Support Us

ސިނާއީ ބޭނުމަށް ތިލަފުށީން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފި

ތިލަފުށީގެ ދެ ފިޔަވަހިން ސިނާއީ ބޭނުމަށް ކަނޑައަޅާފައިވާ ބިން ހަމައެކަނި ދިވެހިންނަށް ވިއްކުމަށް އެޗް.ޑީ.ސީން ހުޅުވާލައިފި އެވެ.

އެޗް.ޑީ.ސީން ބުނީ ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައި ވަނީ ތިލަފުށީ ޒޯން އޭގެ އޭރިޔާ ބީގައި މިހާތަނަށް ނުވިކި ހުރި ބިންތައް ކަމަށެވެ. މިގޮތުން ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ ޖުމުލަ 108 ބިން ވިއްކުމަށް ވަނީ ކަނޑައަޅައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

ޓައިޕް ބިމުގެ ބޮޑުމިން (އަކަފޫޓް) ބިމުގެ އަދަތު
ޓައިޕް 1 4999 – 2500 64
ޓައިޕް 2 9999 – 5000 42
ޓައިޕް 3 10000 – 14999 2

ތިލަފުށީގެ ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ.އޯ.އައި ހުށަހަޅާފައިވާނަމަ، ބިޑްކުރުމެވެ.

ސިނާއީ ބޭނުމަށް ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ވަނީ ހުޅުވާލެވިފައެވެ. އަދި ބީލަން ހުށަހެޅޭ އެންމެ ކުޑަ އަގަކީ 1،700ރ. އެވެ.

"ވީމާ، ޝައުގުރެވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި މި ކޯޕަރޭޝަންގެ ބިޑް ޕޯޓަލް (https://bids.hdc.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން ކުރިއަށް ގެންދެވޭނެއެވެ. ނުވަތަ މި ކޯޕަރޭޝަންގެ އީމެއިލް [email protected] މެދުވެރިކޮށް ވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ." އެޗް.ޑީ.ސީގ ެބަޔާނެއްއްގައި ވެއެވެ.

ތިލަފުށީގެ 1 ވަނަ ފިޔަވަހިން  ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ބިން މިލްކުކުރުމުގެ ފުރުސަތު ހުޅުވާލުން.

ތިލަފުށީގެ އެއް ވަނަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް، ބިން މިލްކުކުރެވޭ ގޮތަށް ބިން ގަތުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. މިގޮތުން ބިން ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ތިލަފުށީގެ ފުރަތަމަ ފިޔަވަހިން 5،000 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑެތި ބިން ކުޔަށް ނަގާފައިވާ ފަރާތްތަކަށެވެ. އެހެންކަމުން، ތިލަފުށީގެ އެއްވަނަ ފިޔަވަހިން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެލް ކުރުމަށް އެޗް.ޑީ.ސީން އެދެއެވެ.

"ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި،  އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއަރ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން މިހާރު ކުރިއަށް ދާ ތިލަ-މާލެ ބްރިޖް  މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެއެވެ." އެޗް.ޑީ.ސީގެ ބަޔާނެއްގައި ވެއެވެ.

"ތިލަފުށްޓަކީ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ގެނެސްދިނުމުގެ ބޭނުމުގައި ޒަމާނީ ފެނަވަރަށް ތަރައްގީ ކުރެވެމުން އަނަން ރަށެކެވެ. މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ލިބެންހުރި ވަސީލަތްތައް ބޭނުންހިފޭނެ މަގު ތަނަވަސްކޮށްދީ، ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށެވެ."