އައްޑޫ ސިޓީއަށް ދާއިމީ ގޮތެއްގައި އިންޑިއާގެ ބޯޓުފަހަރުގައި ޕެރިޝަބަލް ކާގޯ ގެންނަން ފަށައިފިއެވެ. އަދި ހިތަދޫ ޕޯޓުގެ ޚިދުމަތްތަކާ ގުޅޭގޮތުން އައްޑޫ ސިޓީގެ ބައެއް ވިޔަފާރިވެރިންނާއި ވިޔަފާރި ކުންފުނިތަކުގެ އިސް ފަރާތްތަކާއި އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިއްޔެ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
އައްޑޫ ސިޓީއަށް ޕެރިޝަބަލް މުދާ ދާއިމީ ގޮތެއްގައި ގެނައުމަށް އެމް.ޕީ.އެލް އާއި ހިތަދޫ ޕޯޓުން ކުރި މަސައްކަތުން، އިންޑިއާގެ ފައިނެސް ގުރޫޕު މެދުވެރިކޮށް ޓުޓިކޮރިން އިން ފުރައިގެން ދަގަނޑު ބޯޓެއް ރޭގެ ވަގުތެއްގައި ވަނީ ހިތަދުއަށް ބަނދަރުކޮށްފައެވެ.
އައްޑޫގެ ވިޔަފާރިވެރިންނާއި ވިޔަފާރި ކުންފުނިތަކުގެ އިސްވެރިންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ސީ.އީ.އޯ ވަޖީހް ވިދާޅުވީ ޓުޓިކޮރިން އިން ދާއިމީ ގޮތެއްގައި އައްޑޫއަށް ދަތުރުތައް ކުރިއަށް ގެންދިއުމަށް، ވިޔަފާރިވެރިންގެ އެއްބާރުލުން ލިބުން މުހިންމު ކަމަށެވެ. އަދި ވިޔަފާރިވެރިންގެ އެއްބާރުލުން ނުލިބި މި ދަތުރުތައް މެދުކެނޑުމެއް ނެތި ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައްވެސް ވަޖީހު ސާފުކުރެއްވިއެވެ.

"އަޅުގަނޑުމެންނަކީ މެދުވެރިން. އަޅުގަނޑުމެން ބޭނުންވަނީ ހިތަދޫ ޕޯޓަށް އަންނަ ބޯޓުފަހަރު އިތުރުކުރުން. އޭރުން ހިތަދޫ ޕޯޓުގެ އާމްދަނީވެސް އިތުރުވެ، ކުރިއެރުން ލިބޭނީ. މިއީ އައްޑޫގެ ވިޔަފާރިވެރިންވެސް ބޭނުންވާ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލްކުރެވޭ،" ވަޖީހް ވިދާޅުވިއެވެ. "މި ދަތުރުތައް ކުރެވޭނީ ޑިމާންޑެއް އޮވެގެން. ވިޔަފާރިވެރިންގެ އެއްބާރުލުން ނުލިބި މި ޚިދުމަތް މެދުނުކެނޑި ކުރިއަކަށް ނުގެންދެވޭނެ."
މި ބައްދަލުވުމުގައި ބައިވެރިވި ބައެއް ވިޔަފާރިވެރިން ވަނީ މުދާ ގެނައުމުގައި މި ވަގުތު އެ ފަރާތްތަކަށް ދިމާވާ ދަތިތައް ހިއްސާކޮށް، މިކަން ކުރިއަށް ގެންދެވޭނެ ގޮތްތަކާމެދު އެ ފަރާތްތަކުގެ ހިޔާލުފާޅުކޮށްފައެވެ.
މީގެ އިތުރުން، އެމް.ޕީ.އެލްގެ މިހާރު މެނޭޖްމަންޓް ހަވާލުވި ފަހުން ހިތަދޫ ޕޯޓުން ޚިދުމަތް ހޯދުމުގައި ލިބިފައިވާ ފަސޭހަކަމާއި، މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ބައެއް ވިޔަފާރިވެރިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އައްޑޫ ސިޓީގެ އިޤްތިސާދު ކުރިއަރުވައި، އިޤްތިސާދީ ހަރަކާތްތައް އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



advertisment

