Support Us

މަރަކީ ހާދަ ކައިރީގައިވާ އެއްޗެކެވެ.

މީގެ ދެ ދުވަހެއް ކުރިން مغرب ނަމާދު ވަޤުތު މާލޭ ހުކުރު މިސްކިތުތެރޭން އަމީން އަލީއާ ދިމާވިއެވެ. އަދި ދެ މީހުން ހީނލައި ސަލާމްކޮށްލައި ހެދީމުއެވެ. އެއަށްފަހު ދާދި ދެންމެއަކު ކަށުނަމާދު ޕޭޖުން މި ފެނުނީ ތިރީގައި އެވާ ޕޯސްޓެވެ. އިހަށްދުވަހު ދިމާވެ ސަލާމް ކޮށްލިއިރު ގަދަފަދަކޮށް، ހެޔޮ ހާލުގައި ފެނުނު އަޚާ އެވަނީ ފަނާވަނިވި މި ދުނިޔެއާ ތާއަބަދަށް އަލްވަދާޢު ކިޔައިފައެވެ.

سبحان الله، މަރަކީ ހާދަ ކައިރީގައިވާ އެއްޗެއްކަން ހަނދާންވެ ގައިން ހީބިހި ނަގައިގަތެވެ. ދެ ލޮލުން ކަރުނަ ހިލިގަތެވެ. ބިރުން ތުރުތުރު އަޅައިގަތެވެ. ދެރަވެ ހިތްދަތިވިއެވެ. އަދި އުފާވެސްވިއެވެ.

ގައިން ހީބިހި ނަގައިގަތީ ކޮންމެ ވަޤުތަކުވެސް މަރު އައިސް ބައްދަލުކޮށްފާނެކަން ހިތަށް ވެރިވުމުންނެވެ. ޔާﷲ

ބިރުގަތީ ކަށްވަޅުގައި އެކަނިމާއެކަނި ހޭދަކުރަންޖެހޭ ވަޤުތު ހަނދާންވުމުންނެވެ. ކަށްވަޅުގެ އަނދިރިކަން ހިތަށް ވެރިވުމުންނެވެ. ކަށްވަޅުގެ ނާމާންކަން ހަނދާން ވުމުންނެވެ. ނަކީރު މުންކަރު ފެންނާނެ ވަޤުތު ހިތަށް ވަނުމުންނެވެ. ކަށްވަޅުގެ ސުވާލުތަކަށް ކުރިމަތިލާން ޖެހޭނެ ވަޤުތު ހިތަށްއަރައިފެއެވެ. ﷲގެ އަޒާބަށް ބިރުންނެވެ. ޔާﷲ

ދެރަވެ ހިތްދަތިވީ ދަރިންނާއި، ކާފަ ދަރިފުޅާއި، އެއްބަނޑު އެއްބަފާ ކުދިންނާއި، ތިމާގެ މީހުންނާއި ރައްޓެހިން ދޫކޮށްފައި ކޮންމެ އިރަކުވެސް ދާންޖެހޭނެކަން ހަނދާންވުމުންނެވެ. ދަރިންނާއި ކާފަ ދަރިފުޅު ނުފެންނާނެތީއެވެ. އެ ކުދިންގެ ބައްޕަ އަދި ކާފަ ނެތުމުން ހިތާމަ ކުރާނެކަން ހިތަށް ވެރިވުމުންނެވެ. ޔާﷲ

އުފާވީ ލޯބިވާ އަންހެނުންނާއި ބަރުޒަގުން އަދި ޖަންނަތުލް ފިރުދައުސްއިން ބައްދަލުވުމުގެ އުއްމީދު ހިތަށް ވެރިވުމުންނެވެ. ޔާﷲ

މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލްކުރި އަމީން އަކީ ޓީ.ވީ.އެމްގައި އިނގިރޭސި ޚަބަރުވެސް އެއް ދުވަސްވަރެއްގައި ކިޔައިފައިވާ، މަޑުމައިތިރި، ބަސްމަދު، އަޚުލާގު ރަނގަޅު އެކުވެރިއެކެވެ.

މަރަކީ ހާދަ ކައިރީގައިވާ އެއްޗެކެވެ. ނަމަވެސް އަހަރެމެން މިވަނީ އެ މަރަށް غافل ވެފައެވެ. ވަޤުތު އޮތްކަމަށް ދެކި ތައުބާވުން ފަސްކޮށްފައެވެ. سبحان الله

ޔާﷲ، މަރުހޫމް އަމީން ޢަލީގެ ފުރާނައަށް ހެޔޮ رحمة ލައްވައި، ކުށްފާފަތައް އަފޫކުރައްވައި، ކަށްވަޅު ތަނަވަސް ކުރައްވައި، ސުވާލު ވެވޭ ހިނދު ސާބިތުކަން ދެއްވައި، ކަށްވަޅުގެ ނާމާންކަމާއި، އަނދިރިކަމާއި، ބިރުވެރިކަމާއި އަޒާބުން ރައްކައުތެރި ކުރައްވައި، މަރުހޫމް އަމީން ޢަލީގެ ކަށްވަޅަކީ ޖަންނަތުލް ފިރުދައުސްގެ ތަނަވަސް ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއް ކަމުގައި ލައްވަވައި، އިބަ ﷲގެ ނޫރުފުޅުން އަލިގަދަ ނޫރެއް އެ ކަށްވަޅުގައި ލައްވަވައި، ޖަންނަތުލް ފިރުދައުސްގެ ފެތުރެއްވެވުމަކުން އެ މަރުހޫމްގެ ކަށްވަޅު ފަތުރައްވަވައި ނަރަކައިން މިންޖުކުރައްވައި، ޖަންނަތުލް ފިރުދައުސްގެ އަހުލުވެރިންގެ ތެރެއިން ލައްވަވައި، މަރުހޫމް އަމީން ޢަލީގެ އާއިލާއަށް ކަތްތެރިކަން ދެއްވަވައި، ހިތްތަކަށް ފިނިކަން ދެއްވަވައި، އަޅަމެންނީ މަރު ހަނދާންކޮށް މަރަށް ތައްޔާރުވެފައިވާ ބަޔަކު ކަމުގައިލައްވަވައި، އަޅަމެންނަށް ރަހުމުކުރައްވާދޭނވެ. اَمِين

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
5
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *