ރަޝިއާގެ ރައީސް ވްލަޑިމިއަ ޕުޓިންއާ ބައްދަލުކުރެއްވުމަށް ޕަލަސްތީނިއަން އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް ރަޝިއާއަށް ވަޑައިގެންފިއެވެ.
ދެ ބޭފުޅުން 2021 ގައި ބައްދަލުކުރެއްވުމަށްފަހު މިއީ ޕުޓިން އާއި އައްބާސް ސީދާސީދާކޮށް ބާއްވަވާ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ބެހޭ ގޮތުން ކަމަށް ބެލެވެއެވެ.
ރަޝިއާއިން އަންނަނީ ފަލަސްތީނާއި އިސްރާއީލާއެކު ވެސް ގާތްގުޅުމެއް ބާއްވަމުންނެވެ.
"މިއީ އިސްރާއީލަށް އެމެރިކާއިން ތާއީދުކުރާތީ ފަލަސްތީނާއެކުވާކަން ހާމަކޮށް، އަރަބި ދުނިޔޭގެ ތާއީދު ހޯދުމަށް ރަޝިއާއިން ބާއްވާ ބައްދަލުވުމެއް،" ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ ސެމިއުލް ރާމަނީ ވިދާޅުވިއެވެ.
އެމެރިކާ އާއި ޔޫރަޕްގެ އިއްތިހާދާ ހިލާފަށް ހަމާސްއަކީ "ޓެރަރިސްޓު"ން ކަމަކަށް ރަޝިއާ ގަބޫލެއްނުކުރެއެވެ. އަދި 2006 ގައި ފަލަސްތީނުގެ އިންތިހާބު ކާމިޔާބު ކުރުމުން ހަމާސްގެ މެންބަރުން ރަޝިއާއަށް ގެނެސް މަރުހަބާކިއެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުން އަންނަ ވާދަވެރި ތިން ޖަމާއަތް ކަމަށްވާ ހަމާސް، ފަތަހް އަދި އިސްލާމިކް ޖިހާދުގެ މެންބަރުންގެ މެދުގައި ރަޝިއާގައި މިދިޔަ ފެބްރުއަރީ މަހު ބައްދަލުވުމެއް ބޭއްވިއެވެ. އެއީ ތިން ޖަމާއަތް ސުލްހަ ކުރެވޭތޯއެވެ.
"ނަމަވެސް ނަތީޖާއެއް ނުނެރެވުނު. ފަލަސްތީނުގެ މި ޖަމާއަތްތަކުގެ މައްޗަށް ރަޝިއާގެ ނުފޫޒެއް ނެތް،" މެދުއިރުމައްޗާ ބެހޭ ރަޝިއާގެ ތަޖުރިބާކާރެއް ކަމަށްވާ ރަސްލާން ސުލައިމާނޯފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އައްބާސްގެ އުމުރުފުޅުން 90 އަހަރު ދާދި އަވަހަށް ވާނެތީ ރަޝިއާއިން މި ކަމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
"ފަލަސްތީނުގެ ބާރު އެހެން ބޭފުޅަކަށް ދާދި އަވަހަށް ލިބޭނެ. މި ކަން ރަޝިއާއަށް ފަހުމްވޭ. އެހެންވީމާ ރަޝިއާއިން މިހާރު ބަލަމުންދަނީ އައްބާސްގެ މަގާމަށް ދެން ވަޑައިގަންނަވާނީ ކޮން ލީޑަރެއްތޯ. އައްބާސްއާ މި ވާހަކަ ޕުޓިން ދެއްކެވުން ވެސް އެކަށީގެންވޭ،" ރަސްލާން ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލާއި ރަޝިއާއާދެމެދު އޮތް ގުޅުން ގޯސްވިއެވެ. ރަޝިއާއިން ހަމާސް ބަލައިގަތުމާމެދު އިސްރާއީލުން މިހާރު މުޅިން ދެކޮޅެވެ.



advertisment