މުޅި ދުނިޔޭގައި އިސްރާއީލު އެކަހެރިވަމުންދިޔަ ނަމަވެސް ގޮތް ދޫނުކުރާ ހާލަތުގައި އިސްރާއީލު ސިފައިން މިއަދު ޣައްޒާގެ ރަފަހް ސަހަރުގެ މެދުތެރެއަށް އަރައިފިއެވެ.
އިސްރާއީލުގެ ޓޭންކްތައް ރަފަހްގެ މެދުތެރެއަށް މި ވަދެގަތީ ޔޫރަޕްގެ ތިން ގައުމެއް ކަމަށްވާ ސްޕެއިން، އަޔަލޭންޑް އަދި ނޯވޭ ފަލަސްތީނުގެ މިނިވަން ދައުލަތް މިއަދު ރަސްމީ ގޮތުން ބަލައިގެންފައިވަނިކޮށެވެ. އަދި ރަފަހްގައި މިއަދު ހިންގި ނިރުބަވެރި ހަމަލާތަކާ ގުޅިގެން އދ.އިން ވަނީ ކުއްލި ބައްދަލުވުމަކަށް ގޮވާލައިފައެވެ.
ރޭގައި އިސްރާއީލު ސިފައިން ވަނީ އަނެއްކާވެސް ތަލް އަލް ސުލްތާން ސަރަހައްދަށް ހަމަލާ ދީފައެވެ. އާދީއްތަ ދުވަހު އެ ސަރަހައްދަށް ވައިގެ މަގުން ހަމަލާ ދީ މަދު ވެގެން 45 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
މީގެ އިތުރުން ރެފިއުޖީން ތިބި ޓެންޓްތަކާ ގާތުގައި ވަނީ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އިސްރާއީލުން ބުނީ މި އަލިފާނުގެ ހާދިސާއާ އިސްރާއީލާ ގުޅުމެއް ނެތް ކަމަށެވެ.
އެންމެ ފަހުން ދިން ހަމަލާގައި 21 މީހުން ޝަހީދުވިއިރު އޭގެ ތެރެއިން ދެބައިކުޅައެއްބަޔަށްވުރެ ގިނައީ އަންހެނުންނެވެ. އާދީއްތަ ދުވަހު ހަމަލާ ދިން ހިސާބާ 300 މީޓަރު ކައިރިއަށް ވަނީ ބޮމެއް ވެސް އަޅައިފައެވެ.
އާދީއްތަ ދުވަހު ދިން ހަމަލާ ވަނީ އެމެރިކާއިން ކުށްވެރިކޮށްފައެވެ. މި ކަމާ ގުޅިގެން އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ބުނީ އެ ހަމަލާއަކީ އިސްރާއީލު ސިފައިންނަށް "ހެދުނު ގޯހެއް" ކަމަށެވެ. ނަމަވެސް ރަފަހުން ފޭބުމަށް އިސްރައީލަށް އެމެރިކާ އާއި ދުނިޔޭގެ ކޯޓުން އެންގި ނަމަވެސް އިސްރާއީލުން ވަނީ ރަފަހަށް ދޭ ހަމަލާތައް ކުރިއަށް ގެންގޮސްފައެވެ. ނަތަންޔާހޫ ބުނީ ރަފަހްގެ އޮޕަރޭޝަން ކުރިއަށްގެންދާނެ ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ރެއާ އެޑްމިރަލް ޑެނިއެލް ހަގާރީ ބުނީ އިމާރާތެއްގެ ތެރޭގައި ފިލައިގެން ތިބި ހަމާސްގެ ދެ ކޮމާންޑަރުން ޝަހީދުކޮށްލުމަށްޓަކައި ބޮން އެޅި ކަމަށާއި ނަމަވެސް އެއީ ޓެންޓްތަކުގައި ހިފި އަލިފާންގަނޑާ 180 މީޓަރު ދުރަށް އެޅި ބޮން ކަމަށެވެ.
"އަހަރެމެންގެ އަތުގައި ހުރި ހަތިޔާރުން އެކަނި މިހާ ބޮޑު އަލިފާންގަނޑެއް ފެތުރިގެން ނުދާނެ. މި އަލިފާނުގެ ހާދިސާ ހިނގީ ރެފިއުޖީން ތިބި ޓެންޓުތައް ކައިރީގައި ހުރި ހަތިޔާރު ގުދަނެއްގައި ރޯވުމުގެ ސަބަބުންތޯ މިދަނީ ބަލަމުން،" ޑެނިއެލް ބުންޏެވެ.
މި މަހުގެ ކުރީކޮޅު ފަލަސްތީނުގެ އެއް މިލިއަން ރައްޔިތުން ވަނީ ރަފަހް ދޫކޮށް ގޮސްފައެވެ. އެއީ އެއްގަމު މަގުން ރަފަހަށް އަރާނެ ކަމަށް އިސްރާއީލުން އިންޒާރު ދިނުމުންނެވެ. އިސްރާއީލުން ކުރިން ބުނީ ރަފަހްގައި ފަލަސްތީނު ރައްޔިތުން ހިމާޔަތް ހޯދުމަށެވެ. ނަމަވެސް ފަހުން އިސްރާއީލުން ބުނީ ހަމާސްގެ ޖިހާދު ކުރާ މީހުން ތިބީ ރަފަހްގައި ކަމަށާއި މިހެންވެ ރަފަހަށް އަރާނެ ކަމަށާއި ރަފަހް ދޫކޮށް ފަލަސްތީނު ރައްޔިތުން ދާން ޖެހޭނެ ކަމަށެވެ.
އދ.ގެ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އެޖެންސީ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔު.އޭ.)އިން މިއަދު ބުނީ އެތައް ލައްކަ ބަޔަކު އަދިވެސް ރަފަހްގައި ތިބި ކަމަށެވެ.
"ރަފަހް ދޫކޮށްފައި ދިޔަ މީހުން ދިޔައީ ރައްކާތެރި އެހެން ތަނެއް ވަކި އޮތުމަކުން ނޫން. ބޮން އެޅުމާއި ކާބޯތަކެއްޗާއި ފެން ނުލިބުމާއި ކުންޏާއި ނަޖިސް ނައްތާލުމުގެ ނިޒާމެއް ނެތުމާއި ދިރިއުޅެން އެކަށީގެންވާ ހާލަތްތަކެއް ނެތުމުން. ފަލަސްތީނު ރައްޔިތުންނަށް އެހީ ފޯރުކޮށްދީ، ރައްކާތެރިކަން ދިނުން މިހާރު ވަނީ ނުވާވަރުގެ ކަމަކަށް ވެފައި،" އެކްސްގައި ރެފިއުޖީ އެޖެންސީން ބުންޏެވެ.
ރަފަހު ފިޔަވާ ޣައްޒާގެ އެހެން ސަރަހައްދުތަކުގައި ވޭތުވެދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ހަމާސް އާއި އިސްރާއީލު އަސްކަރިއްޔާއިން ހަނގުރާމަ ކުރަމުން ދިޔައިރު އިސްރާއީލުން ބުނީ ފަލަސްތީނު ރައްޔިތުންނަށް ހިމާޔަތް ލިބޭނީ ހަމައެކަނި ރަފަހުން ކަމަށެވެ. ނަމަވެސް މިހާރު ރަފަހް ދޫކޮށްދާން އިންޒާރު ދިނުމުން ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ވަނީ ގޮތްހުސްވެފައެވެ. ރަފަހަކީ މިހާތަނަށް އިސްރާއީލުން އެއްގަމުމަގުން ހަނގުރާމަ ނުކޮށް އޮތް ހަމައެކަނި ސަރަހައްދެވެ.
މިސްރުގެ ބޯޑަރާ ރަފަހް ގުޅޭ ހިސާބަށް އިސްރާއީލު ސިފައިން މި މަހު ކުރީކޮޅު އެރި ނަމަވެސް ރަފަހްގެ އެތެރެއަކަށް ނުވަދެއެވެ. އަދި ހަމާސްއާ ހަނގުރާމަ ކުރަމުން ދިޔައީ ރަފަހުގެ އިރުމަތީ ބައެއް ސަރަހައްދުތަކުގައެވެ.
ނަމަވެސް މިއަދު ވަނީ ރަފަހްގެ މެދުތެރޭގައި ހުންނަ އަލް-އަވްދާ މިސްކިތާ ހިސާބުން އިސްރާއީލުގެ ޓޭންކްތައް ފެނިފައެވެ. މީގެ އިތުރުން ބޮން އެޅުމަށް ފަހު ޒުރުބް ފަރުބަދައަށް އަރައި، ރަފަހްގެ ހުޅަނގުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ވެސް ވަނީ ވަދެފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ހަމާސްއިން ހަމަލާދީ އިސްރާއީލުގެ އެއްހާހަށްވުރެ ގިނަ ޔަހޫދީން މަރައިލުމުން ބަދަލުހިފުމުގެ ގޮތުން ކަމަށް ބުނެ އިސްރާއީލު އަސްކަރިއްޔާއިން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލްސްތީނުގެ 36،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.



advertisment