08:30
އަޒަރުބައިޖާން ކައިރީގައި ޑޭމެއް ހުޅުވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި އިރާންގެ ތަބްރީޒް ސަހަރަށް ވަޑައިގަތް މަގުމަތީގައި ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓުމުން އިރާންގެ ރައީސް ޑރ. އިބްރާހީމް ރައިސީ އިއްޔެ އަވަހާރަވެފައިވާ ކަމަށް އިރާންގެ ދައުލަތުގެ މީޑިއާއިން ދާދި ދެންމެއަކު ރިޕޯޓްކޮށްފިއެވެ.
ތިން ހެލިކޮޕްޓަރުގެ ޑެލިގޭޝަންގެ ރައިސީ އިންނެވި ހެލިކޮޕްޓަރުގައި އިރާންގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުﷲ ހިއަން ވެސް އިންނެވިއެވެ.
ފަރުބަދައެއް މައްޗަށް ވެއްޓުނު ހެލިކޮޕްޓަރު ވަނީ އެއްކޮށް އަނދާފައި ކަމަށް އިރާންގެ ރެޑް ކްރެޒެންޓް ޖަމާއަތުން އެ ސަރަހައްދަށް ފޮނުވި 40 ޓީމުން ރިޕޯޓްކޮށްފައިވެއެވެ.
މި ހެލިކޮޕްޓަރުގައި އިރުމަތީ އަޒަރުބައިޖާންގެ ގަވަރުނަރު މާލިކު ރަހްމަތީ އާއި އިރާންގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއި އިރުމަތީ އަޒަރުބައިޖާނަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު އާޔަތުﷲ މުހައްމަދު އަލީ އަލް-ހާޝިމް ވެސް އިންނެވިއެވެ.
އިރާންގެ ގާނޫނު ބުނާ ގޮތުން އިރާންގެ ވަގުތީ ރައީސްކަމާ ހަވާލު ވެޑައިގަންނަވާނީ އިސް ނައިބު ރައީސް މުހައްމަދު މުކްބަރެވެ. އަދި ކުރިއަށް އޮތް 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް އިރާންގެ ގާނޫނު އަސާސީން ކަނޑައަޅާފައިވެއެވެ.



advertisment