Support Us

އުމުރުން 106 އަހަރުގައި ސްކައިޑައިވް ރެކޯޑު އަނެއްކާވެސް މުގުރާލައިފި

އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ އުމުރުން 106 އަލްފްރެޑް ބްލާޝްކީ ސްކައިޑައިވް ރެކޯޑު އަނެއްކާވެސް މުގުރާލައިފިއެވެ.

ސްކައިޑައިވް ކުރުމުގައި އެންމެ މުސްކުޅި މީހާގެ ރެކޯޑް އަލްފްރެޑް ފުރަތަމަ ފަހަރަށް މުގުރައިލީ މީގެ ތިން އަހަރު ކުރިން އޭނާގެ ދެ ކާފަދަރިން ކޮލެޖުން ދަސްވެނިވުން ފާހަގަ ކުރުމަށެވެ.

އަލްފްރެޑް ރެކޯޑު މުގުރައިލީ ޓެންޑެމް ސްކައިޑައިވުންނެވެ. މިއީ ޕްރޮފެޝަނަލް އިންސްޓްރަކްޓަރެއްގެ ގައިގައި "ބަނދެވިގެން" ސްކައިޑައިވް ކުރުމެވެ. 

އަލްފްރެޑް ފުރަތަމަ ފަހަރަށް ރެކޯޑު މުގުރައިލީ 14،000 ފޫޓު މަތިން، މަތިންދާބޯޓަކުން ފުއްމާލައިގެންނެވެ. 

"މިއީ އަހަރެން ދެކެމުން އައި ހުވަފެނެއް. ނަމަވެސް މިކަން ކުރުމަށް މިހާ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމަކަށް އަހަރެން އުއްމީދެއް ނުކުރަން،" ދުނިޔޭގެ ރެކޯޑު ބަލަހައްޓާ ޖަމިއްޔާ ގިނެސްއަށް އެ ފަހަރު އޭނާ ބުނެފައިވެއެވެ.

އަލްފްރެޑް ފުރަތަމަ ސްކައިޑައިވް ކުރީ އޭނާގެ 100 ވަނަ އުފަން ދުވަހުއެވެ. 

މި ފަހުން އޭނާގެ ރެކޯޑު އަލުން މުގުރައިލީ 2022 ގައި ސްވިޑެންގެ އަންހެނެއް ކަމަށްވާ ރަތު ލެނެއާ އިންގެގާޑް ލާސަން އުމުރުން 103 އަހަރުގައި އަލްފްރެޑްގެ ރެކޯޑު މުގުރައިލުމުންނެވެ. 

މި ފަހަރު އަލްފްރެޑް އޭނާގެ އަމިއްލަ ރެކޯޑު މުގުރައިލިއިރު ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބަޓް ވެސް އަލްފްރެޑްއާ އެއްކޮށް ސްކައިޑައިވް ކުރުމުގައި ބައިވެރިވެވަޑައިގަތެވެ. މިއީ އަލްފްރެޑް ފުރަތަމަ ފަހަރަށް ރެކޯޑު މުގުރައިލުމުން ގްރެގް އޭނާއަށް ވެވަޑައިގަތް ވައުދެކެވެ.

ދެވަނަ ފަހަރަށް ރެކޯޑު މުގުރައިލި ދުވަހު މޫސުން ތަން ނުދިނުމުގެ ސަބަބުން އަލްފްރެޑްގެ ސްކައިޑައިވް ވަނީ ހަތަރު ފަހަރެއްގެ މަތިން ފަސްކޮށްފައެވެ. އެއީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހެވެ. ނަމަވެސް ރެކޯޑު މުގުރާލެވިއްޖެކަން ގިނެސްއިން އިއުލާން ކުރީ މީގެ ދެ ހަފުތާ ކުރިންނެވެ. 

މި ފަހަރު އޭނާ ވަނީ މަތިންދާބޯޓު 9،000 ފޫޓު އުހަށް އެރުމުން އިންސްޓްރަކްޓަރާއެކު ފުއްމައިލައިފައެވެ. ބިންމަތީގައި ބަލަން ތިބީ އަލްފްރެޑްގެ ހުރިހާ ދަރިންނާއި ކާފަދަރިންނާއި މީޑިއާ ނޫސްވެރިންނާއި ސަރުކާރުގެ އޮފިޝަލުންނެވެ. 

އަލްފްރެޑްގެ ވައިކުޑަ ނުވަތަ ޕެރަޝޫޓު ހުޅުވައިލީ 5،500 ފޫޓު މަތިންނެވެ. ދެން ބިމަށް ޖައްސައި، ގްރެގްއާ ސަލާންކޮށް، ގްރެގްގެ ފުރަތަމަ ސްކައިޑައިވްއަށް މަރުހަބާ ކިޔެވެ.

އެއަށް ފަހު މީޑިއާއާ ކުރިމަތިލައި އަލްފްރެޑް ބުނީ އެއްވެސް ކަމެއް ނުވާނޭ ހިތަށް އަރާ ނަމަ އެއީ ތިމާގެ ގާބިލުކަމާމެދު ޝައްކު އުފެދުން ކަމަށެވެ.

"ކޮންމެ މީހަކީވެސް ހީކުރާ ވަރަށް ވުރެ ބޮޑަށް ކަންތައްތައް ކުރެވޭނެ މީހުން. އެ ކަމެއް ކުރަން ނިންމަން ޖެހޭނީ،" އަލްފްރެޑް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *