ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢުގައި ހިމެނޭ، މާލޭ ޓްރާންސްފަރ ޕަމްޕް ސްޓޭޝަން ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ގެ "ވޯޓަރ ސެކިއުރިޓި ޕްލޭން"ގެ ދަށުން، މާލޭގެ ޓްރާންސްފަރ ޕަމްޕް ސްޓޭޝަން ޤާއިމްކުރެވެނީ ރައީސުލްޖުމްހޫރިޔާގެ އޮފީހުގެ ނާރސަރީގެ މަސައްކަތް ކުރިން ކުރަމުން އައި މާލޭގެ 64 ނަމްބަރ ކޮށީގައެވެ. މި މަސައްކަތް ނިންމާލުމަށް ތާވަލު ކުރެވިފައިވަނީ މި އަހަރުގެ ނިޔަލަށެވެ. މި މަސައްކަތަށް ޖުމްލަ 3.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ކުރެއެވެ.
ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢަކީ 2016 ވަނަ އަހަރު ފެށުމަށްފަހު އެކި ސަބަބުތަކާ ހުރެ މިހާތަނަށް މަޑުޖެހިފައި އޮތް މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް އަލުން ފަށައިގަނެ މާލޭގެ ޕަމްޕް ސްޓޭޝަންގެ މަސައްކަތް ނިމުމާއެކު ސިނަމާލެ ބްރިޖްމަތީގައި އަޅާފައިވާ ހޮޅި މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވާލެވޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ. އަދި މި ކަމުގެ ސަބަބުން މާލޭ ސަރަޙައްދުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ފޯރުކޮށްދޭ ސާފު ބޯފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުވެގެން ދާނެ ކަމަށް ވެސް އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ.

މާލޭގައި ޤާއިމްކުރެވޭ މި ޕަމްޕް ސްޓޭޝަންގެ އިތުރުން މި މަޝްރޫޢުގައި ހިމެނޭ އެހެން ބައިތަކަކީ ސިނަމާލެ ބްރިޖް މަތީގައި އަޅާފައިވާ 22.5 ކިލޯ މީޓަރު ދިގު ހޮޅިލައިން އާއި، ހުޅުމާލޭގައި ޤާއިމް ކުރެވޭ ޓްރާންސްފަރ ޕަމްޕް ސްޓޭޝަނެވެ. މީގެ ތެރެއިން، ބްރިޖް މެދުވެރިކޮށް ހޮޅި ލައިން އެޅުމާއި، ޕްރެޝަރ ޓެސްޓްކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ މަސައްކަތްތައްވެސް ވަނީ ފެށިފައެވެ.
ހުޅުމާލެ އާއި މާލޭގެ ފެނުގެވިޔުގަ ގުޅާލުމުގެ މަޝްރޫޢު މުޅިން ނިމި ޚިދުމަތަށް ގެނައުމަށް އަމާޒު ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ. މި މަޝްރޫޢު ނިމުމުން، ބޭނުންވެއްޖެ ހާލަތެއްގައި، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ގަޑިއަކު 800 ޓަނުގެ ފެން ޕަމްޕުކުރުމުގެ ގާބިލްކަން އެމްޑަބްލިޔުއެސްސީ އަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
"މިއީ މާލޭގައި ފެން އުފެއްދުމާއި ފެން ރައްކާކުރުމާއި ފެން ފޯރުކޮށްދިނުމުގެ ޤާބިލްކަން އިތުރުކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެމް.ޑަބްލިޔު.އެސް.ސީން ފަށާފައިވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނުގައިވެއެވެ.



advertisment

