Support Us

ރަފަހްގެ ރަށްވެހިން ވާނުވޭ ނޭނގޭ ބިރުވެރިކަމެއްގެ ތެރޭގައި

އިސްރާއީލު ސިފައިން ފަލަސްތީނުގެ ޣައްޒާގެ ސިޓީއެއް ކަމަށްވާ ރަފަހް ހިފަން ވައިގެ އިތުރުން އެއްގަމު މަގުން ހަމަލާތައް ފަށާފައިވާއިރު ރަފަހްގެ ރައްޔިތުން މިއަދު ތިބީ ވާނުވާ ނޭނގޭ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ފަލަސްތީނުގެ 100،000 ރައްޔިތުން ރަފަހް ދޫކޮށް ދިއުމަށް އިސްރާއީލުން އިއްޔެ އެންގުމާ ގުޅިގެން ރަފަހްއާ ގުޅޭ މިސްރުގެ އިމުގައި މިއަދު ވަނީ މިސްރު ސިފައިން ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައެވެ. މި އިމަކީ ފަލަސްތީނަށް އެހީ ފޯރުކޮށްދޭ މައި މަގު ކަމަށްވާތީ، ރަފަހްގައި ހިމާޔަތް ހޯދައިގެން ތިބި 1.4 މިލިއަން ފަލަސްތީނުގެ ރައްޔިތުންނަށް ބުނަން ނޭނގޭހާ ނޭދެވޭ އަސަރު ކުރާނެ ކަމަށް އެހީ ދޭ ޖަމާއަތްތަކުން ބުންޏެވެ.

ރަފަހްގެ އިރުމަތީ ސަރަހައްދުތަކަށް އިސްރާއީލުން މިހާރު ވައިގެ ހަމަލާތައް ދޭން ފަށާފައިވާއިރު ރަފަހްއާ އިސްރާއީލާ ގުޅޭ ސަރަހައްދުގައި އިސްރާއީލުގެ ޓޭންކްތަކެއް ވަނީ ފެނިފައެވެ. މާނައަކީ އިސްރާއީލުން ކުރިން އިންޒާރު ދިންހެން އެއްގަމު މަގުން ރަފަހްއަށް ހިފަން ހަމަލާތައް ފެށީއެވެ.

ފަލަސްތީނާއި މިސްރުގެ ސަލާމަތީ ކަންތައްތަކާ ބެހޭ އޮފިޝަލުން ވިދާޅުވީ ރަފަހްއާ މިސްރު ގުޅޭ އިމާ 200 މީޓަރެއްހާ ކައިރީގައި އިސްރާއީލުގެ ޓޭންކްތައް މިއަދު އުޅޭ ކަމަށެވެ. މިހެންވެ ރަފަހްގެ ފަޅިން މި އިން ކަނޑައަޅާ ސަރަހައްދު އިސްރާއީލުގެ ބާރުގެ ދަށަށް ގެންނަން އިސްރާއީލު މަސައްކަތް ކުރަމުންދަނީ ކަމަށް ބެލެވެއެވެ.

ފަލަސްތީނުގެ ސިއްހީ ދާއިރާގެ އޮފިޝަލުން ވިދާޅުވީ އިސްރާއީލުން ރަފަހްއަށް ހަމަލާ ދެނީ ހަމާސްގެ އަމާޒުފަތްގަނޑުތަކަށް ކަމަށް ބުންޏަސް މިއީ ތެދު ވާހަކައެއް ނޫން ކަމަށެވެ. އެ ގޮތުން ރޭގެ ވަގުތެއްގައި އާއްމުންގެ ގެއަކަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ ފަސް މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި އަންހެނަކާއި ކުޑަ އަންހެން ކުއްޖެއް ހިމެނެއެވެ. މީގެ އިތުރުން އިއްޔެ ދިން އެހެން ހަމަލާއެއްގައި ވަނީ 22 މީހުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ކުޑަކުދިން ހިމެނޭއިރު ތުއްތު ދެ ކުދިން ވެސް ހިމެނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ހަމާސްއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ސުލްހަވެރި ގޮތެއްގައި ހުއްޓާލުމަށް ނުވަތަ "ސީޒްފަޔާ"އެއް ގާއިމުކުރަން ކުރިއަށްގެންދާ ވާހަކަތައް ކުރިއަށްދޭތޯ ނުވަތަ ނުދޭތޯ މިއީ ވެސް މިއަދު އުފެދިފައިވާ ސުވާލެކެވެ. ހަމާސްއިން ބުނީ މި ވާހަކަތަކަށް ރުހޭކަން، ވާހަކަތަކުގައި ޝާމިލުވާ ގައުމުތަކަށް ކަމަށްވާ ގަތަރާއި މިސްރަށް އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫގެ އޮފީހުން ބުނީ ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ އެއްބަސްވުމުގައި އިސްރާއީލުން އެންމެ ބޭނުންވާ ހުށަހެޅުންތައް ނުހިމެނޭ ކަމަށާއި މިހެންވެ އެއްގަމު މަގުން ރަފަހް ހިފުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. ނަމަވެސް މިސްރާއި ގަތަރުގެ އޮފިޝަލުންނާ ބައްދަލު ކުރެއްވުމަށް އިސްރާއީލުގެ ޑެލިގޭޝަނެއް ފޮނުވާނެ ކަމަށް ނަތަންޔާހޫގެ އޮފީހުން ބުންޏެވެ. އެއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވޭތޯ ބެލުމަށް ކަމަށް އެ އޮފީހުން ބުންޏެވެ. ގަތަރުގެ ހާރިޖިއްޔާއިން ބުނީ އެ ގައުމުގެ ޑެލިގޭޝަން މިއަދު މިސްރަށް ފޮނުވާނެ ކަމަށެވެ.

އިސްރާއީލުގެ އޮފިޝަލަކު ވިދާޅުވީ ހަމާސްއިން އެއްބަސްވަނީ ކޮން ކަންތައްތަކަކަށްތޯ އެއީ މިހާރު ސުވާލު އުފެދިފައިވާ ކަމެއް ކަމަށެވެ.

"މިސްރާއި ގަތަރުން އިސްރާއީލަށް ހުށަހެޅި ކަންތައްތަކުގެ ތެރެއިން މިހާރު ހަމާސްއިން އެއްބަސްވަނީ ކޮން ކަންތައްތަކަކަށްތޯ ޔަގީނެއް ނޫން. ސަބަބަކީ ހަނގުރާމަ ހުއްޓާލުމުގެ ސީޒްފަޔާގައި ހުރި ބައެއް ނުގުތާތައް އަހަރެމެންނަށް ސާފެއް ނޫން،" އިސްރާއީލުގެ އޮފިޝަލަކު ވިދާޅުވިއެވެ.

އިސްރާއީލުގެ ވެރިރަށް ތެލް އަވީވްގައި ހުންނަ އެ ގައުމުގެ މައި އަސްކަރީ އިދާރާ ދޮށަށް އެތައް ސަތޭކަ ޔަހޫދީން ވަނީ ޖަމާވެފައެވެ. އަދި މަދު އަދަދަކަށް ނަމަވެސް ގުދުސް އާއި އެހެން ސިޓީތަކުގައި ވެސް ޔަހޫދީން ވަނީ ޖަމާވެފައެވެ. އެ މީހުން އިސްރާއީލު ސަރުކާރަށް ގޮވާލަމުންދަނީ އޮކްޓޫބަރުގައި ހަމާސްއިން ރަހީނު ކުރި 132 ޔަހޫދީން ދޫކޮށްލުމަށް، ސީޒްފަޔާ އެއްބަސްވުމުގެ ދަށުން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ރަފަހް ނުހިފުމަށް އަދިވެސް ނަތަންޔާހޫ އަށް ގޮވާލައްވާ ކަމަށެވެ. ބައިޑަންގެ މި ގޮވާލެއްވުން އައީ އިސްރާއީލާއެކު ސީޒްފަޔާ އެއްބަސްވުމަކަށް އަންނަން ތައްޔާރު ކަމަށް ހަމާސްއިން ހާމަކުރުމުގެ ކުރިންނެވެ. ބައިޑަން ނަތަންޔާހޫއަށް ނަސޭހަތްތެރިވީ ހަމާސް ރަހީނުކޮށްފައިވާ ޔަހޫދީން ރައްކާތެރިކަމާއެކު ދޫކޮށްލެވޭނީ މި ފަދަ ސީޒްފަޔާ އެއްބަސްވުމަކަށް އައުމުން ކަމަށެވެ.

ބައިޑަން އިއްޔެ ވަނީ އުރުދުންގެ ރަސްގެފާނު އަބްދުﷲއަށް މެންދުރުގެ ފަރިއްކޮޅެއް އަރުވައިފައެވެ. މި ފަރިއްކޮޅުގައި އަބްދުﷲ ވިދާޅުވީ އިސްރާއީލުން ރަފަހްއަށް އަރައިފި ނަމަ އަނެއްކާވެސް ހިނގާނީ ބޮޑު ލޭއޮހޮރުވުމެއް ކަމަށެވެ. ވޭތުވެދިޔަ ހަތް މަސް ދުވަސްތެރޭގައި އިސްރާއީލުން ވަނީ 34،000 އަށްވުރެ ގިނަ ފަލަސްތީނު އާއްމު ރައްޔިތުން ޝަހީދުކޮށްލައިފައެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވީ ރަފަހްއަށް އެއްގަމު މަގުން އިސްރާއީލު ސިފައިން އަރާއިރު ފަލަސްތީނުގެ އާއްމު ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރާ ރޭވުމަކާ ބެހޭ ގޮތުން އިސްރާއީލުން ވާހަކަ ދެއްކި ނަމަވެސް އެމެރިކާއިން އަދިވެސް ދެކެނީ ރަފަހުގެ އާއްމުންނަށް ބޮޑު ނުރައްކަލެއް އެބަ އޮތް ކަމަށެވެ.

ރަފަހްގައި ތިބި ފަލަސްތީނުގެ އާއްމު ރައްޔިތުން ރަފަހްއިން ފޭބުމަށް އިސްރާއީލުން ގޮވާލުމުން ސައޫދީ އަރަބިއްޔާއިން ބުނީ ޣައްޒާގައި އިސްރާއީލުން ކުރިއަށް ގެންދަނީ "ޖެނޮސައިޑް" ނުވަތަ ނަސްލެއް ނައްތާލުމުގެ މަސައްކަތް ކަމަށެވެ.

އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރެސް ވިދާޅުވީ ރަފަހްގައި ބޮޑު އަސްކަރީ ކެމްޕޭނެއް ހިންގުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *