Support Us

ކޮލަމް ދޭހަ

ރައްޔިތުންގެ މަޖިލީހުން މި ކުޅެނީ ކޮން ދައުރެއް؟

ރައްޔިތުންގެ މަޖިލީހުން މިހާރު މި ކުޅެނީ ކޮން ކުޅިގަނޑެއްތޯއެވެ؟ މި އަދާ ކުރަނީ ކޮން ދައުރެއްތޯއެވެ؟ ތެދުފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ރައްޔިތުންގެ މަންދޫބުންނެވެ. ރައްޔިތުންގެ ފަރާތުން ޤައުމު ހިންގާނެ ގޮތާއި މެދު ބަސްކިއަން ރައްޔިތުންގެ ފަރާތުން ހޮވާފައި ތިބި ބައެކެވެ. ރައްޔިތުންގެ މަޖިލީހުގައި ހިނގާ ކޮންމެ ކަމަކާ ބެހޭ ގޮތުން ކޮންމެ ރައްޔިތަކަށް ފެންނަ ގޮތް ކިޔައިދޭން މަޖިލީހަށް ނުދެވޭނެތީވެއެވެ. އެހެން ނަމަވެސް މިހާރު ފެންނަ ގޮތުގައި، އެ ތާނގައި އެ ބޭފުޅުންނާއި ރައްޔިތުން ޙަވާލުކޮށްފައި އޮތް މަސައްކަތަށް ހޭދަ ކުރައްވާ ވަގުތަށް ވުރެ ގިނަ ވަގުތު ރައްޔިތުން އެބޭފުޅުން ކުރައްވަން ހަވާލުކޮށްފައިނުވާ ކަންތައްތައް ކުރެއްވުމުގައި ހޭދަކުރައްވައެވެ. މަޖިލީހުގެ އަޣްލަބިއްޔަތު ސަރުކާރަށް، ރައްޔިތުން ދިނީ ސަރުކާރުގެ އެޖެންޑާ ތަންފީޒު ކުރުމަށް ފަސޭހަކުރާށެވެ. އެހެންނަމަވެސް ބޮޑު އަޣްލަބިއްޔަތާއި އެކުވެސް، ސަރުކާރުން ބޭނުންވާ ގޮތަށް މަސައްކަތްތައް ކުރިއަށްދާ ތަނެއް ނުފެނެއެވެ. ސަރުކާރު ނަގަހައްޓައި، ދަމަހައްޓަން މަސައްކަތް ކުރެވޭ ތަނެއް ނުފެނެ އެވެ. ފެންނަނީ ކޮންމެވެސް ކޯޅުމެކެވެ. މަޖިލީހުގެ ބާރު އޮންނަ އިމުން ބޭރުން ކުރެވޭ އަމުރެކެވެ. ގަދަ ބަހެކެވެ. ގޮވާލުމެކެވެ. ސަރުކާރު ހިންގުމަށް ދަތިކޮށް ފާޑުކިޔާ އުނދަގޫކުރަން މަސައްކަތް ކުރަނީއޭ ހީވާ ފަހަރުވެސް އާދެއެވެ.

ބައެއްފަހަރު ސަރުކާރުން ހިންގަން ބޭނުންވާ ބައެއް ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅޭ ފަދަ ވާހަކަތައް ދައްކަވާ ތަން ވެސް ފެނެއެވެ. މިސާލަކަށް ދަންނަވާ ނަމަ ޤައުމު ލޮކްޑަވްނަކަށް ގޮސްފައި އޮއްވާ ޢާއިލީ ބައްދަލުވުންތަކަށް ގޮސް ޗުއްޓީ ހޭދަކުރަން ނަސޭޙަތްތެރިވުން ކަހަލަ ކަންތައް ކުރުމެވެ. ވިޔަފާރިތައް ހުޅުވާލުމަށް ގޮވާލުން ކަހަލަ ކަންތައް ކުރުމެވެ. ފަތުރުވެރި ކަމަށް މިއޮތީ ހުޅުވާލާފައެވެ. މަހަކު ރާއްޖެ އަށް ކިތައް ފަތުރުވެރިން އާދޭތޯއެވެ؟ ރާއްޖެ އަށް ސޭފް ޓުރެވެލް ސްޓޭމްޕު ނުލިބުމަކީ ވެސް މައްސަލައަކަށް ވިއެވެ. އެއީ އަވައްޓެރި އެކުވެރި ޤައުމަކުން ދޭ ސްޓޭމްޕެއް ނަމަ އެންމެ ފުރަތަމަ އެސްޓޭމްޕް ލިބޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެއެވެ. އެކަމަކު އެއީ ބައިނުލްއަޤްވާމީ ގޮތުން އެއްބަސްވެވިފައި އޮންނަ ވަކި މިންގަނޑުތަކަކަށް ބެލެވިގެން އެ މިންގަނޑުތައް ފުރިިހަމަވުމުން ދޭ އެއްޗަކަށްވުމުން އެ މިންގަނޑުތައް ފުރިހަމަނުވާނަމަ އެ ސްޓޭމްޕެއް ނުލިބޭނެއެވެ. ކަން އޮތީ މިހެންކަން އެކަމާއި ބެހޭ ގޮތުން ޝަކުވާ ކުރާ މީހުންނަށް ވެސް އެނގޭނެ އެވެ.

ވެރިކަން ކުރާ މައި ޕާޓީ އަށް ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް ދިނީ އެޖެންޑާ 19 ދެކެ ވީ ބޮޑު ލޯތްބަކުންނެއް ނޫނެވެ. ގިނަ ދިވެހި ރައްޔިތުންނަކީ އެޖެންޑާ 19 ގައި އޮތީ ކޮންއެއްޗެއްކަން އެނގޭ ބައެއް ނޫނެވެ. އެނގުނު ބައެއް ނޫނެވެ. އެނގެން ބޭނުންވާ ބައެއްހެން ވެސް އަޅުގަނޑަށް ހީއެއް ނުވެއެވެ. އެޖެންޑާ 19 އާއިގެން އޮޅުލަނީ ޕާޓީގެ އެތެރޭގައި ސިޔާސީ ބާރު ހޯދަން މަސައްކަތްްކުރާ މީހުންނެވެ. ވެރިކަމުގައި އޮތް މައި ޕާޓީ އަށް ރައްޔިތުން ވޯޓު ލީ ބަދަލަކަށެވެ. ވެރިކަން ބަދަލުކުރަން ބޭނުންވީ އެވެ. ރައީސް ޔާމީނުގެ ގިނަ ސިޔާސަތުތަކަށް ތާއީދު ނުކުރެވިގެންނެވެ. އެ މަނިކުފާނު ވެރިކަން ކުރެއްވި ގޮތާއި މެދު ނުރުހިގެންނެވެ. ވެރިކަން ކުރާ މައި ޕާޓީގެ ސިޔާސަތަށް ތާއީދުނުކުރާ، އަޅުގަނޑު ދަންނަ ވަރަށް ގިނަ މީހުން އިންތިޚާބުގައި މިހާރު ވެރިކަން ކުރާ މައި ޕާޓީ އަށް ތާއީދުކޮށް ވޯޓު ލިއެވެ. އެ މީހުންނަކީ އަދިވެސް ވެރިކަން ކުރާ މައި ޕާޓީގެ މެމްބަރުންނެއް ނޫނެވެ. އަދި ގިނަ ސިޔާސަތު ތަކަށް ތާއީދު ކުރާ ބައެއް ވެސް ނޫނެވެ. ވޯޓު ލީ އެއިރުގައި އޮތް ވެރިކަމާއި ހިތްހަމަނުޖެހިގެންނެވެ. ބަދަލަކަށެވެ.

އެއް ނަޒަރަކުން ބަލާއިރު މިއީ ދިވެހިން، ސިޔާސީ ވިސްނުމަށް ތަޞައްރަފް ފުދެމުން ދާކަމުގެ ނިޝާނެކެވެ. ޑެމޮކްރަސީ އާއި އެއްގޮތަށް ވެރިކަން ކުރާ ވަރަށް ގިނަ ޤައުމުތަކުގެ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓުރީވެފައި ތިބޭ މީހުން، އެ މީހުންގެ ޕާޓީ ވެރިކަން ކުރާ އިރުވެސް، އެ މީހުން ނުރުހޭ ގޮތަށް ވެރިކަން ކުރާ ނަމަ ބޭއްވޭ އިންތިޚާބު ތަކުގައި، ޕާޓީގެ މެމްބަރަކަށް ހުރެގެން ޕާޓީގެ ކެންޑިޑޭޓާއި އިދިކޮޅަށް ވޯޓުލުމަކީ ޢާއްމު ކަމެކެވެ. ޕާޓީން ވަކިނުވަނީ އެ ޕާޓީ އޭނާ ޤަބޫލު ކުރާ އުޞޫލާއި ސިޔާސަތުގެ އަސާސީ ބިންގަލުގެ މަތީގައި ދެމިހުންނާނެ ކަމަށް އަދިވެސް އޭނާ އަށް ޤަބޫލު ކުރެވޭތީވެ އެވެ.

ރައްޔިތުންގެ މަޖިލީސްގެ ރައީސް ކަމަކީ ވަރަށް ހައިބަތު ހުރި މަޤާމެކެވެ. އެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ އެންމެ އިސް ވާޖިބަކީ އަމާންކަމާއި އެކީގައި މަޖިލީސްގެ ޖަލްސާތައް ކުރިއަށް ގެންދިއުމެވެ. އެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް މަޖިލީހުގެ ބަޙުސުތަކުގައި ބައިވެރިވެވަޑައިނުގެންނެވެނީ ވެސް ވަކި ފަރާތަކަށް ޖެހިިވަޑައިނުގެން ކަންތައްތައް ނިިންމުމަށް ބާރުލުމުގެ ގޮތުންނެވެ. ރައްޔިތުންގެ މަޖިލީސްގެ ރައީސްއަކަށް ހުންނަވާ ބޭފުޅަކު އެކި މަޤާމްތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ސޮއި ހޯއްދެވުމަށް ހިންގަވާ ކަމުގައި ވަނީ ނަމަ އެއީ އެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ ހައިބަތު ކުޑަވާނެ ކަމެކެވެ. އަދި ކުރައްވައިގެން ނުވާނެ ކަމެކެވެ. އެކި ކަންކަން ބެލުމަށް އެކުލެވޭ ކޮމިޓީތަކުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އިންނަވާ ކަމުގައި ވަނީ ނަމަ ވަކި ފަރާތަކަށް ޖެހިވަޑައިގެންނެވުނީ އެވެ. އެ ކޮމިޓީން ނިންމާ މައްސަލަތައް ވެސް މަޖިލީހުގެ ޖަލްސާއަށް ހުށައެޅޭނީ މަޖިލީހުގެ ރައީސްގެ މޭޒުކޮޅު މައްޗަށް ގޮސްފައެވެ. އެ މައްސަލައެއް މަޖިލީހުގެ ޢާއްމު ޖަލްސާ އަކަށް ހުށައެޅޭއިރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އިންނަވާނީ ވެސް މަޖިލީހުގެ ރައީސްއެވެ. އެ މައްސަލައެެއްގެ ބަހުސުގައި ބައިވެރިވާ މީހުންނަށް ފުރުޞަތު ދިނުމާއި ނުދިނުން ވެސް އޮންނާނީ މަޖިލީހުގެ ރައީސްގެ އަތްޕުޅުގައެވެ. މަޖިލީހުގެ ރައީސްގެ ޚިޔާލާ އެއްގޮތް ނޫން ޚިޔާލު ތަކުގެ މީހުންނަށް ކަނޑައެޅިފައި އޮންނަ ގަޑީގެ ތެރޭގައި "ގަވައިދުގެ" ތެރެއިން ފުރުޞަތު ލިބިވަޑައިނުގަންނަވާ ގޮތަށް ހަމަޖެއްސެވިދާނެ އެވެ. މަޤާމެއްގައި ހުންނަ މީހަކަށް ކުރެވޭނެ ހުރިހާ ކަންތަކާއި ނުކުރެވޭނެ ހުރިހާ ކަމެއްގެ ވާހަކަ ކަޅާއި ހުދުން ލިޔެވިފައި ނުއޮންނާނެއެވެ. ބައެއް ކަންކަމަކީ މަޤާމުގެ ސަގާފަތާއި، ޕާޓީގެ ސަގާފަތާއި ވެރިކަމުގެ ސަގާފަތް ދެމިގެން އައިސްފައި އޮންނަ ގޮތުން، "ޤަވައިދު" ކަމަށް ނުވަތަ "ޤާނޫނު" ކަމަށް ރައްޔިތުން ނުވަތަ އެ މަސައްކަތެއްގައި އުޅޭ މީހުން ޤަބޫލުކުރާ ކަންތަކެވެ.

