Support Us

ކޮލަމް ގާދޫކޮލުން ބޭރުން
ސުނާމީ ބޭބެ– 1:

"މިއުޅެނީ ރައްޔިތުންނަށް ބިރުދައްކާކަށް ނޫނެވެ. ރައްކާވެތިބިއްޔާ ދަތުރެވެ."

ފުރަތަމަ ޑިގްރީ ހެދީ އިކޮނޮމިކްސް އެންޑް ޕޮލިޓިކްސްގެ ދާއިރާއިންނެވެ. އެ ދެ ދާއިރާ އިޚްތިޔާރުކުރީ މާ ދުރަށް ވިސްނާފައެއް ނޫނެވެ. އިކޮނޮމިކްސް އިޚްތިޔާރުކުރީ އޭ-ލެވެލް ހެދިއިރު އެމާއްދާއަކީ އެންމެ ފަސޭހަ އެއް މާއްދާކަމަށް ފާހަގަވުމުންނެވެ. ޕޮލިޓިކްސް އަށް އަބަދުވެސް ޝައުޤުވެރިކަން ހުރެއެވެ. ސިޔާސީ ޢާއިލާއަކަށް ނިސްބަތްވީތީއެވެ. އެހެންކަމުން، އިކޮނޮމިކްސްއާއެކު ޕޮލިޓިކްސް އިޚްތިޔާރުކުރީއެވެ. ފުރަތަމަ ޑިގްރީ ނިމުނުއިރު އެނގި، ޔަޤީންވެއްޖެއެވެ. އިކޮނޮމިކްސް ކޯސްތަކުން މޮޅަށް ފާސްވި ނަމަވެސް، ޝައުޤުވެރިކަން ހުންނަނީ ޕޮލިޓިކަލް ސައިންސް އަށެވެ. އެހެންކަމުން، މާސްޓަރސް ޑިގްރީއަކަށް އިޚްތިޔާރުކުރާނީ ޕޮލިޓިކަލް ސައިންސްގެ ތެރެއިން ކޮންމެވެސް ދާއިރާއެއް ކަމަށް ޢަޒުމު ކަނޑައެޅީމެވެ.

އަބަދުވެސް ވަރަށް ވަޠަނީ މީހަކީމެވެ. ޤައުމު ދެކެ ވަރަށް ލޯބިވެއެވެ. ބޭރުގައި އުޅުނު ބާރަ ވަރަކަށް އަހަރު، އަބަދުވެސް ދިވެއްސެއްކަން އަޑުހަރުކޮށް ބުނެލަމެވެ. ޝަރަފުވެރިކަމާއެކުއެވެ. އެހެންކަމުން، ކިޔަވައިގެން އެނބުރި އައިސް ޤައުމަށް ޚިދްމަތްކުރަން މާކުރީއްސުރެ ނިންމައިފީމެވެ. ކިތަންމެ އަރާމު ދިރިއުޅުމަކާއި ބޮޑު މުސާރައެއް ލިބޭނެ ވަޒީފާއަކަށް ފުރުޞަތު އޮތަސް، ބޭރުގައި ދިރިއުޅެން ކުޑަވެސް ޝައުޤުވެރިކަމެއް ނުހުރެއެވެ. ޤައުމުގެ މުސްތަޤްބަލަށް އަބަދުމެ ވިސްނޭތީ، އިތުރަށް ކިޔަވަން ބޭނުންވީވެސް އޭގެ ފައިދާ ޤައުމަށް ކުރާނެފަދަ ދާއިރާއަކުންނެވެ. އެހެންކަމުން، އިޚްތިޔާރުކުރީ އެންވަޔަރަމަންޓަލް ޕޮލިޓިކްސްއެވެ. ތިމާވެށީގެ ސިޔާސަތެވެ. ރާއްޖެއާ ގުޅޭތީއެވެ.

މާސްޓަރސްއަށް އިޚްތިޔާރުކުރި މައުޞޫއުއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި ޖައްވު ހޫނުވުމުގެ މައްސަލައިގައި އެކުލަވާލެވުނު ބައިނަލްއަޤްވާމީ މުއާޙަދާގައި ބައިވެރިވުމުން ރާއްޖެއަށް ކުރާ ފައިދާތަކެވެ. އެދުވަސްވަރު، ގިނަ ވަގުތު ހޭދަކުރީ އެރޮނގުން އެކި ފޮތްތައް ކިޔާ، ދިރާސާކުރުމުގައެވެ. އެފަދަ އެއް ދުވަހަކު، ލައިބްރަރީގައި އިނދެ ކިޔަމުންދިޔަ ފޮތަކުން ފެނުނު މަޢްލޫމާތެއް ހިތުގައި ބިންވަޅު ނެގުނެވެ. ކުދި ޤައުމުތަކަށް ސުނާމީ އެރުމުން ކުރާ އަސަރުތަކުގެ ވާހަކައެވެ. އިއްތުފާޤުން، އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، ޓީވީ ބަލަމުންދިޔަ އިރު އައި ކުއްލި ޚަބަރެއް ދަންނަވާލާނަމެވެ. އެއީ 1998 ވަނަ އަހަރެވެ. އެޚަބަރުގައި ގެނެސްދިނީ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމެއް ކަމުގައިވާ ޕަޕުއާ ނިއު ގިނީއަށް 15 މީޓަރުގެ ބިޔަ ސުނާމީއެއް އެރުމުގެ ސަބަބުން 2000 އަށްވުރެ ގިނަ މީހުން މަރުވި ވާހަކައެވެ. މިޚަބަރު އަޑުއިވުމުން ހީބިހި ނެގިއެވެ. ހިތަށް އެރިއެވެ. މިއީ ވަރަށްގިނަ ގޮތްގޮތުން ރާއްޖެއާ އެއްގޮތް ޤައުމެކެވެ. މިފަދަ ކާރިސާއެއް ރާއްޖެއަށް ކުރިމަތިވެއްޖެނަމަ، ހާދަ ބަޔަކަށް އަސަރު ކުރާނެތާއެވެ. ހާދަ ބޮޑު ގެއްލުމެއް ވާނެތާއެވެ. ހާދަ ބިރުވެރި ކަމަކަށް ވާނެތާއެވެ.

އެހިސާބުން އެއޮތީ ސުނާމީއާމެދު ޝައުޤުވެރިކަން އުފެދިފައެވެ. އިތުރު މަޢްލޫމާތު ހޯދަމުންދިޔައީމެވެ. ސުނާމީގެ ފޮޓޯވެސް އެއްކުރީމެވެ. އަޅުގަނޑު ދަންނަ މީހަކުނަމަ ވަރަށް ރަނގަޅަށް އެނގޭނެކަމެއްގެ ވާހަކަ ދަންނަވާލާނަމެވެ. ކަމަކަށް ޝައުޤުވެރިކަން އުފެދިއްޖެ ނަމަ، އެކަމަކާ ގުޅޭ މަޢްލޫމާތު އެއްކުރުން އޮންނާނެއެވެ. ތާރީޚެވެ. ތަފާސްހިސާބެވެ. ސައިންސެވެ. އެކަމެއްގެ 'އެންސައިކްލޮޕީޑިއާ' އަކަށް ވުމުން މެނުވީ ހުއްޓައެއް ނުލާނެއެވެ. އެކަމަކާ ދެވި ހިފާނީއެވެ. ސުނާމީއާ މެދު އުފެދުނު ޝައުޤުވެރިކަންވެސް ވެގެންދިޔައީ ހަމަ މިހެންނެވެ. ދުނިޔެއަށް، އެހާތަނަށް އެރި ބޮޑެތި ސުނާމީތަކުގެ މަޢްލޫމާތެވެ. މަރުވި މީހުންގެ އަދަދުތަކެވެ. ސުނާމީ ދަތުރުކުރާ ގޮތެވެ. ސުނާމީ އުފެދޭ ތަފާތު ސަބަބުތަކެވެ. އެއްވެސް ލިޔުމަކުން 'ސުނާމީ' މިބަސް ފެނިއްޖެނަމަ، އެލިޔުމެއް ޝައުޤުވެރިކަމާއެކު ލިޔާ އުޅުނީމެވެ.

ކިޔަވައިގެން 1999 ވަނަ އަހަރު ރާއްޖެއައިސް ވަޒީފާއަދާކުރަންފެށީ ސަރުކާރުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ފުރަތަމަވެސް ޙަވާލުވި މަސައްކަތަކީ އޮފީހުގެ ޑިވެލޮޕްމަންޓް އެފެއާޒް ސެކްޝަނުގެ އެންވަޔަރަންމަންޓް ޔުނިޓު ހިންގުމެވެ. އެދުވަސްވަރަކީ ރާއްޖޭގައި އެކި ނަންނަމުގައި، އެކި ރޮނގުރޮނގުން މަޖައްލާތައް ނުކުންނަންފެށި ދުވަސްވަރެވެ. އައްޑުވަސް، ސަންގު، ސުވާސް ފަދަ ނަންނަން ގިނަ ބޭފުޅުން އަދިވެސް ހަނދުމަފުޅު ހުންނާނެއެވެ. އެގޮތުން މަޖައްލާއެއް ނެރެމުންދިޔަ ރަޙްމަތްތެރިއަކާ އެއްދުވަހު ބައްދަލުވިއެވެ. މަޝްހޫރު ބޭފުޅެކެވެ. ލިޔުންތެރިޔާ ހޯރަފުށީ މުޙައްމަދު ސަލީމެވެ. އެދުވަހު ސަލީމް އެދުނީ އޭނާ ނެރުއްވަމުންގެންދެވި 'ވިޔަފާރި' ނަމަކަށް ކިޔާ މަޖައްލާއަށް މަޒުމޫނެއް ލިޔެދިނުމަށެވެ. އަޅުގަނޑަކީ އެއިރުވެސް އިނގިރޭސިބަހުން ސަރުކާރުގެ ރަސްމީ ގިނަ ލިޔެކިއުންތައް ތައްޔާރުކުރަމުންދިޔަ މީހެއްކަން އެނގޭތީ، ސަލީމް ބޭނުންފުޅުވީ އަޅުގަނޑު އިނގިރޭސި އާޓިކަލެއް ލިޔެދިނުމަށެވެ.

އަޅުގަނޑު ދަންނަވާލީމެވެ. ތިޔައީ 'ވިޔަފާރި' ކިޔާ މަޖައްލާއެއް ނޫންތޯއެވެ. އޮންނާނީ ވިޔަފާރިއާ އިޤްތިޞާދު އަދި މާލިއްޔަތާ ގުޅޭ މަޢްލޫމާތު ނޫންތޯއެވެ. އަޅުގަނޑު ކިޔެވި ދާއިރާއެއް ނަމަވެސް، އުޅޭ އޮފީހާއި އަދާކުރާ ވަޒީފާގެ ގޮތުން، އެރޮނގުން އަޅުގަނޑު އެއްޗެއް ލިޔުން އެހާ ރަނގަޅުވާނެކަމަށް ވާނެކަމަށް ނުފެނެއެވެ. ޖަވާބުގައި ސަލީމް ވިދާޅުވިއެވެ. މުންދުއަށް ފެންނަ މައުޞޫއައަކަށް ލިޔާށެވެ. ބޭނުމަކީ އިނގިރޭސި އާޓިކަލެއް ޖަހާލުމެވެ. ކިޔުންތެރިންގެ ވިސްނުން ހުރިގޮތެއް ބަލާލުމަށްކަމަށެވެ. ޝައުޤުވެރިވޭތޯ އަންދާޒާކޮށްލުމެވެ. އެހެންކަމުން، އަޅުގަނޑު އާޓިކަލެއް ލިޔެދޭން އެއްބަސްވެއްޖައީމެވެ.

އެދުވަސްކޮޅު އޮފީހުގައި ވަރަށް ބުރަކޮށް އުޅުމުން، އަލުންބަލުން ދިރާސާއެއް ހަދާ، އާޓިކަލެއް ލިޔަން ގިނަ ވަގުތު ދެވޭކަށް ނެތެވެ. އެހެންކަމުން، ހިތަށް އެރީ، އިތުރު އެއްވެސް މަސައްކަތެއް ނުކޮށް ލިޔެލެވޭނެ ކަހަލަ މައުޞޫޢުއެއް މިމަޒުމޫނަށް އިޚްތިޔާރުކުރުމަށެވެ. ސުރުޚީވެސް ހަނދާން އެބަ ހުއްޓެވެ. "ސުނާމީ – ދަ ކިލަރ ވޭވް" އެވެ. ސުނާމީ އަކީ ކޮބައިކަމާއި، އުފެދޭ ގޮތާއި، ދުނިޔޭގައި އެހާތަނަށް އުފެދިފައިވާ އެންމެ ބޮޑެތި އަދި އެންމެ ގެއްލުންދިން ބައެއް ސުނާމީގެ ވާހަކަ ލިޔުނީމެވެ. ބައެއް ފޮޓޯއާއި ކުރެހުންވެސް ހިމަނާލީމެވެ.

'އަދިވެސް އޮންލައިން’ގެ އެޑިޓަރ އިން ޗީފް، މިކޮލަމް ލިޔަން ދައުވަތު ދެއްވި ދުވަހު ދަންނަވާލެވުނު ހަނދާންވެއެވެ. ކުރިން ނޫސް މަޖައްލާތަކުގައި ލިޔެފައި ނުވާނެކަމަށެވެ. މިއީ މުޅިން ތެދަކަށް ނުވާނެ ދެއްތޯއެވެ. އެއް އާޓިކަލް، މީގެ އެތައް އަހަރެއް ކުރިން އެއޮތީ ލިޔެވިފައި ދެއްތޯއެވެ. އެކަން އެދުވަހު ހަނދާނުގައި ނެތީއެވެ. އެޑިޓަރ އަރިހުން މަޢާފަށް އެދެމެވެ.

މިދެންނެވި އިނގިރޭސި އާޓިކަލް ނިންމާލީ ސުވާލަކާއި އޭގެ ޖަވާބުންނެވެ. ރާއްޖެއަށް ސުނާމީއެއް އަތުވެދާނެތޯ، އެސުވާލުންނެވެ. އަދި، ޖަވާބުގައި ލިޔުނީމެވެ. 'ޕެސިފިކް ރިންގް އޮފް ފަޔަރ' އަކީ އިންޑޮނީޝިޔާ ކައިރިން އޮންނަ 'ފޯލްޓް ލައިން' އެއް ކަމާއި، އެއީ އަބަދުމެ ހެލިލަ ހެލިލަ އޮންނަ ދަތެއް ފަދަ ތަނެއްކަމަށެވެ. ބޮޑެތި ބިންހެލުންތައް އެހިސާބަށް ފުލުފުލުން އަންނަ ވާހަކައެވެ. އަދި، ވަކި ގޮތަކަށް، ވަކި ފުންމިނެއްގައި، އެސަރަޙައްދުގެ ކަނޑަށް ބޮޑު ބިން ހެލުމެއް އަތުވެއްޖެ ނަމަ، އުފެދޭ ސުނާމީ ރާޅުތައް، އެއްވެސް ހުރަހެއްނެތި، މަތިންދާބޯޓެއްގެ ބާރުމިނުގައި، ހުޅަނގަށް ދަތުރު ކުރާނީ ރާއްޖެއާއި ސްރީލަންކާއާ ދިމާލަށްކަމަށެވެ. އަދި، ރާއްޖެއަށް އެއްވެސް އިންޒާރެއް ދެވޭނެހާ ވަގުތު ނުވާނެކަމަށާއި، އެފަދަ އިންޒާރެއް ދެވޭނެ ވަޞީލަތެއް މި އިންޑީޔާ ކަނޑުގައި ނެތްކަމަށާއި، މުޅި ޤައުމު ހިނދުކޮޅަކަށް ޣަރަޤުވާނެކަމަށްވެސް ލިޔުނީމެވެ. އެތަކެއް ބަޔަކު މަރުވުން އެކަށީގެންވާނެކަމަށާއި، މިއީ މިހާރުވެސް ވިސްނާ، ފިޔަވަޅު އަޅަންވެއްޖެ ނުރައްކަލެއްކަމަށް ބަޔާންކޮށް، އާޓިކަލް ނިންމާލީއެވެ.

އޭގެ ހަފްތާއެއް ފަހުން، އޮފީހުގެ އެންމެ އިސް އެއް ވެރިއަކު އޭނާގެ ކޮޓަރިކޮޅަށް އަޅުގަނޑު ހާޒިރުކުރައްވައިފިއެވެ. (އެބޭފުޅަކީ މިއަދުވެސް ވަރަށް އިސް މަޤާމެއްގައި ހުންނެވި ބޭފުޅަކަށްވީތީ، ނަން ހާމަކުރުން މުނާސަބެއް ނުވާނެއެވެ.) އޭނާ ވިދާޅުވިއެވެ. ހުއްދަ ނެތި ނޫހެއްގައި އެއްޗެއް ލިޔުން އެއީ އޮފީހުގެ އުޞޫލާ ޚިލާފުކަމެއްކަމަށެވެ. އަދި، އަޅުގަނޑުގެ ބަޔާން ނަގަންޖެހޭކަމަށެވެ. އެއާއެކު އޭނާ ތުހުމަތު ކުރެއްވިއެވެ. އެއާޓިކަލަކީ ދިވެހިންގެ ހިތްތަކަށް ބިރުވެރިކަން ވައްދަން އަޅުގަނޑު ކޮށްފައިވާ ކަމެއްކަމަށެވެ. އެއިރުވެސް ހިސާބަކަށް ގޮތްދޫނުކުރަމެވެ. ކަށީގައި ހިފާފައި ހުންނަ ކަމެކެވެ. އޭނާގެ ވާހަކަ މުޅިން ނުނިމެނީސް ޖަވާބުގައި ދަންނަވައިފީމެވެ. އަޅުގަނޑުގެ ނިޔަތް މަނިކުފާނަށް އެނގިވަޑައިގަންނަވަނީ ކޮންގޮތަކުންތޯއެވެ. އަދި، އަޅުގަނޑު ލިޔުނު އެއްޗެއްގައި ދޮގު ވާހަކައެއް އޮތް ނަމަ، އަޅުގަނޑުވެސް އެއީ ކުށެއްކަމަށް ޤަބޫލުކުރަމެވެ. އެލިޔުމުގައި އޮންނާނީ ސަތޭކަ އިންސައްތަ ތެދު މަޢްލޫމާތުކަމަށެވެ. މަޢްލޫމާތުގެ އެއްވެސް ކުށެއް ވާނަމަ، އެކަމެއް ފާހަގަކޮށްދެއްވުމަށް އޭނާއާ ޗެލެންޖް ކުރީމެވެ. އެހިސާބުން، އިތުރު ބަހުސަކަށް ނުގޮސް، އަޅުގަނޑު ދިއުމަށް އެންގެވިއެވެ. ބަޔާން ނަގާކަށް ކެރިވަޑައެއް ނުގަތެވެ.

ވިދިގެން އައި ދުވަހު އައީ ފޮނު ކޯލެކެވެ. ރައީސް މައުމޫނެވެ. އައްސަވާލެއްވިއެވެ. މުންދުގެ އާޓިކަލްގައި އޮތް އެއްޗެއް އެއީ ހަމަ ތެދުތޯއެވެ. ރާއްޖެއަށް މިކަހަލަ ރާޅެއް ހަމަ އަރާފާނެތޯއެވެ. އަޅުގަނޑު ހޯދާފައިވާ މަޢްލޫމާތާއި ކޮށްފައިވާ ދިރާސާގެ އަލީގައި، އެއީ ހަމަ އެކަށީގެންވާ ކަމެއްކަމަށް އަޅުގަނޑު ޤަބޫލުކުރާކަމަށް ދެންނެވީމެވެ. ޖަވާބުގައި ރައީސް ވިދާޅުވިއެވެ. ކަން ތިޔަހެން އޮތް ނަމަ، މިސަރަޙައްދުގެ އެއްވެސް ތަނަކަށް ބޮޑު ބިންހެލުމެއް އަތުވެއްޖެނަމަ، އެކަމުގެ މަޢްލޫމާތު ތިމަން މަނިކުފާނުގެ މޭޒުކޮޅަށް ވަގުތުން ފޮނުވުން އެއީ އެދުވަހުން ފެށިގެން އަޅުގަނޑު ހިންގަމުންދިޔަ އެންވަޔަރަންމަންޓް ޔުނިޓުގެ ޒިންމާއެއް ކަމަށެވެ. އަޅުގަނޑުގެ ވަޒީފާ ބަޔާނަށް އެނުކުތާ އިތުރުވިއެވެ.

އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް، އަޅުގަނޑު ގެންގުޅޭ ކޮމްޕިއުޓަރެއް ނުވަތަ ޓެބްލެޓެއް ނަމަ، އޭގައި 'ޔުނައިޓަޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާރވޭ' (ޔޫ.އެސް.ޖީ.އެސް) ގެ ވެބްސައިޓުން 'އާރތްކުއޭކް އެލާރޓް' ޑެސްކްޓޮޕްގައި އިންނާނެއެވެ. އަދި، އެމެރިކާގެ ހަވާއީގައި ހުންނަ ސުނާމީ ސެންޓަރުގެ އެލާރޓަށް 'ސަބްސްކްރައިބް' ކޮށްފައިވާނެއެވެ. އެދުވަސްވަރު އެފަދަ އެލާރޓެއް އައުމާއެކު، ކުލަ ޕްރިންޓެއް ނަގާ، ރައީސްގެ މޭޒުކޮޅު މައްޗަށް ފޮނުވަނީއެވެ. އެއިރު، ކޮންމެ މަހަކު އެފަދަ އެތައް އެލާރޓެއް ފޮނުވާފައި އޮންނާނެއެވެ.

ކޮންމެއަކަސް، އޭގެ ދުވަސްކޮޅެއް ފަހުން، ވަޒީފާ ބަދަލުވެއްޖެއެވެ. އެންވަޔަރަންމަންޓް ސެކްޝަނުން ޕްރެސް ޔުނިޓަށެވެ. ތަރުޖަމާނުކަމުގެ މަޤާމަށެވެ. އެއިރު އަޅުގަނޑުގެ މައްޗަށް އިސް ތަރުޖަމާނަކަށް ހުންނަވާނީ ޑރ. އަޙްމަދު ޝަހީދެވެ. ކުރީގެ ފޮރިން މިނިސްޓަރެވެ. މިހާރު އދ. ގެ އިސް މަޤާމެއް ފުރުއްވަމުންގެންދަވާ ބޭފުޅެކެވެ. ސިޔާސީ ޚިޔާލު ތަފާތުވިއަސް، އަޅުގަނޑާ ވަރަށް ގާތުން ތިމާގެވެސް ބޭފުޅެކެވެ. އިތުރު ތަޢާރަފަކަށް ބޭނުންވާނެ ޝަޙްސިއްޔަތެއް ކަމަކަށް ނުދެކެމެވެ.

ސުނާމީ އެރި ދުވަހަށް ޖެހިލާނަމެވެ. 26 ޑިސެމްބަރު 2004 އެވެ. އާދިއްތަ ދުވަހެކެވެ. އެދުވަހު ހެނދުނު ހޭލެވުނީ އެދުވަސްވަރު ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަޤާމު ފުރުއްވަމުން ގެންދެވި ޢަބްދުﷲ ޝާހިދުގެ ފޯންކޯލަކަށެވެ. މިއަދުގެ ޚާރިޖީ ވަޒީރެވެ. ދެބަދޭތެރޭ އޮވެ ފޯނު ނެގީމެވެ. ޝާހިދު ވިދާޅުވިއެވެ. ރައީސް ދެންމެ އެމަނިކުފާނާ ގުޅުއްވި ކަމަށެވެ. ރައީސްއަށް ވަނީ، އޭގެ ކުޑަ ހިނދުކޮޅެއް ކުރިން، ބިންހެލުމެއް އިޙްސާސްކުރެއްވިފައި ކަމަށްވިއެވެ. އަދި، ވެގެން އުޅޭ ގޮތެއް އަވަހަށް އޮޅުންފިލުވުމަށް އަޅުގަނޑަށް އެންގުމަށްވެސް ވިދާޅުވި ކަމަށް މަޢްލޫމާތު ދެއްވިއެވެ. ކުރިން ދަންނަވާލި ފަދައިން، އޭރު އެންވަޔަރަންމަންޓް ޔުނިޓް ބަލަހައްޓަމުންދިޔައީ އަޅުގަނޑެއް ނޫނެވެ. އިސްކޮށް ހުންނެވީ އިހަށްދުވަހާ ޖެހެންދެން ޖެނީވާގައި ހުންނަވާ ދިވެހި ޕާރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. ޙާލާ ޙަމީދެވެ. އޭނާގެ ދަށުން ހުންނެވީ ވަރަށް ފަހާ ޖެހެންދެން ޗައިނާގައި ހުންނެވި ދިވެހި ސަފީރު މުޙައްމަދު ފައިޞަލްއެވެ. ލަފާކުރެވޭ ގޮތުގައި، އަޅުގަނޑަށް އެ އޯޑަރު އައީ، ބިންހެލުމުގެ މަޢްލޫމާތު ކުރީއްސުރެ ރައީސްއާ ޙިއްޞާކުރަމުންދިޔައީ  އަޅުގަނޑު ކަމަށްވީތީއެވެ.

ކޮންމެއަކަސް، ހަލުވިކަމާއެކު ތައްޔާރުވެގެން ދިޔައީ އޮފީހަށެވެ. އޮފީހަށް ވަދެ، ސިޑިން އަރަނިކޮށް އަޅުގަނޑުގެ އަޚް ފައިޞަލްއާ ބައްދަލުވިއެވެ. ރައީސް އެދިވަޑައިގެން މަޢްލޫމާތު އަވަހަށް ނެންގެވުމަށާއި މޭޒުކޮޅަށް ފޮނުއްވުމަށް ދަންނަވާލީމެވެ. އަދި، އެމަޢްލޫމާތު އަމިއްލައަށްވެސް ނެގީމެވެ. ކަމަކުދާކަށް ނެތެވެ. މެގްނިޓިއުޑް 8.5 ގެ ބިންހެލުމެއް ކަމަށް އޮތެވެ. (އޭގެ ކުޑަ އިރުކޮޅެއް ފަހުން، ޔޫ.އެސް.ޖީ.އެސް. އިން، ލިބުނު އިތުރު މަޢްލޫމާތުގެ އަލީގައި، އެ އަދަދު 9 އަށް މަތިކުރިއެވެ.) އެވަރުގެ ބިންހެލުމެއް ނަމަ، ބިޔަ ސުނާމީއެއް އައުން ވަރަށްވެސް ގާތްކަމަށް ވަގުތުން ހިތަށްއެރިއެވެ. އޭރު ބުލެޓިންގައި ސުނާމީއެއްގެ ވާހަކައެއް އަދި ނެތެވެ.

އެމަޢްލޫމާތު ނަގައިގެން ދެން ދިޔައީ ޑރ. ޝަހީދުގެ ކޮޓަރިކޮޅަށެވެ. އެވާހަކަ ދަންނަވާލާށެވެ. ވަތްއިރު އިންނެވީ ޓީ.ވީ. ބައްލަވާށެވެ. އިށީނދެ އެމަޢްލޫމާތު އެރުވީމެވެ. އަދި، ދެންނެވީމެއެވެ. މީތި ވަރަށް ގޯސްވާނެ ކަމަށެވެ. ސުނާމީއެއް ޖެނެރޭޓް ވީނަމަ، މިހާރު މިހިސާބަށް ލައްވާލަން އުޅޭނެ ކަމަށެވެ. އެހިނދު އެމަނިކުފާނު ވިދާޅުވިއެވެ. ސުނާމީއެއް އުފެދުނު ނަމަ ގައިމު ސީ.އެން.އެން. އަދި ބީ.ބީ.ސީ ފަދަ ޗެނަލްއަކުން މިހާރު ފެންނާނެތާއެވެ. އޭގެ ޚަބަރު އަންނާނެތާއެވެ. އެބާވަތުގެ އެއްވެސް މަޢްލޫމާތެއް އަދި ނާންނަ ކަމަށެވެ. އަޅުގަނޑު ދެންނެވީމެވެ. މިސަރަޙައްދުގައި ސުނާމީ ދެނެގަންނަ ކަނދުތަކެއް އެޅިފައި ނުހުންނާނެ ކަމަށެވެ. އަދި، އެންމެ ކައިރިންވެސް މިކަން ދެނެގަނެވޭނެ ތަންތަން ހުންނާނީ ޖަޕާނާއި ހަވާއީގައި ކަމަށެވެ. މިބަހުސްގައި ދެމީހުން ތިއްބާ، ކޮޓަރީގެ ދޮރު ހުޅުވާލާ، ބޯދިއްކޮށްލި މުވައްޒަފަކު ހާސްކަމާއެކު ބުންޏެވެ. އޮފީހަށް އެބަ ފެންވަންނަ ކަމަށެވެ. ވަރުގަދައަށް އުދައަރަނީކަމަށެވެ. ރާއްޖެއަށް ސުނާމީ އެރީއެވެ.

* ދެން އޮންނަ ބައިގައި، އިރާދަކުރެއްވިއްޔާ، ރާއްޖެއަށް ސުނާމީ އެރި ދުވަހު ކަންކަން އިންތިޒާމުވެގެންދިޔަ ގޮތާއި، އެހެންވެސް ގިނަ ހަނދާންތަކެއް އަދި ތަޖުރިބާތަކެއް ޙިއްޞާކޮށްލާނަމެވެ.

މިސިލްސިލާ މަޒުމޫނަށް އަޅުގަނޑު 'ސުނާމީ ބޭބެ' މިނަން ދިނީ ކީއްވެތޯ ބައެއް ކިޔުންތެރިންގެ ހިތްޕުޅުގައި ސުވާލު އުފެދިދާނެތީ، އެކަން ސާފުކޮށް ދަންނަވާލާނަމެވެ. ސުނާމީއަށް ފަހު ރައްޔިތުންނަށް މަޢްލޫމާތު ދިނުމުގެ ޒިންމާ އަދާކުރީ އަޅުގަނޑެވެ. އެންމެ ޒުވާން ބޭފުޅުން ނޫންނަމަ ހަނދުމަފުޅު ހުންނާނެއެވެ. އުޒަމާނުގައި، މިއަދު މިއޮތްހާ ގިނަ ޓީވީ ޗެނަލެއް ނޯންނާނެއެވެ. އޮންނަނީ ބަންޑާރަ ޓީވީ އެވެ. އެހެންކަމުން، މެދުނުކެނޑި ގިނަ ވަގުތު ޓީވީ ގައި އިނީ އަޅުގަނޑެވެ. ކޮވިޑް ބަލިމަޑުކަމާގުޅިގެން ތަރުޖަމާނު މަބްރޫކް މިދޭތެރެއިން ޓީވީއަށް އެރުއްވި ފަދައިންނެވެ.

އެހެންކަމުން، ސުނާމީ ކާރިސާއަށްފަހު، ވަރަށް ދުވަސް ވަންދެން، ގިނަ ބަޔަކު އަޅުގަނޑާ ގުޅުވަނީ އެކަމެވެ. އެއިރު، އަޅުގަނޑާ މަގުމަގުން ދިމާވާ ކުޑަކުދިން، އެމީހުންގެ މައިންބަފައިން ގާތު ބުނެއެވެ. "މަންމާ، މަންމާ….އެއޮއް ދަނީ ސުނާމީ ބޭބެ"، މިހެންނެވެ. ދުވަސްތަކަކަށް ހަރުލިއެވެ.