ޖުންޖުލާ ގަދަ މޫސުމަށް ހޭލާށެ ކެޔޮޅުން ހޭއަރާ
ފުންކަނޑެއް ބިޔަ ބެއްދުމަށް ދަތުރަށް މިމޫސުމުގައި ފުރާ
އޮތްކަމަކު އުޑު ސާފުކޮށް ފެންނަން ވިލާނެތި ހާމަޔަށް
ގޮތް ނުނިންމާހުށި ނުޖެހި ދާނޭކަމަށް އެކިއެކި ތުރާ
ކަނޑުކަނޑުގެ އޮއިވަރު ވަޔާ އިދިކީލި ވާހިދު ރާޅުތައް
މަޑުވެ ނޯންނާނޭ ހިމޭނުން ފުމެނަގާއިރު ކެކިއަރާ
ވެލިފަށަށް ލެފިފައިވިޔަސް ރަށްރަށް ނުދެވި ދާނޭ އޮބާ
ހެލިލުމުން ކޮޅިގަނޑު ނަގާ ގަދަ ރޯޅިފަށް އުޅަނދަށް އަރާ
މާލިމީން މޮޅުކަމަކު މޫސުން ގޯސްވެފައިވާ ވަގުތުގައި
ކާލިވަޅު ފެނުނަސް ނުފެންނާނޭ ވިލާ ގިރި ފަރުފަރާ
ބަހުރު މާލްދީފުގެ ވެފައިގަދަ މައުޖުތައް ބިޔަވާކަމުން
ވަހުމުތައް ދަތުރުގެ ތެރޭ ބޮޑުވާނެޔޭ ހިތުގައި ބިރާ
