Support Us

ޕެޓެއްގެ ގޮތުގައި ގެންގުޅުނު ކިނބުލެއް ގެއްލިއްޖެ

އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓްގެ މީހެއް ކަމަށްވާ ޖުއާ ހެނީ ޕެޓެއްގެ ގޮތުގައި ގެންގުޅެމުން އައި ކިނބުލުގެ ބާވަތެއް ކަމަށްވާ "އެލިގޭޓަރ"އެއް ގެއްލިގެން އޭނާ ރިޕޯޓްކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރު މި "ވޯލީ" ނަމަކަށް ކިޔާ ކިނބޫ ގެއްލިގެން ޖުއާ ވަނީ ވަރަށް އަސަރުން ފުރިފައިވާ މެސެޖެއް އޭނާގެ ޓިކްޓޮކް އެކައުންޓަށް ވީޑިއޯއެއްގެ ގޮތުގައި ލައިފައެވެ.

ޖުއާ ބުނީ ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު އޭނާއަށް ޖެހިފައިވާ ނަފުސާނީ ބައްޔެއް ކަމަށްވާ ޑިޕްރެޝަނުން ރައްކާތެރި ކުރި އެންމެ މުހިންމު އެއްޗަކީ ވޯލީ ކަމަށެވެ.

ފަސް ފޫޓު ދިގުމިނުގައި ހުރި މި ކިނބޫ ގެއްލުނީ ޖޯޖިއާ ސްޓޭޓުގައި ޖުއާ ޗުއްޓީ ހޭދަކޮށްލަމުން އަންނަނިކޮށެވެ. ވޯލީ ބޭއްވީ ކޮއްޓެއްގައެވެ.

ޖުއާގެ ސޯޝަލް މީޑިއާގައި ލާފައި ހުރި ފޮޓޯތަކުން ފެންނަނީ އެކިއެކި މީހުން ވޯލީ ގައިގައި ފިރުމާ މަންޒަރާއި ވޯލީގެ ގައިގައި ބައްދާ މަންޒަރެވެ.

ޖޯޖިއާގެ ވަލުގައި އުޅޭ މަހުލޫގުންނާ ބެހޭ ސައިންސްވެރިޔާ ޑޭވިޑް މިކްސަން ވިދާޅުވީ ގޭގޭގެ ބިއްދޮށުގައި އޮންނަ ސްވިމިން ޕޫލްތަކަށް އަންނަ ކިނބޫ އަލުން ގުދުރަތީ މާހައުލަށް ދޫކޮށްލުމުގެ މަސައްކަތް އޭނާ ކުރައްވާ ކަމަށެވެ.

"ވަރަށް މަޑުމައިތިރިކޮށް އޮންނަ ކިނބުލަކީ ވެސް ނުރައްކާތެރި އެއްޗަކަށް ވެދާނެ. މިހެންވެ އަހަރެން އަބަދުވެސް ކިނބުލުގެ އަނގައިގައި އެއްޗެއް އޮޅަން،" ޑޭވިޑް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކިނބުލާއެކު ވަގުތު ހޭދަ ކުރުން އިތުރުވީ ވަރަކަށް އޭގެ ނުރައްކާތެރިކަން ފާޅުވާން ފަށާނެ ކަމަށެވެ.

ޖޯޖިޔާއާ ޖެހިގެން އޮންނަ ފްލޯރިޑާ ސްޓޭޓްގައި 1.3 މިލިއަން ކިނބޫ އުޅޭ ކަމަށް އަންދާޒާ ކޮށްފައިވެއެވެ. އަދި 1948 އަހަރުން ފެށިގެން މިހާތަނަށް، އިންސާނުންނަށް ހަމަލާ ދީފައިވާ އަދަދު 450 އަށްވުރެ މައްޗެވެ. އެ ގޮތުން 2014 ވަނަ އަހަރުން ފެށިގެން މިވީ ދުވަސްކޮޅުގެ ތެރޭގައި 90 މީހުންގެ ގައިގައި ދަތް އަޅައި، އޭގެ ތެރެއިން ހަ މީހުން މަރާލާފައިވެއެވެ.

ވޯލީ އެންމެ ބޮޑަށް މަޝްހޫރު ވެގެން ދިޔައީ މިދިޔަ އަހަރު އޮތް ބޭސްބޯލް މެޗެއް ބަލަން ޖުއާ ވޯލީއާއެކު ދަނޑަށް ވަނުމަށް އޮފިޝަލުން ހުރަސްއެޅުމާ ގުޅިގެންނެވެ.

ޖުއާ ޝައްކު ކުރަނީ ޖޯޖިއާގައި އޭނާ ޗުއްޓީ ހޭދަ ކުރަމުން އަންނަނިކޮށް މިދިޔަ މަހު 21 ވަނަ ދުވަހު ކޮންމެވެސް މީހަކު ވޯލީ ކޮށިން ދޫކޮށްލީ ކަމަށެވެ.

އޭނާ ބުނީ އޭނާއަށް ޝައްކު ކުރެވޭ ގޮތުގައި ކޮންމެވެސް ބަޔަކު ވޯލީ ހިފައިގެން ގޮސް، މީހެއްގެ ގޭދޮށުގައި އެ ސޮރު ބޭއްވުމުން، އެ ގޭ މީހުން ބިރުން ކަމާ ބެހޭ ފަރާތްތަކަށް ގުޅުމުން، އެ ފަރާތްތަކުން އައިސް ވޯލީ ޖަންގައްޔަށް ދޫކޮށްލީއެވެ.

"އަހަރެންގެ ވޯލީ އަނބުރާ ހޯދުމަށް ތި އެންމެ ފަރާތްތަކުގެ އެހީ ބޭނުން،" ރޮމުން އިނދެ ޖުއާ ވާހަކަ ދައްކާ ވީޑިއޯ އޭނާގެ ޓިކްޓޮކްއަށް ލާފައިވެއެވެ.

އޭނާ ބުނީ ވޯލީ ލިބުނީ 2015 އަހަރު ފްލޯރިޑާއިން އެ ސޮރުގެ އުމުރުން 14 މަހުގައި ކަމަށެވެ. އޭގެ ފަހުން 2019 ވަނަ އަހަރު "ދަ ފިލަޑެލްފިއާ އިންކުއިރާ"އަށް ދިން އިންޓަވިޔުއެއްގައި ޖުއާ ބުނީ އޭނާގެ އެތައް ރަހްމަތްތެރިން މަރުވުމާ ގުޅިގެން ލިބުނު ހިތާމަ ބަރުދާސްތު ކުރެވުނީ ވޯލީގެ ލޯބީގެ ސަބަބަން ކަމަށެވެ.

"އަހަރެންގެ ޑޮކްޓަރު ވެސް ވިދާޅުވި ވޯލީއަކީ އަހަރެންނަށް ރަނގަޅު ޖަޒުބާތީ އެހީ ދޭ ކިނބުލެއް ކަމަށް. އެއްވެސް މީހެއްގެ ގައިގައި ދަތްއެޅުމަށް ވޯލީ މިހާތަނަށް މަސައްކަތްކޮށްފައެއް ނުވޭ،" ޖުއާ ބުންޏެވެ.

އޭނާގެ އިތުރުން އެހެން މީހަކު ވޯލީ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

ޖޯޖިއާގެ ގުދުރަތީ ވަސީލަތްތަކާ ބެހޭ އިދާރާއިން ބުނީ ވޯލީ ގެއްލުނު ކަމަށް ބުނާ ދުވަސް ކަމަށްވާ އެޕްރިލް މަހުގެ 21 ވަނަ ދުވަހު ބްރަންސްވިކް ސަރަހައްދުން "މީހުންނަށް ދުއްތުރާ ކުރާ" ކިނބުލެއް ފެނިފައިވާ ކަމަށާއި މިހެންވެ އެ ސޮރު ހިފައި، ޖަންގައްޔަށް ދޫކޮށްލި ކަމަށެވެ.

"ނަމަވެސް މިއީ ވޯލީ ކަމެއް ކަށަވަރެއް ނޫން،" އެ އިދާރާއިން ބުންޏެވެ.

ހާއްސަ ހުއްދައެއް ނެތި ޖޯޖިޔާގެ މީހުން ކިނބޫ ގެންގުޅުމަކީ މަނާ ކަމެކެވެ. އެ ސްޓޭޓުން ބުނާ ގޮތުން ޕެޓުންގެ ގޮތުގައި ވެސް ކިނބޫ ގެންގުޅުމުގެ ހުއްދައެއް ނުދެއެވެ.

ޕެޓުންގެ ގޮތުގައި ކިނބޫ ގެންގުޅުން ޕެންސިލްވޭނިއާގައި މަނައެއް ނޫނެވެ. ނަމަވެސް ޖަންގައްޔަށް ކިނބޫ ދޫކޮށްލުމަކީ އެ ސްޓޭޓްގައި މަނާ ކަމެކެވެ.

ކޮލަރާޑޯ ސްޓޭޓްގެ ޔުނިވާސިޓީގެ ނަފުސާނީ އިލްމްވެރިއެއް ކަމަށްވާ ޕްރޮފެސަރ ލޯރީ ކޯގަން ވިދާޅުވީ ޕެޓުންގެ ގޮތުގައި ކިނބޫ ގެންގުޅުން ހުއްދަ ސްޓޭޓްތަކުގައި ކިނބުލަކީ ޖަޒުބާތީ އެހީ ދޭ އެއްޗެއްގެ ގޮތުގައި ދުށުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"އެތައް ބާވަތެއްގެ ޖަނަވާރާ ޖަޒުބާތީ ގުޅުމެއް އިންސާނުންގެ މެދުގައި އުފެދިދާނެ. އެ ސޮރުމެންގެ ފަރާތުން އެ ސޮރުމެންގެ ވެރިންނަށް ނަފުސާނީ ހިތްހަމަޖެހުން ލިބިދާނެތޯ؟ ޖަވާބަކީ އާނއެކޭއެވެ. ނަމަވެސް އަހަރެން އެ ކަމެއް ނުކުރާނަން،" އިންސާނުންނާ ޖަނަވާރުންނާ ދޭތެރޭގައި އޮންނަ ގުޅުން ދިރާސާ ކުރައްވާ ލޯރީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *