ސައޫދީ އަރަބިއްޔާގެ ފެޝަން ޑިޒައިނަރު ތީމާ އާބިދު އެކި ފާޑުގެ ފެޝަންތަކަށް ހެދުން ފަހަން ފެށީ އެ ގައުމުގައި ފެޝަން ޝޯ ބޭއްވުން މަނާ ޒަމާނެއްގައެވެ. އަދި އެއީ އަޅުކަން ފިޔަވާ އެހެން ކަހަލަ ފަތުރުވެރިކަމެއް މެދުއިރުމަތީގެ އެ ހަނަފަސް ސަހަރާގައި އޮތް ދުވަސްވަރެއް ވެސް ނޫނެވެ.
އެހެންކަމުން މިދިޔަ ބުރާސްފަތި ދުވަހު ތީމާއަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އޭނާގެ ޑިޒައިންތަކުގެ ހެދުން ލައިގެން ފަޅެއްގެ މަތީގައިވާ ފާލަމެއްގައި މޮޑެލުން ހިނގާ މަންޒަރު ފެނުމުންނެވެ. މިއީ ގޮނޑުދޮށުގެ ވިލާއެއް ރެއަކަށް 2،000 ޑޮލަރު ނަގާ ރިސޯޓެއްގައި ބޭއްވި ފެޝަން ޝޯއެކެވެ.
މި ފެޝަން ހަފުތާ އިންތިޒާމު ކުރީ ރެޑް ސީ ގްލޯބަލްއިންނެވެ. މި ކުންފުންޏަކީ މި އަހަރުގެ މެދުތެރޭގައި ސައޫދީ އަރަބިއްޔާގައި ހުޅުވަން ހަމަޖެހިފައިވާ ދިވެހިރާއްޖެއާ ވައްތަރު ރިސޯޓުގެ ވެރިފަރާތެވެ.
ކަންދިމާކުރި ގޮތުން މިކަން ވެގެންދިޔައީ "ރެޑް ސީ ފެޝަން ވީކް" ނުވަތަ "ރަތް ކަނޑުގެ ފެޝަން ހަފުތާ"ގެ ނަމުގައި ސައޫދީ އަރަބިއްޔާގައި ބޭއްވި ތާރީހީ ފުރަތަމަ ފެޝަން ޝޯއަށެވެ. މި ކަން ރޭވި ފަރާތްތަކުން ބުނަނީ މިއީ ސައޫދީގައި ފެޝަން ސިނާއަތެއްގެ ދިރުމެއްގެ އިތުރުން ސާފު ނުކުރާ، ތެޔޮ ވިއްކާ ދުނިޔޭގެ އެންމެ ބޮޑު ގައުމުގެ ޓޫރިޒަމް ސިނާއަތް ވެސް ފުޅާކޮށްލަން އެޅި ފިޔަވަޅެއް ކަމަށެވެ. އެ ގޮތުން ޓޫރިޒަމް ފުޅާވެގެން ދިއުމަކީ ސައޫދީ އަރަބިއްޔާގެ އިގުތިސާދު ވެސް ފުޅާވެގެން ދިއުން ކަމަށް އެ ގައުމުގެ އޮފިޝަލުން ދެކެއެވެ.

ތީމާގެ ޑިޒައިންތައް އަމާޒުކޮށްފައިވަނީ އައުރަ ކަޝްފުނުވާ، ރިސޯޓު ހެދުން ފެހުމުގެ މައްޗަށެވެ. އަދި ޖެހިގެން އައި ހުކުރު ދުވަހު ވަނީ ސައޫދީ އަރަބިއްޔާގައި ފުރަތަމަ ފަހަރަށް އަންހެނުންގެ "ސްވިމް ވެއާ" ނުވަތަ އަންހެނުން ފަތަން ލާ ހެދުންތައް ދައްކައިލައިފައެވެ. މިއީ މީގެ 10 ވަރަކަށް އަހަރު ކުރިން ސައޫދީ އަރަބިއްޔާގައި އަންހެނުންނަށް ގާނޫނީ ގޮތުން ލެވޭނީ ހަމައެކަނި "އަބަޔާ" ހެދުން ކަމަށް ކަނޑައަޅާފައި އޮތް އޮތުމަށް ނިމުމެއް ގެނައި ކަމެކެވެ.
"މިއީ ބަވަނަވަމުން އަންނަ ދުނިޔޭގައި ސައުދީ އަރަބިއްޔާއިން ވެސް ފައި ހަމަކުރަން މަސައްކަތް ކުރުމުގެ ނިޝާނެއް،" ތީމާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ހެދުން ލުމުގައި ކުރިން އޮތް ގޮތާއި މިހާރު ތައާރަފު ކުރެވުނު އާ ކަންތައްތަކަށް ބަލާއިރު، މިހާރު "ކްރިއޭޓިވީ" ނުވަތަ އާ ހިޔާލު "މާ ރީތި ގޮތަކަށް" ހުށަހަޅައިދިނުމަށް މަގުފަހިވެފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހު އޮތް ފެޝަން ޝޯ ބަލައިލަން އެތައް ފެޝަން ޑިޒައިނަރުންނާއި ފެޝަންގެ ހަބަރުތައް ގެނެސްދޭ ނޫސްވެރިންނާއި ސައޫދީ އަރަބިއްޔާގެ މަޝްހޫރު ސެލެބްރިޓީން ދިޔައެވެ. އޭގެ ތެރޭގައި ނެޓްފްލިކްސްގެ "ދުބާއީ ބްލިންގް"އިން ފެންނަ މަޝްހޫރު ޝަހުސިއްޔަތު ލުޖައިން އުމްރާން ވެސް ހިމެނުނެވެ.
"ވަރަށް ގިނަ ޑިޒައިންގެ ހެދުންތައް ފެނިގެން ދިޔަ. މި ކަމުން އެނގެނީ ސައޫދީ އަރަބިއްޔާއިން (ޔުނައިޓެޑް އެރެބް އެމިރޭޓްސް)ގެ ދުބާއީ އާ ވާދަކުރުމުގެ އިތުރުން ފެޝަންތަކަށް މަޝްހޫރު އެހެން ސަހަރުތަކާ ވާދަކުރަން ވެސް ސައޫދީ އަރަބިއްޔާއިން ބޭނުންކަން،" ލުޖައިން ބުންޏެވެ.
އޭނާ އިތުރަށް ބުނީ "މުޅި ދުނިޔޭގެ ފެޝަން އޯޑިއެންސްގެ ސަމާލުކަން ބޭނުން ނަމަ، ކަނާތުފިޔަ އާއި ވާތުފިޔައިގެ މީހުންގެ ސަމާލުކަން ވެސް ހޯދަންޖެހޭ" ކަމަށެވެ.
ރެޑް ސީ ފެޝަން ވީކް ބޭއްވީ ސައޫދީ އަރަބިއްޔާގެ ހުޅަނގު އައްސޭރިއާ ދިމާއިން އޮންނަ އުއްމަހަތު އަލްޝައިހު ނަމަކަށް ކިޔާ ޖަޒީރާގައި މަޝްހޫރު ބައިނަލްއަގުވާމީ ހޮޓެލް އަދި ރިސޯޓް ހިންގާ ސެއިންޓް ރެޖިސްގެ ރިސޯޓެއްގައެވެ. މި ރިސޯޓު އޮންނަނީ އެކަހެރިކޮށް ކަމަށްވާތީ އެ ތަނަށް ދެވެނީ ލޯންޗެއް ނުވަތަ ސީޕްލޭނެއް ޗާޓަރުކޮށްގެންނެވެ.
މިއީ ޝައިބަރާ ނަމަކަށް ކިޔާ ރާއްޖެ ކަހަލަ ރިސޯޓު ހެދި ރެޑް ސީ ގްލޯބަލްއިން 2030 ވަނަ އަހަރުގެ ލަނޑުދަނޑިއެއްގެ ގޮތުން ސައޫދީ އަރަބިއްޔާގެ އިޖުތިމާއީ އަދި އިގުތިސާދީ މަލަމަތި ބަދަލުކޮށްލުމަށް ބިޔަ މަޝްރޫއުތައް ހިންގަމުން އަންނަ އަދި ހިންގުމަށް ހަމަޖެހިފައިވާ ނަޒަރިއްޔާތުގެ ބައެކެވެ. މި ކަމަށް އިރުޝާދު ދެއްވަނީ ސީދާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނެވެ.

ރެޑް ސީ ގްލޯބަލް މި ވަގުތު އަމާޒު ހިފައިފައިވަނީ "ނިޔޫމް"ގެ ނަން ދީފައިވާ ކުރިމަގުގެ "މެގަ-ސިޓީ" ނުވަތަ "މާ ސަހަރެއް" ހެދުމުގެ ބިޔަބޮޑު މަޝްރޫއަށެވެ. މި ކަން ނުވާނެ ކަމަށް ބުނާ މީހުންނަށް އެ ކުންފުނިން އަންނަނީ އެ ކުންފުންޏަށް ކުރެވޭ ކަންތައްތައް ދައްކައިލަމުންނެވެ. އެ ގޮތުން މިދިޔަ އަހަރު ދެ ރިސޯޓެއް ހުޅުވައި، ރާއްޖެއާ ވައްތަރު ޝައިބަރާގެ އިތުރުން މިއަހަރު ނިމުމުގެ ކުރިން އިތުރު 14 ރިސޯޓު ވެސް ހުޅުވަން ހަމަޖެހިފައިވެއެވެ.
ސައޫދީ އަރަބިއްޔާއަކީ ހަމައެކަނި ހަނަފަސް ސަހަރާއެއް ނޫންކަން ދައްކާލުމުގެ ސިޔާސަތެއް ކަނޑައެޅީ 2019 ގައެވެ. ނިޔޫމް ޕްރޮޖެކްޓަކީ ރަތް ކަނޑުގައިވާ ސައޫދީ އަރަބިއްޔާގެ އެންމެ އުތުރު ބިތުގައިވާ 26،500 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއްގައި ހަދާ މާ ސަހަރެކެވެ. އެ ތަން ހަދައި ނިންމާލަން ހަމަޖެހިފައިވަނީ 2039 ވަނަ އަހަރުއެވެ. އަދި އެ ތަނުގައި ހުންނާނެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ކަނޑުގައި ފެންމަތީގައި އޮންނަ ސިނާއީ ސަރަހައްދެއްވެއެވެ. އެއީ ދެމެހެއްޓެނިވި ހަކަތައިގެ އިތުރުން ރިސޯޓުތަކަކާ ވެސް އެކުގައެވެ.
ސައޫދީ އަރަބިއްޔާއިން މިހާރު އަންނަނީ އެ ގައުމުގެ ދެކުނުގައިވާ ފަރުބަދަތަކަކީ ވެސް ފަތުރުވެރިކަމަށް ރަނގަޅު ތަންތަން ކަމަށް ދައްކަމުންނެވެ. އަދި ވަކިން ހާއްސަކޮށް ފާހަގަކޮށްލެވެނީ ނިޔޫމްގެ ސަރަހައްދެއްގައި 2029 ގެ އޭޝިއާގެ ފިނި މޫސުމުގެ ކުޅިވަރުތައް ނުވަތަ "އޭޝިއަން ވިންޓަރ ގޭމްސް" ބޭއްވުމުގެ ޕްރޮޖެކްޓް ވެސް ލިބިފައިވާ ކަމެވެ.
ގޮނޑުދޮށްތައް ތަރައްގީ ކުރުމަކީ ޓޫރިސްޓުންނަށް އެންމެ ހިތްގައިމު ވާނެ އެއް ސިފަ ކަމަށް ވާތީ ފެޝަން ހަފުތާ ރިސޯޓެއްގައި ބޭއްވީ ކަމަށް ސައުދީ ފެޝަން ކޮމިޝަންގެ ޗީފް އެގްޒެކެޓިވް ބުރާގް ކަކްމަކް ވިދާޅުވިއެވެ.
"މިއީ ލޮޖިސްޓިކްގެ ގޮތުން ބަލައިފި ނަމަ މުޅިން އާ ކަމެއް. އަހަރެމެން ފެޝަން ހަފުތާ މި ބާއްވަނީ ބައިގަޑިއިރުން ލޯންޗެއްގައި ދެވޭ އެކަހެރި ޖަޒީރާއެއްގައި. އެ ރަށުގައި ޝޯގެ ކަންތައްތައް އިންތިޒާމު ކުރަން ވަރަށް ދަތި،" ބުރާގް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭނާގެ އެދުމަކީ ހަމައެކަނި ސައޫދީ އަރަބިއްޔާގެ ފެޝަންތަކަށް ބަލައިލުން ނޫން ކަމަށާއި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ވެސް ސައޫދީ އަރަބިއްޔާ ބަލައިގަތުން ކަމަށެވެ.
ތީމާގެ ފެޝަން ޑިޒައިންތައް ދައްކާލުމަށް ބޭއްވި ފެޝަން ހަފުތާއާމެދު ސައޫދީ އަރަބިއްޔާގެ އެހެން ފެޝަން ޑިޒައިނަރެއް ކަމަށްވާ އަލްއަނޫދު ބަދްރު ބުނީ ސައޫދީ އަރަބިއްޔާގެ ރިސޯޓުކާއި ދިވެހި ރާއްޖޭގެ ރިސޯޓުތަކާ މާބޮޑު ތަފާތެއް ނެތް ކަމަށެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި މެދުއިރުމައްޗަށްހެން ކުރިމަތިވެފައިވާ އިގުތިސާދީ ބަނަކަމުގައި ވެސް ސައޫދީ ސަރުކާރުން އެ ގައުމުގެ ފެޝްން ސިނާއަތާއި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ސައޫދީ އަރަބިއްޔާގެ އޮފިޝަލުން ވިދާޅުވިއެވެ.
"ޣައްޒާގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައިވާ ކަމުގެ ރަމްޒެއްގެ ގޮތުން ޔަމަނުގެ ހޫތީން ރަތް ކަނޑުގައި ބޯޓުފަހަރަށް ހަމަލާ ދިނަސް، އަހަރެމެންގެ ރިސޯޓުތަކަށް ނުރައްކަލެއް ނެތް،" ސައޫދީ އަރަބިއްޔާގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަލް ޚަތީބު ވިދާޅުވިއެވެ.
ސައޫދީ އަރަބިއްޔާއަށް މި ވަގުތު ޕްރެޝަރެއް އަންނަ ނަމަ އެއީ ސަލްމާންގެ އިންސާނީ ހައްގުތަކުގެ ސިޔާސަތަށް އަމާޒުވާ ފާޑުކިޔުމެވެ. ނަމަވެސް ސެއިންޓް ރެޖިސް ރިސޯޓަށް ޒިޔާރަތްކުރި މީހުން އެ ކަމަކާ މާބޮޑަށް އަޅައެއް ނުލައެވެ.
ފެޝަން މޮޑެލްއެއް ކަމަށްވާ ބްރެޒިލްގެ ބީޓްރިސް ރެސެންދެ ބުނީ އޭނާ ފުރާފުރިހަމަވެގެން އައިއިރު މެދުއިރުމަތީގެ ތަސައްވަރު ދުނިޔެއަށް ފެނިފައިވަނީ ނުރަނގަޅު އައްޔެއްގައި ކަމަށެވެ.
"މެދުއިރުމަތީގައި ދަތުރު ކުރުމުންނާއި މޮޑެލް ކުރުމުން އަހަރެންނަށް އެނގުނީ މެދުއިރުމަތީގެ ކޮންމެ ގައުމަކީ ވެސް އަނެއް ގައުމަކާ ތަފާތު ތަންތަންކަން،" ބީޓްރިސް ބުންޏެވެ.
"ތެދުތެދަށް ބުނާ ނަމަ އަހަރެން އެހެން މީހުންނަށް ގޮވާލާނީ އާއްމު ގޮތެއްގައި ބަޔަކާމެދު ދެކޭ ގޮތް (ނުވަތަ 'ސްޓީރިއޮޓައިޕް') ބެލުމުގެ ބަދަލުގައި ތިމާ އަމިއްލައަށް އެ ތަނެއް ތަޖުރިބާކުރުމަށް. ސަބަބަކީ އަހަރެމެންނަށް އަޑު އިވިފައި ހުންނަ ގޮތަކަށް ނޫން އެ ގައުމުތައް އަސްލު ހުރީ،" އޭނާ އިތުރަށް ބުންޏެވެ.



advertisment