ރައްޔިތުންގެ މަޖިލީސް ރައީސް ވާންވާނީ ތޯޑުވާ ބޭފުޅަކަށެވެ. ގުޅުވާ ބޭފުޅަކަށެވެ. އެއްބައިވަންތަކަން ގެންނަވާ ބޭފުޅަކަށެވެ. ބައިބައި ކުރުވާ ބޭފުޅަކަށް ނޫނެވެ. ޤައުމުގެ ހަމަޖެހުމަށް ދެކޮޅުވެރިކަމުގެ މައްސަލަތައް އޮއްބާލާ ބޭފުޅަކަށެވެ. މައްސަލަތައް ތިލަ ކުރައްވާ ބޭފުޅަކަށް ނޫނެވެ.

މަޖިލީހުގެ މެމްބަރުން ޑެމޮކްރަސީ އަށް އިޚްލާޞްތެރިވުމާއި މެދު ވެސް ސުވާލު އުފެދޭ ފަދަ ކަހަލަ ބައެއް ކަންތައް އެބަކުރައްވަ އެވެ. މިސާލަކަށް ދަންނަވާނަމަ، މާލީ ބަޔާން ހާމަކުރުމުގައި ދަރިންނާއި އަނބިންގެ މާލީ ބަޔާން ޢާއްމު ނުކުރެވެންވީ ކީއްވެތޯއެވެ. މިހާރު މަޖިލީހުން ބުނަނީ ފުރަންޓް ލައިންގައި މަސައްކަތްކުރި ކަމަށެވެ. އެލަވަންސް ހޯދާށެވެ. ފުރަންޓް ލައިންގައި މަސައްކަތް ކުރަން ބުނީ ކާކުތޯއެވެ؟ އެއްވެސް ލައިނެއްގައި މަސައްކަތް ނުކުރައްވާއިރު ވެސް މަހަކު އައްޑިހަ ހާހަށް ވުރެ ގިނަ ރުފިިޔާ ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ އިން މުސާރަ އާއި އިނާޔަތުގެ ގޮތުގައި އެރުވެއެވެ. އޭގެ އިތުރަށް ޖަލްސާތަކާއި ކޮމިޓީ ތަކުގެ ސައިފޮދަށް ކުރެވޭ ޚަރަދު ކޮބައިތޯއެވެ؟ އަދި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުން ޢާއިލާގެ ބޭސްފަރުވާ އަށް ކުރެވޭ ޚަރަދު ކުޑަތޯއެވެ؟

އަޅުގަނޑުގެ ހިތަށް އަރައެވެ. ރައްޔިތުންގެ މަޖިލީސްގެ ރައީސްގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ މަޤާމް ބަދަލު ކުރެވިއްޖެ ނަމަ، މަޖިލީހުގެ ރައީސް މަޖިލީހުގައި މިހާރު އެ ކުރައްވާ ކަންތައް ކުރައްވަން މަޖިލީހުގެ އާ ރައީސަށް ފުރުޞަތު ދެއްވަފާނެ ބާވައެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. އަމިއްލަ މަންފާ އަށް ކެންޕޭންކުރުން… ސެލް މާރކެޓަރ އެއްގެ ދައުރު…

    ބަދަލު ހިފުމުގެ ދައުރު… ދައުލަތަށް ގޮންޖެހުމުގެ ދައުރު..

    މިސަރުކާރު ފެއިލްވެއްޖެކަމުގެ ދައުރު.. އަޅުގަނޑު ނޫނީ އެގޭ މީހެއް ނެތްކަމުގެ ދައުރު

    ބާރު ތައް ބޮނޑިކުރުމުގެ ދައުރު.. އަދިވެސް ކިޔާދޭންވީތޯ..؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *