Support Us

ފަރުދާގައި ލޯވަޅު އަޅައިގެން ފުޖީ ފަރުބަދައިގެ ފޮޓޯ ގަވައިދާ ހިލާފަށް ނަގަނީ

ޖަޕާނުގެ މަޝްހޫރު ރަމްޒެއް ކަމަށްވާ ފުޖީ ފަރުބަދަ ފޮޓޯ ނަގަން އުޅޭ ޓޫރިސްޓުންގެ ނޭދެވޭ އަމަލުތަކާހުރެ ފުޖީ ފޮރުވަން ދަމާލި ފަރުދާގައި ލޯވަޅު އަޅައިގެން ވެސް ޓޫރިސްޓުން ފޮޓޯ ނަގަން ފަށައިފިއެވެ.

ފުޖިކަވަގުޗިކޯއިން ވަނީ 8،000 ޑޮލަރު ހަރަދު ކޮށްގެން އަށް ފޫޓު އުހުގައި ފަރުދާއެއް ބަހައްޓައިފައެވެ. މި ފަރުދާގެ ދިގުމިނުގައި 66 ފޫޓު ހުރެއެވެ.

އެ ސަހަރުގެ އޮފިޝަލުން ވިދާޅުވީ ކޮޅަށް ހުރެގެން މީހަކަށް ފޮޓޯ ނެގޭނެ އުސްމިނުގައި ފަރުދާގައި ލޯވަޅުއަޅާފައިވާ ކަމަށެވެ. އަދި މީގެ ބާގަނޑުތައް ހުރީ ކެމެރާއެއްގެ ލެންސް ވަންނަ ވަރަށް ހަދާފައި ކަމަށެވެ. 

"މި ކަހަލަ 10 ވަރަކަށް ލޯވަޅު އަޅާފައި އެބަހުރި،" ފުޖިކަވަގުޗިކޯގެ އޮފިޝަލަކު ވިދާޅުވިއެވެ. 

މި ފަރުދާ ބެހެއްޓީ އެ ޓައުނުގައި ޓްރެފިކަށް ބެލުމެއް ނެތި މަގުމެދުން ޓޫރިސްޓުން ހިނގުމާއި، ދުވާރުތައް ފުރާލުމާއި، ފުޖީގެ ފޮޓޯ ނަގަން އަމިއްލަ މީސްމީހުންގެ ގޭގެއަށް ވެސް ހުއްދަ ނެތި ވަންނަން ފެށުމުންނެވެ.

ފުޖީ "ފޮރުވާލަން" ހެދި ފަރުދާގެ މަސައްކަތް ނިމުނީ މިދިޔަ ހަފުތާގައެވެ. 

"ޖެހިގެން އައި ދުވަހު ވެސް ފަރުދާގައި ލޯވަޅެއް އަޅާފައި ހުރި ތަން ފެނުނު. މިހާރު 10 ބާގަނޑު އެބަހުރި،" އޮފިޝަލަކު ވިދާޅުވިއެވެ. 

ސަހަރުގެ އޮފިޝަލުން ވިދާޅުވީ މި ލޯވަޅުތައް އަޅާފައި ހުރި ނަމަވެސް "އޯވަރ-ޓޫރިޒަމް" ނުވަތަ އޮބިނޯންނަ ވަރަށް ޓޫރިސްޓުން އައުމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވެއްޖެ ކަމަށެވެ. 

އޯވަރ-ޓޫރިޒަމަކީ އެ ތަނެއްގައި ދިރިއުޅޭ މީހުންނާއި އެ ތަނަކަށް ޒިޔާރަތް ކުރާ މީހުން ގިނަވުމުގެ ސަބަބުން އެ ތަނުގެ "ޓޫރިޒަމް އެކްސްޕީރިއަންސް" ނުވަތަ ޓޫރިޒަމް ތަޖުރިބާ އެ އެންމެންގެ ވެސް ބޮލުގައި ރިހުމަކަށް ބަދަލުވުމެވެ. 

އޯވަރ-ޓޫރިޒަމްއަކީ މިހާރު މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ މައްސަލައެކެވެ. ބައެއް ފަތުރުވެރިކަމުގެ މަންޒިލުތަކުން ދަނީ މި ކަމާމެދު ތަފާތު ފިޔަވަޅުތައް ވެސް އަޅަމުންނެވެ. 

އެ ގޮތުން އިޓަލީގެ ވެނިސްއަށް ރަބީއު މޫސުމުގައި ވަންނަން ބޭނުން ނަމަ ފަސް ޔޫރޯ ދައްކަން ޖެހެއެވެ. ވެނިސްއަކީ އަހަރަކު 30 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރާ މަންޒިލެކެވެ. މި ކަމުގެ ސަބަބުން ވެނިސްގެ އިންފްރާސްޓްރަކްޗަރަށް ޕްރެޝަރު ބޮޑުވެ، އެ ތަނުގެ ވަޒަންވެރިންގެ ދިރިއުޅުމުގެ ފެންވަރަށް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ.

ސްޕެއިންގެ ކެނެރީ ޖަޒީރާގެ އޮފިޝަލުން އަންނަނީ ޓޫރިޒަމްގެ ހަރުކަށި ގަވައިދުތަކެއް ހެދުމާ ގުޅޭ ގޮތުން ވިސްނަމުންނެވެ. ސަބަބަކީ އެ ޖަޒީރާއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ގިނަ ކަމުން އެ ކަމާ އެ ރަށުގެ އަހުލުވެރިން ރުޅިގަދަވަމުންދާތީއެވެ. 

ކެނެރީ ޖަޒީރާގެ ރައީސް ފެރްނާންޑޯ ކްލެވިހޯ މި މަހު ވިދާޅުވީ އެ ޖަޒީރާއަކީ ސްޕެއިންގެ ކުރީ ސަފުގެ ޓޫރިސްޓުންގެ މަންޒިލެއް ކަމަށް ވިޔަސް، އެ ޖަޒީރާއަށް އަންނަ ޓޫރިސްޓުންގެ އަދަދު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރަން ޖެހިފައިވާ ކަމަށެވެ.

މި ކަމަށް ބާރު އެޅުމުގެ ގޮތުން ސްޕެއިންގެ ޓެނެރީފް ޖަޒީރާގައި މިދިޔަ މަހު ވަނީ އެތައް ހާސް މީހުން މުޒާހަރާކޮށްފައެވެ. އެ މީހުން ގޮވާލީ ޓޫރިސްޓުންގެ އަދަދު ވަގުތީ ގޮތުން މަދުކޮށްލުމަށެވެ. ޓެނެރީފްގެ ރަށްވެހިންގެ ކަންބޮޑުވުމެއް ކަމަށްވީ ޗުއްޓީއަށް އަންނަ މީހުންނަށް ކުއްޔަށް ދޫކުރުމަށް ހަދާ ހޮޓެލްތަކުގެ ކުލީގެ ސަބަބުން ރަށްވެހިންނަށް ތަންތަން ކުއްޔަށް ލިބޭ އަގުތައް ބޮޑުވުމެވެ.

މި ދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޕެރޫގެ ތަރިކަ ތަނެއްގެ ގޮތުގައި ބެލެވޭ މާކޫ ޕީޗޫ ވަނީ ވަގުތީ ގޮތުން ޓޫރިސްޓުންނަށް ބަންދުކޮށްލައިފައެވެ. ޕެރޫގެ ސަރުކާރުން މި ގޮތަށް ނިންމީ ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް ޒިޔާރަތް ކުރާތީއެވެ. މި ތަނަކީ 16 ވަނަ ގަރުނުގައި އިންކާ މީސްކޮޅުން ދީނީ ބޭނުންތަކަށް ފަރުމާ ކުރި ތަނެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *