Support Us

އިންޑިއާއަށް 50 މިލިއަން ޑޮލަރު ދެއްކުން އެއް އަހަރަށް ފަސްކޮށްދީފި

އިންޑިއާއިން ރާއްޖޭގެ "ބަޖެޓް ސަޕޯޓް"ގެ ގޮތުގައި 50 މިލިއަން ޑޮލަރު މިއަދު ދީފިއެވެ. މި އަދަދަކީ ރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހޭ އިންޓަރެސްޓް ނެތް ގޮތެއްގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސް.ބީ.އައި.) މެދުވެރިކޮށް ނެގި މި އަދަދުގެ ޓްރެޒަރީ ބިލް "ރޯލްއޯވަރ" ކުރުމަށް ނުވަތަ އަނބުރާ ދައްކަން އެއް އަހަރު ދުވަހަށް ފަސްކޮށްދޭން ނިންމި ނިންމުމެކެވެ.

"މި ގޮތަށް ކަންތައް ހަމަޖެހިގެންދިޔައީ ރާއްޖޭގެ ހާރިޖީ ވަޒީރު މޫސާ ޒަމީރު މި މަހުގެ އަށަކުން 10 އަށް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގައި އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރުގެ އަރިހުން މި ގޮތަށް އެދިވަޑައިގަތުމުން،" ރާއްޖޭގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދޭ ދީލަތި އެހީއަށް ޝުކުރުވެރިވާ ކަމަށާއި އަދި ރާއްޖޭގައި ހިންގާ "އިންފްރާސްޓްރަކްޗަރ" ނުވަތަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމަންޓް" ނުވަތަ އިޖުތިމާއީ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާ ސަރުކާރުން ދޭ "ގްރާންޓް އެސިސްޓެންސް" ނުވަތަ ހިލޭ އެހީއަށް ވެސް ދިވެހި ސަރުކާރުން ޝުކުރުވެރިވާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ދިވެހި ސަރުކާރުގެ އެދުމަކީ ރާއްޖެ އާއި އިންޑިއާ ސަރުކާރު ބައިވެރިވެގެން ދިވެހި ރައްޔިތުންނަށް ފައިދާ އާއި ތަނަވަސްކަމަށް ހިންގާ މިފަދަ މަޝްރޫއުތައް ކުރިއަށްގެންދިއުން ކަމަށް ރާއްޖޭގެ ހާރިޖިއްޔާއިން ބުންޏެވެ.

ރާއްޖޭގެ ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ވަނީ އެސް.ބީ.އައި. މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފައެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓްރެޒަރީ ބިލް ނުވަތަ ޓީ-ބިލްގެ ގޮތުގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމިގެން ދިޔައިރު 200 މިލިއަން ޑޮލަރުގެ މި ލޯނު އެއްވެސް ވަރަކަށް ދައްކައިފައެއް ނެތެވެ. އެހެންކަމުން މި ލޯނު ދައްކަން ޖެހިފައިވަނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށެވެ. ފާހަގަކުރެވޭ ކަމަކީ ސޯލިހުގެ ސަރުކާރުން ލޯނު ދެއްކުމުގެ ބަދަލުގައި އިންޑިއާ ސަރުކާރަށް ހުށަހަޅައިގެން އެއް އަހަރުން އަނެއް އަހަރަށް ރޯލްއޯވާ ކުރަމުން ނުވަތަ ލޯނު ދެއްކުން ފަސްކުރަމުން ދިޔަކަމެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި 50 މިލިއަން ޑޮލަރު ދައްކައިފައެވެ. ބާކީ އޮތް 150 މިލިއަން ޑޮލަރު މި އަހަރުގެ ތެރޭގައި ދައްކަން ޖެހެއެވެ. އެ ގޮތުން 50 މިލިއަން ޑޮލަރު މި މަހުގެ ތެރޭގައި ދައްކަން ޖެހޭ ގޮތަށް އޮތެވެ. އިންޑިއާ ސަރުކާރުން މިއަދު ފަސްކޮށް މިދިނީ މި މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *