Support Us

ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯ އިން އާ ފާމަސީއެއް ހުޅުވައިފި

ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯ އިން އާ ފާމަސީއެއް ހުޅުވައިފިއެވެ.

ރޭ ބޭއްވި ރަސްމީއްޔާތެއްގައި މި ފާމަސީ ހުޅުވައިދެއްވީ އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރެވެ. މި ރަސްމީއްޔާތުގައި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވި އެސްޓީއޯގެ އައު ފާމަސީއަކީ "އެހެން ފާމަސީތަކާ ތަފާތުކޮށް ޒަމާނީ ކޮންސެޕްޓަކަށް ތައްޔާރު ކޮށްފައިވާ ފާމަސީއެއް" ކަމަށް އެސް.ޓީ.އޯ އިން ބުނެއެވެ.

"މިހެންކަމުން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ބޭހާއި ހޮސްޕިޓަލު އަދި ގޭގައި ބޭނުންކުރެވޭނެމެޑިކަލް އިކިއުޕްމެންޓްސްގެ އިތުރުން ޕަރސަނަލް ކެއަރ ރޭންޖްގެ ވަރަށް ގިނަ ތަކެތި ލިބިލައްވާނެ," އެސް.ޓީ.އޯގެ ބަޔާނެއްގައި ވެއެވެ.

"މި ފާމަސީއާއެކު ދަރުމަވަންތަ އަދި އައިޖީއެމްއެޗް ހޮސްޕިޓަލަށް ހިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބޭނެ. އެއީ ހޮސްޕިޓަލުގެ ގޯތިތެރޭގައި އިންޕޭޝަންޓުންނަށް ވަރަށް ބޭނުންތެރި ގިނަ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައިހުންނާނެތީވެ."