Support Us

ކޮލަމް: ދިނަށަ

ފުރިހަަމަ އިރުކޭތައެއް

ރާއްޖެއަށް ނުފެނުނަސް ދުނިޔޭގެ ބޮޑު ބަޔަކަށް ފެންނަ ފުރިހަމަ އިރުކޭތައެއް މި ރޯދަމަހުގެ 29 ވަނަ ދުވަހު ހިފާނެއެވެ. މި ކޭތައަކީ، މިމަހު އިރާއި ހަނދު އެއްއުއިވުމުގައި، އިރާއި ދުނިޔެއާ ދެމެދުން ހަނދު ހުރަސްކުރާ ކުރުމުގައި، ހަނދުގެ ސަބަބުން ދުނިޔެއަށް އިރު އެކަށް ފޮރުވިގެންދާ ކޭތައެކެވެ.

އިރުކޭތައަކީ، އެއްއުއިވާ ޙާލަތުގައި ބިމަށް އެ މަންޒަރު ފެންނަ ފެނުމެވެ. ނުވަތަ އިރާ އެޅިގެން ހަނދު ދާ ދިއުމުގައި ބިމަށް މިޞްރާބު ވުމުގެ ސަބަބުން އިރުގެ ދަށުން ހަނދު ހުރަސްކުރާ ކުރުން ބިމަށް ފެންނަ ފެނުމެވެ.

މި ކޭތަ ހިފާ ވަގުތު ހަނދުގެ ސަބަބުން އިރު އެކަށް ފޮރުވި ފުރިހަމަ އިރުކޭތައެއް ހިފާ ސަބަބަކީ، އިރާއި ހަނދު، އެވަގުތު ދުނިޔެއާ ހުންނަ ދުރުމިނުގެ ގޮތުން، ދުނިޔެއަށް ފެންނާން ހުންނަ ސައިޒު މިންކުރާ ހަމައިން ބަލާއިރު، އިރަށް ވުރެން ހަނދު 0.6 ދަގީގު ބޮޑުކޮށް ހުރުމެވެ.

އެންމެ ވިސްނައިލާން ފަސޭހަ ގޮތަކަށް ބަޔާން ކުރާނަމަ، އެއީ، އިރުގެ ވަށަމިނުގެ ބޭރަށް ހަނދުގެ ވަށަމިން، ކޮންމެ ދިމާއަކުންވެސް އިރަށް ވުރެ 1،820 ފޫޓުގެ މިންވަރަށް ހަނދު ސައިޒު އިތުރުވުމުގެ ސަބަބުން ވާގޮތެވެ. މިކޭތަ ބައެއް ސަރަޙައްދަށް %100 އަށް ފެންނަ ސަބަބަކީ އެއެވެ.

މި ކޭތަ ދުނިޔޭގެ ބޮޑު ސަރަޙައްދަކަށް ފެންނާނެއެވެ. ކޭތަ ފެންނަ ސަރަޙައްދު، ޕެސިފިކް ކަނޑުގެ މެދުން ފެށިގެން އެޓްލާންޓިކު ކަނޑުގެ ހުޅަނގު އައްސޭރިފަށާ ހަމަޔަށް ތަނަވަސް ވެގެންވާނެއެވެ.

ފުރިހަމައަށް މި ކޭތަ ފެންނަ ތަންތަނުގެ ތެރެއިން، އެމެރިކާގެ އިންޑިއާނާ ސްޓޭޓަށް ނިސްބަތްކޮށް މި ކޭތައިގެ ވަގުތު ބަޔާން ކުރާނަމަ، މިކޭތައިގައި، މުޅި އިރު އެކުގައި ފޮރުވިފައި ހުންނާނީ 4 މިނެޓްގެ ހިނދުކޮޅެއްގައެވެ. އެވަގުތު އެތަނަށް އިރު ހުންނަ އުސްމިން (އަލްޓިޓިޔުޑް) 53º ދަރަޖަ ކަމަށްވާތީ، މިކޭތަ އެންމެ ފުރިހަމަޔަށް ފެނުމުގެ ފުރުސަތު އެ ސްޓޭޓަށް ލިބޭނެއެވެ.

މިކޭތަ އެތަނަށް ހިފާން ފަށާ ގަޑިއަކީ، އެތާނގެ ގަޑިން މެންދުރުފަހު 01:52 ކަމަށްވެފައި، ކޭތަ ފުރިހަމަވަނީ 03:08 ކަމަށްވެފައި، ކޭތަ ވީއްލާނީ ހަވީރު 04:23 ކަމަށްވުމުން، ކޭތައިގެ ވަގުތު 2 ގަޑިއިރާއި 33 މިނެޓަށް ދެމިގެންދާނެއެވެ.

މިކޭތަ ދުނިޔެއަށް ހިފާން ފަށާ ވަގުތަކީ، ޖީއެމްޓީ ގަޑިން ނަމަ މެންދުރުފަހު 03:42 ކަމަށްވެފައި، ވީއްލާނީ ޖީއެމްޓީން ނަމަ، ރޭގަނޑު 08:52 ކަމަށްވާތީ، އެއީ، ރާއްޖެއަށް އިރު އޮއްސިފައި ހުންނަ ވަގުތެއް ކަމުން މިކޭތަ ފެނުމުގެ ރުޞަތު ރާއްޖެއަށް ނުލިބޭނެވެ.

ރާއްޖެއަށް މިއަހަރު އެއްވެސް ކޭތައެއް ފެނުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ސެޕްޓެމްބަރު 18 ގައި ހިފާ ހަނދުކޭތަވެސް ރާއްޖެއަކަށް ނުފެނާނެއެވެ. ސަބަބަކަށްވަނީ އެ ކޭތައިގެ ފަނޑުހިޔަނިކޭތަ ރާއްޖެއަށް ހިފާންފަށާ ގަޑިއަކީ، އެރޭ ފަތިހު މާލޭގަޑިން 05:41 ކަމަށްވެފައި، ހަނދު އޮއްސެނީ އޭގެ 15 މިނެޓް ފަހުން 5.56 ކަމަށްވާތީއެވެ.

ހަނދު ސަތަހައާ 4º ދަރަޖަ ހިސާބަށް ތިރިވެފައި ހުންނަ ވަގުތު، އިރަށްވެސް، ހަނދަށްވެސް، އަރާ ރަތް ޒާތުގެ ކުލަވަރުގެ ސަބަބުން، އެ ހިސާބުގައި ހުންނަ ހަނދެއްގައި ހިފާފައި ހުންނަ ފަނޑުހިޔަނި ކޭތައެއް، އެއްވެސް ވަރަކަށް ފާހަގައެއް ނުވާނެއެވެ. ފަނޑުހިޔަނި ކޭތައަކީ، މެދުއުޑުގައި ހަނދު ހުންނަ އިރުވެސް ހަމަލޮލަށް ފާހަގަވާ ޒާތުގެ ކޭތައެއްވެސް ނޫނެވެ.

މޭ 21، 2031 ގައި، ދެކުނު އިންޑިއާއަށް ފުރިހަމައަށް ފެންނަ އިރުކޭތަ ރާއްޖެއަށްވެސް %50 އަށްވުރެން ބޮޑަށް ފެންނާނެއެވެ. އެ ކޭތަ ފެނުމުގެ ފުރުޞަތު މުޅި ރާއްޖެއަށްވެސް ލިބޭނެއެވެ.