Support Us

ޝަރީޢާގެ ނަޒަރުން އިންސާނީ މަޞްލަޙަތު ޙިމާޔަތްކުރުން

އިސްލާމީ ޝަރީޢާގެ މަޤުޞަދަކީ ކޮބައިތޯއެވެ؟ ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ (ރަޙިމަހުﷲ) ލިޔުއްވައިފައިވެއެވެ.  "އިސްލާމީ ޝަރީޢާގެ މަޤްޞަދަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން އިންސާނާއަށް ހޯދައިދިނުމެވެ. އެހެންކަމުން މި ޝަރީޢާ އައިސްފައި ވަނީ އިންސާނާގެ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށެވެ. ދުނިޔެމަތީގައި އިންސާނާއަށް ހިތްހަމަޖެހުމާއި ފައިދާއާއި ލާބަހުރި އެންމެހައި ކަންކަމަށް މަގުފަހިކޮށްދިނުމާއެކު، ގެއްލުން ހުރި އެންމެހައި ކަންތައްތަކުން އިންސާނާ ސަލާމަތް ކޮށްދިނުމަށެވެ." މި އަސާސްގެ މައްޗަށް ރިޢާޔަތްކޮށް އެއްޗެއް ދަންނަވާނަމަ މުޅި އިސްލާމީ ޝަރީޢާގެ މައިގަނޑު މަޤްޞަދަކީ އިންސާނީ މަޞްލަޙަތުތައް ޙިމާޔަތްކުރުން ކަން އެއްވެސް އޮޅުމެއް ނެތި ހާމަވެއެވެ.

އެހެންކަމުން މަޞްލަޙަތަކީ ކޮބައިކަން ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މަޞްލަޙަތަކީ އެންމެ ސާދާކޮށް ދަންނަވާނަމަ އެއީ އެންމެ ލާބަހުރި ގޮތެވެ. ނުވަތަ ފައިދާހުރި ގޮތެވެ. ނުވަތަ ބޭނުންވާ ގޮތެވެ. ޝައުޤުހުރި ގޮތެވެ. އިނގިރޭސިބަހުން މި ލަފުޒުގެ މާނައެއް ކަމަށް ބުނަނީ interest ނުވަތަ benefit ކަމުގައެވެ. އަނެއް މާނައަކީ peace  އެވެ. އަމާންކަމެވެ. މިއިން ކޮންމެ މާނައަކީވެސް ޙަލަތަށް (ކޮންޓެކްސްޓަށް) ބަލައިގެން ކުރެވޭނެ މާނައެވެ. މުޅި އިސްލާމީ ޝަރީޢާ ބާވައިލެއްވީ ހިތްތަކުގެ ބަލިތަކަށް ތެދު މަގެއް ކަމުގައްޔާއި މުއުމިނުންނަށް ތެދުމަގާއި ރަޙުމަތެއްކަމުގައެވެ "يَا أَيُّهَا النَّاسُ قَدْ جَاءتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ".  (سورة يونس 57) އެހެންކަމުން އިސްލާމީ ޝަރީޢާ ބިނާވެފައިވަނީ އިންސާނީ މަޞްލަޙަތުގެ މައްޗަށްކަމާ މެދަކު ޝައްކެއް ނެތެވެ.

"މަޞްލަޙަތު" މި ލަފުޒަކީ ދިވެހި މުޖްތަމަޢުގައި ނުވަތަ ދިވެހި އަދަބިއްޔާތުގައި ކިތަންމެ ގިނައިން ބޭނުންކުރާ ލަފުޒެއް ނަމަވެސް މި ލަފުޒަށް އަދި ދިވެހި ބަސްފޮތުން ޖާގަ ލިބިފައެއް ނެތެވެ. އެހެންކަމުން އެ ލަފުޒުގެ މާނަ ދެނެގަތުމަށް ރުޖޫޢަވާންޖެހީ އެހެން ފޮތްތަކަށެވެ. ޢަރަބި-އިނގިރޭސި ޑިކްޝަނަރީތަކުގައި މި ލަފުޒު މާނަކޮށްފައި ހުންނަނީ ކުރީން ވެސް ދެނެނެވި ފަދައިން ފައިދާ ހުރި ގޮތްކަމުގައެވެ. އެންމެ ލާބަހުރި ގޮތް ކަމުގައެވެ. ނުވަތަ އެންމެ ބޭނުންވާ ގޮތް ކަމުގައެވެ.  الإمام ابن القيم ވިދާޅުވެފައިވާ ގޮތުގައި މަޞްލަޙަތަކީ ހިތްހަމަޖެހުމާއި ލައްޛަތެވެ. އަދި ނިޢުމަތާއި އުފާވެރިކަމެވެ. އަދި އެފަދަ ކަންކަމަށް މަގުފަހިކޮށްދޭ ކަންކަމެވެ. އާދޭހެވެ! "المصلحة هى اللذّة والنّعيم وما يقضى إليه" އެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ނިޢުމަތާއި އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންނެވެ. ހަމައެކަނި ދުނިޔޭގެ ވަގުތީ އުފާ ލިބުނަސް އެއީ (ޙަޤީޤީ) ހިތްހަމަޖެހުމެއް ކަމަކަށް ނުވާނެ އެވެ. އެހެންކަމުން ޙަޤީޤީ މަޞްލަޙަތަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމެވެ. މަޞްލަޙަތުގެ މުރާދަކީ ދީނާއި ދުނިޔޭގެ މަޞްލަޙަތެވެ.

އިސްލާމީ ޝަރީޢަތުގައި ކަނޑައެޅޭ ކޮންމެ މަޞްލަޙަތެއް ވާންޖެހޭނީ އިސްލާމީ ޝަރީޢަތާ ފުށު ނާރާ، އަދި އިސްލާމް ދީނުގެ އަޞްލުތަކުގެ އަލީގައި ކަނޑައެޅޭ މަޞްލަޙަތަކަށެވެ. މި ގޮތުގެ މަތީން އިސްލާމީ ޝަރީޢަތުގައި މަޞްލަޙަތުތައް 3 ބަޔަކަށް ބަހައިލެވެ އެވެ. އެއީ:-

  • المصلحة المعتبرة:(ނުވަތަ މުޢުތަބަރު މަޞްލަޙަތު): މިއީ ޝަރީޢަތުގެ ހަމަތަކުން ބަލާއިރު މަޞަލަޙަތު ހުރި ކަމެއްކަން ޝަރީޢަތުގެ ދަލީލުތަކުން ސާބިތުވާ ކަންކަމެވެ. މި ކަމުގައި އިސްލާމީ ޝަރީޢާގެ މައިގަނޑު 5 މަޤުޞަދު ކަމުގައިވާ ދީން ޙިމާޔަތްކުރުމާއި، ނަފުސު(ފުރާނަ) ޙިމާޔަތްކުރުމާއި ބުއްދި ޙިމާޔަތްކުރުމާއި ނަސްލު ޙިމާޔަތްކުރުމާއި މުދާ ޙިމާޔަތްކުރުމުގެ މަޞްލަޙަތު (ގެ ތެރެއިން ކޮންމެވެސް މަޞަލަޙަތެއް) ހިމެނިފައިވާން ޖެހޭނެ އެވެ. މިސާލަކަށް: ޒަކާތްދިނުން ޒިނޭކުރާ މީހާ ރަޖަމުކުރުން ވިޔަފާރިކުރުން
  • المصلحة المَفسدة(ނުވަތަ ބާޠިލު މަޞްލަޙަތު): މި ބައިގައި ހިމެނެނީ އިންސާނީ މަޞްލަޙަތަށް ފައިދާ ހުރިކަމެއް ނޫންކަމަށް ޝަރުޢީ ދަލީލުތަކުން ސާބިތުވާ ކަންކަމެވެ. މިސާލަކަށް: ފައިދާ ހޯދުމަށް ޓަކައި ރިބާކެއުން ޖިންސީ އަރާމު ހޯދުމަށް ޓަކައި ޒިނޭކުރުން، ވައްކަންކުރުން  ފަދަ
  • المصلحة المرسلة: މިއީ ކަނޑައެޅިގެން މުޢުތަބަރު ކަމެއްކަން ނުވަތަ ފާސިދުކަމެއްކަން ޝަރީޢަތުގައި ކަނޑައެޅިފައި ނުވާ އަދި މީސްތަކުންގެ އިޖުތިހާދަށް ދޫކޮށްލެވިފައިވާ ބައެވެ. މަޞްލަހަތުލްމުރުސަލާގެ ގޮތުގައި ކަނޑައެޅޭނީ ޝަރީޢަތުން ސާބިތުވާ ޤަޠުޢީ ޙުކުމަކާ ޚިލާފު ނުވާ ކަންކަމެވެ. އަދި މިފަދަ ކަމަކީ ދައުލަތާއި ރައްޔިތުންނަށް ލާބަހުރިކަމަށް ވާންޖެހޭނެ އެވެ. ހަމަ އެފަދައިން އެ ކަމަކީ ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭ ކަމަކަށް ވާން ޖެހޭނެ އެވެ. މި ދެންނެވީ (ދަށު ރޮނގު ދަމައިފައި އެ ވަނީ) މަޞްލަޙަތުލްމުރުސަލާގެ 3 ޝަރުޠެވެ  .މިސާލަކަށް: ޓްރެފިކް ލައިޓް ހަރުކުރުން، ކީރިތި ޤުރުއާން އެއް ފޮތަކަށް ޖަމާކުރުން، އަޑުގަދަކުރާ އިން ބަންގި ގޮވުން،

މަޤާޞިދުއްޝަރީޢާގެ މައިގަނޑު މަޤުޞަދަކީ އިންސާނީ މަޞްލަޙަތު ޙިމާޔަތްކުރުން ކަމަށް ވާއިރު މި މަޞްލަޙަތުތައް ޙިމާޔަތް ކުރެވޭނީ އޭނާގެ ޢަޤީދާ ޙިމާޔަތްކުރެވިގެން ކަމާ މެދަކު ޝައްކެއް ނެތެވެ. އެހެނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާ ދުނިޔެއަށް ފޮނުއްވައިފައިވަނީ އިސްވެ ބަޔާންކުރެވިފައިވާ ފަދައިން މާތް ﷲ އަށް އަޅުކަންކުރުމަށްޓަކައެވެ. އަޅުކަން ކުރެވޭނީ އިންސާނާގެ ޢަޤީދާ ޙިމާޔަތްކުރެވިގެންނެވެ. އެހެންކަމުން ޢަޤީދާ ޙިމާޔަތް ކުރުމަށް ޓަކައި ފަސް މަޞްލަޙަތެއް ޙިމާޔަތް ކުރެވެންޖެހެއެވެ. މި ފަސް މަޞްލަޙަތު ވެސް ހިމެނެނީ ޢަޤީދާ ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ މައިގަނޑު މަޤްޞަދުގެ ތެރޭގައެވެ.  އިސްލާމީ ޝަރީޢާގެ މަޤްޞަދުތައް ނުވަތަ އެހެން ގޮތަކަށް ދަންނަވާނަމަ އިންސާނީ މަޞްލަޙަތުތައް 3 ދަރަޖައަކަށް ބެހިހެންވެ އެވެ. އެއީ:

  • ޟަރޫރިއްޔާތު (ނުވަތަ ޟަރޫރީ ބޭނުންތައް): އެންމެ މަތީ ދަރަޖަ
  • – ޙާޖިޔާތު (ނުވަތަ އަސާސީ މުހުތާދުތައް): ދެވަނަ ދަރަޖަ
  • – ތަޙުސީނާތު (ނުވަތަ ފުރިހަމަކުރުމަށް ބޭނުންވާ ލަގްޒަރީ ކަންތައްތައް): ތިންވަނަ ދަރަޖަ

އިންސާނީ މަޞަލަޙަތުތައް ތިން ދަރަޖަ އަކަށް ބެހިގެން ވާއިރު އަޅުގަނޑުމެން ކުރާ ޢަމަލުތަކުގައި އިސްކަން ދޭންޖެހޭނީ މި ތަރުތީބުންކަން އެބަ އެނގެއެވެ. މިސާލަކަށް ބަނޑުފުރާނަ މުއްތިކުރުމަށް ޓަކައި ތަކެތި ހޯދާން ހުންނަ ފައިސާކޮޅު ޚަރަދުކޮށްގެން މޯބައިލް ފޯނެއް ގަތުމަކީ މި އުޞޫލާ ޚިލާފު ކަމެކެވެ.

ކުރީން ވެސް ދެންނެވި ފަދައިން އިސްލާމީ ޝަރީޢާގެ އެންމެ މައިގަނޑު މަޤްޞަދަކީ ޢަޤީދާގެ މަޞްލަޙަތު ޙިމާޔަތްކުރުމެވެ. އެހެނީ އެހެން ހުރިހާ ކަމެއް ވެސް ވަނީ މި މަޤްޞަދާ ގުޅި ލައިމެހިފައެވެ. ފުރާނަޔާއި މުދަލާއި ބުއްދިއާއި ދަރިފަސްކޮޅާއި އަބުރު ރައްކާތެރިކޮށްގެން ނޫނީ އިންސާނާ ދުނިޔެއަށް ފޮނުއްވި މަޤްޞަދު ޙާޞިލެއް ނުކުރެވޭނެ އެވެ. މި މަތިވެރި މަޞްލަޙަތުތައް ޙިމާޔަތް ކުރުމުގެ ތިން ދަރަޖަ ވަނީ އެއް ދަރަޖަ އަނެއް ދަރަޖައާ ގުޅި ލައިމެހިފައެވެ.  ވީމާ އިސްލާމީ ވެރިކަމެއްގައި އިސްލާމީ ޢަޤީދާ ޙިމާޔާތްކުރާން އެންމެ ބޮޑު އިސްކަމެއް ނުދޭނަމަ، އެ ވެރިކަން ވާނީ އަނިޔާވެރިކަމަކަށެވެ. ފަސާދައަކަށެވެ.

އިސްލާމީ ޝަރީޢާގެ މަޤްޞަދުތައް ވަނީ އެއް ކަމެއް އަނެއް ކަމަކާ ގުޅި ލައިމެހިފައެވެ.   އެހެނީ އިސްލާމީ ޝަރީޢާގެ މައިގަނޑު މަޤްޞަދަކީ ޢަޤީދާ ޙިމާޔަތްކުރުންކަމަށް ވެފައި މި މަޤްޞަދު ޙާޞިލުކުރުމަށް ޓަކައި ފުރާނައާއި މުދަލާއި ބުއްދިއާއި ނަސަބާއި ޢަބުރު ރައްކާތެރިކުރުމަކީ ލާޒިމުކަމެއްކަން އެއީ އާދައިގެ ސިކުނޑީއަކުން ވިސްނައިލިޔަސް ހަމަ ކޮންމެ މީހަކަށްވެސް ދާދި ފަސޭހައިން އެނގޭނެ ކަމެކެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މިއީ ޟަރޫރިއްޔާތުގެ ދަރަޖަ އެވެ. އެހެންކަމުން މި ފަސް މަޤްޞަދު ޙާޞިލުކުރެވޭނެ ހުރިހާ މަގުތަކެއް އިސްލާމީ ޝަރީޢަތުގައި ވަނީ ވަރަށް ސާފުކޮށް ދައްކަވައިފައެވެ.

އިސްލާމްދީނަކީ ލޭއޮހޮރުވުމާ ދުރު، އަދި އަމާންކަމާއި ހިތްހަމަޖެހުމުގެ ދީނެކެވެ. މި ދީނުގައި އެއްވެސް ފުރާނައެއް (ނުޙައްޤުން) ދުއްވައިލުމަކީ އެންމެހައި މީސްތަކުން ޤަތުލުކުރުމާ އެއްފަދަ ކަމެއްކަން އަންގަވައި ﷲ ވަޙީކުރައްވައިފައިވެއެވެ. "من قتل نفساً بغير نفس أو فساد في الأرض فكأنّما قتل النّاس جميعاً ومن أحياها فكأنّما أحيا النّاس جميعاً." (المائدة 32) މާނައީ: "نفسއެއް މަރައިގެން، ނުވަތަ ބިމުގައި فسادއެއް އުފައްދައިގެން ނޫންގޮތަކަށް، نفسއެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދަ އެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ. "وَلَكُمْ فِي الْقِصَاصِ حَيَاةٌ يَاْ أُولِيْ الأَلْبَابِ لَعَلَّكُمْ تَتَّقُونَ." (سورة البقرة:179) މާނައީ: "އަދި قصاصހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهلވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوىވެރިވުމަށްޓަކައެވެ."  މިއީ މީސްތަކުންގެ ނަފުސާއި ފުރާނައިގެ މަޞްލަޙަތަށް ޓަކައި އިސްލާމް ދީނުގައި އަޅުއްވައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން ވަރަށް ކުޑަކުޑަ މިންވަރެކެވެ. ކީރިތި ޤުރުއާނުގައި މިފަދަ އެތައްއެތައް އަމުރުފުޅުތަކާއި އިރުޝާދުތައް ވަނީ ބާވައިލައްވައިފައެވެ. މީސްތަކުންގެ މަޞްލަޙަތުތައް ހިމާޔަތްކޮށްދެއްވުމުގެ ގޮތުން ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވެއެވެ. "إن دمـا ئكم وأموالكم وأعراضكم حـرام عـليكم" މާނައަކީ "ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި ތިޔަބައިމީހުންގެ މުދަލާއި ތިޔަބައިމީހުންގެ އަބުރު ވަނީ ތިޔަބައިމީހުންގެ އެއްބަޔަކު އަނެއް ބަޔެއްގެ މައްޗަށް ޙަރާމްކުރައްވައިފައެވެ." މި ޙަދީޘްފުޅުގައި މީސްތަކުންގެ ވަރަށް ގިނަ މަޞްލަޙަތުތައް ވަނީ ޙިމާޔަތްކުރައްވައިފައެވެ. މި މައުޟޫޢުގައި މި ޙަދީޘް އަޅުގަނޑު މި ނަކަލުކޮށްލީ ނަފުސާއި ފުރާނައިގެ ޙިމާޔަތަށް ރަސޫލާގެ ސުންނަތުގައި އިސްކަން ދެއްވައިފައިވާ މިންވަރު ހާމަކޮށްލުމަށްޓަކައެވެ. އެހެނީ މި ޙަދީޘްގައި އެންމެ ފުރަތަމަ ވެސް ބަޔާންކުރައްވައިފައިވަނީ ލޭ އޮހޮރުވުން (މީހަކުމެރުން) ޙަރާމްކުރައްވައިފައެވެ.

އިސްވެ ބަޔާންކުރެވުނު ދަލީލުތަކަށް އެކަނި ބަލައިލިޔަސް އިސްލާމީ ޝަރީޢާގެ މަޤްޞަދަކީ މީސްތަކުންގެ މަޞްލަޙަތު ޙިމާޔަތްކުރުންކަން އެއްވެސް އޮޅުމެއް ނެތި ހާމަވެ އެވެ. މި މަޞްލަޙަތުތައް ކަނޑައެޅޭނީ ޝަރީޢަތުގެ ހަމަތަކުގެ މަތީންނެވެ. އިސްލާމީ ޝަރީޢާގައި މީސްތަކުންގެ މަޞްލަޙަތު ހުރިކަމެއް ކަމަށް ސާބިތުވާ ކޮންމެ ކަމަކީ މުޢުތަބިރު މަޞްލަޙަތެކެވެ. މީސްތަކުންނާއި މުޖުތަމަޢަށް ގެއްލުންހުރި ކަމެއްކަމަށް ޝަރީޢަތުން ސާބިތުވާ ކޮންމެ ކަމަކީ ފާސިދު ނުވަތަ ބާޠިލު މަޞްލަޙަތެކެވެ. މި ދެބައިގައި ނުހިމެނޭ، (މީސްތަކުންނަށް ދޫކޮށްލެވިފައިވާ) ކަންކަން ހިމެނެނީ މަޞްލަޙަތުލްމުރުސިލާގެ ތެރޭގައެވެ. ނަމަވެސް މަޞްލަޙަތުލް މުޢުތަބިރާގެ ގޮތުގައި ކަނޑައެޅޭ ކޮންމެ ކަމެއް ވާންޖެހޭނީ ޝަރީޢަތާ ފުށުނާރާ، އަދި ދައުލަތާއި ރައްޔިތުންނަށް ލާބަހުރި އަދި ސަލާމަތް ސިކުނޑިތަކަށް ޤަބޫލުކުރެވޭ ކަންތަކެވެ.