އަޒަރުބައިޖާން ކައިރީގައި ޑޭމެއް ހުޅުވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި އިރާންގެ ވެރިރަށް ތެހްރާން އަށް އައުމުގެ މަގުމަތީގައި ދަތުރު ކުރެއްވި ބާރަށް ބިންމައްޗަށް ޖެއްސި ހެލިކޮޕްޓަރުގައި ރައީސް އިބްރާހީމް ރައިސީ އާއި ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުﷲ ހިއަން ތިއްބެވި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން އެއްވެސް ބޭފުޅެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެފައިވާކަން އެނގިފައެއް ނުވެއެވެ. އަދި އެއްވެސް މީހަކު ޒަހަމްވެފައިވާކަން ވެސް ކަށަވަރެއް ނޫނެވެ.
ރައިސީގެ ޑެލިގޭޝަން އުފުލަން ތިން ހެލިކޮޕްޓަރު ބައިވެރިވި ކަމަށްވެއެވެ.
އިރާންގެ ރެޑް ކްރެޒެންޓް ޖަމާއަތުން ބުނީ ހެލިކޮޕްޓަރު ބާރަށް ޖެއްސީ ފަރުބަދަމަތީ ހިސާބަކަށް ކަމަށާއި އެ ހިސާބުގައި "ފޮގް" ނުވަތަ ވައިގެ ތެތްކަން ހުރުމުން ރަނގަޅަށް ތަންތަން ނުފެންނާތީ ހެލިކޮޕްޓަރު ކައިރިއަށް ދާން ހުރަސް އެޅިފައިވާ ކަމަށެވެ. ނަމަވެސް އެ ހިސާބަށް ދެވޭތޯ 40 ޓީމު އެ ހިސާބަށް ފޮނުވާފައިވާ ކަމަށް އިރާންގެ ރެޑް ކްރެޒެންޓުން ބުންޏެވެ.
ބާރަށް ޖެއްސި ހެލިކޮޕްޓަރުގައި އިރުމަތީ އަޒަރުބައިޖާންގެ ގަވަރުނަރު މާލިކު ރަހްމަތީ އާއި އިރާންގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއި އިރުމަތީ އަޒަރުބައިޖާނަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު އާޔަތުﷲ މުހައްމަދު އަލީ އަލް-ހާޝިމް ވެސް ތިއްބެވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ ހެލިކޮޕްޓަރު ބާރަށް ޖައްސަން ޖެހުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
އިރާން ސަރުކާރުން ވަނީ ދާހިލީ ވުޒާރާ އާއި ރެޑް ކްރެޒެންޓާއި ކަމާ ބެހޭ އެހެން ފަރާތްތަކުން ގުޅިގެން ރައިސީގެ ހެލިކޮޕްޓަރު ފެނޭތޯ މަސައްކަތް ކުރުމަށް އެދިފައެވެ.
މީގެ އިތުރުން އިރާން ސަރުކާރުން ގޮވާލީ މި ދަނޑިވަޅުގައި ދޮގު ހަބަރު ނުވަތަ "ފޭކް ނިއުސް" ނުފެތުރުމަށާއި ހުރިހާ އެންމެން ވެސް ގެއްލުނު ހެލިކޮޕްޓަރުގައި ތިބި އެންމެންނަށް ހެޔޮ ދުއާކޮށްދިނުމަށެވެ.



advertisment