Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ތިރީސް ހަމަވާ ރޯދަމަހެކެވެ.

މި ރޯދަމަސް ފެށިފައިވަނީ 11 މާރިޗުގައި ކަމަށްވެފައި، ނިމޭ ދުވަހަކީ 09 އޭޕްރީލް ކަމަށްވާނެތީ، މި ރޯދަމަސް ވާނީ 30 ދުވަސް ފުރިހަމަވާ މަހެއް ކަމުގައެވެ. ނިޔަމިކަމުގެ ޙިސާބާއި، ފަލަކީގޮތުން އިރާއި ހަނދު އެއްޗެއްގެ ފަލަކުގައި ހުރި ތަނަށާއި، ހިޖުރީ މައްސަރުތައް ފެށުމުގައި ރާއްޖޭން ޢަމަލުކުރާ އުޞޫލުތަކަށް ނަޒަރު ކުރުމުން، މި ރޯދަމަސް 30 ދުވަހުގެ މަހަކަށް ވާނެކަމުގައި ބަލަން ޖެހެއެވެ.

ނިޔަމިކަމުގެ ޙިސާބުން ބަލާއިރު މި ރޯދަމަހުގެ 29 ވަނަ ދުވަހު މާލެއަށް ހަނދު އޮއްސޭ ވަގުތަކީ ހަވީރު 5.57 ކަމަށްވެފައި، އިރު އޮއްސޭނީ 6.13 ކަމަށްވާތީ، މި ރޯދަމަހުގެ އެންމެ ފަހު ދުވަހަކަށްވާނީ މި ހިނގާ އޭޕްރީލް މަހުގެ 09 ވާ އަންގާރަ ދުވަސްކަމުގައި ވާނެއެވެ.

ފަލަކީ ގޮތުން ބަލާއިރު، މާލެއަށް އެދުވަހު އިރު އޮއްސޭ ވަގުތު ކަމުގައިވާ 6.13 ގައި ހަނދު ހުންނާނީ ރޭވަ ނަކަތުގެ 12 ދަރަޖަ 51 ދަގީގުގައި ކަމަށްވެފައި، އެވަގުތު އިރު ހުންނާނީ އައްސިދަ ނަކަތުގެ 01 ދަރަޖަ 59 ދަގީގުގައި ކަމަށްވާތީ، 02 ދަރަޖަ 59 ދަގީގުގެ ތަފާތެއްގައި ހަނދު، އިރަށް ވުރެން ހުޅަނގުގައި ހުރުމުން، އެދުވަހު އިރަށްވުރެ ކުރިން، ހަނދު އޮއްސޭނެކަން އެނގެއެވެ.

އޭޕްރީލް އަށެއްގައި އިރަށް ވުރެން 16 މިނެޓް ކުރިން، ހަނދު އޮއްސޭނެކަން ނިޔަމިކަމުގެ ޙިސާބުން އެނގިފައި، އިރު އޮއްސޭ އެވަގުތަކީ 6.13 ކަމުގައިވެފައި، މަޣްރިބު ނަމާދު ވަގުތަކީ 6.15 ކަމުގައިވާ ސަބަބަކީ، މަޣްރިބު ނަމާދު ވަގުތުގެ ތާވަލު ހެދުމުގައި ދެ މިނެޓްގެ މިންވަރު އިތުރުކޮށްގެން މަޣްރިބު ނަމާދު ވަގުތު ކަނޑައަޅާފައި އޮންނާތީއެވެ.

ހިޖްރީ މައްސަރު ފެށުމުގައި ރާއްޖޭން ޢަމަލުކުރާ އުޞޫލަކީ އިރަށް ވުރެން ކުރީން ރާއްޖެއަށް ހަނދު އޮއްސޭނެކަން ނިޔަމިކަމުގެ ޙިސާބުން އެނގޭ ރެއަކު، އިސްލާމީ ގައުމަކަށް ހަނދު ލެއްވިކަމުގައި ވިޔަސް، ރާއްޖޭން އެ ނިންމުމަށް ތަބާ ނުވުމެވެ.

ރާއްޖެއަށް ހަނދު އޮއްސޭނީ އިރު އޮއްސޭ ވަގުތުގެ ފަހުންކަން ނިޔަމިކަމުގެ ހިސާބުން އެނގޭން އޮންނަ ރެއަކު ރާއްޖެއަށް ހަނދު ނުފެނުނަސް، އިސްލާމީ ގައުމަކަށް ހަނދު ސާބިތު ވެއްޖެނަމަ އެ ނިންމުމަށް ރާއްޖޭން ތަބާވުމެވެ.

އެހެންކަމަށްވާތީ، މިފަހަރަކީ، އިސްލާމީ ގައުމަކުން ހަނދު ލެއްވިކަމަށް ވިޔަސް އެއަށް އެ ނިންމުމަށް ރާއްޖެ ތަބާނުވާނެ ފަހަރެކެވެ. ސަބަބަކީ، ރާއްޖެ ހިމެނޭ ގޮތުން އިސްލާމީ އެއްވެސް ގައުމަކަށް މިފަހަރު ހަނދު ފެންމަތި ނުވާނެކަން ނިޔަމިކަމުގެ ޙިސާބުގެ ހިސާބާއި، ފަލަކީގޮތުންވެސް ކަށަވަރުވެ އެނގޭން އޮތުމުން، މި ރޯދަމަހު 30 ދުވަސް ފުރިހަމަވާނެއެވެ.

