"ކައިޒެން"އަކީ ޖަޕާން ބަހުން ދެމެހެއްޓެނިވި ތަރައްގީއެވެ. ކޮންމެ ކަމަކަށް އަދި މުނާސަބަތަކަށް ވެސް ބޭނުންކުރާ ބަހެކެވެ.
އެމެރިކާގެ ކްލިނިކަލް ސައިކޮލޮޖިސްޓް ނުވަތަ ނަފުސާނީ އިލްމްވެރިޔާ ޑރ. ރޮބަޓް މައުރާ ވަނީ ދިރިއުޅުމުގެ ހުރިހާ ކަމެއް ރަނގަޅުކޮށްލަން ފަށައިގަންނަ ކުދި ފިޔަވަޅުތަކަކީ ކޮބައިތޯ ބަޔާންކޮށްދީފައި ފޮތެއް ލިޔުއްވައިފައެވެ.
"ވަން ސްމޯލް ސްޓެޕް ކޭން ޗޭންޖް ޔޯ ލައިފް: ދަ ކައިޒެން ވޭ"އަކީ ކައިޒެން ފިލޯސޮފީއަށް މި ގޮތުން އޭނާ ނެރުއްވި ފޮތެކެވެ.
ޑރ. މައުރާއަކީ އެތައް ފަރާތަކަށް އިރުޝާދު ދެއްވާ އިލްމްވެރިއެކެވެ. އޭގެ ތެރޭގައި އެމެރިކާގެ ކަނޑުގެ ސިފައިންނާއި ބޭންކް އޮފް އެމެރިކާ ހިމެނެއެވެ.
މި ބަލައިލަނީ އޭނާގެ ފޮތުން އޭނާ ދަސްކޮށްދެއްވައިފައިވާ ކައިޒެން ފަލްސަފާގެ އަށް ފިލާވަޅަށެވެ.
- ބިރުގަތުމާ ދުރުވުން:
ބޮޑު މަސައްކަތަކާ ކުރިމަތިލުމުން ބިރުގަތުމާއި ހިތްނުތަނަވަސްވުމުގެ ސަބަބުން އެކަމާއިގެން ކުރިއަށްދިއުމަށް ދަތިވެއެވެ. މިފަދަ ބޮޑެތި ކަންތައްތައް ކުދިކުދި ބައިބަޔަށް ބަހައިލުމުން އެ މަސައްކަތްތައް ފަށައިގަނެވި، ބިރެއް ނެތި ކުރިއަށްގެންދެވޭ ގޮތް ވެއެވެ.
- ކުދި ސުވާލުން ފެއްޓުން:
ކުދި ސުވާލުތައް ކުރުމުން އުފެއްދުންތެރި ހިޔާލު އާދެއެވެ. މައްސަލައިގެ ހައްލުތައް ފެނެއެވެ. މި ގޮތަށް ހެދުމުން ހަޔާތުގައި މަޑުމަޑުން އަދި ދެމެހެއްޓެނިވި ގޮތުގައި ބަދަލުތައް ގެންނަން ފަސޭހަވެއެވެ.
- ކުދި ހިޔާލުތަކުން ފެށުން:
ބޮޑެތި އަމާޒުފަތްގަނޑުތައް ކުއްލިއަކަށް ކަނޑައެޅުމަށްވުރެ ކުދި ފިޔަވަޅުތަކަކުން މައްސަލަތައް ހައްލުކުރަން ފެށުމުން ސިކުނޑިން ސަމާލުކަން ދޭން ޖެހޭ ކަންތައްތަކަށް ސަމާލުކަން ދެވި، އަދި މީހާ ހަމަޖެހިފައި ހުރެވެއެވެ. އެއްވެސް ދަތިކަމެއް ނެތި އާ ފިޔަވަޅުތައް އަޅައި، އެ ކަމުގައި ދެމިހުންނަން ފަސޭހަވެއެވެ.
- ކުދި ފިޔަވަޅުތައް އެޅުން:
ޑރ. މައުރާ އިރުޝާދު ދެއްވަނީ އެތައް ދުވަހަކަށް ދެމިގެންދާނެ ފާހަގަކުރެވޭ ބަދަލު ހަޔާތަށް ގެނައުމަށްޓަކައި ކުދި އަދި ދެމެހެއްޓެނިވި ފިޔަވަޅުތަކަކުން ފަށައިގަތުމެވެ. މިސާލަކަށް، ކަސްރަތު ކުރާ އިރު ވެސް ފަށައިގަންނައިރު މިނެޓެއްހާ ދިގުމިނުގެ ކަސްރަތަކުން ފަށައިގަތުމެވެ.
- ކުދި މައްސަލަތައް ހައްލުކުރުން:
ކުދި މައްސަލަތަކަށް އަވަސް ހައްލު ގެނައުމުން ބޮޑެތި މައްސަލަތަކަށް އެ މައްސަލަތައް ބޮޑުވެގެން ދިއުމަށް ހުރަސްއެޅެއެވެ. މިހެންވެ، ކުދި މައްސަލަތައް ކުރިމަތިވާ ދަނޑިވަޅު ހައްލުކޮށްލުމުން ދުރުކުރިމަގެއްގައި އެ މައްސަލަތައް ބޮޑެތި މައްސަލަތަކަށް ބަދަލުވުމުގެ ފުރުސަތު ކުޑަވެއެވެ. އަދި ނަތީޖާއަކީ ހަޔާތުގައި ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ނުޖެހި، ހަޔާތުގެ އަމާޒުތަކަށް ވާސިލުވާން ފަސޭހަވުމެވެ.
- ކުދިކުދި ކާމިޔާބީތަކަށް އިނާމު ދިނުން:
ތިބާއަށް ލިބޭ ކުދިކުދި ކާމިޔާބީތައް ބަލައިގަނެ، އެ ކަންކަން ފާހަގަ ކުރުމުން ރަނގަޅު އަދި "ޕޮޒިޓިވް" އަމަލުތައް ކުރާހިތްވުމާއި، ނަފުސު ތަރައްގީ ކުރުމަށް ހިތްވަރަކަށްވެއެވެ. މި ކަމުގެ ސަބަބުން އަމިއްލަ ނަފުސަށް ކުރާ އިތުބާރު ވަރުގަދަވެ، ކާމިޔާބު ލިބޭކަމުގެ އިހުސާސްކުރެވި، ނަތީޖާއެއްގެ ގޮތުން ހަޔާތުގެ އަމާޒުފަތްގަނޑުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ސަމާލުކަން ބެހެއްޓެއެވެ.
- ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން ތަރައްގީކުރުމުގެ ބާރު:
ކައިޒެން ފަލްސަފާއިން ދައްކައިދެނީ ކުދިކުދި ފިޔަވަޅުތައް އެޅުމުން ކޮންމެ ކާމިޔާބީއެއް ބޮޑުވަމުންދާ ކަމެވެ. އަދި ދުރު ކުރިމަގެއްގައި އެ ކަމުން ފައިދާ ލިބޭ ގޮތެވެ. އެއް ދުވަހުން ހުރިހާ ކާމިޔާބެއް ނުލިބުނަސް، ހަޔާތުގެ ހުރިހާ ކަމެއް ވެސް ކުދިކުދި އަމަލުތަކާއި ފިޔަވަޅުތަކުން ކުރިއަށް ގެންދިއުމުން ބޮޑެތި ކާމިޔާބީތަކަށް ވާސިލުވާ ކަމެވެ. މިހެންވުމުން ސިކުނޑި ވެސް ހޭނެން ފަށަނީ ދެމެހެއްޓެނިވި ތަރައްގީގެ ފަލްސަފާއާ ދިމާއަށެވެ.
- ކެތްތެރިވުމާއި ހިތްވަރުއެލުވައިނުލުން:
ޑރ. މައުރާ ދައްކަވައިދެއްވާ މުހިންމު އެއް ފިލާވަޅަކީ ކައިޒެން ފަލްސަފާގައި ހުރި ކެތްތެރިކަމާއި ހިތްވަރުކުރުމުގެ މުހިންމު ކަމެވެ. ކުދިކުދި ފިޔަވަޅުތަކަކީ މާބޮޑު ބަދަލުތަކެއްހެން ފުރަތަމަ ހީނުވެދާނެއެވެ. ނަމަވެސް ހަގީގަތުގައި ކޮންމެ ކަމެއް ވެސް ކުޑަ ގޮތަކަށް ފަށައިގަނެ، އެ ކަމުގައި ދެމިހުރެއްޖެ ނަމަ އޮންނާނީ ބޮޑު ކާމިޔާބީއަކަށް އެކަން ބަދަލުވެފައެވެ.
މި ބަލައިލީ ޑރ. މައުރާގެ ފޮތުގައި ކުދި ފިޔަވަޅުތަކުން ބޮޑެތި މައްސަލަތައް ހައްލުކުރާ ގޮތަށެވެ. ހިސާބު އިލްމުން ވެސް ދޭހަވާ ފަދައިން ކުދި އަދަދުތަކެއް އެއްކުރަން ފެށުމުން ބޮޑެތި އަދަދުތަކަކަށް ބަދަލުވެއެވެ. މިހެންވުމުން މައްސަލަތައް ބޮޑު ނުވެ، ބޮޑެތި ހައްލުތައް ލިބެން މަގުފަހިވެއެވެ. މި ކަން ދެނެގަނެ، އެއްވާނެއްގައި ހަޔާތުގެ މައްސަލަތައް ހައްލުކުރުމުގައި ދެމިހުރުމުން ކެތްތެރިކަމާއެކު ނަތީޖާތައް ނެރެވި، ހަޔާތުގެ މަގުސަދުތައް ހާސިލުވާނެއެވެ.



advertisment