Support Us

އިސްރާއީލުން މެދުނުކެނޑި ރަފަހްއަށް ހަމަލާތައް އޮއްސަނީ

ޣައްޒާގެ ސިޓީއެއް ކަމަށްވާ ރަފަހްއަށް ވޭތުވެދިޔަ 24 ގަޑިއިރު މެދުނުކެނޑި އިސްރާއީލުން "ޝެލް"އިން ހަމަލާ ދެމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ޝެލްއަކީ ވަކި އަމާޒުފަތްގަނޑަކަށް ހަމާލާ ފޮނުވާލުމުގެ ބަދަލުގައި ތަނެއް އެކީއެކައްޗަކަށް ސުންނާފަތިކޮށްލުމަށް ފޮނުވާލާ އެއްޗެކެވެ.

އިސްރާއީލުން މިހާރު ވަނީ ޣައްޒާ އާއި މިސްރުގެ އިމާ ގުޅޭ ތަނުން ރަފަހްގެ ފަޅިން ރަފަހްއަށް އަރާ، އެ އިން ބަންދުކޮށްލައި، ޣައްޒާ ދުނިޔެއަށް ބަންދުކޮށްލައިފައެވެ.

ނަމަވެސް އިސްރާއީލުން މިހާރު އޮތީ ނުތަނަވަސްކަން އުފެދޭ ދަނޑިވަޅަކަށް ވެއްޓިފައެވެ. ސަބަބަކީ ރަފަހް ހިފަން އިސްރާއީލުން އެއްގަމު މަގުން ރަފަހްއަށް އަރައިފި ނަމަ، އިސްރާއީލަށް ދެމުންދާ ހަތިޔާރުތައް ދިނުން ހުއްޓާލާނެ ކަމަށް އިސްރާއީލުގެ އެންމެ އެކުވެރި ގައުމު ކަމަށްވާ އެމެރިކާއިން ބުނުމާ ގުޅިގެންނެވެ.

"ރަފަހްއަށް އެއްގަމު މަގުން އަރައިފި ނަމަ ހަތިޔާރާއި ޝެލް އިސްރާއީލަކަށް ނުފޯރުކޮށްދޭނަން،" އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވިއެވެ.

ބައިޑަން މިހެން ވިދާޅުވުމުން މި ކަމާ ހިތްހަމަނުޖެހިގެން އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާ ބެން-ގްވާ އެކްސްގައި ކުރި ޓްވީޓެއްގައި ބުނީ "ހަމާސް މިހާރު ލޯބި ވަނީ ބައިޑަން ދެކެ" ކަމަށެވެ.

އެމެރިކާގެ ފަހަތުން އިނގިރޭސި ވިލާތުން ވެސް ބުނީ އިސްރާއީލުން ރަފަހް ހިފަން ތާއީދު ނުކުރާނެ ކަމަށެވެ.

"ރަފަހްގެ އާއްމު މީހުން ރައްކާތެރި ކުރާނެ ގޮތުގެ ރޭވުމެއް އިސްރާއީލުން ހުށަނާޅާ ހިނދަކު ރަފަހްއަށް އެއްގަމު މަގުން އިސްރާއީލު ސިފައިން އަރަން ތާއީދެއް ނުކުރާނަން،" އިނގިރޭސި ހާރިޖީ ވަޒީރު ޑޭވިޑް ކެމެރުން ވިދާޅުވިއެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތުން މިހެން ބުނުމުން އިސްރާއީލާއި ދުނިޔޭގެ އެހެން ގައުމުތަކުގައި އުޅޭ ޔަހޫދީން މާޔޫސްވެދާނެތީ އިސްރާއީލުން މިއަދު ބުނީ އެމެރިކާ އާއި އެހެން ފަރާތްތަކުގެ ތާއީދު ނުލިބުނަސް އިސްރާއީލުން އެކަނި ހަނގުރާމަ ކުރަން ޖެހުނަސް، ހުރިހާ ކަމެއް ނިންމާލާނީ ހަމާސްގެ ހުރިހާ އަސަރެއް ފުހެލުމަށް ފަހުގައި ކަމަށެވެ.

އިރުމަތީ ޣައްޒާ ދޫކޮށްދިއުމަށް ފަލަސްތީނުގެ 100،000 ރައްޔިތުންނަށް އިސްރާއީލުން އަމުރު ކުރުމުން 80،000 ފަލަސްތީނު ރައްޔިތުން މިހާރު ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް އާއި އިސްލާމިކް ޖިހާދުން ބުނީ އިސްރާއީލުގެ އަމާޒުފަތްގަނޑުތަކަށް މޯޓާ އާއި އެންޓައި-ޓޭންކް ހަތިޔާރުތަކުން ހަމަލާ ދެމުން އަންނަ ކަމަށެވެ.

އެމެރިކާގެ ޖާސޫސީ އިދާރާ ކަމަށްވާ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީ.އައި.އޭ.)ގެ ޑިރެކްޓަރު ވިލިއަމް ބާންސް މިހާރު ވަނީ އިސްރާއީލު އޮފިޝަލުންނާ މަޝްވަރާ ކުރެއްވުމަށް ފަހު މިސްރުގެ ވެރިރަށް ގާހިރާއަށް ވަޑައިގެންފައެވެ. ހަމާސްގެ ޑެލިގޭޝަން މިހާރު ވަނީ ގަތަރުގައި ތިބި ހަމާސްގެ ވެރިންނާ ބައްދަލު ކުރުމަށް ގަތަރަށް ގޮސްފައެވެ. ހަމާސްއާ އިސްރާއީލު ސިފައިންނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓުވޭނީ ދެ ފަރާތުން "ސީޒްފަޔާ" ނުވަތަ ހަމަލާތައް ހުއްޓާލާ އެއްބަސްވުމަކަށް އައުމުން ކަމަށް ބެލެވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާދީ 1،200 އަށްވުރެ ގިނަ ޔަހޫދީން މަރާލާ، 250 އެއްހާ ޔަހޫދީން ރަހީނު ކުރުމުން އިސްރާއީލުން ބަދަލުގައި ފެށި ހަނގުރާމާގައި މިހާތަނަށް ވަނީ 34،000 އަށްވުރެ ގިނަ ފަލަސްތީނުގެ އާއްމު މީހުން ޝަހީދުކޮށްލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *