އަސްކަރީ މަތިންދާބޯޓެއް ޖެއްސޭނެ ގޮތެއް ނެތިއްޔާ ނުވަތަ ޖައްސަން ރައްކާތެރި ނޫނިއްޔާ ޕައިލެޓަކަށް އާހިރުގައި އޮތީ އެންމެ ގޮތެކެވެ؛ އިޖެކްޓް ކުރުމެވެ.
އިޖެކްޓް ކުރުމުގައި ވާގޮތަކީ ކެނޮޕީ ނައްޓައިލައި، ޕައިލެޓް އިށީނދެގެން އިން ސީޓާއެކު މަތިންދާބޯޓުން މީހާ ބޭރުކޮށްލަނީއެވެ.
ޕައިލެޓް މަތިންދާބޯޓުން ބޭރުކޮށްލަނީ ރޮކެޓާއި ގޮވާތަކެތި ބޭނުންކޮށްގެން ސީޓު ޕްރެޝަރުގައި މަތިންދާބޯޓުން ބޭރަށް ފޮނުވައިލައިގެންނެވެ.
މިއީ ހަގީގަތުގައި ނުރައްކާތެރި ކަމެއް ވެސް މެއެވެ. ޕައިލެޓް ޒަހަމްވެ ނުވަތަ މަރުވުން ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް މަތިންދާބޯޓަށް ދިމާވާ ސީރިއަސް މައްސަލައެއްގައި ޕައިލެޓްގެ ފުރާނަ ސަލާމަތްވާން އޮތީ ވެސް މި ގޮތަށް މަތިންދާބޯޓުން ބޭރުވެގެންނެވެ.
ޕައިލެޓުން ތިބޭ ކޮކްޕިޓުން ބޭރަށް ޕައިލެޓް އިޖެކްޓްކޮށްލާއިރު ދިމާވެދާނެ އެންމެ ނުރައްކާތެރި ކަމަކީ ކެނޮޕީގައި ޖެހުމެވެ. ކެނޮޕީއަކީ ޕައިލެޓް އިންނަ ގޮޅި ކަމަށްވާ ކޮކްޕިޓް ރައްކާތެރިކޮށްދޭ އެތެރެ ފެންނަ ކަވަރެކެވެ. ކެނޮޕީގެ ސަބަބުން ޕައިލެޓަށް މަތިންދާބޯޓުގެ ބޭރު ފެނެއެވެ.
ކެނޮޕީ ހަދައިފައި ހުންނަނީ ވަރުގަދަ، ނަމަވެސް ލުއި، މާއްދާއަކުންނެވެ. އޭގެ ތެރޭގައި ޕޯލިކާބޮނޭޓް ނުވަތަ އެކްރިލިކް ހިމެނެއެވެ. މިއީ ހަލުވި ދުވެއްޔާއި ޕްރެޝަރަށް ވެސް ނުގުޑާ މާއްދާތަކެވެ.
ޕައިލެޓް އިޖެކްޓް ކުރާއިރު ކެނޮޕީން ނުރައްކާކޮށްފާނެއެވެ. އެ ގޮތުން ކެނޮޕީ ފުނޑުމާއި ނުވަތަ މަތިންދާބޯޓުން ނުނެއްޓުމުގެ ސަބަބުން ޕައިލެޓް އިޖެކްޓް ވާއިރު އޭނާ ޖެހޭނީ ކެނޮޕީގައެވެ.
މި ސަބަބުތަކަށްޓަކައި ޕައިލެޓް އިޖެކްޓް ކުރުމުގެ ކުރިން ކެނޮޕީ ނައްޓައިލައި ނިޒާމެއް ގާއިމުކޮށްފައިވެއެވެ. އެއީ ގޮވާތަކެތި، ނޫނީ ޕައިރޮޓެކްނިކް ކޯޑު ނުވަތަ ނިއުމެޓިކް ޕިސްޓަން ބޭނުންކޮށްގެން ކެނޮޕީ މަތިންދާބޯޓާ ވަކިކޮށްލުމެވެ. މިހެން ހެދުމުން މަތިންދާބޯޓުން ކެނޮޕީ ނައްޓައިލައެވެ. އަދި ޕައިލެޓް މަތިންދާބޯޓުން އިޖެކްޓްކޮށްލައި، ބޭރުކޮށްލަނީ ކެނޮޕީ ނައްޓައިލައި ފަހުންނެވެ. މިހެން ވުމުން ކެނޮޕީގައި ޕައިލެޓް ޖެހުމުގެ ފުރުސަތެއް ނޯންނާނެއެވެ.
މި ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފައިވިޔަސް ކެނޮޕީގެ ސަބަބުން ޕައިލެޓަށް ނުރައްކާވެދާނެ ކަންތައްތަކެއްވެއެވެ. މިސާލަކަށް:
- ކެނޮޕީ ނައްޓައިލައި ނިޒާމު ފޭލިވެ، މަތިންދާބޯޓުން ކެނޮޕީ ނުނެއްޓުން.
- ކެނޮޕީ ނެއްޓުން ފަސްވުން ނުވަތަ ލަސްވުން. މިހެންވުމުން ޕައިލެޓް އޭނާގެ ސީޓާއެކު ޖެހޭނީ ކެނޮޕީގައި.
- މާ އަވަހަށް ނުވަތަ މާ ހަލުއިކޮށް ކެނޮޕީ މަތިންދާބޯޓުން ނެއްޓުމުން އިޖެކްޓްކުރި ޕައިލެޓް ބިންމައްޗަށް ފޯރުމުގެ ކުރިން ވައިގެ ތެރޭގައި ކެނޮޕީގައި ލައިގަތުން.
- މަތިންދާބޯޓުން ކެނޮޕީ ނެއްޓުނަސް މަތިންދާބޯޓާ ދުރަށް އޭތި ނުދިއުމުން އިޖެކްޓްވި ޕައިލެޓް ބިން މައްޗަށް ތިރިކުރާ ވަގުތު އެ ކެނޮޕީގައި ޖެހުން.
މި ފަދަ ހާދިސާތަކަކީ މަދުން ނަމަވެސް ޕައިލެޓުން ތަޖުރިބާކޮށްފައިވާ ކަންތައްތަކެވެ. އެ ގޮތުން އޭގެ ތެރެއިން ބައެއް ޕައިލެޓުންނަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ. އަދި ބައެއް ހާދިސާތަކުގައި ޕައިލެޓުން މަރުވެފައިވެސްވެއެވެ.
މި ކަހަލަ މަންޒަރެއް ދައްކާ ހޮލީވުޑް ފިލްމަކަށް ބަލައިލައިއިރު "ޓޮޕް ގަން"ގައި ދައްކާ ހާދިސާއެއްގައި ގޫސް ނަމަކަށް ކިޔާ ޝަހުސިއްޔަތެއް އޭނާ ދުއްވަން އިން އެފް-14 ޓޮމްކެޓް އަސްކަރީ މަތިންދާބޯޓަކުން އިޖެކްޓް ވާވަގުތު މަތިންދާބޯޓުގެ ކައިރީގައި ވެއްޓެމުންދިޔަ ކެނޮޕީގައި ޖެހިފައި މަރުވެއެވެ.
މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްއަށް އުމުރުން 23 އަހަރުގައި 1986 ގައި ކުޅުނު މި ފިލްމްގައި ދައްކައި މި މަންޒަރަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ތެރޭގައި ހިނގި ހަގީގީ ހާދިސާއަކަށް ބިނާކޮށްފައި ކުޅެފައިވާ މަންޒަރެކެވެ.
އެހެން މިސާލެއްގައި 2010 ގައި ފްރާންސްގެ ވައިގެ ސިފައިންގެ ތެރޭގައި ހިނގި ހާދިސާއެއްގައި މިރާޖް އެފް.އެކެއް މަތިންދާބޯޓެއްގެ ކެނޮޕީ ނުނެއްޓުމުން އިޖެކްޓްވި ޕައިލެޓް މުޑިއަރަނީ އެ ކެނޮޕީއާއެވެ.
ނޯޓު: ތަރުޖަމާއެއް