Support Us

ކޮލަމް ގާދޫކޮލުން ބޭރުން
ސުނާމީ ބޭބެ – 2:

"ބޭބެގެ ދެ ކާފަކުދިން ދުނިޔޭގައި އެބަތިބިތޯ ބުނެދީބަލާށެވެ."

ޑިސެމްބަރު 26، 2004 ގެ ހެނދުނެވެ. ގަޑިން ގާތްގަނޑަކަށް 9:20 ހާއިރެވެ. އޮފީހަށް ލޮނުގަނޑު ވަންނަން ފެށުމާއެކު، އަޅުގަނޑު ދިޔައީ އޮފީހުގެ އެންމެ މަތީބުރީގެ ބެލްކަންޏަށެވެ. މާލޭ ފަޅި ތެރެއިން ފެންނަމުންދިޔަ މަންޒަރު ސިފަކުރެވުނު ގޮތް ދަންނަވާލާނަމެވެ. ފެންފުރާފައި ހުރި ސިންކަކުން އުނގުރި ނައްޓާލުމުން، ފެންގަނޑު ދަމައިގަންނަ މަންޒަރެވެ. މާލޭގެ ފަޅުތެރެ އޮތީ އެފަދަ ގޮތަކަށެވެ. ބޮޑުވެ، ހިކޭ ދިޔަވަރު ފަދައިންނެވެ. ނަމަވެސް، ދިޔަވަރު ބަދަލުވަނީ އެތައް ގަޑިއިރަކުން ނޫނެވެ. ބަދަލު އަންނަނީ ދެތިން މިނެޓުންނެވެ. ބަލަބަލާ ހުއްޓައެވެ. ދިޔަ ބޮޑުވާ ވަގުތު، ފަޅުތެރޭގައި އަޅާފައި އޮތް ކޯސްޓްގާޑްގެ އުޅަނދުފަހަރު ހީވަނީ ދެންމެދެންމެ ބޮޑުތަކުރުފާނު މަގަށް ފުރޮޅާލަފާނެހެންނެވެ.

އަޅުގަނޑު ވަގުތުން ގުޅީ އެމަންޒަރު ބައްލަވަން، މަގު ކަންމަތީގައި ހުންނެވި ކޯސްޓްގާޑްގެ ކޮމާންޑަރު މުޙައްމަދު އިބްރާހީމް (އެމް.އައި) އަށެވެ. ވަރަށް ޤާބިލު ސިފައިންގެ ބޭކަލެކެވެ. ދަންނަވާލީމެވެ. "ސާރ! އުޅަނދުތައް އަވަހަށް ފަޅުން ނެރުއްވާށެވެ. ބޭރުގައި އޮތުމުން ސަލާމަތްކަން ބޮޑުވާނެއެވެ. އުޅަނދުތަކަށް ގެއްލުން ލިބިއްޖެނަމަ، އެހީގެ މަސައްކަތް ހުއްޓޭނެ، ދެއްތޯއެވެ." ނެރެވޭތޯ މަސައްކަތް ކުރައްވަމުންދާ ކަމަށް އެމް.އައި. ވިދާޅުވިއެވެ.

އެހިނދު، އަޅުގަނޑާއެކު ބެލްކަނީގައި ތިއްބެވި އޮފީހުގެ މުވައްޒަފުންގެ ތެރެއިން ބަޔަކު ދިޔައީ އަޑުގައި ނެތްތަނަށް ރޮމުންނެވެ. އެބޭފުޅުންނަށް ހިތްވަރުދީ، ހަމަޖެއްސޭތޯ ބެލީމެވެ. އެކަން ކުރަމުން ދިޔައީ ރާޅުތައް ގުނުމާ އެކުއެކީއެވެ. ސުނާމީ އަރާނީ ބޮޑު އެއް ރާޅުގެ ގޮތުގައި ނޫންކަން އެނގޭތީއެވެ. އަދި، އެންމެ ފުރަތަމަ އަންނާނީ އެންމެ ބޮޑު ރާޅު ނޫންކަންވެސް އެނގޭތީއެވެ. އަދި، މާލެއަށް ރާޅު އަރަމުން މިދަނީ އަޅުގަނޑަށް ޤަބޫލުކުރެވި، އެނގިފައި އޮތް ގޮތަށް ނޫން ކަމަށްވާތީއެވެ.

ދެން ފެނުނީ، އަދިއަދަށްވެސް ހަމަލޮލުން ފެނުނު އެންމެ އަޖާއިބު ހުރި އެއް މަންޒަރެވެ. މާލެއާއި ފުނަދުއާ ދެމެދު އޮތީ ކޯސްވޭއެއްހެން ވެލިގަނޑު ދަމާލައިފައެވެ. ހީވަނީ ހަމަ ހިކިފައޮތް ތަނެއް ހެންނެވެ. ފާލަމެއްހެންނެވެ. ހިންގާލާފައި ދެވިދޭނެހެންނެވެ. އެއީ، އަޑިން އަރާފައިވާ ކިލަނބު ވެލިގަނޑެވެ. ދެރަށުގެ އެތެރެވަރިން ބޭރަށް، އޮޔާއެކު ދަމާލި ވެލިގަނޑު އައިސް މެދުން ގުޅިފަވާ މަންޒަރެވެ.

ބެލްކަނީގައި ހުއްޓާ ޕްރޮޓޮކޯލް ސެކްޝަނުން ފޯނެއް އައެވެ. ރައީސް މައުމޫން ބޭނުންފުޅުވަނީ ކާރުކޮޅުގައި މާލެތެރެ ބައްލަވާލައްވަން ނުކުމެވަޑައިގަންނަވަން ކަމަށް މަޢްލޫމާތު ލިބުނެވެ. ރައްޔިތުންގެ ހާލު ބައްލަވާލެއްވުމަށެވެ. އަޅުގަނޑު ދެންނެވީމެވެ. ސެކިއުރިޓީ ބޭކަލުން އެމަނިކުފާނު ހުއްޓުވުމަށެވެ. ވަޑައިގަތުން އެއްގޮތަކަށްވެސް ރައްކާތެރި ނޫން ކަމަށެވެ. އަދި ވަކިން ބޮޑުތަކުރުފާނު މަގަށް އަރާވަޑައިނުގަތުމަށެވެ. އިތުރަށް ރާޅު އެރުން ވަރަށް އެކަށީގެންވާ ކަމަށެވެ. އެކި ރާޅުގެ އުސްމިން ތަފާތުވާނެ ކަމަށެވެ. އަދި ދެންމެވީމެވެ. ކުރިން، 1987 ގައި މާލެއަށް ބޮޑު ރާޅު އެރި ދުވަހު ރައީސް މައުމޫން ނުކުމެވަޑައިގެން އުޅުއްވަނިކޮށް ކަންދިމާވި ގޮތް ހަނދުމަފުޅުގައި ހުންނާނެ ކަމަށެވެ. އިންނެވި ޖީޕު ކަނޑަށް ދަމާލި ހާދިސާގެ ވާހަކައެވެ. ސަލާމަތްވެވަޑައިގަތީ ސެކިއުރިޓީގެ ހުޝިޔާރުކަމުންނެވެ. މިދަނޑިވަޅު އެއަށްވުރެ މާ ނުރައްކާތެރިކަން ބޮޑުކަމަށެވެ. މިއީ އުދަ ނުވަތަ ބޮޑު ރާޅު ނޫން ކަމަށް ވެސްމެއެވެ. މިއީ ސުނާމީއެއް ކަމަށާއި، މާ ބިރުވެރިކަމެއް ކަމަށް ދެންނެވީމެވެ. މިވަގުތު ރައީސްއަށް ކަމެއް ދިމާވެއްޖެނަމަ، މާގޯސްވާނެ ނޫންތޯވެސް ގުޅުއްވި ފަރާތަށް ދެންނެވީމެވެ. ރައީސް ހުއްޓުވުމަށް ތަކުރާރުކޮށް ދެންނެވި ހަނދާންވެސް އެބަހުއްޓެވެ. ނަމަވެސް، އަޅުގަނޑު ދިން ނަސޭހަތް އަޑުއެއްސެވިތޯ ނުވަތަ ނޫންތޯ މިހާރު ހަނދާނެއް ނެތެވެ.

ކޮންމެއަކަސް، ދެން ދިޔައީ އޮފީހުގެ ތިރީބުރިއަށެވެ. އަޅުގަނޑުގެ ކޮޓަރިއަށެވެ. އެހިނދު އަލުން ފޯނު ރިންގުވިއެވެ. ގުޅުއްވީ އެއިރުގެ އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރ މިނިސްޓަރ ސަމަރުބުލޫ އިބްރާހީމް މަނިކެވެ. އަޅުގަނޑު ވަރަށް އިޙްތިރާމް ކުރާ، އަދި އަބަދުވެސް އަޅުގަނޑަށް ވަރަށް އޯގާތެރި ބޭފުޅެކެވެ. އެމަނިކުފާނު ގުޅުއްވީ ރައީސް ވިދާޅުވެގެން ކަމަށް ބަޔާންކުރެއްވިއެވެ. އަދި، ރައީސް ނިންމަވާފައިވަނީ ތިމާވެށީގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާން ކުރައްވަން ކަމަށެވެ. އެދިވަޑައިގަތީ، އެކަމަށް ބޭނުންވާނެ ޤަރާރު ލިޔުމަށެވެ. ދެއްވި އިރުޝާދާ އެއްގޮތަށް އެކަންކޮށް، ރައީސް ސޮއި ކުރައްވަން ފޮނުވާލީމެވެ. އިސާހިތަކު އެކަން ނިމި، ޓީ.ވީ. އިން އިޢްލާންކުރި އަޑު އިވިއްޖެއެވެ.

މާ ލަސްތަކެއް ނުވަނީސް އަޅުގަނޑަށް އައީ އިތުރު އޯޑަރެކެވެ. އޯޑަރު ދެއްވީ ކާކުކަން ހަނދާނަކު ނެތެވެ. އިސްކަންދަރު ސްކޫލަށް އަވަހަށް އައުމަށް އެބޭފުޅަކު ވިދާޅުވިއެވެ. ހަރުކޮށް އޮފީހުން ނުކުމެ، ރައްޓެއްސެއްގެ ސައިކަލު ފަހަތުގައި، އެތަނަށް ދިޔައީއެވެ. އެއީ އެންމެ ކުޑައިރު އަޅުގަނޑުވެސް އުޅުނު މަދަރުސާއެވެ. ޕްރައިމަރީ ތަޢްލީމް ހާޞިލްކުރި ތަނެވެ.

ސްކޫލަށް ވަތްއިރު، އެކި ތަންތާނގައި މީހުން ހަރަކާތްތެރިވަމުންދެއެވެ. ސިފައިންނެވެ. ފުލުހުންނެވެ. ސަރުކާރުގެ އެކި އޮފީސްތަކުގެ ބޭބޭފުޅުންނެވެ. އެކި ކޮޅުކޮޅަށް އެކި މީހުން ދުވަނީއެވެ. ދިޔަގޮތަށް އަޅުގަނޑު ވަނީ ސްޓާފް ރޫމަށެވެ. ބޮޑު މޭޒު ވަށައިގެން އެވަގުތު ތިއްބެވީ ދިވެހި ދައުލަތުގެ އެންމެ ކުރިއަށް ތިއްބެވި ގިނަ ބޭބޭފުޅުންނެވެ. ހީވީ ކެބިނެޓް ބައްދަލުވުމެއްހެނެވެ. ރިޔާސަތުގައި އިންނެވީ ރައީސް މައުމޫނެވެ. އިންނެވީ ވަޒީރަކާ މަޝްވަރާ ކުރައްވާށެވެ. އަޅުގަނޑާ މުޙާޠަބު ކުރެއްވީ އެއިރުގެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ޢަބްދުﷲ ޙަމީދެވެ. އަޅުގަނޑަށް ފެނުނު އެންމެ ވަރުގަދަ އެއް ޤައުމީ ލީޑަރެވެ. އެމަނިކުފާނަކީވެސް، އަޅުގަނޑާ މެދު ވަރަށް އޯގާތެރިކޮށް ހިއްތެވި ބޭފުޅެކެވެ. އެކި ކަންކަމުގައި ނަސޭހަތާއި އިރުޝާދު ދެއްވި މަދަދުގާރެކެވެ. މާތް ﷲ އެ މަރްޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް ލެއްވުން އެދި ދުޢާކުރަމެވެ.

މިނިސްޓަރ ޙަމީދު ވިދާޅުވިއެވެ. މި ކާރިސާގެ ސަބަބުން ލިބިފައިވާ ގެއްލުން ދެނެގަނެ، އަތޮޅު ތެރެއަށް އެހީ ފޯރުކޮށްދިނުމަށް، އަދި ރައްޔިތުންނަށް މަޢްލޫމާތު ދިނުމަށް އިސްކަންދަރު މިވަނީ މަރުކަޒީ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަވާފައި ކަމަށެވެ. އަދި، އެކި މީހުންނާ އެކި ކަންކަން ޙަވާލުކުރައްވަން ވަނީ ނިންމަވާފައި ކަމަށެވެ. އެއިރު ސަރުކާރުގެ އިސް ތަރުޖަމާން (ޗީފް ގަވަރންމަންޓް ސްޕޯކްސްމަން) އަކީ ޑރ. އަޙްމަދު ޝަހީދު ކަމަށްވިއަސް، އެމަނިކުފާނު އުޅުއްވާނީ ބޭރުގެ އެހީ ހޯދުމުގެ ކަންކަމުގައި އިސް ބޭފުޅެއްގެ ޙައިސިއްޔަތުން ކަމަށެވެ. އެހެންކަމުން، މި ކާރިސާގައި، ސީދާ ރައްޔިތުންނަށާއި، ދިވެހި ނޫސްވެރިންނަށް އަދި ބޭރު ދުނިޔެއަށް މަޢްލޫމާތު ދިނުމަކީ އަޅުގަނޑުގެ ޒިންމާ ކަމަށެވެ. މީޑިޔާ ކަންކަމާ ބެހޭ ބައެއް އެކުލަވާލެވިފައި ވާކަމަށްވެސް ވިދާޅުވިއެވެ. އަދި، އެބައިގެ އެންމެ އިސް މީހަކީ އަޅުގަނޑު ކަމަށް ނިންމެވިއެވެ. އެކަމާ ބެހޭ އިތުރު މަޢްލޫމާތު އިންފޮމޭޝަން މިނިސްޓްރީގެ ބޭފުޅުން ދެއްވާނެ ކަމަށެވެ.

އެކޮޓަރިން އަޅުގަނޑު ނުކުތުމުން އަޅުގަނޑާ ބައްދަލުކުރެއްވީ އެއިރު އިންފޮމޭޝަން މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ ޙުސައިން ޝަރީފެވެ. އަޅުގަނޑު އެންމެ އިޙްތިރާމް ކުރާ، އެންމެ ލޯބިވާ ޝަޙްސިއްޔަތެވެ. އަޅުގަނޑުގެ ލޮބުވެތި ބައްޕައެވެ. ބައްޕަ ވަނީ ހުސްވި އަހަރު ނިޔާވެފައެވެ. ބައްޕަގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރު ކުރެއްވުން އެދި ތާއަބަދު ދުޢާކުރަމެވެ.

އެދަނޑިވަޅުގައި، ބައްޕަ އަޅުގަނޑު ގާތުގައި ވިދާޅުވިއެވެ. ދަރިފުޅާއެވެ! މިއޮތީ އެކީގައި މަސައްކަތް ކުރަންޖެހިފައެވެ. ދަރިފުޅާއެކު، ދަރިފުޅުގެ ދަށުން މަސައްކަތްކުރުމުގެ ނަސީބުވެސް މިއޮތީ ލިބިފައިތާއެވެ. އަޅުގަނޑު ބައްޕައަށް ދެންނެވީމެވެ. ބައްޕައަށްވުރެ އަޅުގަނޑު އިސްވާނެ ދުވަހެއް ނާންނާނެ ދެއްތޯއެވެ. މަޤާމާއި މަސްއޫލިއްޔަތަކީ މުޅިން އެހެން އެއްޗެއް ކަމަށެވެ. ދަށުގައި ހުންނާނީ އަބަދުވެސް އަޅުގަނޑެވެ. މަތީގައި ހުންނަވާނީ ބައްޕަ ދެއްތޯއެވެ. ބައްޕަ ފަޚުރުވެރިވާ މިންވަރަށް ބައްޕަގެ ދޮށީދަރި އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.

މީޑިޔާގެ މަސައްކަތަށް ދެކޮޓަރިއެއް ތައްޔާރުކުރެވެމުންދާ ކަމަށް ބައްޕަ ވިދާޅުވިއެވެ. އެއް ކޮޓަރިއަކީ އެއިރުގެ ދިވެހިރާއްޖޭގެ އަޑަށް ޚާއްޞަ ވެފައިވާ ކޮޓަރިއެއް ކަމަށެވެ. ދެވަނަ ކޮޓަރިއަކީ ޓީ.ވީ. މޯލްޑިވްސްގެ ކޮޓަރި ކަމަށެވެ. އެތާނގައި، ނޫސްވެރިންނަށް މަޢްލޫމާތު ދިނުމަށް، ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމު ހަމަޖެހެމުންދާ ކަމަށެވެ. އެއަށްފަހު، ދެބަފައިން ދިޔައީ އެތަން ބަލާލާށެވެ. ދެ ކްލާސްރޫމެވެ. އެއްފަރާތުން އިންވެގެން ހުރި ކްލާސްރޫމުގައި ހަރަކާތްތެރިވަމުންދިޔައީ އެއިރުގެ ޓްރޭޑް މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީގެ ބޭފުޅުންނެވެ. އެބޭފުޅުންގެ ޒިންމާއަކަށް ވެފައިއޮތީ، ލިބޭ މަޢްލޫމާތު ދިރާސާކޮށް، ތަފާސްހިސާބު ނަގައި، އެ މަޢްލޫމާތު ގަނޑަށް ނަގަމުންދިއުމެވެ. އަނެއް ފަރާތުން ޖެހިގެން ހުރި ކްލާސްރޫމްތަކުގައި އުޅުއްވީ ފުލުހުންނާއި ސިފައިންނެވެ. އެބޭކަލުން ގެންދެވީ، އެކި ގޮތްގޮތުން ރަށްރަށާއި ކަނޑުމަތިން އުޅަނދުފަހަރާ ގުޅައިގެންވެސް، އަތޮޅުތެރޭގެ ޙާލަތު އޮޅުންފިލުއްވަމުންނެވެ.

ގިނަ ސަރަޙައްދުތަކުން މޯބައިލް ނެޓްވާރކް އޮތީ ކާރިސާގެ ސަބަބުން ކެނޑިފައެވެ. ފަހުން އެނގުނު ގޮތުގައި، އެއީ މޯބައިލް ނެޓްވާރކްގެ ރީލޭ ސްޓޭޝަންތަކުގައި ހުރި ބެޓެރީތަކަށް ފެން އެޅިގެން ވީކަމެއް ކަމެވެ. އެފަދަ ވަޞީލަތްތައް މިއަދު ހުންނަނީ އެއަށްވުރެ އުހުގައެވެ. އެދުވަހު ގިނަ މަޢްލޫމާތު ހޯދަމުންދިޔައީ މީސްމީހުންގެ ޒަރިއްޔާއިންނެވެ. ތުންތުން މަތިންނެވެ. އަދި، ސެޓަލައިޓް ފޯނު މެދުވެރިކޮށެވެ. އޭގެ އިތުރުން، މަސްކިރުވަން އެކި ކަންކޮޅުތަކުގައި އުޅުނު މިފްކޯގެ ބޯޓުފަހަރުތަކުގެ އެހީތެރިކަމާވެސް އެކުގައެވެ.

އަޅުގަނޑުގެ މަސައްކަތް ރޭވިގެންދިޔަ ގޮތް ދަންނަވާލާނަމެވެ. ކޮންމެ ގަޑިއިރެއް ފެށޭއިރު އޮންނަނީ ވަގުތުން ޓީ.ވީ. މެދުވެރިކޮށް މަޢްލޫމާތު ދިނުމެވެ. ޙިއްޞާކުރާ މަޢްލޫމާތަކީ، އިސްވެ ދެންނެވި ޓްރޭޑް އަދި ޕްލޭނިންގެ ބޭފުޅުން އެއްކޮށް، ފައިލެއްގެ ސިފައިގައި ޕްރިންޓްކޮށްފައި، އަޅުގަނޑާ ޙަވާލުކުރާ މައްލޫމާތެވެ. އެފައިލަށް ދަނީ، އިތުރު މަޢްލޫމާތު ލިބޭ މިންވަރަކުން، ގަނޑުތައް އިތުރުކުރަމުންނެވެ. ފަހަރަކު ރަށެކެވެ. އަދި، އެކި ރަށްރަށާ ގުޅޭ މަޢްލޫމާތު އިޞްލާޙުކުރެވި، އިތުރުކުރެވެމުންދާ ގޮތަށެވެ. ޓީ.ވީ. އަށް އަރާތާ ބައިގަޑިއިރު ފަހުން ދެން އަރަނީ ރޭޑިޔޯއަށެވެ. ކުރަނީ ހަމަ އެކަމެވެ. އެއިރެއްގައި އަތުގައި އޮތް އެންމެ ފަހުގެ މަޢްލޫމާތު ޙިއްޞާކުރަނީއެވެ.

ދޭތެރެއަކުން ލިބޭ ކުޑަ ވަގުތުކޮޅުގައި ނުކުމެ، މޯބައިލް ފޯނަށް ބޭރުން އައިސްފައި ހުންނަ މިސްޑް ކޯލާއި މެސެޖަށް ޖަވާބުދެނީއެވެ. އެއީވެސް ބަސްދީގަތުމެވެ. ބީ.ބީ.ސީ، ސީ.އެން.އެން، ރޮއިޓަރސް، އެސޯސިއޭޓަޑް ޕްރެސް، އޭ.އެފް.ޕީ އަދި އެކި ބޮޑެތި ޤައުމުތަކުގެ ޗެނަލްތަކުން ދިޔައީ ތަކުރާރުކޮށް ގުޅާ، މަޢްލޫމާތު ނަގަމުންނެވެ. ބައެއްފަހަރު ދިޔައީ ވަގުތުން ގެނެސްދޭ ޚަބަރު ޕްރޮގްރާމްތަކަށް އަރަމުންނެވެ. ދެތިން ދުވަހުގެ ތެރޭގައި ދުނިޔޭގައި ހިންގާ އެންމެ ބޮޑެތި މީޑިޔާތަކަށް މަޢްލޫމާތު ދެވުނެވެ.

ބޭރަށް މަޢްލޫމާތު ދިނުމުގައި ގޮންޖެހުންތަކާވެސް ކުރިމަތިވިއެވެ. ގުޅަނީ ލާހެއްދެވި ހުރިހާ ހިސާބަކުންނެވެ. އެކި ޤައުމުތަކުންނެވެ. ބައެއްފަހަރު، އަޑުވެސް އަހާފައިނުވާ މީޑިޔާތަކުންނެވެ. އަދި، ދެތިން ފަހަރު މިފަދައިން އަޅުގަނޑާ ގުޅި ފަރާތްތަކުން ވާހަކަ ދެއްކީ އިނގިރޭސި ބަހަކުންވެސް ނޫނެވެ. އިންޑިޔާގެ ދޫރްދަރްޝަން ހިންދީއަށް ބަސްދީގަތުމެއް ދިނީމެވެ. ނިންމާލުމަށްފަހު ހިތަށް އެރިއެވެ. ސްޓާރ ސިނަމާ ޢަބްދުﷲ ރަޝީދުގެ ކާފަ ދަރިއަކަށްވީތީ، އެންމެ ކުޑަ އިރުއްސުރެ ހިންދީ ފިލްމު ފެނި، އެބަސް ހިސާބަކަށް އެނގޭކަން ހަމަ ނަސީބެއްތާއެވެ.

އެފަދަ ދެވަނަ ކޯލެއްގައި އުޅެންޖެހުނީ އަދި މާ ހާލުގައެވެ. ވާހަކަ ދެއްކި ބޭފުޅާގެ ބަހުން އެއީ ޖަޕާނުން އައި ކޯލެއްކަން އެނގެއެވެ. ބަދުނަސީބުން އޭނާ ދެއްކި ވާހަކައެއް އަޅުގަނޑަކަށް ފަހުމެއް ނުވާނެތާއެވެ. އަދި، އެކި ގޮތްގޮތުން އިނގިރޭސިބަހުން އަޅުގަނޑު ދިން ޖަވާބުތައްވެސް އޭނައަކަށް އެނގޭ ކަމަކަށް ނުވިއެވެ. މިފަދަ ހާލެއްގައި ދެމީހުން އުޅެމުން ގޮސް، މި ކޯލު ކުރިއަށް ނުދާނެ ކަމަށް ނިންމާ، ފޯނު ބާއްވަންވެސް ނިންމީމެވެ. އަދި ފަހު ވާހަކައެއް ކަމަށް ބުނި އެއްޗެއްގައި "ސުނާމީ" މިބަސް ހިމެނީމެވެ. އެހިސާބުން އެކޮޅުން ހުއްޓުން އެރިއެވެ. "ސުނާމީ؟" މިސުވާލު ކުރިއެވެ. ޖަވާބުގައި އަޅުގަނޑު "ސުނާމީ" އޭ ބުނެ، އެއްބަސްވީމެވެ. އެހިސާބުން އޭނާއަށް ވެގެންއުޅޭ ގޮތް ހިސާބަކަށް އެނގިއްޖެއެވެ. އަދި، ޝުކުރު އަދާކޮށްފައި ފޯނު ބޭއްވިއެވެ. އޭގެ ދެތިން ދުވަސް ފަހުން އޭނާ ހުރީ ރާއްޖޭގައެވެ. ތަރުޖަމާނަކާއެކު އެވެ. އިސްކަންދަރުގައެވެ. "ސުނާމީ" އަކީ ޖަޕާނު ބަހެކެވެ. އޭނާއަށް ވާނުވާ އޮޅުންފިލީ ހަމަ އެންމެ ބަހަކުންނެވެ. ޖަޕާނު ބަހުން އެއީ 'ފަޅުތެރެއަށް އަރާ ރާޅު' މިއެވެ. އިނގިރޭސިބަހަށް އައިސްފައި އޮންނަނީ ޖަޕާނު ބަހުންނެވެ. އެއޮތީ ބަހާއި ސަޤާފަތްވެސް ގިރާކުރެވިފައެވެ.

އެ ތިން ދުވަހު، މެދުކެނޑުމެއް ނެތި، މިގޮތަށް ފޯނުން މަސައްކަތް ކުރެވުނީ މީހެއްގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކުއެވެ. އެއީ، އަޅުގަނޑުގެ ވަރަށް ގާތް އަޚެއްކަމުގައިވާ މުޙައްމަދު ހުޝާމެވެ. އޭނާއަށް އޮންނަނީ ކޮންމެ ހަ ގަޑިއަކުން، އަޅުގަނޑުގެ ފޯނުގެ އެއް ބެޓެރީ އަތުލައިގެން ގެންގޮސް، ގޭގައި އޮތް ޗާޖަރަށް ޖެހުމެވެ. އަދި، ޗާޖު ވުމުން އެ ބެޓެރީ ގެނެސްދިނުމެވެ. ދުވާލާއި ރޭގަނޑެވެ. އަޅުގަނޑުގެ ފޯނުގެ ބެޓެރީ ހުސްވިޔަ ނުދިނުމެވެ. އެޒަމާނުގައި މޯބައިލް ފޯނު ހުންނަ ގޮތެވެ. ބެޓެރީ ބަދަލުކުރެވެއެވެ. އޭނާ އަދިވެސް ސަމާސާއަށް ބުނެއެވެ. އެދަނޑިވަޅުގައި، ސަރުކާރުގައި ނޫޅުނު ކަމަށްވިއަސް، މުހިންމު ޤައުމީ ވާޖިބެއް އޭނާވެސް އަދާކުރި ކަމަށެވެ.

ސުނާމީ އެރި ދުވަހު އޮފީހަށް ދެވުނީ ފެހިކުލައިގެ ގަމީހެއް ލައިގެންނެވެ. އެއީ 26 ޑިސެމްބަރު ނޫންތޯއެވެ. އިސްކަންދަރުން ނުކުމެގެން އެނބުރި ގެއަށް ވަދެވުނީ 29 ވަނަ ދުވަހުގެ ހެނދުނުއެވެ. ގާތްގަނޑަކަށް 72 ގަޑިއިރު ފަހުންނެވެ. ފެނެއްވެސް ނުވަރަމެވެ. ގަމީސްގަނޑުވެސް ބަދަލެއް ނުކުރަމެވެ. ކުރިމަތީގައި ހުރި ފިހާރައިން ގަތް ބުރުހަކާއި ބޭސްފުޅިއެއް ރައްކާކޮށްގެން ގެންގުޅުނީއެވެ. ދަތް އުނގުޅާލުމަށެވެ. ދެން، ސްކޫލުގެ ފާޚާނާއިން މޫނާއި ގައި ދޮވެލަނީއެވެ. ޓީ.ވީ. އަށް އަރާ އިންނަނީ މިހާލަތުގައެވެ. ނިދަނީ، ޓީ.ވީ. ކޮޓަރީގައި، ގޮނޑިއެއްގައި އިނދެ، މޭޒުގައި ބޯއަޅާލައިގެންނެވެ. ނިދަނީ ސައުވީސް ގަޑިއިރަކުން ތިން ހަތަރު ގަޑިއިރެވެ. ލައިގެން އުޅުނު ފެހި ގަމީސް، ވަރަށް ފަހާޖެހެންދެން ހަނދާނަކަށް ރައްކާކޮށްގެން ގެންގުޅުނީމެވެ.

ފުރަތަމަ ދުވަހުގެ އިތުރު ހަނދާނެއް ޙިއްޞާކޮށްލާނަމެވެ. އިސްކަންދަރުގައި ޙަރަކާތްތެރިވި އެތަކެއް ސަތޭކަ މީހުންގެ ކޮއްތު އޮންނަނީ ދެވަނަ ބުރީގައި ބުފޭ އުސޫލުން ހަމަޖެހިފައެވެ. ތިން އިރުއެވެ. ކާން ލިބެނީ އެތާ އިންނަވާ ބޭފުޅެއްގެ ކުރިމަތީގައި އޮންނަ ބޮޑު ފޮތެއްގައި، ހާޒިރީއެއް ގޮތަށް ނަން ޖަހާފައި އޮންނަ ގޮޅިއެއްގައި ސޮއިކޮށްގެންނެވެ. ކޮންމެ އޮފީހެއް ވަކިން ފޮތުގައި އޮވެއެވެ. އެރެއާ ހަމައަށް ދިޔަ އިރު، ވަރަށް ބޮޑަށް ބަނޑު ހައިވިއެވެ. މެންދުރުވެސް އެއްޗެއް ނުކައި ހުރުމުންނެވެ. އެހެންކަމުން، މައްޗަށް ދިޔައީމެވެ. ކާނެ އެއްޗެއް ލިބޭނެކަމުގެ އުންމީދުގައެވެ. ނަމަވެސް، އެބޮޑު ފޮތުގައި އަޅުގަނޑުގެ ނަމެއް ނެތެވެ. އޮފީސްތައް ވަކިން ތަރުތީބުކޮށްފައި ހުރިއިރު، ރައީސް އޮފީސްވެސް އޭގައި އޮތެވެ. ރައީސް އޮފީހުގެ އެހެން މުވައްޒަފުން މަސައްކަތްކުރަމުންދިޔަ ވަކި ކްލާސްރޫމެއް ހުރެއެވެ. އެތާނގައި އުޅުނީ ހައްތަހާވެސް ކަންކަން އިންތިޒާމުކުރުމާއި މަސައްކަތް ރޭވުމުގެ އޮނިގަނޑު އެކުލަވާލުމުގެ މަސްޢޫލިއްޔަތު އަދާކުރެއްވި ބޭފުޅުންނެވެ. އެބޭފުޅުންގެ ނަންތައް ތަރުތީބުން އޮތެވެ. އަޅުގަނޑު މިއީ އެހެން މަސައްކަތެއް ޙަވާލުވި މީހަކަށް ވީތީ، އަޅުގަނޑުގެ ނަމެއް އެބަޔަކު ނެތެވެ. މީޑިޔާ ބައި ބަލާލުމުން، އޭގައި ޓީ.ވީ.، ރޭޑިއޯ އަދި އިންފޮމޭޝަން މިނިސްޓްރީގެ އިތުރުން ނޫސްވެރިންގެ ނަންތައް ހަމައަށް އޮތެވެ. އެތާކުވެސް އަޅުގަނޑު ލައްވައެއް ނުލިއެވެ. އެކަން އެބޭފުޅުންނަށް ދެންނެވީމެވެ. ތިން ދުވަސްވީ އިރުވެސް އެކަން ޙައްލެއް ނުވިއެވެ. ކާކަށް ނުލިބުނެވެ. އެހެންކަމުން، އެ ތިން ދުވަހު ބަނޑުހައިވުމުން ނުކުންނަނީ ދޮރުމައްޗަށެވެ. މަގު ހުރަސްކޮށް، ސްކޫޕް ގޯޅިތެރޭގައި ހުންނަ ފިހާރައަކުން ކިރު ޕަކެޓަކާއި ބިސްކޯދު ބޮނޑިއެއް ގަނެ، ހައިހޫނުކަން ފިލުވާލަނީއެވެ. އެވަގުތު، ވަންނާނެ ގެދޮރެއް، އަޅާނެ އަންނައުނެއް، ލައިގެން ކާނެ އެއްޗެއް ނެތް އެތައް ބަޔަކު ޤައުމުގައި ތިބޭނެ، ދެއްތޯއެވެ. އަޅުގަނޑުގެ އަމިއްލަ ޙާލަތު މުހިންމެއް ނުވިއެވެ. މުހިންމުވެގެންވެސް ނުވާނެ ނޫންތޯއެވެ.

ދެން ދަންނަވާލާނީ އަޅުގަނޑު ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެފަދަ ހާދިސާއެއްގެ ވާހަކައެވެ. މިވާހަކަ ލިޔަމުންދާއިރުވެސް އެ ހަނދާންތައް އެނބުރި އެބަ އާދެއެވެ. އަދި، މީހާގެ ހިތް ކަތިލެވެމުން އެބަދެއެވެ. އަދި، މޮޅިވެރިކަން އިޙްސާސް އެބަކުރެވެއެވެ.

ކުރިން ދަންނަވާލި ފަދައިން، ޓީ.ވީ. އަށާއި ރޭޑިޔޯއަށް މެދު ނުކެނޑި މަޢްލޫމާތު ދެމުން ދިޔައީމެވެ. ފަސޭހަކަމެއް ނޫނެވެ. ކިޔަން މިޖެހެނީ މިވެނި ރަށެއްގެ ހާލަތު އޮޅުންފިލާ މަޢްލޫމާތު ލިބިފައިވާ ކަމަށެވެ. އެރަށަށް މިހާ މިންވަރުގެ ގެއްލުން ލިބުނު ކަމަށެވެ. އަދި، އެރަށުން މިހާ އަދަދެއްގެ ލޮބުވެތި އަޚުންނާއި އުޚުތުން ނިޔާވި ވާހަކަވެސްމެވެ. ފުރަތަމަ ރޭ ދަންވި ފަހުން، އަޅުގަނޑު މިފަދަ ބަސްދީގަތުމެއް ނިންމާލުމާއެކު، އާދައިގެ މަތިން، ޗާންދަނީ މަގު މައްޗަށް ނުކުމެލީމެވެ. ކޮފީ ޕަކެޓެއް ބޯލުމަށެވެ. އިސްކަންދަރާއި އަމީނިއްޔާ އިންވާ ފާރު ކައިރީގައި ބޮޑު ސްކްރީނެއް ބަހައްޓާފައި ހުރެއެވެ. އޭގެން ދައްކަނީ ޓީ.ވީ. އިން އަޅުގަނޑު މިދޭ މަޢްލޫމާތުތަކެވެ. އަދި، އެހީގެ މަސައްކަތުގެ މަންޒަރުތަކެވެ. ޓީ.ވީ. މޯލްޑިވްސްގެ ކަވަރޭޖެވެ.

އަޅުގަނޑު ބޭރަށް ނުކުތްއިރު، އައިސްކްރީމް ވިއްކާ މަޝްހޫރު ސްކޫޕް ކެފޭގެ ދޮރުގެ އޮޅިގަނޑުގައި އުމުރުން ދުވަސްވީ މީހަކު އިށީނދެލައިގެން އިނެވެ. ހިމަތޮޅި، ވަރަށް އިސްކޮޅުން ދިގު މީހެކެވެ. އިނީ ގަންޖިފަރާހަކާއި މުންޑުގައެވެ. އިނީ ސްކްރީނަށް ބަލާށެވެ. އަޅުގަނޑު ފެނުމާއެކު ތެދުވެ، އަޅުގަނޑާ ދިމާއަށް މަޑުމަޑުން ހިނގާފައި އައެވެ. ކައިރިއަށް އައިސް ގޮވާލިއެވެ. ކޮއްކޯ އެވެ. ތިޔައީ މީހުން މަރުވި ރަށްތައް އެނގޭ ކޮއްކޮ ދޯއެވެ. ބޭބެގެ ދެ ކާފަ ދަރިން ދުނިޔޭގައި އެބަ ތިބިތޯ ބުނެލަދީބަލާށެވެ.

އިތުރު އެއްޗެއް ނުބުނެ އޭނާ މަޑުކޮށްލިއެވެ. އަޅުގަނޑުގެ ޖަވާބެއްގެ އިންތިޒާރުގައެވެ. މޫނު މައްޗަށް ރުލެއްވެސް އަރުވައެއް ނުލައެވެ. އަޅުގަނޑު ހުރިތަނަށް ގާވިއެވެ. ކުއްލިއަކަށް ދޭނެ ޖަވާބެއް ވިސްނުމަކަށް ނައެވެ. ބޭބެ އަނެއްކާވެސް ފެށީއެވެ. ބޭބެ މާލެ މިއައީ ދަތުރުވަރެއްގައި ދެދުވަހެއް ކުރިން ކަމަށެވެ. ރަށުގައި، ބޭބެގެ އައިސްތުގެ، ކާފަކިޔާ ދެކުދިން ތިބޭނެ ކަމަށެވެ. ރާޅު އެރި ޚަބަރު ލިބުމުން ނަފްސަށް ހަމަ އުނދަގޫވަނީ ކަމަށް ބޭބެ ބުންޏެވެ. އެ ދެކުދިން ދުނިޔޭގައި ނެތްކަން ބޭބެއަށް އިހުސާސް ކުރެވެނީ  ކަމަށެވެ. މިތަނަށް އައިސް މިއިނީ އެކަން ކަށަވަރުވޭތޯއެވެ. އަދި، އަވަހަށް ރަށަށް ގޮސް، އެކުދިންގެ ކަށުކަމާކެމީގެ ކަންތައް ހަމަޖައްސާށެވެ.

އަޅުގަނޑު ހަމަ ތުރުތުރު އަޅަން ފެށިއެވެ. ބޭބެ އައިސް މިހުރީ އަދި ސުވާލު މިކުރީ އުންމީދު އޮވެގެނެއް ނޫނެވެ. އިރާދަކުރެއްވިއްޔާ ތިޔަހެން ނުވާނެ ކަމަށް، ނުވަތަ ހިތްވަރުދިނުމަށް އެފަދަ އެއްވެސް އެއްޗެއް ބުނެލުމަށް އަޅުގަނޑުގެ އަނގަ ހުޅުވާލާކަށްވެސް ނުކެރުނެވެ. އަތުގައި އެއިރުވެސް ފައިލް އޮތްކަން ހަނދާން ވުމުން، އެފައިލް ހުޅުވާލީމެވެ. އަދި، ކޮން ރަށެއްތޯ އަހާލީމެވެ. ރަށުގެ ނަން ބުނުމުން، ގަނޑުތައް ހާވައި، ފައިލު ބަލާލީމެވެ. އެރަށުގެ އެއްވެސް މަޢްލޫމާތެއް އެހާތަނަކަށް ލިބިފައެއް ނެތެވެ. އެމަޢްލޫމާތު ބޭބެއާ ޙިއްޞާ ކުރުމަށްފަހު އަވަހަށް އެނބުރި އެތެރެއަށް ވަނީއެވެ.

އަނެއް ދުވަހު ހެނދުނު އަނެއްކާވެސް އެފަދައިން ބޭރަށް ނުކުތީމެވެ. ފުރަތަމަވެސް އަޅައިގަތީ އެ އޮޅިގަނޑެވެ. ހަމަ އެގޮތަށް އެބޭބެ އެތާނގައި އިނެވެ. އަދި، އައިސް އަހާލިއެވެ. ކޮއްކޯއެވެ. އިތުރު ޚަބަރެއް އެބަ އޮތް ހެއްޔެވެ؟ އަޅުގަނޑު ނޫނެކޭ ބުނެލީމެވެ. މިގޮތަށް އަނެއް ދުވަހުގެ ރެއާ ހަމައަށް ބޭބެއާ އެކިފަހަރުމަތިން ބައްދަލުވަމުން ދިޔައެވެ. އެރަށުގެ މަޢްލޫމާތެއް ނާދެއެވެ. ކޮންމެ ފަހަރަކުވެސް، ބަލާފަ، ބޭބެއަށް އެކަން ކަށަވަރުކޮށްދިނީމެވެ.

ތިން ވަނަ ދުވަހުގެ ފަތިހު އޮތް ނޫސް ކޮންފަރެންސް ދުވަހަކުވެސް ހަނދާނަކުން ނުފިލާނެއެވެ. އަޅުގަނޑު އެވަގުތު އިނީ ޓީ.ވީ. މޯލްޑިވްސަށް މަޢްލޫމާތު ދިނުމުގައެވެ. ކުރިމަތީގައި އޮތް ފައިލް ބަލައިގެން، ތަރުތީބުން ކިޔަނީއެވެ. ރަށުގެ ނަމެވެ. ލިބުނު ގެއްލުމެވެ. އަނިޔާވި މީހުންގެ އަދަދެވެ. އަދި، ނިޔާވި މީހުންގެ އަދަދެވެ. މަޢްލޫމާތު ދިނުން ކުރިއަށް ދަނިކޮށް، އިންފޮރމޭޝަންގެ ބޭފުޅުންގެ ކޮޓަރިން އާ މަޢްލޫމާތުތަކެއް ހިމެނޭ ގަނޑުތަކެއް ބޭފުޅަކު ގެންނެވިއެވެ. އަދި، އަޅުގަނޑަށް ފެންނަ ގޮތަށް ކައިރީގައި ބޭއްވިއެވެ.

އެގަނޑުތައް ނަގާ، އަޅުގަނޑު ކިޔަން ފެށުމާއެކު ކުއްލިއަކަށް މީހާ ސިހި، ހުއްޓުން އެރިއެވެ. އޭގައި އޮތީ، ދޮރުމަތިން ދިމާވާ ބޭބެގެ ރަށުގެ މަޢްލޫމާތެވެ. އަލަށެވެ. އެހިސާބުން އަޅުގަނޑުގެ ހިތް ތެޅެން ފެށިއެވެ. އަދި އަޑު ތުރުތުރުލާން ފަށައިފިއެވެ. އެރަށަށް ވަރަށްބޮޑަށް ރާޅުއަރާ، ގެއްލުން ލިބިފައިވާކަމަށް އެގަނޑުތަކުގައި އޮތެވެ. އެމަޢްލޫމާތު ދިނީމެވެ. ވަރަށް ގިނަ ބަޔަކަށް، ކުދި ބޮޑު އަނިޔާ ލިބުނު ކަމަށްވެސް އޮތެވެ. އަދި، ރަށުގެ ހަތަރުބައިކުޅަ އެއްބައި ގޭގެއަށް ވަނީ ނޫޅެވޭ ވަރަށް ގެއްލުން ލިބިފައި ކަމަށްވެސް މަޢްލޫމާތު ހިމެނިފައި އޮތެވެ. މިވާހަކަވެސް، އުނދަގުލާއެކު، ކިޔައިފީމެވެ. ދެން އޮތީ އެރަށުން ދިހަ ވަރަކަށް މީހުން މަރުވި ވާހަކަ އެވެ. އޭގެ ތެރޭގައި ހަތަރު ކުޑަ ކުއްޖަކުވެސް ހިމެނޭ ކަމަށާއި، ނިޔާވި ކުދިންގެ ތެރޭގައި ދެބެއިން ހިމެނޭ ކަމަށެވެ. އަޑެއް ނުނުކުތެވެ. އަޅުގަނޑަށް ރޮވިއްޖެއެވެ.

އިސް ދަށަށް ޖަހާލީމެވެ. ޓީ.ވީ. އެވެ. ލައިވެކެވެ. ރައްޔިތުން ބަލަން ތިބޭނެއެވެ. އެތެރޭގައި ހުރި އިޙްސާސްތައް ކޮންޓްރޯލްކޮށް، އަންނަމުންދިޔަ ކަރުނަ ހުއްޓުވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ހިތްވަރު ކޮށްލާފައި، ޒިންމާ އަދާކުރެވޭތޯ ބެލީމެވެ. އެ މަންޒަރު ބައްލަވަން އަޅުގަނޑު ބައްޕަ އެތާނގައި ހުންނެވިއެވެ. އަދި، ވަގުތުން، ލައިވް ކަނޑާލުމަށް އެންގެވިއެވެ. ކެމެރާކުރަން ހުރި ކުއްޖާ ވަގުތުން އެކަން ކުރިއެވެ. އިތުރު އެއްޗެއް ނުބުނެ، އަޅުގަނޑު ދިޔައީ ކައިރީގައި ހުރި ފާޚާނާއަށެވެ. ތިމާގެ މީހަކު ނިޔާވުމުން ނުރޮވޭ ވަރަށް ރޮވިއްޖެއެވެ. އިރުކޮޅަކަށްފަހު، މޫނު ދޮވެލައިގެން ފާޚާނާއިން ނުކުމެގެން ބޭރަށް ދާން ދިމާކުރީމެވެ. ސްކޫލުގެ ދޮރާއްޓާ ހަމަވުމުން ހުއްޓުން އެރިއެވެ. ޖެހިލުންވިއެވެ. ބޭބެއަށް މިމަޢްލޫމާތު ދިނުމަކީ އަޅުގަނޑުގެ އިންސާނީ ވާޖިބެއްކަން އެނގެއެވެ. އެކަމަކުވެސް ފަސްޖެހުނެވެ.

ހިތްވަރުކޮށްލާފައި، މަޑުމަޑުން ނުކުތީއެވެ. ބޭބެ ހުރީ ކޮޅަށެވެ. ދޮރު މަތީގައެވެ. އޭނާ ފެނުމާއެކު، އަޅުގަނޑު އަނެއްކާވެސް ފެންކަޅިވިއެވެ. ބޭބެ އައިސް، އަޅުގަނޑުގެ ކޮނޑުގައި ފިރުމާލިއެވެ. އަދި، ބުންޏެވެ. ކޮއްކޯއެވެ. ޝުކުރިއްޔާއެވެ. ޙަޤީޤަތް އެނގުނީމައި ބޭބެއަށް ލުއިވެއްޖެ ކަމަށެވެ. ދެން ގޮސްލަނީ ކަމަށެވެ. ބަނދަރު މައްޗަށް ކަމަށެވެ. ރަށަށް ދެވޭނެ ގޮތެއް ފެނޭތޯ ބެލުމަށެވެ. ދިރުން ދެއްވަނީ ﷲ ކަމަށާއި، ފުރާނަ ގެންދަވަނީވެސް އެކަލާނގެ ކަމަށް ބުންޏެވެ. އެއަށްފަހު، އަޅުގަނޑާ ސަލާމްކޮށްލާފައި، އެނބުރި ހިނގައިގަތެވެ. އެވަގުތު އަޅުގަނޑު ހިތަށް އެރިއެވެ. މިފަދަ މަސައްކަތެއް ދެން ހަވާލު ނުވާނެ ނަމައެވެ. މިއީ ކުޅަދާނަ ކަމެއް ނޫނެވެ. އެހާ ހިތްވަރެއް ނެތެވެ.

ވިދިގެން އައި ހަފްތާތަކުގައި، ރައީސް މައުމޫންގެ އަރިހުގައި، އެންމެ ބޮޑަށް ގެއްލުން ލިބުނު ބައެއް ރަށްތަކަށް އަޅުގަނޑު ޒިޔާރަތް ކުރީމެވެ. އޭގެ ތެރޭގައި، އެބޭބެގެ ރަށަށްވެސް ދެވުނެވެ. އެތަނުން ދިމާވި މީހުންގެ ދުލުން އަޑުއެހީމެވެ. ބޭބެއަށް ކާފަކިޔާ އެ ދެބެއިން ނިޔާވީ، ތިމާގެ މީހަކު އެކުދިން އަތުލަފިކޮށްގެން، ގަހެއްގައި ހިފައިގެން ހުއްޓާ، އަރައިގެން އައި ރާޅުގެ ބާރާއެކު، ދެކުދިން އަތުން ދޫވުމުންނެވެ. އެދަތުރުގައި، ބޭބެ އަކާ ދިމަލެއް ނުވެއެވެ.

ވަރަށް ގިނަ މީހުން އަދިއަދާ ޖެހެންދެން ވެސް އަޅުގަނޑު ގާތުގައި ބުނާ ވާހަކައެކެވެ. ސުނާމީ ކާރިސާއަކީ އަޅުގަނޑުގެ ކެރިއަރުގެ އަސްލު ފެށުން ކަމަށެވެ. ގިނަ ބަޔަކަށް އަޅުގަނޑު އަލަށް ފެނި، އެނގުނީ ސުނާމީގެ ތަރުޖަމާނެއްގެ ހައިސިއްޔަތުން ވީމައި ކަމަށެވެ. އަޅުގަނޑަށް ލިބުނު 'ނަސީބެއް' ކަމަށެވެ. ޖަވާބުގައި އަޅުގަނޑު ދަންނަވަމެވެ. ނޫނެކެވެ! އެއީ، އަޅުގަނޑަށް ލިބުނު ނަސީބެއް ނޫން ކަމަށެވެ. އަދި، އަބަދުމެ ދުޢާ ކުރަނީ އެފަދަ ކަމެއް ޤައުމަށް މެދުވެރިނުވުމަށާއި، އެފަދަ ޒިންމާއެއް އުފުލަން ނުޖެހުމަށެވެ.

ސުނާމީ ކާރިސާގައި ދުނިޔެ ދޫކުރި 108 ދިވެހިންގެ ހަނދާން އާކުރަމެވެ. އަދި، އެލޮބުވެތި ރައްޔިތުންގެ ފުރާނައިގެ މައްޗަށް ދުޢާ ކުރަމެވެ.

* ދެން އޮންނަ ބައިގައި، އިރާދަކުރެއްވިއްޔާ، ރާއްޖެއަށް ސުނާމީ ކާއިރާސާއިން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ކުރެވުނު މަސައްކަތްތަކާއި، އޭގެ ތެރެއިން ބޭރުގެ ޢިއްޒަތްތެރިން ރާއްޖެ ވަޑައިގަތުމާއެކު އެބޭފުޅުންނަށް މަޢްލޫމާތު އެރުވުމުގެ މަސައްކަތް ދިޔަގޮތް، އަދި އެހެންވެސް ގިނަ ހަނދާންތަކެއް އަދި ތަޖުރިބާތަކެއް ޙިއްޞާކޮށްލާނަމެވެ.

މިސިލްސިލާ މަޒުމޫނަށް އަޅުގަނޑު 'ސުނާމީ ބޭބެ' މިނަން ދިނީ ކީއްވެތޯ ބައެއް ކިޔުންތެރިންގެ ހިތްޕުޅުގައި ސުވާލު އުފެދިދާނެތީ، އެކަން ސާފުކޮށް ދަންނަވާލާނަމެވެ. ސުނާމީއަށް ފަހު ރައްޔިތުންނަށް މަޢްލޫމާތު ދިނުމުގެ ޒިންމާ އަދާކުރީ އަޅުގަނޑެވެ. އެންމެ ޒުވާން ބޭފުޅުން ނޫންނަމަ ހަނދުމަފުޅު ހުންނާނެއެވެ. އެޒަމާނުގައި، މިއަދު މިއޮތްހާ ގިނަ ޓީވީ ޗެނަލެއް ނޯންނާނެއެވެ. އޮންނަނީ ބަންޑާރަ ޓީވީ އެވެ. އެހެންކަމުން، މެދުނުކެނޑި ގިނަ ވަގުތު ޓީވީ ގައި އިނީ އަޅުގަނޑެވެ. ކޮވިޑް ބަލިމަޑުކަމާގުޅިގެން ތަރުޖަމާނު މަބްރޫކް މިދޭތެރެއިން ޓީވީއަށް އެރުއްވި ފަދައިންނެވެ.

އެހެންކަމުން، ސުނާމީ ކާރިސާއަށްފަހު، ވަރަށް ދުވަސް ވަންދެން، ގިނަ ބަޔަކު އަޅުގަނޑާ ގުޅުވަނީ އެކަމެވެ. އެއިރު، އަޅުގަނޑާ މަގުމަގުން ދިމާވާ ކުޑަކުދިން، އެމީހުންގެ މައިންބަފައިން ގާތު ބުނެއެވެ. "މަންމާ، މަންމާ….އެއޮއް ދަނީ ސުނާމީ ބޭބެ"، މިހެންނެވެ. ދުވަސްތަކަކަށް ހަރުލިއެވެ.