އިންޑިއާގައި ބޭއްވި އާއްމު އިންތިހާބުގައި ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ތިންވަނަ ދައުރެއް ލިބިދާނެ ކަމަށް އެކްސިޓް ޕޯލްތަކުން ދައްކައިފިއެވެ. އެކްސިޓް ޕޯލަކީ ވޯޓުލުމުން އެ މީހަކު ވޯޓު ލީ ކާކަށްތޯ އެހުމަށް ނަގާ ހިޔާލު ހޯދުމުގެ ތަފާސްހިސާބެކެވެ.
އެކްސިޓް ޕޯލްތަކުން މިހެން ދެއްކި ނަމަވެސް ރަސްމީ ނަތީޖާ އަންނަ އަންގާރަ ދުވަހު ލިބޭއިރު މި ހިޔާލު ހޯދުމުގެ ތަފާސްހިސާބަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.
ހަތް މަރުހަލާއަކަށް ބަހާލައިގެން އެޕްރިލް މަހު 19 ގައި ފެށި އިންތިހާބުގައި 969،000،000 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ނުވަތަ ލޯކް ސަބާގައި 543 ސީޓު ހިމެނެއެވެ. އާ ސަރުކާރެއް އެކުލަވައިލެވޭނީ މީގެ ތެރެއިން 272 ވޯޓު ލިބޭ ޕާޓީ ނުވަތަ ކޯލިޝަނުންނެވެ.
މަދުން ނޫނީ ނުވާ ކަމެއް ކަމަށްވާ ތިންވަނަ ދައުރެއް ލިބުން މޯދީއަށް އެކަށީގެންވާ ކަމަށް ދައްކަނީ އޭނާގެ ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ.) ހިމެނޭ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެން.ޑީ.އޭ.)އަށް ގިނަ މީހުން ވޯޓު ލާފައިވާ ކަމަށް އެކްސިޓް ޕޯލްތަކުން ދައްކާތީއެވެ. އެ ގޮތުން 365 ސީޓު މޯދީގެ ކޯލިޝަންއަށް ލިބޭނެ ކަމަށް އެކްސިޓް ޕޯލްތައް ދައްކައެވެ. މޯދީ ފުރަތަމަ ބޮޑު ވަޒީރު ކަމަށް ވަޑައިގަތީ 2014 ގައެވެ. އަދި މި ފަހަރުގެ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ އިތުރު ފަސް އަހަރު ވެރިކަމުގައި ހުންނަވާނެއެވެ.
މޯދީގެ ވެރިކަމުގައި އިންޑިއާ ވަނީ އިގުތިސާދީ ގޮތުން ފާހަގަ ކުރެވޭ ކާމިޔާބުތަކެއް ހޯދައިފައެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުގައި ވެސް އިންޑިއާގެ ގަދަރު ބޮޑުވެފައެވެ.
ދުނިޔޭގެ އެންމެ ބޮޑު އާބާދީއަކީ އިންޑިއާގެ 14. ބިލިއަނެވެ. އަދި މި ފަހަރު ވޯޓު ލީ މީހުންގެ އާބާދީ ދުނިޔޭގެ ނިސްބަތުން ބަލައިފި ނަމަ، އެމެރިކާ، ރަޝިޔާ، ޖަޕާން، އިނގިރޭސި ވިލާތް، ބްރެޒިލް، ފްރާންސް އަދި ބެލްޖިއަމްގެ އާބާދީ އެއްކޮށްލުމުން އަންނަ އަދަދާ ބައްދަލެވެ.
އިންޑިއާއަކީ މިހާރު އިގުތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ގައުމެވެ. އެ ގޮތުން 2022 އިން ފެށިގެން 2023 ގެ ފިސްކަލް އިޔާގައި 7.2 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވެއެވެ. ފިސްކޯލް އިޔާ ނުވަތަ "މާލީ އަހަރަކީ" ވިޔަފާރި ނުވަތަ އިގުތިސާދުގެ ހިސާބުކިތާބު ނުވަތަ އެކައުންޓް ކުރުމުގައި ގުނާ 12 މަސް ދުވަހެވެ.
އިންޑިއާގެ އިގުތިސާދު ކުރިއަރަމުން އަންނަ މި ތަފާސްހިސާބުގެ ސަބަބުން އެ ގައުމު ވެފައިވަނީ ޖީ20 ގެ ގައުމުތަކުގެ ތެރޭގައި ދެވަނައަށް އެންމެ ބޮޑަށް އިގުތިސާދު ކުރިއަރަމުން އަންނަ ގައުމަށެވެ. ޖީ20 ގައުމުތަކަކީ ޔޫރަޕްގެ އިއްތިހާދާއި އެފްރިކާގެ އިއްތިހާދު ހިމެނޭ ގޮތަށް 19 ގައުމަކުން ސަރުކާރުގެ ފެންވަރުގައި ބައިވެރިވެފައިވާ ޖަމާއަތެކެވެ.
އިންޑިއާއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމެވެ. އެ ގޮތުން ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް ޗައިނާގައި 1.4 ބިލިއަން މީހުން އުޅޭއިރު، އިންޑިއާގެ އާބާދާ އެށްވުރެ ކުޑަ ތަންކޮޅެއް އިތުރެވެ. އދ.ގެ މާލީ އިދާރާ ކަމަށްވާ 190 ގައުމުން ބައިވެރިވެފައިވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް.)އިން ލަފާ ކުރާ ގޮތުގައި މި އަހަރު އިންޑިއާގެ އިގުތިސާދު 6.8 ޕަސެންޓްގެ ނިސްބަތުން ކުރިއަރާނެއެވެ. އަދި އަންނަ އަހަރު 6.5 ޕަސެންޓްގެ ރޭޓުން ކުރިއަރާނެއެވެ. އައި.އެމް.އެފް.އިން ބުނާ ގޮތުން ޗައިނާގެ އިގުތިސާދު މި އަހަރު ކުރިއަރާނީ ފަސް ޕަސެންޓްގެ ނިސްބަތުންނެވެ. އަދި އަންނަ އަހަރު 4.5 ޕަސެންޓް ނިސްބަތުންނެވެ.
މޯދީގެ މި ފަހަރުގެ އިންތިހާބީ މެނިފެސްޓޯގައި ވައުދުވެވަޑައިގެންފައިވަނީ ދުނިޔޭގެ އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ތިން އިގުތިސާދުގެ ތެރޭގައި އިންޑިއާ ހިމެނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެ ގޮތުން ފަގީރުކަމުގެ މައްސަލަ ހައްލު ކުރުމަށް އިތުރު ފިޔަވަޅުތައް އަޅައި، އިގުތިސާދުގެ ދުވެލި އިތުރަށް ހަލުއި ކުރުމަށް އާ ދޮރުތަކެއް ހުޅުވައި އަދި ކޮރަޕްޝަން ނައްތައިލުމަށް އިތުރު މަސައްކަތްތަކެއް ކުރުން ހިމެނެއެވެ.
އުއްމީދުން ފުރިގެންވާ ކުރިމަގެއް އިންޑިއާއަށް ލިބިފައިވާ ކަމަށް އެހެން ގައުމުތަކުގެ ވެރިން ދެކެވަޑައިގަތަސް، އިންޑިއާގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުންނާއި އިންޑިއާގެ ކަންކަމަށް ފާޑުކިޔާ މީހުން މޯދީގެ ތިން ވަނަ ދައުރުގައި އިންޑިއާގެ ޑިމޮކްރެސީއަށް އިތުރު ހުރަސްތައް އެޅޭނެ ކަމަށް ދެކެއެވެ. އެ ގޮތުން އިންޑިއާގައި އޮތް ވަޒީފާ ލިބުމުގެ ދަތިކަމުގެ އިތުރުން އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް މޯދީ ދެއްކެވި "ހޭޓް ސްޕީޗް" ނުވަތަ ނަފުރަތުގެ ވާހަކަ އިންތިހާބުގެ ކުރިން މޯދީ ދެއްކެވުން ވަނީ އެކި ފަރާތްތަކުގެ ނުރުހުން މޯދީއަށް ލިބިފައިވާ ސަބަބަކަށެވެ.
މީގެ އިތުރުން އިންތިހާބު ކައިރިވެފައި އޮއްވާ އިދިކޮޅު ފަރާތްތައް ޖަލަށްލުމާއި ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުން ވެސް ވަނީ އެކިއެކި ފަރާތްތަކުގެ ނުރުހުން މޯދީއަށް ލިބުނު ސަބަބަކަށެވެ. ބައެއް ސަރަހައްދުތަކުގައި މުސްލިމުން ވޯޓު ލުމަށް ހުރަސްއަޅައިފައިވާ ކަމަށް ތުހުމަތު ކުރެވުނެވެ. ނަމަވެސް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ މި ކަން ދޮގުކޮށްފައެވެ.



advertisment