ޗައިނާގެ ސޯޝަލް މީޑިއާގައި މި ދުވަސްވަރު އެންމެ ބޮޑަށް ހިނގާ އެއް ހަބަރަކީ މީހަކު ޑްރޯނެއް ބޭނުންކޮށްގެން އޭނާގެ އަނބިމީހާއަށް ޖާސޫސްކުރިކުރުމުގައި އަނބިމީހާގެ ބޭވަފާތެރިކަން ފަޅާއެރުމެވެ.
ހަމައެކަނި "ޖިންގް"ގެ ނަމުން ނަން ހާމަކޮށްފައިވާ އުމުރުން 33 އަހަރުގެ މީހާ ޑްރޯނެއް ގަނެ، އަނބިމީހާއަށް ޖާސޫސްކުރަން ނިންމީ ފަހަކަށް އައިސް އަނބިމީހާގެ ފަރާތުން އާއްމު ގޮތެއްގައި ނުފެންނަ އަމަލުތަކެއް ފެންނަން ފެށީމާ ކަމަށް، ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުންޏެވެ.
"ފިރިމީހާއަށް ރުޅިވެރިކަން ދައްކާ. ފިރިމީހާއަށް އަޅާ ވެސް ނުލާ. މިހެންވެ ފިރިމީހާ ނިންމީ ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން އަނބިމީހާއަށް ޖާސޫސްކުރަން،" ނެޓް އީޒުން ބުންޏެވެ.
ޗައިނާގެ މީޑިއާގައި ޖިންގްގެ އަންހެނުންގެ ނަން ހާމަކޮށްފައިވަނީ ހަމައެކަނި "ވޫ"ގެ ގޮތުގައެވެ. ދެމަފިރިން ދިރިއުޅެނީ ހުބައި ޕްރޮވިންސްގައެވެ.
ވޫއަށް ޖާސޫސްކުރަން ޖިންގް ނިންމި ސަބަބުތަކުގެ ތެރޭގައި ވޫއަށް ވަޒީފާގެ ކުރިއެރުންތަކެއް ލިބުމާއި މާ ގިނަގިނައިން ވޫގެ މައިންބަފައިންނާ ބައްދަލުކުރަން ވޫ ގެއިން ބޭރަށް ދިއުން ހިމެނެއެވެ.
"މި ކަންތައްތަކުގެ ސަބަބުން ޖިންގްގެ ކަންބޮޑުވުންތައް އުތުރިއެރި،" ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުންޏެވެ.
ކޮންމެވެސް ނޭދެވޭ ކަމެއް އުޅޭ ކަމަށް ޝައްކުވެގެން ޖިންގް ނިންމީ ޑްރޯނެއް ބޭނުންކޮށްގެން އޭނާގެ އަންހެނުންގެ ހަރަކާތްތައް ހުންނަ ގޮތް ބެލުމަށް ފޮޓޯ ނަގައި ވީޑިއޯ ކުރުމަށެވެ.
ޑްރޯންގެ ސާވެއިލަންސް ފުޓެޖުން ފެނުނީ ވޫ ކާރަކަށް އަރައިގެން ދުރުގައި އެކަހެރިކޮށް އޮތް ފަރުބަދަމަތީ ހިސާބަކަށް ދިޔަ މަންޒަރެވެ. ދެން ފެނުނީ އެހެން ފިރިހެނަކާއެކު އަތުގުޅައިލައިގެން ގޮސް ވީރާނާވެފައިވާ ގެއަކަށް ވަންނަނިކޮށެވެ. އޭގެ ވިއްސަކަށް މިނެޓު ފަހުން ފެނުނީ ދެ މީހުން އެ ގެއިން ނުކުމެގެން ކާރަށް އަރައިގެން ވޫ މަސައްކަތްކުރާ ފެކްޓަރީއަށް ދިޔަ މަންޒަރެވެ.
"ޑްރޯންގެ ޒަރީއާއިން ލިބުނު މި ހެކިތައް އަހަރެން ބޭނުންކުރާނީ ވޫގެ ކިބައިން ވަރިވުމަށް،" ޖިންގް ބުންޏެވެ.
އޭނާ ބުނީ ވޫ ނަހަމަ ގުޅުމެއް ހިންގަމުން މި ދަނީ ވޫ ވަޒީފާ އަދާކުރާ ފެކްޓަރީގައި އޭނާގެ މައްޗަށް އަމުރު ހިންގާ ބޮސްއާއެކު ކަމަށެވެ.
"އެ ބޮސްގެ އަނބިމީހާ ވެސް މަސައްކަތް ކުރަނީ އެ ފެކްޓަރީގައި. އެހެންވެ އަހަރެންގެ އަންހެނުންނާއެކު ފެކްޓަރީ ތެރޭގައި ނަހަމަ ގުޅުމެއް ބާއްވަން އުނދަގޫވާނެތީ ވޫ އާއި އޭނާގެ ބޮސް ޖަންގައްޔެއްގައި ހުންނަ ފަޅުގެއަކަށް ދަނީ،" ޖިންގް ބުންޏެވެ.
މި ހާދިސާއަށް ޗައިނާ މީހުންގެ ސަމާލުކަން މިހާރު ވަނީ ވަރަށް ބޮޑަށް ލިބިފައެވެ.
"ޑްރޯނެއް ގަތުން އެއީ ޖިންގަށް އައި ރަނގަޅު ހިޔާލެއް. އެ ބޭނުން ނުކުރި ނަމަ ވޫ ޖިންގަށް ބޭވަފާތެރިވިކަން ފަޅާނޭރީސް. ޓެކްނޯލޮޖީގެ ޖާދުލަކީ މިއީ،" ވައިބޯގައި މީހަކު ބުނެފައިވެއެވެ.
"މި ފަދަ ވަރުގަދަ ޓެކްނޯލޮޖީތައް ހުރި ދުވަސްވަރެއްގައި އެއްވެސް ކަމެއް އޮޅުވައެއްނުލެވޭނެ. އެހެންކަމުން ދެމަފިރިން އަބަދުވެސް އުޅެންވާނީ ވަފާތެރިކަން މަތީގައި،" އެހެން މީހަކު އޮންލައިން ފޯރަމެއްގައި ކޮމެންޓްކޮށްފައިވެއެވެ.
ޑްރޯން ބޭނުންކޮށްގެން ކުރާ އާދަޔާހިލާފު ކަންތައްތަކަށް ޗައިނާ މީހުންގެ ސަމާލުކަން ލިބެއެވެ. އެ ގޮތުން 2022 ގެ އެޕްރިލް މަހު ކޮވިޑް-19 ބައްޔާ ގުޅިގެން ޝަންހާއީ ސަރަހައްދު ފުރަބަންދުކޮށްލުމުން އުސް އިމާރާތެއްގައި ދިރިއުޅޭ އަވަށްޓެރިއަކަށް ޑްރޯންގެ ޒަރީއާއިން މަހާއި ތަރުކާރީ ފޮނުވައިދިން ހިތްހެޔޮ މީހެއްގެ ވާހަކަ ވަރަށް ބޮޑަށް މަޝްހޫރުވިއެވެ.



advertisment