Support Us

ވޮރަންޓް އޮފިސަރ ގްރޭޑް 1 (ރޓޑ) ޚާލިދު ޢަބްދުﷲގެ އަސްކަރީ އަގުހުރި ޚިދުމަތް

ހ.ވަޅުފެހި، ވޮރަންޓް އޮފިސަރ ގްރޭޑް 1 (ރޓޑ) ޚާލިދު ޢަބްދުﷲ ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1979 ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚާލިދު ޢަބްދުﷲ ސިފައިންގޭގައި 30 އަހަރާއި ފަސް މަހާއި 28 ދުވަހުގެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއެވެ. މި ދިގު މުއްދަތުގެ ތެރޭގައި ޚާލިދު ޢަބްދުﷲ ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން، ޝަރަފުގެ ނިޝާންގެ ގޮތުގައި ހަތް ކުލައާއި ތިން މެޑަލް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންނެވި މެޑަލްތަކަކީ ސިފައިންގެ ޚިދުމަތުގެ މެޑަލް، ސައްތައިގެ މެޑަލް އަދި ތިން ނޮވެމްބަރުގެ މެޑަލްއެވެ. ލިބިވަޑައި ގެންފައިވާ ކުލަތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައިގެ އިތުރުން، އަޚްލާޤީ ކުލަ ތިން ވަނަ ފަހަރަށް ލިބިވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ.

ޚާލިދު ޢަބްދުﷲ ސިފައިންގޭގައި މަސައްކަތް ކުރެއްވި ދާއިރާތަކުގެ ތެރޭގައި ޔުނިފޯމް ސެކްޝަނާއި، ކޭޓަރިން ސަރވިސްއާއި، މެޑިކަލް ސަރވިސްއާއި، ޑިއުޓީ ސެކްޝަން ހިމެނެއެވެ. ޚާލިދު ޢަބްދުﷲ ރިޓަޔަރ ކުރެއްވި ޚިދުމަތް ކުރައްވަމުން ގެންދެވީ އެމްއެންޑީއެފް ކޯސްޓްގާޑުގައެވެ.

ޚާލިދު ޢަބްދުﷲ ބައިވެރިވެ ވަޑައިގެންނެވި ބޮޑެތި މަސައްކަތް ތަކުގެ ތެރޭގައި، ސިފައިންގެ މަރުކަޒު ހެއްދެވުމުގައި އައްޑޫ އާއި މަޑިވަރުގައި ގިނަގުނަ ޚިދުމަތް ތަކެއް ކުރެއްވުމާއި، ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާގެ ވަގުތުގައި ހޮސްޕިޓަލުގައި ހުންނަވައިގެން އެތަނަށް ޒަޚަމްވެގެން ގެންދެވުނު މީހުންނަށް އެހީތެރިވެވަޑައިގެންނެވުމުގައި އަދާކުރެއްވި މުހިންމު ދައުރު ފާހަގަކޮށްލެވެއެވެ. ސިފައިންގެ ޚިދުމަތުން ޚާލިދު ޢަބްދުﷲ ރިޓަޔަރ ކުރެއްވީ ޢުމުރުން 63 އަހަރުފުޅުގައެވެ.

ޚާލިދު ޢަބްދުﷲ އަށް އެހެން ސިފައިންނެކޭ އެއްގޮތަށް އަޅުގަނޑު ވެސް ކިޔަނީ ޚާލިދުބެއެވެ. ޚާލިދުބެ ސިފައިން ޚިދުމަތުން ރިޓަޔަރ ކުރެއްވި ފަހުން އެއްގޮތަކަށް ވެސް ބައްދަލުނުވެ ހުރެފައި އޭގެފަހުން އަޅުގަނޑާ ބައްދަލުވީ އަޅުގަނޑު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި މަސައްކަތްކުރި ދުވަސްވަރު ލ. އަތޮޅުންނެވެ. އެއީ 2011 ވަނަ އަހަރެވެ. އޭރު ދިރިއުޅުއްވަމުން ގެންދެވީ އެ އަތޮޅުގައެވެ. އޭރު ވެސް އެއީ ވަރަށް މުރާލި މަސައްކަތްތެރި ބޭފުޅެކެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ހިތްހެޔޮކަމާއި މަޖާ މިޒާޖެވެ. ސިފައިންގެ އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރެއްވި ގޮތާއި އެ ތަންތަނުގެ އޭރުގެ ހާލަތާއި މަސައްކަތްކުރެއްވި މީހުންނާއި އިސްކޮށް ތިއްބެވި ބޭފުޅުންގެ ވާހަކަތައް ކިޔައިދެއްވިއެވެ. އަދި އޭރު ދިމާވެފައިވާ ބައެއް މަޖާ ކަންތައްތައް ވެސް ހިއްސާކުރެއްވިއެވެ. އެއިގެ ކޮންމެ ވާހަކައަކުން ވެސް އަޅުގަނޑަށް ފާހަގަވީ އޭރާއި މިހާރާ ހުރި ބޮޑު ތަފާތެވެ. ސިފައިންގެ ޚިދުމަތް ދެއްވުމުގައި މަދު ވަސީލަތްތަކަކާއެކު އެ ބޭފުޅުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއެވެ.

ޚާލިދު ޢަބްދުﷲ އަވަހަރާވީ 30 މޭ 2024 ގައި އުމުރުން 78 އަހަރުފުޅުގައެވެ. މަރުޙޫމުގެ ފުރާނައަށް ސުވަރުގޭ ދާއިމީ ރަޙުމަތް ލައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

  • ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *