އޮވޭތޯ ފުރުޞަތެއް ދެފަހަރު މިދުނިޔޭގައި އުޅެން ލިބިފައި
ރޮވޭނަމަވޭސް އެކަން އެނގުމުން ނުވޭ ޢިބުރަތް އެއިން ލިބިފައި
ސަތޭކަ އަހަރުގެ މުއްދަތުވެސް ނުވޭލިބިފައި މިތާ އުޅުމަށް
ފަތޭ ފުރެނީ ނުބައި ޢަމަލުން ރަނގަޅުހަމަ އެއްކަމެެއް ނުވެފައި
އިހަށް ބަނބުކޭލަކާ ކާއްޓެއް ފުދޭ ދުވަހުގެ ފަރާގުކަމަށް
ކިހައިދެރަތޯ މި ހާރަށް ނުފުދެޔޭ އެއްލައްކަ ވެސް ލިބިފައި
އެތެރެގެޔަކާއި ބޭރުގެއެއް ފުދޭ އިހުގައި ބަޔަކު އުޅުމަށް
ނެތެއްނޫންތޯ މިއަދު އުޅެވެން ހަކޮޓަރީ ނެތި ގެއެއް ލިބިފައި
އެހެރަފަދަ ކަންކަމާހުރެގެން ހަނދާން މަޙުޝަރުދުވަސްނެތިގޮަސް
އެހެން މަގަކުން ރަނގަޅު ގޮތްނޫން މުދާ ހޯދަންވާނީ ޖެހިފައި
އެހެން ގަނަތެޅުމުގައި ދުވެދުވެ މިތާހުއްޓާ ގޮވައިލެވުމުން
އެހެން އައު ޢާލަމެއް ފެށުމުގެ ވަގުތު ވޭ ގާތުގައި ޖެހިފައި
ބިނާތައް ހޯދި ފައިސާޔާ އެކަށް ދޫކޮށް ފަށާ ދަތުރުން
މިނާނޭ ކޮއްތަކުން އެއްޗެއް ނުވޭ އަތުގައި ޖަމާވެވިފައި
ޙަޔާތުގެ ވަގުތުކޮޅަކީ ހުވަފެނެއް ފަދަ އެއްޗަކަށް ވެދެޔޭ
ވަޔާއެކުގައި ބުރުއްސައިލައި ޢުމުރު ވާނޭ ނަގައިލެވިފައި
