އިންޑިއާގައި އެންމެ ގިނަ ފަސިންޖަރުން އުފުލާ އެންމެ އަގުހެޔޮ އެއާލައިން ކަމަށްވާ އިންޑިގޯގެ ފްލައިޓްތަކުގައި އަންހެނުންނާއި ފިރިހެނުން ވަކިން ތިބެވޭނެ ގޮތަށް ހަމަޖައްސަން ނިންމައިފިއެވެ.
އިންޑިއާގެ އެތެރޭގެ އުދުހުންތަކުގެ 61.6 ޕަސެންޓް ހިއްސާ އޮންނަ އިންޑިގޯއިން ބުނީ އަންނަ މަހުން ފެށިގެން މި ގޮތަށް ހަދަން ނިންމީ "އަންހެން ފަސިންޖަރުންނަށް އަރާމުކަމާއެކު ހިތްހަމަޖެހިލައިގެން ދަތުރުކޮށްލަން މަގުފަހިކުރުމަށް" ކަމަށެވެ.
އިންޑިގޯ ހިންގާ އިންޓަގްލޯބް އޭވިއޭޝަން ކުންފުނިން ބުނީ ފިރިހެނުން ކައިރީގައި އިށީންނަން ބޭނުންނުވާ އަންހެނުންނަށް އެ ގޮތަށް ފުރުސަތު ދޭން ނިންމި މިއީ ފުރަތަމަ އެއާލައިން ކަމަށެވެ.
ދުނިޔޭގެ ވައިގެ މަގުން ދަތުރުފަތުރުކުރާ ސިނާއަތަށް އިންޑިގޯއިން އަލަށް ތައާރަފު ކުރި މި ނިޒާމުގައި ޓިކެޓް ނަގާ އަންހެނުންނަށް ކުރިން ސީޓު ނަގައިފައިވާ ފިރިހެނުންގެ މައުލޫމާތު ދެއެވެ. އަދި އަންހެން މީހާ ބޭނުމީ އެހެން އަންހެނެއްގެ ކައިރިން ސީޓު ނަގަން ކަމަށް ވާ ނަމަ އެ ފުރުސަތު ދެއެވެ.
ފިރިހެނުންނަށް މި ފުރުސަތެއް ނުދެއެވެ. ފިރިހެނުންނަށް ދައްކައިލަދެނީ އެ މީހުންނަށް ނެގިދާނެ ހުސްކޮށް ހުރި ސީޓުތަކެވެ.
އިންޑިގޯގެ ހުރިހާ ފްލައިޓެއްގައި މި އިންތިޒާމު ހަމަޖައްސަން ނިންމައިފައިވެއެވެ. މިހާރު ކޮންމެ ދުވަހަކު އެތެރެ އާއި ބައިނަލްއަގުވާމީ ފްލައިޓްތަކުގައި 2،000 މަންޒިލަށް އިންޑިގޯއިން ދަތުރުކުރެއެވެ.
އަންނަ މަހުން ފެށިގެން ޗެކް-އިން ކުރާ އަންހެނުންނަށް އިންޑިގޯގެ ކޮމްޕިއުޓަރު ސްކްރީނުން އެ އަންހެނަކު ދަތުރުކުރާ ފްލައިޓްގެ ސީޓުތައް ހުރި ޗާޓެއް ދައްކާނެއެވެ. އޭގައި އަންހެން ފަސިންޖަރުން އެހާތަނަށް ނަގައިފައިވާ ސީޓުތައް ފިޔާތޮށި ކުލައިގައި ފާހަގަކޮށްފައިވާނެ ކަމަށް ވެސް އިންޑިގޯއިން ބުންޏެވެ.
އެ އެއާލައިނުން ބުނީ މި ސިޔާސަތު ތައާރަފުކުރަން ނިންމީ އަންހެން ފަސިންޖަރުންގެ މެދުގައި ކުރިން ހެދި ދިރާސާއެއްގެ ނަތީޖާއަށް ބަލައިފައި ކަމަށެވެ.
"އެހެން އެއާލައިންތަކުން ނުދޭ ދަތުރުފަތުރުގެ ތަޖުރިބާއެއް އަހަރެމެންގެ ހުރިހާ ފަސިންޖަރުންނަށް ދޭން ބޭނުން. މި ފިޔަވަޅަކީ މި ކަހަލަ އެތައް ފިޔަވަޅެއްގެ ތެރެއިން އެއް ފިޔަވަޅު،" އިންޑިގޯއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މިއީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ފުރަތަމަ ފަހަރަށް ތައާރަފުކުރާ މި ކަހަލަ ސިޔާސަތެއް ކަމަށް ވިޔަސް، ރޭލާއި ބަހުގައި ޖިންސު ވަކިން ތިބެވޭނެ ގޮތަށް އިންޑިއާގައި މިހާރު ވެސް އިންތިޒާމުތައް ހަމަޖައްސައިފައިވެއެވެ.
އިނގިރޭސި ވިލާތުގެ ބްރިޓިޝް އެއާވޭޒް އެއާލައިނާ ކޯޑްޝެއާކުރާ އިންޑިގޯއިން އަންނަ މަހު އެ އެއާލައިންގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރާނެއެވެ.



advertisment
One Response
ތިޔަށްވުރެ މާ ރަނގަޅުވާނެ މުމްބާއީގަ ޑޮމެސްޓިކުން އިންޓަނެޝަނަލް އަށް ދަތުރުކުރާ ވީލްޗެއާ ފަސިންޖަރުންނާ އަޅާލިއްޔާ. މިހާރު ހަދާ ގޮތުން ވާ ގޮތަކީ ވީލްޗެއާ ދުއްވަން ތިބޭ މީހުންގެ ޓީޝާޓު ބުރަކަށީގަ "ފްރީ ސަރވިސް" ޖަހާފަ، ޓިކެޓު ނަގާއިރު ވީލްޗެއާ އަށް ލާރިނަގާފަ، ފަސިންޖަރު މުމްބާއީއަށް ދިޔައިމަ ވީލްޗެއަރ ހިފައިގެން ތިބޭ މީހުން ފަސިންޖަރުން އަތުން ޑޮލަރު ފޭރެނީ !!!!! ޝޭމް އޮން ޔޫ އިންޑިގޯ! މިގަނޑު ގަންނަން އުޅެން ހަދައިގެން މީހުން މަރުވެފަ ވެސް އެބަ ތިބި. https://timesofindia.indiatimes.com/city/bengaluru/passengers-death-court-orders-kia-indigo-to-pay-12-1l-to-family/articleshow/100263770.cms
https://www.nzherald.co.nz/travel/80-year-old-dies-at-mumbai-airport-due-to-wheelchair-shortage/HZJ35ECF4BHFPDVDBLCBETS2ZE/