Support Us

މޫސުން ގޯސްވެ ގަތަރު އެއާވޭސް ފްލައިޓެއްގައި ދޮޅަހަކަށް މީހުން ޒަހަމްވެއްޖެ

ވައިގަދަވުމުގެ ސަބަބުން "ޓާބިއުލެންސް"އެއްގައި ލައްވާލައި، ގަތަރު އެއާވޭސްގެ ފްލައިޓެއްގައި މިއަދު ދޮޅަހަކަށް މީހުން ޒަހަމްވެއްޖެއެވެ.

ގަތަރުގެ ވެރިރަށް ދޫހާއިން އަޔަލޭންޑްގެ ވެރިރަށް ޑަބްލިންއަށް ދަތުރު ކުރަމުންދިޔަ ފްލައިޓް ކިއު.އާރް.017 ކޮޅިގަނޑެއްގައި ލައްވާލީ ތުރުކިޔެ މަތިންނެވެ.

ޑަބްލިން އެއާޕޯޓުން ބުނީ ހަ ފަސިންޖަރުންނާއި ހަ ފަޅުވެރިން ޒަހަމްވެފައިވާ ކަމަށެވެ.

ފްލައިޓް ވަނީ ޖީ.އެމް.ޓީ. ގަޑިން 12 ޖެހުމުގެ ކުރިން ޑަބްލިން އެއާޕޯޓަށް ރައްކާތެރިކަމާއެކު ޖައްސައިފައެވެ. އަދި ވަގުތުން އެ މަތިންދާބޯޓު ކައިރިއަށް ވަނީ ކުއްލި ހާލަތުގައި އެހީ ދޭ ފަރާތްތައް ފޮނުވައިފައެވެ. އޭގެ ތެރޭގައި ފުލުހުންނާއި އަލިފާން ނިއްވާ ހިދުމަތްދޭ އިދާރާތަކުގެ ޓީމުތައްވެއެވެ.

"ފްލައިޓުން ފޭބުމުގެ ކުރިން ޒަހަމް ލިބިފައިވަނީ ކިހާ މިންވަރަކަށްތޯ ހުރިހާ ފަސިންޖަރުން ޗެކު ކުރި،" ޑަބްލިން އެއާޕޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެ ގޮތުން އަށް ފަސިންޖަރުން ވަނީ ޑަބްލިންގެ ހޮސްޕިޓަލަކަށް ފަރުވާދޭން ފޮނުވާފައި ކަމަށް ޑަބްލިން އެއާޕޯޓުން ބުންޏެވެ.

ބޮއިން ބީ.787-9 މަރުކާގެ މި މަތިންދާބޯޓު ރައްކާތެރިކަމާއެކު ޑަބްލިން އެއާޕޯޓަށް ޖެއްސިކަން ގަތަރު އެއާވޭސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

"މި ހާދިސާގައި ކަން ހިނގި ގޮތް ބެލުމަށް މިހާރު ވަނީ އެތެރޭގެ ތަހުގީގެއް ފަށައިފައި،" ގަތަރު އެއާވޭސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޑަބްލިން އެއާޕޯޓުން ބުނީ މި ހާދިސާގެ ސަބަބުން އެއްވެސް ލަސްކަމެއް ނުވަތަ ޑިލޭއެއް ނެތި މި ފްލައިޓް އެނބުރި ދޫހާއަށް ދިއުމަށް މިއަދު ހަމަޖައްސާފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން ޑަބްލިން އެއާޕޯޓުގެ މަސައްކަތްތަކަށް އެއްވެސް ބުރޫއެއް ނާރާ ކަމަށް ވެސް ޑަބްލިން އެއާޕޯޓުން އެކްސްގައި ބުންޏެވެ.

ގަތަރު އެއާވޭސްގެ ފްލައިޓަށް މި ހާދިސާ ކުރިމަތި މި ވީ އަންގާރަ ދުވަހު ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއް މޫސުން ގޯސްވެ ޓާބިއުލެންސްގައި ޖެހުމުން އިނގިރޭސި ވިލާތުގެ މީހަކު މަރުވެ އެތައް ފަސިންޖަރުން ޒަހަމްވެފައިވަނިކޮށެވެ. އެ ފްލައިޓް ވަނީ ކުއްލި ހާލަތުގައި ތައިލެންޑްގެ ވެރިރަށް ބެންގްކޮކްގެ އެއާޕޯޓަށް ޖައްސައިފައެވެ.

