ހިނިތުންވުމުން ހިތަށް ލިބެނީ ފުން އަރާމެކޭ
ގިނިތައް ފިލައި އަލުންއުފެދޭނީ ބަހާރެކޭ
މޫނުން ވިދާ ޝަބާބުގެ އަސަރުން އެ ޖާޒުބީ
ހޫނުން ވިރޭހިތަށް ކުރަނީ ފިނި އަރާމެކޭ
ދެކޮލަށް އަރާ ކުލައިގެ ވިދުން ޝާއްބަ ކަންމަތީ
ދެކޮލުން އެބަބުޅަމުން ނެރެނީ ފުން ޝުޢޫރެކޭ
ތިޔަ ނާޒުކީ ދެތުންފަތުގައި ރަސްކަމެއްކުރާ
ނިޔަނެތިކަމުން ހިތަށް ކުރަނީވެސް ތުރާލެކޭ
ލަދުރަކިކަމުގެ އެމާތް ސިފަ ނަށަމުން އެ ދާގޮތުން
ތެދުވެރި އެތައް ހިތެއް ތިޔަ ކުރަނީ ޚަރާބެކޭ
ވައިރޯޅިވެސް ޖެހޭ ނަލަ މަޑުކޮށް އެ އަސަރުގައި
ހައިކޮށްނުލައި އެހެން ހުރެ ކުރަނީ ސުވާލެކޭ
ދެ ކޮލަށް އަރާ އެ ކުލައިން، ފެނުމުން އެ މާނަވީ
އެކުރާ އިޝާރާތުން ހަމަ ކުރަނީ އަޖައިބެކޭ
ހިތް ހެޔޮ ކަމާއި ކުލުނުގެ ސިފަ ރަމްޒުކޮށްދެމުން
ހިތް ސާފުކޮށް ދެމުން އެ ދަނީ ފޮނި ޝަޒާއެކޭ