Support Us

ހުވާ ކުރެއްވުމުގެ ކުރިން ޓައިވާންގެ އާ ރައީސް ޑިނގާ މަސްވެރިކަމުގައި

ފަހަރެއްގައި ޓައިވާނަކީ ޖަޒީރާ ދައުލަތަކަށް ވުމުން ވެސް ވެދާނެއެވެ. ޗައިނާއިން ވަކިވެގަތްފައިވާ ޓައިވާން ޖަޒީރާގެ އާ ރައީސް ލައި ޗިންގް-ޓޭ ހުވާ ކުރެއްވުމުގެ އެއް ދުވަސް ކުރިން ވަޑައިގަތީ ޑިނގާ ބާނަށެވެ.

ޑިނގާ ބޭނުމަކީ ހުސް ވަގުތު ހޭދަކޮށްލަން ޓައިވާންގައި ކުރާ، ވަރަށް މަގުބޫލު ކަމެކެވެ. ހަފުތާބަންދުގައި އާއިލާތަކުން ޑިނގާ ބާނަން ގޮސް، އެ ތަކެތި ބާބެކިއުކޮށްގެން ކައެވެ. މިހެންވެ ކަމަށް ވެސް ވެދާނެއެވެ؛ ލައި އާއި އޭނާގެ ނައިބު ރައީސް ޝާއޯ ބީ-ކިމް އާއި އެ ދެ ބޭފުޅުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޭރު ގައުމުތަކުން ވަޑައިގެންނެވި އިސްވެރިންނާއެކު ވަޑައިގަތީ ޑިނގާ ބާނާށެވެ.

ވެރިރަށް ޓައިޕޭގެ ޗީޝާން ނަމަކަށް ކިޔާ ޑިނގާ އާބާދު ކުރާ ފެންގަނޑަކަށް ލައި އާއި ޝާއޯއާއެކު ވަޑައިގަތް ބައިނަލްއަގުވާމީ ވެރިންގެ ތެރޭގައި، ޓައިވާނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަންނަ އެތައް ރައީސުންނަކާއި ރަސްކަލަކު ވެސް ހިމެނިވަޑައިގެންނެވިއެވެ.

ކެމެރާތަކުގެ ކުރިމަތީގައި މި ނާދިރު އިވެންޓް ހިނގަމުން ދިޔައިރު ބޭރު ގައުމުތަކުގެ ވެރިން ތިއްބެވީ ޑިނގާ އާލާކުރާ ފެންގަނޑުގެ ވަށައިގެން ގޮނޑިތަކެއްގައި އިށީނދެ ވަޑައިގެންނެވެ. އެ ބޭފުޅުން ތިއްބެވީ ވަރަށް އަރާމުކޮށް ކަމަށް ފެނެއެވެ. އެ ބޭފުޅުންގެ ދޮށީގެ ބުޅީގައި އެން އަޅައިދޭން އަތްގާތް ކުރާ މީހުން ވެސް ތިއްބެވެ.

"ޓައިވާނަކީ އެކަނިވެރި ގައުމެއް ނޫން. ޑިމޮކްރެސީ އާއި މިނިވަންކަމާއި އިންސާނީ ހައްގުތައް ނެގެހެއްޓުމަށް ތާއީދު ކުރާ ހުރިހާ ބައިނަލްއަގުވާމީ ގައުމުތަކާ ޓައިވާނުން ގުޅުން ބާއްވަން،" ލައި އާއި ޝާއޯގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިންނާ މުހާތަބް ކުރައްވައި ލައި ވިދާޅުވިއެވެ.

ލައިއަކީ ބޯޓުދެލި ނަގާ ކާރުހާނާއެއްގައި މަސައްކަތް ކުރާ މީހެއްގެ ދަރިފުޅެކެވެ. ލައިއާއެކު ޑިނގާ ހިފަން ތިއްބެވި ބޭރު ގައުމުތަކުގެ ވެރިންނަށް ޑިނގާ ހިފާނެ ގޮތް ވެސް އޭނާ ކިޔައިދެއްވިއެވެ.

"ޑިނގާ ފުރަތަމައިން އެމާ ކުޅޭނެ. ބުޅި އަނގައިގައި ތާށިވަންދެން އިރުކޮޅަކު މަޑުކޮށްލައްވާ. ދެން ބުޅި ދިރުވައިލުމުން ޑިނގާ ފެންމައްޗަށް ނަންގަވާ،" ބޭރުގެ ގައުމުތަކުގެ އިއްޒަތްތެރިންނަށް ލައި އިރުޝާދު ދެއްވިއެވެ.

ޑިނގާ ގަތުމަށް މާ ގިނައިރެއް ނުވިއެވެ. ޚުދު ލައި ވެސް އެތައް ޑިނގާއެއް ބޭނުއްވިއެވެ. ނަމަވެސް އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ އެސްވާތިނީގެ ރަސްގެފާނު މުސްވާޓީ ތިންވަނައާ ލައިއަށް ވާދައެއް ނުކުރެއްވުނެވެ. މުބާރާތުން އެއްވަނައަށް ވަޑައިގަތީ މުސްވާޓީއެވެ. ދެވަނައަށް ވަޑައިގަތީ މާޝަލް ޖަޒީރާގެ ރައީސާ ހިލްޑާ ހައިނާއެވެ. އިނާމެއްގެ ގޮތުން މުސްވާޓީ އާއި ހިލްޑާއަށް ލިބިވަޑައިގަތީ މަސްބާނާ ދެ ދޮށްޓެވެ.

ލައި މިހާރު ދިރިއުޅުއްވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެ ގޮތުން ޓައިވާން ހިފޭތޯ އަޖުމަބެލުމުގެ ގޮތުން ކަމަށްބުނެ ޗައިނާއިން ދާދި ފަހުން ވަނީ ޓައިވާންގެ ވަށައިގެން އަސްކަރީ ހަރަކާތްތަކެއް ހިންގައިފައެވެ.

ޓައިވާން މިނިވަން ދައުލަތެއްގެ ގޮތުގައި 1949 ވަނަ އަހަރު އިއުލާން ކުރީ ޗައިނާގެ ކޮމިއުނިސްޓު ޕާޓީއާ ކުރި އަހުލީ ހަނގުރާމައިން ނެޝަނަލިސްޓް ޕާޓީ ބަލިވުމުން ނެޝަނަލިސްޓް ޕާޓީން ޓައިވާނަށް ގޮސް އަމިއްލަ ވެރިކަމެއް ގާއިމު ކުރުމުންނެވެ. ނަމަވެސް ޗައިނާއިން އަދިވެސް ބުނަމުންދަނީ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށެވެ. އެމެރިކާއާއި ބައެއް އެހެން ގައުމުތަކުން ޓައިވާން ބަލައިގެންފައި ވަނީ މިނިވަން ދައުލަތެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *