Support Us

ކޮލަމް ފަގުޑި

ކަނައްކާ ފޮށާ

މިރާއްޖޭ ތަޚްތުގައި ރެނދަލިކުރެއްވި ރަސްރަސްކަލުންނަކީ ބަސްފުޅު ވިކޭ، ބާރުހުރި ނުފޫޒުގަދަ ބައެކެވެ. ހަމައެކަނި ރަސްކަމުގެ ކޮއިލު ތެރެއަކު ނޫނެވެ. ރާއްޖޭގެ މުޅި ސަރަހައްދުގައެވެ. ވިދާޅުބަސްފުޅު އިއްވަވައިފިނަމަ، އެކަމެއް އެގޮތަކަށް ކުރެއެވެ. އެއިރަކު ހުންނެވި ރަސްކަލެއްގެ ހިރިޔާ ފާތުރާގެ ދަށުގައިވާ އެއްމެހައި ތަނެއްގައެވެ. އެހެން އުޅުއްވާއިރު ރަސްގެފާނު ވިދާޅުބަސްފުޅު އިއްވަވާ ކަމެއް އެއީ، މިހާރުގައިނަމަ، މަޖިލީހުން ފާސްކޮށް ރައީސުލްޖުމުހޫރިއްޔާ ތަޞްދީޤްކުރައްވާ ކަމެއްހެން ޤާނޫނެކޭ އެއްފަދަ ކަމެކެވެ.

ކަންމިހެން އޮތްނަމަވެސް، އެބޭފުޅުންގެ ޒާތްކޮޅުގެ މޮޅުކަމާއި، އަބުއިފުޅުކަމުގެ ނަތީޖާއެއްގެ ގޮތުން މުނިފޫހި ފިއްލެވުމުގެ އެއްމެހައި ކަމެއްމެ ކުރައްވަނީ ގަނޑުވަރު ތެރޭގައެވެ. ރަށުތެރޭގައި ކިރިޔާ ކޮރެއް ލައްވާލާ މީހަކު ހުރިކަން ރަސްގެފާނަށް އެނގިވަޑައިގަތަސް، އެރޭ އެމީހަކު ހުންނާނީ ގަނޑުވަރުގެ ފެންޑާމަތީގައެވެ. ރަސްގެފާނު ވިދާޅުބަސްފުޅު އިއްވަވާއިރަށް އެކަން ކުރައްވާނެ ބޮޑުބޭކަލުންނާއި، ހަނގުބޭކަލުން އަބަދުމެ ތިއްބަވާނީ ތައްޔާރަަށެވެ. އެކަހެރިވެ ކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަންތައްތައްވެސް ރަސްގެފާނަށް ހަމަ އެހާމެ ފަސޭހަފުޅެވެ. ވާނީވެސް އެހެންތާއެވެ. ރަސްގެފާނުގެ ޢައިބު ވާހަކައެއް ދެއްކުމަކީ މަނާކަމެކެވެ. އެފަދަ ވާހަކައެއް ދެއްކިމީހަކަށް ރަސްގެފާނު ހިތްޕުޅާވާ އަދަބެއް ވަގުތުން ތަންފީޒުކުރެވެއެވެ.

ރަސްގެފާނު މާވަރަކަށް ހިތްޕުޅާވާ ނޫކަށި ސޮރަކު ގަނޑުވަރު ތެރެއަށް ގެންނަވައިގެން އުޅުއްވި ދުވަސްކޮޅެކެވެ. އެކުއްޖަކާއި ރަސްގެފާނާ އެއްރެއަކު މާ ދަންވަންދެން ޖެއްސެވި ސަކަރާތެއް ޖައްސަވާފައި އަވަހާރަފުޅު ލެއްޕެވުނީއެވެ. އަނެއްދުވަހު ހޭވެރިކަންވީއިރު ދަމަކަށް އިރުއަރައި މީހުން ހޭލަމޭލަވާން ފަށައިފިއެވެ. ރަސްގެފާނުގެ ކިބާކޮޅުގައި މިތިބެވުނީ މީގެ ދެމީހުންނަށެވެ. ރަސްގެފާނަށް ޖެހުނީ މިސޮރު ނެރޭނެ މޮޅު ތަދުބީރެއް ކުރައްވާށެވެ. ނަމަވެސް އެއީ މާބޮޑު ކަމަކަށް ނުވާނެތާއެވެ. މިއީ ރަސްގެފާނު ވިއްޔާއެވެ. ވިދާޅުބަސްފުޅު އިއްވަވައިފިއްޔާ އެދުވަހުގެ ދުވާލުގެ އަލިކަން ރޭގަނޑެއްގެ އަނދިރިކަމަށްވެސް ބަދަލު ކޮށްލެވިދާނެއެވެ. ނޫންނަމަ، ނޫކަށި ސޮރަކީ ހޯއްދޮންހެޔޮ ޖިންސުއްލަޠީފަކަށްވެސް ހެދިދާނެއެވެ.

ނުކުންނަވާ ހެނދުނުގެ ނާސްތާއަށް އިންސާފުކުރައްވަން ފައްޓަވާފައި ރަސްގެފާނު ވިދާޅުވިއެވެ. "މިއަދަކީ ތިމަންގެ ހިރިޔާފާތުރާ ހިނގާ ހުރިހާ ރައްޔިތުންނަށްޓަކައި ވަރަށް މުހިންމު ކުޅިވަރެއް ކުޅޭ ދުވަހެކެވެ. މިވެނި ވަގުތެއްގައި ކުޅިވަރު ފަށަން ވާނެއެވެ. މިކަމުގައި ކުޑައެއް ބޮޑެއް ނެތި އެއްމެން ބައިވެރިވާންޖެހޭނެ ކަމަށް މަގޭ ރައްޔިތުންނަށް އަންގާށެވެ. ތިމަން މަނިކުފާނާއި، މިގަނޑުވަރުގެ އެއްމެންވެސް ބައިވެރިވާނަމެވެ. މި ކުޅިވަރަކީ ކަނައްކާފޮށާ ބަނުމެވެ. ކޮންމެއަކަސް އެވަގުތު އެތާ ތިއްބެވި އެއްމެ ބޭކަލުންނަށް މިކުޅިވަރު ކުޅޭނެ ގޮތް ދަސްކޮށްދެއްވީ ޚުދު ރަސްގެފާނެވެ. ދެން އެބޭކަލުންގެ ފަރާތުން ރައްޔިތުންނަށެވެ. ހަމަ އެދުހުން ދުވަހަށް ކަންކޮށް ނިންމައިފިއެވެ.

ކަނައްކާފޮށާ ބަނުމަކީ، ގޭގެ ފެންވަރުގައި ކުޅޭނަމަ، އެއީ ކާކުކަން އަނެކުންނަށް ނޭނގޭނެހެން ހުދުފޮށައެއް އޮޅައިގެން އެއްކޮޓަރިން މީހަކު އަނެއް ކޮޓަރިއަށް ދިއުމެވެ. އެހެން މީހުންނަށް ޖެހޭނީ އަތްނުލައި އަދި، އޭގެ އެތެރެ ނުބަލާ އެއީ ކާކުކަން ބުނެދޭށެވެ. ރަށުފެންވަރުގައި ކުޅޭނަމަ މިގޮތަށް އެއްގެއިން އަނެއް ގެއަށް ދިއުމެވެ. ކޮންމެއަކަސް އެދުވަހުގެ ކުޅިވަރު ތަޢާރަފުކުރެވުނުއިރު މެންދުރުން އަނބުރައިފިއެވެ. ކާމިޔާބުކަމާއެކު ރަސްގެފާނުގެ މަޤްޞަދުވެސް ޙާޞިލުކުރެވުނީއެވެ. ދުވަހުގެ އިރުއޮއްސެންދެން ރައްޔިތުން އުޅުނީ މި އައު ކުޅިވަރު ކުޅުމުގައެވެ.

އެކި ދުވަސްވަރު ދައުލަތުުގެ ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ބައެއް ބޭފުޅުންގެ އަރިހުގައި ދުރުވާ ބައެއް މީހުން ބެޑްޝީޓަކަށްލާ އޮޅާލައިގެން އެބޭފުޅުން ތިއްބަވާ ހޮޓަލުގެ ކޮޓަރިން އަނެއް ކޮޓަރިއަށް ގެންދާ ވާހަަކަ އެކިއެކި ލިޔުންތަކުން ފެނި، އެކި ފޯރަމްތަކުން އިވުނީމާ އަޅުގަނޑުގެ ހަނދާނަށް އައީ ކަނައްކާފޮށާ ބަނުމުގެ ވާހަކައެވެ. މިއީ ކަނައްކާފޮށާ ބަނުމުގެ އައު ވައްތަރެކޭ ހިތަށް އެރިއެވެ. ރަސްކަމުގެ ދުވަސްވަރު އެދުވަސްވަރާ އެއްގޮތަށެވެ. މިހާރު މިޒަމާނާ އެއްގޮތަށެވެ. ފަހަރެއްގައި ނަން ތަފާތުވެދާނެއެވެ.

ބައެއް ބޭފުޅުން ބޭނުންފުޅުވެގެން ކޮންމެވެސް އުޅަނދަކަށް ލައިގެން ކޮންމެވެސް ރަށަކަށް މީހަކު ގެންދިޔަ ކަމަށް ބައެއް ފަހަރު ޚަބަރު ލިބެއެވެ. ގެންދިޔަ މީހަކާއި، ކުރަންއުޅޭ ކަމެއް ހަމަ ސިއްރު ކުރުމަށެވެ. މިއީ ކަނައްކާފޮށާ ބަނުމުގެ މުޅިން އައު ވައްތަރަކަށް ވެދާނެއެވެ. ނަމަވެސް ބޭނުމަކީ ހަމަ އެއް ބޭނުމެކެވެ.

މިހާރަކަށް އައިސް އެއްމެ ގިނައިން މިބާވަތުގެ ކަންކަން ހިނގަނީ އިންތިޚާބު ބޯމަތިވެފައި އޮންނައިރުއެވެ. ކަނައްކާފޮށާ ބަންނަނީ ފްލައިޓް ފްލައިޓް ގައެވެ. ގެންދަނީ އެއްޤައުމުން އަނެއް ޤައުމަށެވެ. ރަސްގެފާނު ފެއްޓެވި ކަނައްކާފޮށާ ބަނުން ބައިނަލްއަޤްވާމީ ވެ މުޅިން އައު މަރުޙަލާއަކަށް ތަރައްޤީ ވީއެވެ. އާނއެކެވެ! ފޮށާބަނދެގެން އެގެންދަނީ އެނައުންސްވެސް ކުރަމުންނެވެ. ނަަމަވެސް އެއްމެ ފާހަަގަކޮށްލެވޭ ކަމަަކީ މިހާރު އުޅަނދަކަށް ނުވަތަ، ފްލައިޓަކަށް ލައިގެން ގެންދިޔަސް ނޫންނަމަ ބެޑްޝީޓަކަށް ލައި އޮޅާލައިގެން ގެންދިޔަސް، ގެންދިޔައީ ކޮންބައެއް ކަމާއި، ދިޔަތަނަކާއި، ކުރިކަމެއްވެސް ގިނައިރުތަކެއްނުވެ އެއްމެނަށް އެނގުމެވެ. ކަނައްކާފޮށާ ޓެކްނޮލޮޖީއާ ގުޅުނީމާ ވާގޮތެވެ. މިހާރުގެ ޓެކްނޮލޮޖީވެސް ފައްކާވެފައި ހަމަ މޮޅީއެވެ.