ސިންގަޕޯ އެއާލައިންސްގެ ފްލައިޓުން ޒަހަމްވި މީހުންގެ ތެރެއިން 20 މީހުންނަށް ވަނީ އައި.ސީ.ޔޫ.ގައި ފަރުވާ ދޭން ފަށައިފައި ކަމަށް ސިއްހީ އިދާރާތަކުން ރިޕޯޓްކުރިއެވެ. އެ ގޮތުން ސިންގަޕޯ އެއާލައިންސް ފްލައިޓުގައި ޒަހަމްވި މީހުންނަށް މައިބަދަ އާއި ސިކުނޑި އާއި ބޮލުގެ ނާށިގަނޑަށް ގެއްލުންވެފައިވާ ކަމަށްވެއެވެ.

ސިންގަޕޯ އެއާލައިންސުން ހުކުރު ދުވަހު ބުނީ ފަސިންޖަރުންނާއި ފަޅުވެރިންގެ ރައްކާތެރި ކަމަށް ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސީޓުގެ ބެލްޓު އަޅުވަން ޕައިލެޓުން ސިގްނަލް ދިނުމުން އެ ގަޑީގައި ކާބޯތަކެތި ފޯރުކޮށް ނުދޭން ހަމަޖައްސައިފައިވެއެވެ.

މީގެ އިތުރުން މޫސުން ގޯސްވެއްޖެ ނަމަ، މަތިންދާބޯޓުގައި މަތީގައި ހުރި ދާގީނާ ލާ ތަނަށް ނުލައި ހުންނަ އެއްޗެހި އެ ތަނަށް ލައި، ސީޓުތަކަށް އެނބުރި ގޮސް ސީޓު ބެލްޓް އަޅުވަން ފަސިންޖަރުންނަށް ފަޅުވެރިން އަންގާނެ ކަމަށް ވެސް ސިންގަޕޯ އެއާލައިންސްއިން ބުންޏެވެ.

ވައިގެ މަގުން ދަތުރު ކުރުމުގައި ޒަހަމް ލިބުމަކީ ނާދިރު ކަމެކެވެ. ދުނިޔޭގެ އެންމެ ބޮޑު ވައިގެ މަގުން ދަތުރު ކުރާ ގައުމު ކަމަށްވާ އެމެރިކާގައި 2009 އިން ފެށިގެން 2022 އާ ދޭތެރޭގައި ޒަހަމްވީ އެންމެ 163 މީހުންނެވެ. އެއީ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު އަދަދު ކަމަށް އެމެރިކާގެ ވައިގެ ދަތުރުތަކާ ބެހޭ އިދާރާ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންއިން ބުންޏެވެ.

އެމެރިކާގެ ގައުމީ ދަތުރުފަތުރުގެ ސަލާމަތާ ބެހޭ ޔޫ.އެސް. ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން ބުނީ މި މުއްދަތުގައި ބޮޑު މަތިންދާބޯޓެއްގެ ފްލައިޓެއްގައި އެއްވެސް މީހަކު މަރުވި ކަމަށް ރެކޯޑް ކުރެވިފައި ނެތް ކަމަށެވެ.

ވައިގަދަވުމުގެ ސަބަބުން ބިންމައްޗަށް ފްލައިޓެއް ވެއްޓިފައިވާ ކަމަށް މިހާތަނަށް ރެކޯޑު ކުރެވިފައެއް ނުވެއެވެ.

ތަޖުރިބާކާރުން ބުނަނީ މަތިންދާބޯޓު ފަރުމާ ކޮށްފައިވަނީ ވަރުގަދަ ޓާބިއުލެންސްއަށް ނުގުޑާނެ ގޮތަށް ކަމަށެވެ. އެ ފަރާތްތަކުން ފާހަގަ ކުރީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވައިގެ ހޫނުކަން މައްޗަށް ގޮސް، ވައިގެ ދުވެލި ހަލުއިވެފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *