ރާއްޖޭގެ ބޮޑުބެރަށް ބޮޑު އިންގިލާބެއް ގެނެސްދިން މަޝްހޫރު "ހަރުބީ"ގެ ކޮޕީރައިޓްސް އޮތް ކަމަށް އެ ގްރޫޕުން ބުނާ ލަވަތަކެއް "ސްކައިރޮކް" ބޭންޑުން ނެރެން އުޅޭ އާ އަލްބަމުގައި ހިމަނައިފައިވާތީ އެކަމާ ހަރުބީން ނުރުހުން ފާޅުކޮށް، އިންޒާރުދީފި އެވެ.
ހަރުބީން ރޭ އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ސަމުގާ" އަދި "އިރު" މި ދެ ލަވައިގެ ލިރިކްސްގެ މިލްކުވެރިކަން އޮތީ 2012 ވަަނަ އަހަރު އެ ގްރޫޕް އުފެއްދި ފައުންޑާ މެމްބަރު ހަސަން އުސްވަތުﷲ އަތުގައި ކަަަމަށެވެ. އަދި އެ ދެ ލަވައިގެ ކޮޕީރައިޓްސް އޭނާ ވަނީ އެ ގްރޫޕާ ހަވާލުކޮށްފައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެހެން އެކަން އޮތް އިރު ހަރުބީގެ ހުއްދަ ނެތި އެ ދެ ލަވައިގެ ރިޕްރޮޑަކްޝަން އާއި ޑިސްޓްރިބިއުޝަނާއި މޮޑިފިކޭޝަން އަދި އެނޫން ވެސް ގޮތްގޮތުން ބޭނުންކުރުމަކީ ކޮޕީ ރައިޓްސް ގާނޫނާ ހިލާފް ކަމެއް ކަމަށާއި އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ހަރުކަށި އިންޒާރު ހަރުބީން ވަނީ ދީފަ އެވެ.
"ކޮޕީ ރައިޓްސް ގާނޫނާ ހިލާފަށް އެ ދެލަަވައިގެ ބޭނުންކުރާ ނަަމަ އެ ފަރާތަކާ މެދު ގާނޫނީ ފިޔަަވަޅު އަޅާނަން،" އެ ދެ ލަވައިގެ މިލްކުވެރިކަން ރަސްމީކޮށް އިޢުލާންކޮށް ހަރުބީން އާއްމުކުރި އެ ބަޔާނުގައިވެ އެވެ.

ހަރުބީގެ މި އިންޒާރަށް ރައްދުދީ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުﷲ އީސާފުޅު (އީސަ) ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ބުނެފައިވަނީ އެ ދެ ލަވައިގެ ޅެންވެރިކަމާއި ދެ ލަވައިގެ ރާގަކީ ވެސް އޭނާގެ އަމިއްލަ އުފެއްދުމެއް ކަމުގައިވާއިރު ކޮޮޕީ ރައިޓްސް ގާނޫނުގެ ދަށުުން އެ ދެލަަވައިގެ އަސްލު ވެރިފަރާތަކަކީ ވެސް އޭނާ ކަމަށެވެ.
ކޮޕީ ރައިޓްސް ގާނޫނުގެ ފަސް ވަނަ މާއްދާއާ ހަވާލާދީ އެ މާއްދާގެ ތިނެއް އަދި ހަތަރެއްގައިވާ ގޮތުން އުފެއްދުންތަކާއި މަސައްކަތްތަކަށް އެ ގާނޫނުގެ ދަށުން ހިމާޔަތް ލިބޭނީ އެ އުފެއްދުމަކީ ނުވަތަ މަސައްކަތަކީ އެ ފަރާތުގެ އަސްލީ އުފެއްދުމެއް ނުވަތަ މަސައްކަތެއް ކަމުގައިވާނަމަ ކަމަށާއި މި ދެ ލަވައަކީ ހަރުބީގެ އުފެއްދުމެއް ނޫން ކަމަށް އީސަ ބުނެފައިވެ އެވެ.
"ސަމުގާ އާއި އިރު މި ދެ ލަވައިގެ ރާގާއި ލަވައަކީ ހަރުބީގެ އަސްލީ އުފެއްދުމެއް ނޫން، އަދި އަސްލީ މަސައްކަތެއް ވެސް ނޫން،" އީސަ ބުނެފައިވެ އެވެ.
އީސަ ބުނާ ގޮތުގައި އެ ދެ ލަވައިގެ އަސްލު އުފެއްދި ފަރާތަކީ އޭނާ ކަމުގައިވާއިރު އޭނާގެ އެ އުފެއްދުމެއް ބޭނުންކުރުުމުގެ ހައްގުތައް ކޮޕީރައިސްޓް ގާނޫނުން، އޭނާގެ ދުނިޔޭގައި އަދި މަރުވުމަށްފަހު ވެސް 50 އަހަރު ވަންދެން ހިމާޔަތް ލިބިދީފައިވެ އެވެ.
"ތިޔަ ދެ ލަަވައިގެ އަސްލު ޅެމާއި ރާގުގެ ހައްގުވެރިފަރާތަކީ އަޅުގަނޑު ކަމުގައިވާއިރު ކޮޕީ ރައިޓްސް ގާނޫނުގެ 10 ވަނަ މާއްދާއިން މުސައްނިފަށް ލިބިދޭ ހައްގުގެ ދަށުން ހަރުބީއަށް އެ ލަވަ ހުށަހަޅާ ވިޔަފާރިކުރުުމުގެ ހައްގު ދިނުމާއި ސްކައިރޮކް ބޭންޑަށް ވިޔަފާރި ކުރުމަށް ދިނުމަކީ މުސަންނިފަށް ގާނޫނުން ލިބިދޭ ހައްގެއް،" އީސަ ބުނެފައިވެ އެވެ.
ހަރުބީގެ އިންޒާރަށް އީސަ ދިން ޖަވާބުގައި އޭނާ ބުނީ ސްކައިރޮކް ބޭންޑަށް އެ ދެ ލަވަ ވިޔަފާރި ކުރަން ދިނީ އޭނާ ކަމަށާއި ކޮޕީ ރައިޓްސް ގާނޫނުގައި އޮތް އެއްޗެއް ރަނގަޅަށް ނުބަލާ އެގޮތަށް ސްކައިރޮކްއަށް އިންޒާރު ދިނުމަކީ ވަރަށް ވެސް ދަށުދަރަޖައިގެ ކަމެއް ކަމަށެވެ.
އެ މައްސަލާގައި ހަރުބީން ކޯޓަށް ދަންޏާ ދާންވާނީ ވެސް އޭނާ ގޮވައިގެން ކަމަށާއި ކޯޓަށް ހަރުބީ ދާނަމަ ޖަވާބުދާރީވާން ތައްޔާރަށް ހުރި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ހަރުބީން އެ ބަޔާން ނެރެފައި މިވަނީ ސްކައިރޮކް ބޭންޑުން އެ ދެ ލަވަ ހިމެނޭ އެ ބޭންޑުގެ "ސަމުގާ" އަލްބަމް މިއަދު ބާޒާރަށް ނެރުމަށް ތައްޔާރުވެފައި ވަނިކޮށެވެ.



advertisment