Support Us

ރައީސް މުއިއްޒުގެ އެކްސް ޕޯސްޓަށް ފަލަސްތީނު ސަރުކާރުގެ ޝުކުރު

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދޭ އަނިޔާވެރި ހަމަލާތައް ހުއްޓާލަންޖެހޭ ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިސްރާއީލުން ބޯލަނބަން ޖެހޭ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓަށް ފަލަސްތީން ސަރުކާރުން ޝުކުރު އަދާކޮށްފިއެވެ.

އދ.ގައި ހުންނަ ފަލަސްތީނުގެ ދާއިމީ މަންދޫބުގެ އޮފީހުން، ރައީސް މުއިއްޒުގެ އެކްސް ރީޕޯސްޓްކޮށް ބުނެފައި ވަނީ ރާއްޖެއިން ފަލަސްތީނާއެކު ވާ ކަމަށާއި ރާއްޖޭގެ ތާއީދު ހާމަކުރައްވައި އެކްސްގައި ފާޅުކުރެއްވި ޝުއޫރަށް ރާއްޖެއަށް ޝުކުރު އަދާކުރާ ކަމަށެވެ. މި ޕޯސްޓު ނިންމާލަމުން ފަލަސްތީނާއި ރާއްޖޭގެ ދިދަ ވެސް ޖަހައިފައިވެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ ދުނިޔޭގެ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.)އިން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިފައިވަނީ މި ސަބަބުތަކަށްޓަކައި ކަމަށެވެ. އެ ގޮތުން ރަފަހަށް އިސްރާއީލު ސިފައިން މިހާރު ދެމުންދާ ހަމަލާތަކާ ދެކޮޅަށް އިތުރު ފިޔަވަޅު އަޅަން ސައުތު އެފްރިކާއިން އެދިފައިވާ އެދުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

"ޣައްޒާގައި، ހާއްސަކޮށް ރަފަހްގައި، މިހާރު ފެންނަމުން ދަނީ މާޔޫސްކަމާއި ގެދޮރުނެތުމާއި އަދި މަރުގެ މަންޒަރުތައް. އިސްރާއީލުގެ އަސްކަރިއްޔާގެ އަތްދަށުގައި ޣައްޒާ ސުންނާފަތިވެފައި އޮތުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ހަނު ހުރެގެން ނުވާނެ އަދި ހަނު ހުރުމުގައި ދެމިތިބެގެން ވެސް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

ފަލަސްތީނު ރައްޔިތުން އެބައިމީހުންގެ ކުރިމަގު ކަނޑައެޅުމުގައި އެބައިމީހުން ގޮތެއް ނިންމުމަށް ކުރާ މަސައްކަތުގައި ރާއްޖެ އާއި ދިވެހީންގެ ތާއީދު ލިބޭނެ ކަމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމުގައި 1967 ވަނަ އަހަރުގެ ކުރީގެ އިމުގައި އިރުމަތީ ގުދުސް ވެރިރަށުގެ ގޮތުގައި ހަމަޖެހިގެން ދިއުމަށް ވެސް ފަލަސްތީނު ރައްޔިތުންނާ އެކުގައި ރާއްޖެ އާއި ދިވެހީން ތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ފަލަސްތީނުގެ ދައުލަތް ގާއިމު ކުރެވި، ފަލަސްތީނުގައި ތިބި އަހަރެމެންގެ އަހުންނާއި އުހުތުންނަށް އަބުރުވެރި، އަމާން، އަދި އުފާ ފާގަތިކަން ލިބެންދެން އަހަރެމެން ހިންދެމިއެއް ނުލާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ޕޯސްޓަށް ގިނަ އަދަދެއްގެ ދިވެހިންނާއި އަދި ބޭރު މީހުން ވެސް ގެންދަނީ ތައުރީފު ކުރަމުންނެވެ. އަދި އިސްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތް ހެދުމަށް ވެސް ބައެއް މީހުން ގޮވާލައިފައިވެއެވެ.

ޣައްޒާގެ ސަހަރެއް ކަމަށްވާ ރަފަހަށް އަރައިފި ނަމަ އިސްރާއީލަށް ހަތިޔާރު ދިނުން ހުއްޓާލާނެ ކަމަށް އެމެރިކާއިން އިންޒާރު ދިނުމުން ވެސް އިސްރާއީލުން ބުނީ ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންއަންނަ ހަމާސް ޖަމާއަތް ނައްތާލާފައި ނޫނީ އިސްރާއީލުގެ ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާ ދީ 1،000 އަށްވުރެ ގިނަ ޔަހޫދީން މަރާލުމުން އޭގެ ބަދަލުހިފުމެއް ކަމަށް ބުނެ އުޒުރު ދައްކަމުން އިސްރާއީލުން މި ވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ވަނީ ފަލަސްތީނުގެ 35،000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައިފައެވެ. އަދި ވަކި ހަމައެއްލަމައެއް ނެތި މިހާރު ދަނީ ކެނޑިނޭޅި ރަފަހް ސުންނާފަތިކޮށްލަން ހަމަލާ ދެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *