Support Us

ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ސުޖާ. -ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖެ ވިއްކާލުމާ ދެކޮޅަށް މާލެ ފިޔަވައި ހުރިހާ ރަށްތަކެއްގައި އިދިކޮޅުން މުޒާހަރާކުރަން ނިންމައިފި

ރާއްޖޭގެ ރަށްތަކާއި ހަރުމުދާ ވިއްކާލަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީ އާއި ރާއްޖޭގެ ދަރަނި އިންތިހާއަށް މައްޗަށް ގޮސް، ރައްޔިތުން ދަރުވާލަމުން ގެންދާތީ އެކަންކަމާ ދެކޮޅު ހެދުމުގެ ގޮތުން މާލެ ނޫން ހުރިހާ ރަށެއްގައި އަންނަ ހުކުރު ދުވަހު މުޒާހަރާ ކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނިންމައިފިއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ "ރާއްޖެ ވިއްކާލުމާ ދެކޮޅަށް އަތޮޅުތެރޭގެ މުޒާހަރާ" ކުރިޔަށް ދާނީ އެއް ވަގުތެއްގައި ކަމަށެވެ.

"މި މުޒާހަރާތަކަކީ ސުލްހަވެރިކަމާ އެކު ހިނގާނެ މުޒާހަރާތަކެއް. މާލެ، ވިލިމާލެ، ހުޅުމާލެ ފިޔަވައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި މި މުޒާހަރާ ކުރިޔަށް ގެންދިއުމަށް ރާވައިފައި މިވަނީ،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މުޒާހަރާ ކުރަންޖެހޭ ސަބަބުތަކުގެ ތެރޭގައި، ބޭރުގެ ގައުމުތަކުން ނަގަމުންދާ ބޮޑެތި ލޯނުތަކުގެ ސަބަބުން ގައުމުގެ މިނިވަންކަން ގެއްލޭ ހާލަތަށް ގޮސް ރާއްޖޭގެ ބައެއް އެއަރޕޯޓްތައް ދިގު މުއްދަތަށް ކުއްޔަށް ދިނުމާއި ޕޯޓް ދިގު މުއްދަތަށް ކުއްޔަށް ދިނުމާއި އައްޑޫސިޓީގެ ބައެއް ކުއްޔަށް ދިނުން ހިމެނޭ އެވެ.

މުޒާހަރާގެ އެޓޯލް ކޯރޑިނޭޓަރު ކުރީގެ މަޑަވެލި ދާއިރާގެ މެންބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ރާއްޖެ ވިއްކާލުމާ ދެކޮޅު ބޭފުޅުން އެމްޑީޕީގައި ވެސް ތިބި ކަމަށާއި އެބޭފުޅުންވެސް މުޒާހަރާގައި ބައިވެރިވުމަށް އެދޭ ކަމަށާއި އަދި  ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަކީ ގައުމީ ކަމެއްގެ ގޮތުގައި ދެކިވަޑައިގަތުމަށް އޭނާ ގޮވާލެއްވި އެވެ.

"މި ސަރުކާރުން ކުރައްވަމުން ގެންދަވާ ނޭއްގާނީ ކަންތަކާއި ދެކޮޅަށް އަޅުގަނޑުމެން އެބަޖެހޭ އިހްތިޖާޖް ކުރަން. އަޅުގަނޑުމެން އިހްތިޖާޖް ކުރަން މިޖެހޭނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭތީ. އަޅުގަނޑުމެން އިހްތިޖާޖް ކުރަން މިޖެހެނީ މަސްވެރި މަސްކަނޑުތައް ވިއްކާލުމާ ދެކޮޅަށް. އަޅުގަނޑުމެން އިހްތިޖާޖް ކުރަން މިޖެހެނީ މަސްވެރިން ބާނާ މަހަށް ފައިސާކޮޅު ނުލިބޭތީ،" މުއާޒް ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މީގެ ކުރިން ވަނީ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާ ތަކެއް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *