އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ 34 ދައުވާ ސާބިތުވުމާ ގުޅިގެން އޭނާ ވެފައިވަނީ ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ އެމެރިކާގެ ރައީސްއަށެވެ.
ޓްރަމްޕްގެ މައްޗަށް ސާބިތުވީ 2016 ގެ އިންތިހާބުގެ ކުރިން އޭނާ ގުޅުން ބޭއްވި ހަށިވިއްކާ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްގެ ފަރާތުން އެ ވާހަކަ ފަޅާނާރުވާލާމަތިން ފައިސާ ދިން ކަމަށެވެ.
ޓްރަމްޕްގެ މައްޗަށް ހުކުމް އިއްވަން ކަނޑައަޅާފައިވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ ނޮވެމްބަރު ފަހެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީން ކުރިމަތިލަނީ ޓްރަމްޕްކަން ރަސްމީކޮށް އިއުލާން ކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.
އުމުރުން 77 އަހަރުގެ ޓްރަމްޕްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތު ވި ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކޮށް ވޯޓު ލުމަކަށް ހުރަހެއް ނެތެވެ. މިކަން މިހެން ދިމާވަނީ ފްލޮރިޑާ ސްޓޭޓާއި ނިއު ޔޯކް ސްޓޭޓްގެ ގާނޫނުން މި ކަމަށް ތަން ދޭތީއެވެ.
ޓްރަމްޕް މައިގަނޑު ގޮތެއްގައި ދިރިއުޅޭ ފްލޮރިޑާގައި ޖިނާއީ ކުށެއް ސާބިތު ވި މީހަކަށް، އެ މީހާގެ ޝަރީއަތް ބޭއްވި ސްޓޭޓްގެ ގާނޫނުތަކަށް ރިއާޔަތްކޮށް، ވޯޓު ލުމުގެ ހައްގު ދެއެވެ.
ޖަލަށް ނުލައި، ނަމަވެސް ޕެރޯލް އާއި ޕްރޮބޭޝަނަށް ހުކުމް ކޮށްފި ނަމަ، ޖިނާއީ ކުށެއް ސާބިތުވި މީހަކަށް ވިޔަސް ވޯޓު ލެވޭނެ ގޮތަށް ގާނޫނު އޮތް 23 ސްޓޭޓް ތެރޭގައި ނިއު ޔޯކް ހިމެނެއެވެ؛ ޓްރަމްޕްގެ ޝަރީއަތް އޮތީ ނިއު ޔޯކްގައެވެ. މިހެންވެ، އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައި، ވޯޓު ލުމަށް ޓްރަމްޕަށް ހުރަހެއް ނެތެވެ.
ޓްރަމްޕަށް ރައީސް ކަމަށް ކުރިމަތި ނުލެވޭނީ ރިޔާސީ އިންތިހާބު އޮންނަ ފަހެއް ނޮވެމްބަރުގައި އޭނާ ޖަލު ހުކުމެއްގައި ހުރި ނަމައެވެ. ނަމަވެސް ގާނޫނީ ތަޖުރިބާކާރުން ވިދާޅުވީ ޓްރަމްޕަށް ޖަލު ހުކުމެއް އިއްވުމަކީ ނާދިރު ކަމެއް ކަމަށެވެ. އަދި ޓްރަމްޕްގެ ފަރާތުން އޭނާގެ ހުކުމް އިސްތިއުނާފު ކޮށްފި ނަމަ، އިސްތިއުނާފުގެ މަރުހަލާ ވެސް ނޮވެމްބަރު ފަސް ވަނަ ދުވަސް ފަހަނަޅާ ގޮސްފާނެ ކަމަށެވެ.
"ޓްރަމްޕްގެ މައްޗަށް އިއްވަނީ ކޮން ހުކުމެއްތޯ އާއި ނިއު ޔޯކްގައި އޭނާ ކުރިއަށްގެންދާނެ އިސްތިއުނާފު މަރުހަލާ ދާނީ ކިހިނެތްތޯ ބަލަން ތިބެން ޖެހޭނީ،" ފްލޮރިޑާގެ ކުށްވެރިން އަނބުރާ މުޖުތަމައަށް ގެނައުމާ ބެހޭ ޖަމިއްޔާއެއް ކަމަށްވާ ފްލޮރިޑާ ރައިޓްސް ރިސްޓޮރޭޝަން ކޯލިޝަންގެ ޑިރެކްޓަރުގެ ނައިބު ނީލް ވޮލްޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޓްރަމްޕަށް އިންތިހާބުގައި ކުރިމަތިލެވޭނެކަން ނުވަތަ ނޫންކަން އެނގިގެންދާނީ ނިއު ޔޯކްގެ ގާނޫނީ މަރުހަލާ ދާ ގޮތަކުން ކަމަށެވެ.
"އަހަރެމެން މިހާރު މި ތިބީ މީގެ ކުރިން ދުވަހަކު ވެސް ކުރިމަތިނުލާ ކަމަކާ ދިމާވެފައި،" ނީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނިއު ޔޯކްގެ މަރުހަލާ ކޮންމެ ގޮތަކަށް ކުރިއަށް ދިޔަ ނަމަވެސް، ފްލޮރިޑާއިން ކަންތައް ކުރާ ގޮތަކުން އެނގޭނީ ޖިނާއީ ކުށެއް ކޮށްގެން ހުރެ ޓްރަމްޕަށް ވޯޓު ލެވިދާނެތޯ ނުވަތަ ނޫންތޯއެވެ.
ނީލް ވިދާޅުވީ ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހެއް ނަމަވެސް، ގާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެން ވެސް ހަމަހަމަ ވާން ޖެހޭނެ ކަމަށެވެ.
ވޯޓު ލުމުގެ ހައްގު ނިއު ޔޯކް މަރުހަލާއިން ގެއްލިއްޖެ ނަމަ، ފްލޮރިޑާގެ ކުށް މައާފު ކުރާ ބޯޑު ނުވަތަ ކްލެމެންސީ ބޯޑުގައި އެދިގެން ޓްރަމްޕަށް ވޯޓު ލުމުގެ ހައްގު ލިބިދާނެއެވެ. އެ ބޯޑުގައި ހިމެނެނީ ޓްރަމްޕް ވެސް އެ ޕާޓީއަކަށް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ގަވަރުނަރު ރޮން ޑިސާންޓިސް އާއި އޭނާގެ ކެބިނެޓެވެ. މިއަހަރުގެ ތެރޭގައި މި ބޯޑު އިތުރު ތިން ފަހަރަށް ބައްދަލު ކުރާ ގޮތަށް ހަމަޖެހިފައިވެއެވެ. މިދިޔަ ޖަނަވަރީ މަހު ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ނާކާމިޔާބުވުމުން ރޮން ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޭނާ ތާއީދު ކުރައްވާނީ ޓްރަމްޕަށް ކަމަށެވެ.



advertisment