Support Us

މައިކްރޮސޮފްޓްގެ ހިދުމަތް މެދުކެނޑުމުން އިއްޔެ 7،000 ފްލައިޓް ކެންސަލްކޮށްފައިވޭ

މައިކްރޮސޮފްޓްގެ ހިދުމަތަށް ބުރޫއެރުމުން އެތައް ސިނާއަތްތަކެއް ހުއްޓުމަކަށް

ސައިބަރ ރައްކާތެރިކަން ބަލަހައްޓާ ސޮފްޓްވެއާ ކުންފުނި ކްރައުޑްސްޓްރައިކުން ފޯރުކޮށްދިން އަޕްޑޭޓެއްގައި މައްސަލައެއް އުޅުމުން މައިކްރޮސޮފްޓްގެ އުފެއްދުންތައް ބޭނުންކުރާ ސިނާއަތްތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.

ބޭންކްތަކާއި ހޮސްޕިޓަލްތަކާއި އެމަޖެންސީ ހޮޓްލައިންތަކަށް އިއްޔެ ވަނީ މައްސަލަޖެހިފައެވެ. މީގެ އިތުރުން ފްލައިޓްތައް ފުރުވައިނުލެވުމާއި އާއްމު ދަތުރުފަތުރުގެ ދާއިރާތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މައިކްރޮސޮފްޓްގެ ގިނަ ސިސްޓަމްތައް އަލުން ހަމައަކަށް އެޅުވުމަށް ރަނގަޅު އަޕްޑޭޓެއް ފޯރުކޮށްދިން ނަމަވެސް އެ ކުންފުނިން އަދި ކްރައުޑްސްޓްރައިކުން ބުނީ މާދަމާއާ ހަމައަށް ވެސް މައްސަލަތައް ކުރިއަށްދިއުން އެކަށީގެންވާ ކަމަށެވެ.

"މިއީ ސަލާމަތީ މައްސަލައެއް ނުވަތަ ހެކް ކުރުން ކަހަލަ ކަމެއް ނޫން،" ކްރައުޑްސްޓްރައިކުން ބުންޏެވެ.

މައިކްރޮސޮފްޓުން ބުނީ މި ކަމުގެ އަސްލު މައްސަލަ މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.

"މި ކުންފުނީގެ 365 އެޕާއި އެހެނިހެން ހިދުމަތްތަކަށް ދިމާވި މައްސަލަތައް މިހާރު ވަނީ ރަނގަޅު ކުރެވިފައި،" މައިކްރޮސޮފްޓުން ބުންޏެވެ.

ކްރައުޑްސްޓްރައިކަކީ "ފޯޗުން 500″ ލިސްޓްގައިވާ ކުންފުނިތަކުގެ ތެރެއިން ދެބައިކުޅައެއްބަޔަށްވުރެ ގިނަ ކުންފުންޏަށް ހިދުމަތް ދޭ ކުންފުންޏެކެވެ.

މައިކްރޮސޮފްޓަށް މައްސަލަ ދިމާވުމުން އިއްޔެ ވަނީ އިނގިރޭސި ވިލާތުގެ ލަންޑަން ސްޓޮކް އެކްސްޗޭންޖާއި އެ ގައުމުގެ ރޭލު ދަތުރުފަތުރު ހުއްޓުމަކަށް އައިސްފައެވެ. މީގެ އިތުރުން އެ ގައުމުގެ ސްކައި ނިއުސް ބްރޯޑްކާސްޓް ކުރުމަށް ހުރަސްއެޅުނެވެ.

އިއްޔެ މައްސަލަތައް ދިމާވި އިތުރު ފަރާތްތަކުގެ ތެރޭގައި ޔޫރަޕާއި އެމެރިކާގެ ބައެއް ސިއްހީ މަރުކަޒުތައް ހިމެނެއެވެ. އަދި ޔޫރަޕްގެ އިތުރުން ސިންގަޕޫރާއި ހޮންގްކޮންގާއި އިންޑިއާގެ އެއާޕޯޓްތަކުގެ ހިންގުންވަނީ ހުއްޓުމަކަށް ގެނެސްފައެވެ.

"ކިއުތައް ވަރަށް ދިގުދެމިގެން ގޮސްފައިވޭ،" އެމެރިކާގެ ނިއު ޔޯކަށް އޮތް ފްލައިޓް އިއްޔެ ހެދުނު ކެންސަލުވުމުން ފަސިންޖަރެއް ކަމަށްވާ އުމުރުން 31 އަހަރުގެ ޗޭންސް އޮރްޓޭގޯ ބުންޏެވެ.

އެމެރިކާގައި ކެންސަލްކުރި ފްލައިޓްތަކުގެ ތެރޭގައި އެމެރިކަން އެއާލައިންސް، ޑެލްޓާ އެއާލައިންސް އަދި ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓްތައް ހިމެނެއެވެ. އެ ގޮތުން މުޅިއެކު 2،000 ފްލައިޓް އެމެރިކާގައި ކެންސަލްކޮށްފައިވެއެވެ. އެހެން ގައުމުތަކަށް ބަލާއިރު އިއްޔެ މެންދުރު ފަހު 3.00 އާހަމައަށް 5،000 ފްލައިޓްވަނީ ކެންސަލްކޮށްފައެވެ.

ތަންކޮޅެއް އާދައިގެ ސިނާއަތްތަކަށް ބަލާއިރު ކްރިސްޕީ ކްރީމްގެ ޑޯނަޓް ހިދުމަތާއި ސްޓާބަކްސްގެ ކޮފީގެ ހިދުމަތަށް ވަނީ ބުރޫއަރައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް