަމަށާއި އެ ކަން ފުރިހަމަ ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
"މީގެ ތެރޭގައި ނޭޕާލްގެ ޓޫރިޒަޒް ކުރިއެރުވުމާއި ޑިޖިޓަލް ތައުލީމަށް އިންވެސްޓް ކުރުމާއި ނޭޕާލްގައި ސަރުކާރުން ދޭ ތައުލީމު ތަރައްގީ ކުރުމަށް އެހީވުމާއި އެ އެޕްގައި ބޭނުންކުރާ ބަހުރުވަ އާއި ބަސްމަގު ރަނގަޅުކުރުން ހިމެނޭ. މި ޝަރުތުތައް ފުރިހަމަ ކުރަން އެއްބަސްވުމުން ނޭޕާލުގައި އަލުން ޓިކްޓޮކް އޮޕަރޭޓް ކުރުމަށް އުސޫލެއްގެ ގޮތުން ސަރުކާރުން ހުއްދަ ދިނީ،" ޕްރިތުވީ ވިދާޅުވިއެވެ.
ސަރުކާރުގެ މި ނިންމުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ޓިކްޓޮކްގެ ތަރުޖަމާނެއް ވިދާޅުވިއެވެ.

"ނޭޕާލުގެ އަޑުތަކާއި އުފެއްދުންތެރިކަން ޓިކްޓޮކުން ކުރިއަށްގެންދެވޭތީ އުފާކުރަން،" އޭނާ ވިދާޅުވިއެވެ.
ނޭޕާލުގައި ޓިކްޓޮކް މަނާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޮޑު ވަޒީރު ޕުޝްޕަ ކަމަލް ޑަހަލްގެ ސަރުކާރުންނެވެ. އެއިރުގެ މުވާސަލާތާ ބެހޭ ވަޒީރު ރޭކާ ޝަރްމާ އުޒުރަކަށް ދެއްކެވީ ޓިކްޓޮކަކީ "އިޖުތިމާއީ ހަމަޖެހުމާއި އާއިލީ ބިނާތަކާއި އިޖުތިމާއީ ގުޅުންތަކަށް ބުރޫއަރާ" އެއްޗެއް ކަމަށެވެ. ނަމަވެސް މީގެ އިތުރު އެއްވެސް ތަފުސީލެއް ދެއްވައިފައެއް ނުވެއެވެ.
ޓިކްޓޮކް މަނާކުރުމާ ގުޅިގެން ނޭޕާލުގައި މުޒާހަރާތަކެއް ބޭއްވިއެވެ. މުޒާހަރާކުރި ފަރާތްތަކުން ބުނީ މިއީ އެ މީހުންނަށް އާމްދަނީ ލިބޭ ވަސީލަތެއްގެ އިތުރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނަގައިލުމަށް ވެސް ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށެވެ.
ގާތްގަނޑަކަށް 31 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދެކުނު އޭޝިއާގެ އެންމެ ފަގީރު އެއް ގައުމު ކަމަށްވާ ނޭޕާލްގައި އަސާރަ ވިއްކާ ވިޔަފާރިއެއް ފެށި އުމުރުން 39 އަހަރުގެ އަންޖަނާ އަރްޔަލް ބުނީ ޓިކްޓޮކް ހުއްދަ ޒަމާނުގައި ސްޕޮންސަރުންނާއި ވިޔަފާރި ކުރުމުން މަހެއްގެ މައްޗަށް 3،000 ޑޮލަރު (46،000ރ.)ގެ އާމްދަނީއެއް ލިބުނު ކަމަށެވެ.
"ޓިކްޓޮކް މެދުވެރިކޮށް ވިޔަފާރިކުރި މީހުން މިހާރު ތިބީ އެހެން ގޮތެއް ނެތިފައި،" 600،000 ފޮލޯކުރާ މީހުން އޭނާގެ އެކައުންޓްގައި ތިބި އަންޖަނާ ބުންޏެވެ.
"މީހުންނަށް ދިޔައީ އާމްދަނީ ލިބެމުން ވިޔަފާރި ކުރާތީ ނުވަތަ މުނިފޫހިފިލުވައިދޭތީ. މިހާރު އެންމެންނަށް ވެސް ވަނީ ހަދާނެ ގޮތެއް ނޭނގިފައި،" އަންޖަނާ ބުންޏެވެ.
ޗައިނާގެ ބައިޓްޑާންސް ކުންފުނިން ހިންގާ ޓިކްޓޮކް ވަނީ ގިނަ ގައުމުތަކެއްގައި މަނާކޮށްފައެވެ. އޭގެ ތެރޭގައި އިންޑިއާ އާއި އަފްޣާނިސްތާން ހިމެނެއެވެ. އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އަދި ޔޫރަޕްގެ އިއްތިހާދުންވަނީ ޓިކްޓޮކަށް ބައެއް ކަހަލަ ހުރަސްތައް އަޅައިފައެވެ.
ނޭޕާލުގައި ޓިކްޓޮކް މިދިޔަ އަހަރު މަނާކުރިއިރު ހާމަކޮށްފައިވަނީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އޮންލައިން ކުށުގެ 1،600 ކޭސް ނޭޕާލްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ނޭޕާލްގެ އިންޓަނެޓް ސާވިސް ޕްރޮވައިޑާސް އެސޯސިއޭޝަން އޮފް ނޭޕާލް (އައި.އެސް.ޕީ.އޭ.އެން)އިން ބުނީ ނޭޕާލުގައި ޓިކްޓޮކް ބޭނުންކުރާ 2.2 މިލިއަން މީހުން އުޅޭ ކަމަށެވެ.
ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ އެމެރިކާގެ މެޓަ ކުންފުނިން ހިންގާ ސޯޝަލް މީޑިއާ އެޕްތަކާ އެއްހަމަ ނުކުރެވުނަސް އުމުރުން 16 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލީ ޓިކްޓޮކެވެ.
ކާރާއި ސްޓާޓް-އަޕް ކުންފުނިތައް ކަވަރުކުރާ ނޭޕާލްގެ އިންފްލުއެންސާއެއް ކަމަށްވާ މަނިޝް އަދިކާރީ ބުނީ ޓިކްޓޮކް މަނާކުރުމުން އޭނާ ބަދަލުކޮށްލީ އިންސްޓަގްރާމަށް ކަމަށާއި ނަމަވެސް ބްރޭންޑްތަކާއެކު ހަދާފައިވާ ވިޔަފާރި ޑީލްތައް އަދިވެސް ކުރިނައިރައިގެން އުޅެނީ ޓިކްޓޮކުން ލިބުނު މަގުބޫލުކަމާ އިންސްޓަގްރާމުން ލިބޭ މަގުބޫލުކަން ގާތް ވެސް ނުކުރާތީ ކަމަށެވެ.
"ބްރޭންޑްތަކުން އަހަރެންނަށް ގުޅަން ފެށި. އަހަރެންގެ ވިޔަފާރި ބަނގުރޫޓު ވާން އުޅެނީބާވައޭ އަހަރެންގެ ހިތަށް އެރި. އަހަރެންގެ މަސައްކަތް ހުއްޓުމަކަށް އަންނަނީހޭ ހިތަށްއެރި،" މަނިޝް ބުންޏެވެ.
ޓިކްޓޮކްގެ މަގުބޫލުކަން ބޮޑީ ކީއްވެތޯ ބަލަން މި އަހަރު ކުރީކޮޅު ދިރާސާއެއް ކުރިއެވެ. ނަމަވެސް އެ ކަމުގެ މާބޮޑު މައުލޫމާތެއް ނުހޯދުނެވެ. މިހެންވެ ދިރާސާކުރި ފަރާތްތަކުން ބުނީ ޓިކްޓޮކް ހިންގާ ޕްރޮގްރާމް ނުވަތަ އެލްގަރިދަމްއަކީ "ބްލެކް ބޮކްސް"އެއް ކަމަށެވެ. މާނައަކީ އަޑި ނޭނގޭ އެއްޗެއް ކަމެވެ.
"ޓިކްޓޮކްގެ އެލްގަރިދަމްއަކީ އާއްމުންނަށާއި ސަރުކާރުގެ ރެގިއުލޭޓްކުރާ އިދާރާތަކަށް ވެސް ގޮތް ނޭނގޭ އެއްޗެއް. އަދި ޚުދު ޓިކްޓޮކް ހިންގާ ފަރާތަށް ވެސް ކޮންމެވެސް ވަރަކަށް ވާނުވާ ނޭނގޭ ކަމަށް ބެލެވޭ،" ޓިކްޓޮކް މަނާކުރުމާމެދު ވިސްނާ އެމެރިކާގެ ވޮޝިންޓަން ޔުނިވާސިޓީގެ ކޮމްޕިއުޓަރު އިލްމްވެރިޔާ ފްރަންޒިސްކާ ރޯޒްނާ ވިދާޅުވިއެވެ.