Support Us

ބާވެފައިވާ މަތިންދާބޯޓުތައް ރިސައިކަލްކުރާ ސަރަހައްދީ ހަބަކަށް ލަންކާ

ބާވެފައިވާ މަތިންދާބޯޓުތައް ރޫޅާލައި އޭގެ ބައިތައް ރިސައިކަލްކުރަން ރި-އެކްސްޕޯޓްކުރާ މި ސަރަހައްދުގެ ހަބަކަށްވާން އަވަށްޓެރި ޝްރީ ލަންކާ ތައްޔާރުވެއްޖެއެވެ.

ލަންކާގެ ހަމްބަންޓޯޓާގައި ގާއިމު ކުރާ މި މަރުކަޒަކީ އުމުރުން 150 އަހަރުވެފައިވާ ލަންކާގެ މަޝްހޫރު ކުންފުނި އެއިޓްކެން ސްޕެންސުން ހޮންގް ކޮންގްގެ ކުންފުންޏަކާ ގުޅިގެން އުފައްދާ ވިޔަފާރިއެކެވެ.

އަށް ގައުމެއްގައި 16 ސިނާއަތް ގާއިމުކޮށް، 12،000 މުވައްޒަފުން ގެންގުޅޭ އެއިޓްކެން ސްޕެންސްގައި ދިވެހީންނާއި ލަންކާ ރައްޔިތުންގެ އިތުރުން ފިޖީ، އިންޑިއާ، އޮމާން، މިޔަންމާ، މޮޒަމްބީކް އަދި ބަންގްލަދޭޝްގެ ރައްޔިތުން ހިމެނެއެވެ.

އެއިޓްކެން ސްޕެންސުން މިހާރު ތައްޔާރުވަމުން އަންނަނީ ހޮންގް ކޮންގްގެ ޒޯން 600 ނަމަކަށް ކިޔާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށެވެ. ޒޯން 600 އަކީ މިހާރު ވެސް ބާވެފައިވާ މަތިންދާބޯޓުތައް ރުޅައިލައި އޭގެ ބައިތައް އިއާދަކުރަނި ގޮތެއްގައި ބޭނުން ކުރުމުގައި މަޝްހޫރު ކުންފުންޏެކެވެ. މި އެއްބަސްވުމުގެ ދަށުން ލަންކާގައި މަތިންދާބޯޓުގެ ބައިތައް ރޫޅާލައި އޭގެ ބައިތައް އިއާދަކުރަނިވި ގޮތެއްގައި ބޭނުން ކުރުމަށް އަލުން އެކްސްޕޯޓް ނުވަތަ "ރި-އެކްސްޕޯޓް" ކުރާނެއެވެ.

މި ސަރަހައްދުގައި މި ކަހަލަ ވިޔަފާރިއެއް ވާދަ ކުރެވޭ ފެންވަރެއްގައި އަދި ނެތަތީ ލަންކާ ވެގެންދާނީ މި ވިޔަފާރީގެ ހަބްއަކަށެވެ. މި ސިނާއަތް ހަމްބަންޓޯޓާގައި ގާއިމު ކުރަން ނިންމީ އެ ޓައުނުގައި މި ކަމަށް ބޮޑު ޖާގައެއް ލިބެން އޮތުމާއި އިގުތިސާދީ ގޮތުން ވެސް ފައިދާ ކުރާނެ ސިނާއަތަކަށް ހެދިދާނެ ކަމަށް އަންދާޒާ ކުރެވިފައިވާތީއެވެ. މި ފަދަ ސިނާއަތެއް މިހާރު ގާއިމުކޮށްފައިވަނީ ޔޫރަޕް، އޮސްޓްރޭލިއާ، ޖަޕާން، ޗައިނާ، އެމެރިކާ އަދި ނެދަލޭންޑްސްގައެވެ.

މި ސިނާއަތުގައި ފުރަތަމައިން ލަންކާގައި ކުރުމަށް ހަމަޖައްސާފައިވަނީ ހަމައެކަނި ބާވެފައިވާ މަތިންދާބޯޓުތައް ރޫޅައިލައި އޭގެ ބައިތައް ރި-އެކްސްޕޯޓް ކުރުމެވެ. ސަބަބަކީ މި ވަގުތު ރިސައިކަލް ކުރެވޭނެ އިންތިޒާމު ލަންކާގައި ހަމަޖެހިފައި ނެތުމުންނެވެ. އެ ގޮތުން ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި އިންޖީނުތައް ރި-އެކްސްޕޯޓްކޮށް، ފުރޮޅު ހިމެނޭ ލޭންޑިންގް ގިއަރާއި އެހެނިހެން އިލެކްޓްރޯނިކް ބައިތައް އެ ތަކެތި އުފެއްދި ކުންފުނިތަކަށް ފޮނުވާލުމުގެ މަސައްކަތް ފަށާނެއެވެ.

މި ވަގުތު އެއިޓްކެން ސްޕެންސް އާއި ޒޯން 600 އިން ދަނީ މަތިންދާބޯޓުގެ ފިއުސްލެޖް ނުވަތަ ފަސިންޖަރުން ތިބޭ މަތިންދާބޯޓުގެ "ހަށިގަނޑު" ރެސްޓޯރެންޓަށް ބަދަލު ކުރެވިދާނެ ގޮތާ ބެހޭ ގޮތުން އެކި ކުންފުނިތަކާ މަޝްވަރާ ކުރަމުންނެވެ. މި ކަން ނިންމަން އަދި ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން މަތިންދާބޯޓުގައި ހުންނަ އެހެނިހެން މައުދަންތައް ވިރުވައި، އެހެން މަސައްކަތްތަކަށް ބޭނުން ކުރެވިދާނެތޯ ވެސް މިހާރު އަންނަނީ ބަލަމުންނެވެ. މި ކަންތައް ކުރެވެން އަންނަނީ ވެސް އެހެން ކުންފުނިތަކާ ގުޅިގެންނެވެ.

އެއިޓްކެން ސްޕެންސް އާއި ޒޯން 600 އަށް މި މަޝްރޫއު އެންމެ ރަނގަޅަށް ހިންގިދާނެކަން ޔަގީންވެފައިވަނީ ހަމްބަންޓޯޓާގެ ކަނޑުގެ ބަނދަރު ވެސް ކައިރީގައި އޮތުމުންނެވެ. އެ ގޮތުން މަތިންދާބޯޓުގެ ބައިތައް ރި-އެކްސްޕޯޓް ކުރުމަށް ފަސޭހަ ވާނެއެވެ.

މަސައްކަތް ފަށައިގަންނަ މަރުހަލާގައި ބިދޭސީ ފަންނުވެރިން ލަންކާއަށް ގެންނާނެއެވެ. އަދި އެއާއެކު ލަންކާގެ ޓެކްނީޝަނުންނާއި އިންޖިނިއަރުންނަށް ވެސް ވަޒީފާ ދޭން ވަނީ ހަމަޖައްސައިފައެވެ.

މި ވަގުތަށް ބަލާއިރު، މިހާރު ވެސް ތިން ކުންފުންޏަކުން ވަނީ އެ ކުންފުނިތަކުގެ ބާވެފައިވާ މަތިންދާބޯޓުތައް ރޫޅާލައި، އޭގެ ބައިތައް ރި-އެކްސްޕޯޓް ކުރުމަށް ލަންކާއަށް ފޮނުވައިދޭނެ ކަމަށް އެއްބަސްވެފައެވެ.

މަތިންދާބޯޓު ރޫޅާލުމަށް ހަވާލުކޮށްފައިވަނީ އޮސްޓްރޭލިއާގައި ގާއިމުކޮށްފައިވާ ލަންކާގެ ރައްޔިތެއް ހިންގާ ކުންފުންޏަކަށެވެ. އެ ގޮތުން މި ހިދުމަތް އައުޓްސޯސް ކޮށްފައިވާތި އެ ކުންފުނީގެ މުވައްޒަފުން ހަމްބަންޓޯޓާއަށް އައިސް، މަތިންދާބޯ ރޫޅާލުމުގެ މަސައްކަތް ކޮށްދޭނެއެވެ. މި ކުންފުންޏަކީ މަޝްހޫރު ކެތެއި ޕެސިފިކް އެއާލައިން ފަދަ އެއާލައިންތަކަށް ވެސް މި ހިދުމަތް ދޭ ކުންފުންޏެކެވެ.

ލަންކާގެ އޮފިޝަލުން ވިދާޅުވީ އެއިޓްކެން ސްޕެންސް އާއި ޒޯން 600 ގުޅިގެން އުފައްދާ މި ކުންފުންޏަށް ބޭނުންވާ ހުރިހާ ރަސްމީ ހުއްދަތަކެއް މިހާރު ހޯދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ލަންކާގެ ތިމާވެއްޓާ ބެހޭ ސެންޓްރަލް އެންވައިރަންމަންޓަލް އޮތޯރިޓީ (ސީ.އީ.އޭ.) އާއި ލަންކާގެ ނިއުކްލިއާ ހަކަތައާ ބެހޭ އެޓޮމިކް އެނަޖީ އެޖެންސީން ހޯދަން ޖެހޭ ހުއްދަތައް ވެސް ވަނީ ލިބިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *