ހޮލީވުޑުން ނެރުނު މަގުބޫލު ފިލްމް "ދަ މާޝަން"ގައި މާސްގައި އެސްޓްރޮނޯޓެއް ތާށިވުމުން އެއީ ހަމައެކަނި ހިޔާލީ ގޮތުން ވެދާނެ ކަމެކޭ ހިތަށްއެރުން މިހާރު މި އޮތީ ދޫކޮށްލަން ޖެހިފައެވެ.
ދެ އެސްޓްރޮނޯޓުން ކަމަށްވާ ސުނީތާ ވިލިއަމްސް އާއި ބުޗް ވިލްމޯ ޖައްވީ މަރުކަޒު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައި.އެސް.އެސް)އަށް މިދިޔަ ޖޫން މަހުގެ ކުރީކޮޅު ދިޔައީ އެންމެ އަށް ދުވަހަށް ކަމަށް ވިޔަސް އެ ދެ މީހުންނަށް އަނބުރާ ދުނިޔެއަށް އާދެވޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.
ދެ އެސްޓްރޮނޯޓުން އެއި.އެސް.އެސް.އަށް ގެންދިޔައީ މަތިންދާބޯޓާއި ވައިގެ އުޅަނދުތައް އުފައްދާ މަޝްހޫރު ބޮއިންގް ކުންފުނީގެ ކެޕްސޫލެއްގައެވެ. ނަމަވެސް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާތީ ނާސާއިން މިހާރު ބަލަމުން އަންނަނީ ބިލިއަނަޔަރު އީލޮން މަސްކްގެ ސްޕޭސް އެކްސް ކުންފުނީގެ ކެޕްސޫލެއްގައި ސުނީތާ އާއި ބުޗް އަނބުރާ ދުނިޔެއަށް ގެނެވިދާނެތޯއެވެ. މިހެންވެއްޖެ ނަމަ ސްޕޭސް އެކްސް އާ ވާދަވެރި ބޮއިންގްއަށް ވާނީ ބޮޑު ލަދަކަށެވެ.
"ބޮއިންގްގެ ކެޕްސޫލްގެ ރައްކާތެރިކަމާމެދު އޮތް ޝައްކުތައް އަދިވެސް ފިލައިގެންނުދޭ. މި ކަހަލަ ނުރައްކާތެރި ރިސްކެއް ނެގުމާމެދު ނާސާގެ އެތެރޭގައި ހިޔާލުތަފާތުވުން އުފެދިފައިވޭ،" ނާސާގެ އޮފިޝަލުން ބުދަ ދުވަހު ވިދާޅުވިއެވެ.

މިހެންވެ އައި.އެސް.އެސް.ގައި ބަނދަރުކޮށްފައިވާ ބޮއިންގް ކެޕްސޫލް ދުނިޔެއަށް އެނބުރި އަންނާނީ ސުނީތާ އާއި ބުޗް އައި.އެސް.އެސް.ގައި ބައިތިއްބައިފައި "ހުސް އަތާ" ކަމަށް ނާސާއިން ބުންޏެވެ.
މި ގޮތަށް ހަމަޖެއްސުމުން އަންނަ ސެޕްޓެމްބަރުގެ ފަހުކޮޅު ސްޕޭސް އެކްސްއިން ޓެކްސީއެއްގެ ގޮތުގައި ދާ ކެޕްސޫލްގައި ހިމެނޭ ހަތަރު ފަޅުވެރިން ކުރެ ދެ މީހުން އައި.އެސް.އެސް.ގައި ބައިތިއްބާނެއެވެ. އަދި ހުސްކޮށްލި ދެ ޖާގަ ބޭނުންކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ސުނީތާ އާއި ބުޗް އަނބުރާ ދުނިޔެއަށް ގެނައުމަށެވެ. ސުނީތާ އާއި ބުޗް އައި.އެސް.އެސް.އަށް ޖޫން މަހުގެ 5 ވަނަ ދުވަހު ދިޔައީ ބޮއިންގް ސްޓާލައިނާ ކެޕްސޫލްގެ ފުރަތަމަ ފަޅުވެރިންގެ ގޮތުގައެވެ.
އައި.އެސް.އެސް.ގައި ބަނދަރުކުރުމުގެ ކުރިން ބޮއިންގްގެ ސްޓާލައިނާ ކެޕްސޫލްގެ އިންޖީނުގައި ޓެކްނިކަލް މައްސަލައެއް ޖެހުނީ ކިހިނެތްތޯ ތަހުގީގުކުރަން ނާސާއިން މިހާރު ވަނީ އިތުރު ޓެކްނީޝަނުންގެ އެހީ ހޯދުމަށް ނިންމައިފައެވެ.
"ބޮއިންގްގެ ބަދަލުގައި ސްޕޭސް އެކްސްގެ ހިދުމަތް ހޯދުމަށް ވެސް މި އަންނަނީ ބަލަމުން،" ނާސާގެ ޖައްވީ އޮޕަރޭޝަންތަކުގެ ވެރިޔާ ކެން ބަވަސޮކްސް ވިދާޅުވިއެވެ.
ސުނީތާ އާއި ބުޗް ގެންނާނެ ގޮތަކާމެދު ނާސާގެ އެތެރޭގައި ހިނގި އަރައިރުންތަކުގެ ސަބަބުން ބޮއިންގްގެ ކެޕްސޫލް އިތުރަށް ތަހުގީގުކުރުމާމެދު ގޮތެއް ނުނިންމުނެވެ. އަދި އެ ދެ މީހުން ގެނައުމަށްޓަކައި ސްޕޭސް އެކްސްއިން އަންގާރަ ދުވަހު ޖައްވަށް ދާން ތައްޔާރުކުރި ކެޕްސޫލް ދަތުރު ފަސްކޮށްލިއެވެ.
ބޮއިންގްއިން ބުނީ އެ ކުންފުނީގެ ސްޓާލައިނާއަކީ ރަނގަޅު ކެޕްސޫލެއް ކަމަށް އަދިވެސް ގަބޫލުކުރާކަމަށެވެ.
"ސްޓާލައިނާ އުޅަނދުގެ ގާބިލުކަމާއި އަދި ސުނީތާ އާއި ބުޗް އަނބުރާ ގެނެވޭނެކަމުގެ ޔަގީންކަން އަހަރެމެންނަށް އެބައޮތް. އިތުރު ތަހްލީލުތައް ކުރުމާއި މައުލޫމާތު އެއްކުރުމާއި ބަނދަރުކުރުމުގެ ކަންތައްތައް ދިރާސާކުރުމަށް ނާސާއިން ގޮވައިލައި ގޮވައިލުމަށް އަހަރެމެން ތަރުހީބުދެން،" ބޮއިންގްއިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.
ސުނީތާ އާއި ބުޗް ސްޕޭސް އެކްސްގެ އުޅަނދެއްގައި އަނބުރާ ގެނެސްފި ނަމަ އެކަންވެގެންދާނީ ބޮއިންގްގެ ގާބިލިއްޔަތާމެދު ޝައްކު އުފެދޭ ކަމަކަށެވެ.
ޖޫން މަހު އައި.އެސް.އެސް.އަށް ބޮއިންގްއިން ފޮނުވި ސްޓާލައިނާ އުޅަނދަކީ އިންސާނުން ލައިގެން އެ ތަނަށް ބޮއިންގްއިން ކުރި ފުރަތަމަ ދަތުރެވެ. ސްޕޭސް އެކްސްއިން ނާސާގެ މަޝްރޫއުތައް ހޯދާހޯދުމަށް ބޮއިންގްއިން ކުރަމުން އަންނަ ވާދަ ރަމްޒުކޮށްދިން ދަތުރެކެވެ.
ބޮއިންގްގެ ސްޓާލައިނާގެ ޕްރޮގްރާމަށް 125 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ގެއްލުންވި ކަމަށް ބޮއިންގްއިން މިދިޔަ ހަފުތާގައި ބުންޏެވެ. މިއީ މީގެ ކުރިން ގެއްލުންވި އެއް ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) ނުހިމަނައެވެ. މި ކަމުގެ ސަބަބުން ނާސާއިން މިހާތަނަށް ބޮއިންގްއަށް ދީފައިވާ ހަ މަޝްރޫއުގެ ކުރިމަގަށް ހިޔަނި އެޅިފައިވެއެވެ.
ބޮއިންގްއިން އާއްމު ވިޔަފާރީގެ ގޮތުގައި އުފައްދާ ވައިގެ އުޅަނދުތަކުގައި ޓެކްނިކަލް މައްސަލަޖެހުން މި ފަހަކަށް އައިސްވަނީ ގިނަވެފައެވެ. މި ކަން ފަޅައިއަރުވައިލީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުން އެ މީހުންނަށް ގާނޫނީ ގޮތުން ހިމާޔަތް ލިބިފައިވާ "ވިސްލް ބްލޯވާ"ކަމުގެ ދަށުން ސިއްރުން ކާކުކަން ނޭނގޭ ގޮތަށެވެ.
ނާސާއަށް ކުރިމަތިވެފައިވާ މި މައްސަލަތަކުގެ ޒިންމާ މިހާރު އެޅިފައިވަނީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވްގެ މަގާމާ އިއްޔެ ހަވާލުވެވަޑައިގަތް ރޮބަޓް އޯޓްބާގްގެ އިސްތަށިފުޅުގައެވެ.



advertisment