ކޯޅިގެން ކުރިއަށް ހިނގަން ގައުމަށް އެހައި ފަހިވާނެތޯ
ރޯޅި ހަރުނަމަ ރިޔަލުގައި ދުއްވަން ތުރާ ނުވެދާނެތޯ
ޞުލްޙަ މަސަލަސްކަން ޚިޔާރު ކުރަންވިހިނދު ގައުމަށްޓަކައި
ޚުލުޤުގައި ދީނުގެ ރިވެތި ނުހިފައި ތިބެން ހެޔޮ ވާނެތޯ
ކާމިޔާބީ ދެއްވި ހިނދުގައި ނިޢުމަތާ މެދު ޝުކުރުކޮށް
ކާމިޔާބީގައި ތަވާޟުޢު އެކުވެ ލާނުމެހޭނެތޯ
ފަތުޙު މައްކާގައި ރަސޫލާޔާ ޞަޙާބީން ދެއްކެވީ
ހަތުރުވެރިނޫން ޞުލްޙައެއްކަން ދަނެ އެކަން ނުކުރާނެތޯ
ދެރަ ލިބޭހިނދު ކަންކަމުން ގޮތް ދޫނުކޮށް ތިބުމަށް ވުރެން
ދެރަވި ސަބަބާ، ކުށް، ޤަބޫލު ކުރުން ރިވެތިނުވެ ދާނެތޯ
ދުނިޔެއާ ގައުމުގެ ޅަޖީލަށް ފެންނަހެން ހެޔޮ ދައުލަތެއް
އުނިކަމެއް ފިތުނައިގެ ނެތް، ނުކުރަން ބިނާވީ ކީއްވެތޯ
ގައުމަކަށް ކޮށްދޭ ރަނގަޅު ކަންކަން އަބަދު ދިރުވޭކަމުން
ދައުރަކަށް ވުރެ ހެޔޮމަގުން ދައުރެއް ހިނގަން ނޫޅޭނެތޯ
އެއްކަމެއްވެސް ދުނިޔެވީ ނުވެޔޭ ނުދާނެގޮތަށް ފިލާ
ހެއްލިފައި ކަމަކަށް، އެކަން އެނގިހުރެ، ތިބެން ހެޔޮވާނެތޯ