އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކުށްވެރިކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ "ސިޔާސީ ކަންކަމުގައި އަނިޔާވެރިކަމަށް ޖާގައެއް ނެތް" ކަމަށެވެ.
"ހުރިހާ ތަނެއްގައި ވެސް ހުރިހާ ވައްތަރެއްގެ އަނިޔާވެރިކަން ހަރުކަށި އިބާރާތުން އަޅުގަނޑު ކުށްވެރިން ކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ހަމްދަރުދީ ވަނީ ޓްރަމްޕަށާއި އެ މަނިކުފާނުގެ އާއިލާއަށާއި ޓްރަމްޕްގެ ރެލީގައި ބައިވެރިވި މީހުންގެ ތެރެއިން ޒަހަމްވި ދެ މީހުންގެ އާއިލާއާއެކުގައި ކަމަށެވެ.

އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ވަނީ އިތުރު ދައުރަކަށް ކުރިމަތިލައްވައިފައެވެ. އެ ގޮތުން އަންނަ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް އޭނާ ވަޑައިގަންނަވަނީ ކެމްޕޭން ކުރައްވައި، އެ ކަމާ ގުޅޭ ރެލީތައް އެކި ސްޓޭޓްތަކުގައި ބާއްވަވަމުންނެވެ.
ޕެންސިލްވޭނިއާ ސްޓޭޓްގައި އިއްޔެ ބޭއްވި ރެލީގައި ޓްރަމްޕް އަވަހާރަކޮށްލަން ބަޑިޖެހި މީހާގެ ގަޔަށް ބަޑިޖަހާ އެ މީހާ ވަނީ މަރައިލައިފައި ކަމަށް އެމެރިކާގެ ސިއްރު ސިފައިން ބުންޏެވެ. އަދި ރެލީގައި ބައިވެރިވި މީހުންގެ ތެރެއަށް އެ މީހާ ބަޑިޖެހުމުން ޓްރަމްޕްގެ ސަޕޯޓަރުންގެ ތެރެއިން ދެ މީހުން ވަނީ ޒަހަމްވެފައެވެ.
ބަޑީގެ އުންޑަ އެރީ ޓްރަމްޕްގެ ކަނާތު ކަންފަތުގެ މަތީ ބަޔަށެވެ. މިހެންވެ ކަންފަތުން ފޭބި ލޭ ޓްރަމްޕްގެ މޫނުމަތީގައި ހޭކިފައިވެއެވެ.

ކެމްޕޭން އޮތް ސަރަހައްދު ކައިރީގައިވާ ސިއްހީ މަރުކަޒަކަށް ސިއްރު ސިފައިން ވަނީ ޓްރަމްޕް ގެންގޮސްފައެވެ. އެ ތަނުން ޗެކުކޮށްފައި ބުނީ ޓްރަމްޕްގެ ހާލު ރަނގަޅު ކަމަށެވެ.
ޓްރަމްޕަށް ދިން ހަމަލާއަކީ އޭނާ އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށް ބަލައި، ތަހުގީގު ގެންދަނީ އެ ވިސްނުމުގައި ކަމަށް އެމެރިކާގެ ތަހުގީގީ އިދާރާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި)އިން ބުންޏެވެ.
ޓްރަމްޕަށް ދިން ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ "ސިޔާސީ އަނިޔާވެރިކަމަށް" އެންމެން ވެސް ދެކޮޅުހަދަން ޖެހޭނެ ކަމަށެވެ. ހަމަލާގެ ފަހުން ބައިޑަން ވަނީ ޓްރަމްޕަށް ގުޅުއްވައި، ޓްރަމްޕާ ވާހަކަދައްކަވައިފައެވެ.



advertisment