Support Us

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ (ކ) އަދި އިދިކޮޅު ކެންޑިޑޭޓް އެޑްމުންޑޯ އުއްރޫޓިއާ

ވެނެޒުއޭލާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ކާކުކަން އޮޅުންއަރައިފި

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ވެނެޒުއޭލާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ކާކުކަމާމެދު މިއަދު އޮޅުންއަރައިފިއެވެ.

ދުނިޔޭގެ ތެލުގެ އިގުތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ވެނެޒުއޭލާގެ އިންތިހާބުތަކާބެހޭ އިދާރާ ކަމަށްވާ ނެޝަނަލް އިލެކްޓޯރަލް ކައުންސިލް (އެން.އައި.ސީ)އިން ބުނީ މިހާތަނަށް 80 ޕަސެންޓް ވޯޓުފޮށި ގުނައިފިކަމަށެވެ.

ރައީސް އަދި ޔުނައިޓެޑް ސޯޝަލިސްޓް ޕާޓީގެ ކެންޑިޑޭޓު ނިކޮލަސް މަޑޫރޯ ވިދާޅުވީ ވޯޓުގެ 51 ޕަސެންޓް ލިބިވަޑައިގެން އިންތިހާބު އޭނާއަށް ކާމިޔާބުކުރެއްވިއްޖެކަމަށެވެ. ނަމަވެސް އަނެއްކޮޅުން އިދިކޮޅު ޑިމޮކްރެޓިކް ޔުނިޓަރީ ޕްލެޓްފޯމް(ޑީ.ޔޫ.ޕީ)ގެ ކެންޑިޑޭޓް އެޑްމުންޑޯ އުއްރޫޓިއާ ވިދާޅުވީ އޭނާއަށް 70 ޕަސެންޓް ވޯޓު ލިބިވަޑައިގަތްފައިވާ ކަމަށާއި ނިކޮލަސްއަށް ލިބިވަޑައިގަތީ 30 ޕަސެންޓް ވޯޓު ކަމަށެވެ. ނިކޮލަސް ވިދާޅުވީ އެޑްމުންޑޯއަށް ލިބިވަޑައިގަތީ 44 ޕަސެންޓް ވޯޓުކަމަށެވެ.

އެމެރިކާ އާއި ވެނެޒުއޭލާގެ އަވަށްޓެރި ގައުމުތަކުން ބުނީ ނިކޮލަސްއަށް އިންތިހާބު ކާމިޔާބު ކުރެއްވުނު ކަމާމެދު ޝައްކުކުރާކަމަށެވެ.

"އަހަރެމެންނަށް ކާމިޔާބު ލިބުނީ. އެންމެނަށް ވެސް މި ކަން އެނގޭ. މި ހަގީގަތް އަހަރެމެން ދިފާއުކުރާނަން. މުޅި ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް އެނގޭ ވެނެޒުއޭލާގެ ކަންތައް މިދިޔަ ގޮތް. ބަދަލަކަށް ރައްޔިތުން ވޯޓު ދިންކަން،" ޑީ.ޔޫ.ޕީ.ގެ ޒައީމް މަރީއާ މަޗާޑޯ ވިދާޅުވިއެވެ.

އެޑްމުންޑޯ ވިދާޅުވީ އިންތިހާބުގެ އެތައް ގަވައިދުތަކެއް ސަރުކާރުން މުގުރައިލައިފައިވާ ކަމަށެވެ.

ނިކޮލަސްއަށް އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ނަމަ އޭނާ ހޮވިވަޑައިގަންނަވާނީ ތިން ވަނަ ދައުރަކަށެވެ. ދައުރެއްގެ ދިގުމިނަކީ ހަ އަހަރެވެ. ކުރީގެ ރައީސް ހޫގޯ ޗާވޭޒް 2013 ގައި އަވަހާރަވީއްސުރެ ވެރިކަމުގައި ހުންނެވީ ނިކޮލަސްއެވެ.

ވެނެޒުއޭލާގެ ރިޔާސީ އިންތިހާބު މި ދިމާވީ ފަހުގެ ތާރީހެއްގައި ގައުމެއް ވެއްޓޭނެ އެންމެ ފުން އިގުތިސާދީ އަނދަވަޅަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ. ނިކޮލަސް މި މައްސަލައިގެ ޒިންމާ އަޅުއްވަނީ ބޭރު ގައުމުތަކުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށެވެ.

"ވެނެޒުއޭލާއަކީ އިގުތިސާދީ ހަނގުރާމައެއްގެ ޝިކާރައަކަށްވެފައިވާ ގައުމެއް،" ނިކޮލަސް ވިދާޅުވިއެވެ.

މަރީއާ ވިދާޅުވީ އެޑްމުންޑޯއަށް އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ ވެނެޒުއޭލާގައި އަލުން ޑިމޮކްރެސީ ގާއިމުކުރައްވައި، އިގުތިސާދު އަލުން އާރާސްތު ކުރައްވަން ފަށްޓަވާނެ ކަމަށެވެ.

މުޅި އިންތިހާބުގައި ވެސް އިދިކޮޅު ޕާޓީއަށް އިންސާފުގެ މަގުން ނުދެވޭނެ ކަމަށް މާކުރިން ވެސް އޮތީ ބެލެވިފައެވެ. ސަބަބަކީ ސުޕްރީމް ކޯޓު ހިމެނޭހެން ގައުމުގެ ހުރިހާ މުއައްސަސާތަކުގައި އޮތީ ނިކޮލަސްގެ ނުފޫޒުކަމަށްވާތީއެވެ. އިންތިހާބުގައި ވޯޓު އޮޅުވައިލައިފި ކަމުގެ ތުހުމަތުކޮށްފި ނަމަ އާހިރު ނަތީޖާ ނިންމާނީ ވެސް ނިކޮލަސްގެ ނުފޫޒު އޮތް ސުޕްރީމް ކޯޓުންނެވެ. މީގެ ކުރީގެ އިންތިހާބުތަކުގައި ވެސް ނިކޮލަސްގެ ސަރުކާރުން އިންތިހާބުގައި މަކަރު ހަދައިފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް އޭނާގެ ސަރުކާރުން މި ކަމާ ދެކޮޅު ހަދައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *