Support Us

އުންޑަ އެރި ކަންފަތުގައި ބެންޑޭޖް އަޅުއްވައިގެން ޓްރަމްޕް އިއްޔެގެ ޕާޓީ ބައްދަލުވުމުގައި

ހަމަލާއަށް ފަހު ޓްރަމްޕްގެ ފުރަތަމަ ފެނިލުން

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ހޮނިހިރު ދުވަހު ދިން ބަޑީގެ ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް އާއްމު ތަނަކުން ފެނިލައިފިއެވެ.

އޭނާގެ ޕާޓީ ރިޕަބްލިކަންގެ ގައުމީ ކޮންގްރެސްގައި އިއްޔެ ބައިވެރިވެވަޑައިގެންނެވި ނަމަވެސް ސަޕޯޓަރުންނާ މުހާތަބުކުރައްވާ ވާހަކައެއް ނުދައްކަވައެވެ.

ޓްރަމްޕް ހުންނެވީ ޒަހަމްވީ ކަނާތު ކަންފަތުގައި ބެންޑޭޖް އަޅުއްވައިގެންނެވެ. އެއީ ޕެންސިލްވޭނިއާ ސްޓޭޓްގައި ބޭއްވި ކެމްޕޭން ރެލީގައި ވަޒަނުން ޒަހަމްވި ގުނަވަނެވެ.

އެއްވެފައި ތިބި ސަޕޯޓަރުންގެ ފަރާތުން ޓްރަމްޕަށް މަރުހަބާ ދެންނެވީ ބަތަލެއްގެ ސިފައިގައެވެ. ޕާޓީގެ މެންބަރުން ކޮޅަށް ތެދުވެ ޓްރަމްޕަށް ތާއީދުގެ ބަސްތައް އޮއްސަމުން ދިޔައެވެ.

މި ރެލީ އޮތް ސްޓޭޑިއަމްގައި އެ ވަގުތު ޖަހައިފައިވަނީ ލީ ގްރީންވުޑްގެ ލަވައެކެވެ. އެއީ "ގޯޑް ބްލެސް ދަ ޔޫ.އެސް.އޭ" ނުވަތަ "މާތްކަލާނގެ އެމެރިކާއަށް ރަހުމަތްލައްވާށި" މި ލަވައެވެ.

ޓްރަމްޕްގެ މޫނުމަތިން ފެނުނީ ވަރަށް ފުން އަސަރުކޮށްފައިވާ މަންޒަރެވެ. ނަމަވެސް ހިނިތުންވެލައިފައި ސަޕޯޓަރުންނާ ދިމާއަށް ސަލާމުގެ އިޝާރާތެއް އަތުން ކުރެއްވިއެވެ.

ޓްރަމްޕަށް ހަމަލާ އެރުމުން އޭނާވަނީ އަތްމުށްކަވައިފައި ހިތްވަރު ނުގެއްލޭކަމުގެ އިޝާރާތްކުރައްވައިފައެވެ. އިއްޔެ ޓްރަމްޕަށް މަރުހަބާ ކިޔަމުން ސަޕޯޓަރުން ވެސް ވަނީ މި ގޮތަށް އަތުން އިޝާރާތްކުރުމުގެ އިތުރުން "ފައިޓް"އޭ ގޮވައިލައިފައެވެ. މާނައަކީ "ދެކޮޅު" ހަދާށެވެ.

ސަޕޯޓަރުންނާ ދިމާއަށް އިރުކޮޅަކު ހުއްޓިވަޑައިގަތުމަށް ފަހު ޓްރަމްޕް ދެން ވަނީ ވީ.އައި.ޕީ ގޮޅީގައި އިށީނދެވަޑައިގަންފައެވެ. އެއީ އޭނާގެ ބޭފުޅުންނާއެކުއެވެ. އަދި އޭގެ އިތުރުން ޓްރަމްޕްގެ ގާތުގައި ޖޭމްސް ޑޭވިޑް ވޭންސް އިށީނދެވަޑައިގަތެވެ. އޭނާއަކީ ޓްރަމްޕްގެ ރަނިންމޭޓް ކަމަށް ޓްރަމްޕް އިއްޔެ ހަމަޖެއްސެވި މީހާއެވެ. ވޭންސްއަކީ ގާނޫނު ހަދާ މަޖިލީހުގައި އޮހަޔޯ ސްޓޭޓް ތަމްސީލު ކުރައްވާ މެންބަރެވެ.

އަންނަ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ޓިކެޓް ރިޕަބްލިކަން ޕާޓީން ޓްރަމްޕަށް އަރުވަން ހަމަޖައްސައިފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ޓްރަމްޕަށް ހަމަލާ ދިނުމަށް ހިތްވަރު ލިބުނީ ރައީސް ޖޯ ބައިޑަން އާއި އޭނާގެ ޑިމޮކްރެޓިކް ޕާޓީން ޓްރަމްޕާ ދެކޮޅަށް ނަފުރަތުގެ ވާހަކަތައް ދައްކާތީ ކަމަށް ވޭންސް އާއި ރިޕަބްލިކަން ޕާޓީގެ މެންބަރުން ބުންޏެވެ. އެ ގޮތުން ޓްރަމްޕަކީ އެމެރިކާގެ ޑިމޮކްރެސީއަށް އޮތް ބިރެއް ކަމަށް ބައިޑަން އާއި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ބުނާތީ އެ ވާހަކަ ވަނީ ކުށްވެރިކޮށްފައެވެ.

ނަމަވެސް ބައިޑަން މި ތުހުމަތުތަކާ ދެކޮޅު ހެއްދެވިއެވެ.

"ޓްރަމްޕް ދައްކަވާ ވާހަކަތަކުގެ ޒާތުން އޭނާއަކީ ޑިމޮކްރެސީއަށް އޮތް ބިރެއް ނޫން ކަމަށް ބުނާނީ ކިހިނެތް؟ މީހެއްގެ ހިތުގައި ޓްރަމްޕަށް ނަފުރަތު އުފެދިދާނެތީއޭ ކިޔާފައި އަހަރެމެން މަޑުން ތިބެންވީތަ؟" އެން.ބީ.ސީ ނިއުސްއަށް ބައިޑަން ވިދާޅުވިއެވެ.

ޓްރަމްޕަށް ދިން ހަމަލާގެ އަސްލު އަސަރު އަދި ބުނަން ނޭނގޭ ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ. ނަމަވެސް އޭނާއަށް ލިބޭ ހަމްދަރުދީގެ ވޯޓުތަކުގެ ސަބަބުން އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވަފާނެ ކަމަށް ބެލެވޭ ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ.

ހިޔާލު ހޯދުމުގެ ގިނަ ޕޯލްތަކުން މިހާރު ވެސް ދައްކަނީ ޓްރަމްޕް ބައިޑަންއަށްވުރެ 2.2 ޕަސެންޓް ކުރީގައި އުޅުއްވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *