އެމެރިކާގެ ނިއު ޔޯކް ސަހަރުގެ މޭޔަރު އެރިކް އެޑަމްސް (ފޮޓޯގައި) މަޝްހޫރުވެފައިވަނީ މީދާ ދެކެ ނަފުރަތު ކުރާ މީހެއްގެ ގޮތުގައެވެ. ނަމަވެސް އޭނާގެ ގެއިން އަނެއްކާވެސް މީދާ ފެނުމުން އޭނާ ޖޫރިމަނާކޮށްފިއެވެ.
ބްރުކްލިން ކައުންޓީގައި ހުންނަ އެރިކްގެ ގެ ނިއު ޔޯކް ސިޓީގެ ސިއްހީ އޮފިޝަލުން ޗެކު ކުރުމުން އެ ގޭގެ ތެރެއިން ވަނީ މީދާގެ ނަޖިސް ފެނިފައެވެ. އަދި ގޭގެ ސިޑި ދަށުން ވަނީ މީދާ ދިރިއުޅޭ ހޮރެއް ފެނިފައެވެ.
ޖަނަވަރީ 2022 ގައި އިންތިހާބުވެ ވަޑައިގަތް އެރިކްގެ ގެއިން މީދާ ފެނިގެން ޖޫރިމަނާ ކުރި މިއީ ފަސް ވަނަ ފަހަރެވެ. އޭނާއަށް މި ޖޫރިމަނާ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އިސްތިއުނާފު ކުރެވިދާނެއެވެ.
"އެރިކްގެ ގެ ސާފުތާހިރު ތަނެއްގެ ގޮތުގައި ބެހެއްޓެވުމަކީ އޭނާ ފަހުރުވެރިވެ ވަޑައިގަންނަވާ ކަމެއް. އޭނާ ކޯޓަށް ވެސް ހާޒިރުވެ ވަޑައިގަންނަވާނެ. އަދި ހުރިހާ ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރައްވާނެ،" އެރިކްގެ ތަރުޖަމާނު ލިޒް ގާސިއާ ނޫސް ބަޔާނެއްގައި ވިދާޅުވިއެވެ.
"އަހަރެން މީދާ ދެކެ ނަފުރަތު ކުރަން!" މިއީ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އެރިކްގެ އަތްމަތީ ބަހެކެވެ. އަދި މި ވިދާޅުވުމާ އެއްގޮތަށް އޭނާ ވަނީ މީދާ ޣަރަގު ކޮށްލައިގެން މަރާލާ އާލާތެއް ތަހުލީލު ކުރުމުގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ.
ނިއު ޔޯކްގެ ހުރިހާ ސަރަހައްދަކުން މީދާ މަރާދޭނެ މުވައްޒަފެއް ވެސް އެރިކް ވަނީ މިދިޔަ އަހަރު ހޯއްދަވައިފައެވެ. އެ މީހާ ހޯއްދެވީ ނޫސްތަކުގައި އިސްތިހާރުކޮށްގެންނެވެ. އިސްތިހާރުގައި ބުނެފައިވަނީ "ހޯލްސޭލްކޮށް މީދާ މަރާދޭނެ ލީޑަރަކު ބޭނުންވާ" ކަމަށެވެ.
އެރިކް މިހާރު ދިރިއުޅުއްވަނީ ބްރުކްލިންގައި ހުންނަ ގެއަކު ނޫނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ މޭޔަރުގެ ރަސްމީ ގެކޮޅު ކަމަށްވާ ގްރޭސީ މެންޝަންގައެވެ. މިހެންވެ، ބްރުކްލިންގައި ހުރި އޭނާގެ ގެއިން މީދާ ފެނުމުން ސަރުކާރުން އޭނާ ކޮށްފައިވާ ޖޫރިމަނާތައް ދެއްކެވުމަށް ދެކޮޅު ހެއްދެވިއެވެ.
އެ ގޮތުން ތިން ޖޫރިމަނާއެއް ސަރުކާރުން ވަނީ މައާފުކޮށްދީފައެވެ. ނަމަވެސް ހަތަރު ވަނަ ޖޫރިމަނާއަށް އަރާ 300 ޑޮލަރު އޭނާ ދެއްކެވިއެވެ. އެރިކް ކޯޓުގައި ވިދާޅުވީ ބްރުކްލިންގައި ހުންނަ ގެއިން މީދާ ނައްތާލުމަށް 7،000 ޑޮލަރު ހަރަދުކުރައްވައިފައިވާ ކަމަށެވެ.



advertisment