އަދި އިރަށް ވުރެން ކުރިން ހަނދު އޮއްސޭކަން ނިޔަމިކަމުގެ ޙިސާބާއި ފަލަކީގޮތުން އެނގޭ ރެއަކު، އިރު އޮއްސުމުގެ ފަހުން، ސަތަޙައިގެ މަތީގައި ހަނދު ހުއްޓައި ފެންނާނެ އެއްވެސް ފުރުޞަތެއް ލޮލަށާއި ޓެލެސްކޯޕް ފަދަ ވަސީލަތަކަށްވެސް ނޯންނާނެއެވެ. އަދި އެފަދަ ރެއަކު މީހަކު ނުވަތަ ބަޔަކު ހަނދު ފެނުނުކަމަށް ބުނިކަމުގައި ވިޔަސް އެއީ، މުޢުތަބަރު ބަހެއްކަމަށް ބެލުމަކީ، މިފަދަ ޢިލްމީ ޒަމާނެއްގައި ޢިލްމާއި ފުށުއެރުމެކެވެ. އަދި ހަނދު ބެލުމުގައި، ހަނދާއި، ހުޅެތްވާއި، ރަނގަޅަށް ވަކިކޮށް ދެނެގަތުމީވެސް ލާޒިމު ކަމެކެވެ. އެހެނީ، ޓެލެސްކޯޕަކުން ބަލާއިރު ފެންނަ ކަޅުހަނދު ފެނުމުން އެއީ، ހަނދު ފެނުނީ ކަމުގައި ބަޔަކަށް ހީވެދާނެ ކަމަކަށް ވާތީއެވެ.

އެހެނަސް، އެނގޭން ޖެހެނީ، ވިލާގަނޑެއް ފިޔަވައި ދުނިޔެއާއި ހަނދާ ދެމެދަށް އެއްޗަކުން ހުރަހެއް އެޅިގެން ދުނިޔެއަށް އެއްވެސް އިރަކު ހަނދު ނުފޮރުވޭނޭކަމެވެ. ލޮލަށް ހަނދު ނުފެންނަނީ ހަނދުގެ އެއްފަޅިއަށް އެޅިފައިވާ އިރުގެ އަލި (ހުޅެވި) ހަނދުގެ ވަށައިގެން ކޮންމެ މަހަކު އެނބުރެމުންދާ ދިއުމުގައި، ދުނިއެއަށް ފުރަގަސްދީ، އިރާ ދިމާޔަށް އެނބުރިފައި ހުންނަ ވަގުތުގައި، ހަނދުގެ އެ އަލިކަން (ނުވަތަ ހުޅެވި) ދުނިޔެއަށް ފެންނާން ނުހުންނާ ނެކަމެވެ.

އެހެނަސް، ޓެލެސްކޯޕު ފަދަ ވަސީލަތްތައް މެދުވެރިކޮށްގެން ބެލުމުން، އެ ޙާލަތުގައިވެސް ކަޅުހަނދު (ނުތަވަ ހަނދުގެ ދުނިޔެއާވީ އަނދިރިފަރާތް) ފެންނާނެއެވެ.

އެހެންކަމަށްވާތީ، ޓެލެސްކޯޕަކުން، އައު މައްސަރަކަށް ހަނދު ބަލާކަމުގައި ވާނަމަ، ބަލަންވާނީ ހަނދުގެ ހުޅެވި ފާޅުވެފައި ހުރިތޯއެވެ. އަދި ހަނދު ހުރީ އިރު އޮއްސުމުގެ ފަހުން ސަތަހައިގެ މަތީގައިތޯއެވެ.

މައްސަރެއްގެ ފުރަތަމަ ހުޅެވި އަބަދުވެސް ފާޅުވާނީ ހަަނދުގެ އިރާ ދިމާއަށްވީ ދިމާއިން ހަނދުގެ ތިރީ ކައިރިފަށުންނެވެ. އެ އަލިކަމުގައި ވިދުމެއް ނުވަތަ ދިއްލުމެއްގެ އަސަރު ހުންނާނެއެވެ.

އަދި އެފަދަ ޙާލަތުގައި ހަނދުގެ މަގަތުން ނުވަތަ ފުރަގަހުން އިރާ ދިމާޔަށްވީ އަރިމަތިން ވިދުމެއްހުރި އަލިކަމެއް ފާޅުވާނަމަ، އެފެނުނީ ހަނދުގެ ހުޅެވީގެ އަލިކަންތޯ ނުވަތަ ޕްލެނެޓެއްގެ އަލިކަންތޯވެސް ޔަގީން ކުރަން ޖެހޭނެއެވެ. ސަބަބަކީ، ބައެއް ފަހަރު ހަނދުބަލާ ރޭރޭގެ އެ ވަގުތުގައި ހަނދުގެ މަގަތުން ނުވަތަ ދުނިޔެއާ ދުރު ފަރާތުގައި ހަނދުގެ އިރާވީ ދިމާ އަރިމަތިން، ޕްލެނެޓެއްގެ އަލިކަން ދުނިޔެއަށް ފެންނަ ގޮތަށް ހުންނަ ވަގުތުތައް އިސްވެ ގޮސްފައިވާތީއާއި، އެކަމަކީ އެގޮތުގައި އަބަދުވެސް ތަކުރާރުވޭވެ ހުންނާނެ ކަމަކަށްވެސް ވާތީއެވެ.

އެއްއުއި (އިޤްތިރާން) ވުމުގެ ފަހުން، އިރާއި ހަނދުގެ ޖީ.އެޗް.އޭ. ނުވަތަ ޑިކްލިނޭޝަން ތަފާތުވާ މިންވަރަކުން، އިރާ ދިމާޔަށް އެނބުރިފައި ހުރެފައި ދުނިޔެއާވީ ފަރާތަށް ވަނުމަށް ހަނދުގައި އެނބުރެމުންދާ އަލިކަން (ނުވަތަ ހުޅެވި ނުވަތަ އިލުމިނޭޝަން) ދުނިޔެއާވީ ފަރާތަށް ވަންނާން ފަށާނެތީ، ހަނދުގެ އިރާވީ ދިމާ ތިރީ އަރިމަތިން ހުޅެވި ފާޅުވާން ފަށާނެއެވެ. މިކަންކަމަކީ، ހަނދުބަލާ ބެލުމުގައި އެނގިފައި ހުރުން މުހިއްމު ކަންކަމެވެ.

މި ރޯދަމަސް ނިމުމާއި ޝައްވާލުމަހަށް ފެށުމުގައި، އިރާއި ހަނދު، އެއްއުއިވާ ފަލަކުގެ ތަން (ނުވަތަ ޕޮޒިޝަން) ބަލާއިރު، 08 އޭޕްރީލްގައި މާލޭގަޑިން ރޭގަނޑު 11.20ގައި އައްސިދަ ނަކަތުގެ 2º ދަރަޖަ ’16 ދަގީގުގައި، އިރާއި ހަނދު އެއްއުއި (އިޤްތިރާން) ވާނެކަން އެނގޭން އޮންނަ އޮތުމަކީ، އެދުވަހު އިރު އޮއްސޭ ވަގުތުގެ މާކުރިން ހަނދު އޮއްސޭނެކަން ކަށަވަރު ވުމެކެވެ.

އެފަދައިން އިރަށްވުރެ ހުޅަނގުގައި ހަނދު ހުރި މިންވަރަކީ، އިސްލާމީ ގައުމުތަކަށްވެސް އެދުވަހު އިރު އޮއްސުމުގެ ފަހުން ހަނދު، ސަތަހައިގެ މަތީގައި ނުހުންނާނެކަން އެނގޭ މިންވަރެކެވެ.

އެފްރިކާ ބައްރުގެ ހުޅަނގުފަރާތް ކަމުގައިވާ އެޓްލާންޓިކް ކަނޑުގެ އައްސޭރިފަށާވީ ފަރާތުން ފެށިގެން އިންޑޮނޭޝިޔާގެ އިރުމަތީ ސަރަޙައްދާ ދެމެދުގައި ހިމެނޭ، އެއްވެސް ގައުމަކަށް، ނުވަތަ ތަނަކަށް، އަދި ރަށަކަށް ވިޔަސް، އެދުވަހު ހަނދު ނުފެންނާނެއެވެ.

ސަބަބަކީ، އެފްރިކާ ބައްރުގެ ހުޅަނގު އައްސޭރިފަށުން ފެށިގެން އިރުމަތީ ހުރިހައި ގައުމަކަށްވެސް އެދުވަހު އިރަށް ވުރެން ކުރިން ހަނދު އޮއްސޭނެކަން އިސްބެ ބަޔާންކުރި ދެ ނަޒަރުން އެނގޭން އޮންނަ އޮތުމެވެ.

އެހެނަސް ވަކި ތަންތަނަށް އިރާއި ހަނދު އޮއްސޭ މިންވަރުގެ ތަފާތުގެ މައްޗަށް ކަޅިއެއް ހިންގައިލާއިރު، އިސްލާމީ ރަށްތަކުގެ ތެރެއިން މާތްވެގެންވާ މައްކާއަށް އެ ދުވަހު 6.26 ގައި ހަނދު އޮއްސޭނެކަމާއި، 6.38 ގައި އިރު އޮއްސޭނެކަން އެނގޭން އޮވެއެވެ. އެއީ، އިރަށް ވުރެ 12 މިނެޓް ކުރިން ހަނދު އޮއްސޭކަން އެނގޭން އޮތުމެވެ.

އެފަދައިން އެންމެ ހުޅަނގަށް އޮންނަ އިސްލާމީ ގައުމުތަކުންކުރެ، މޮރޮކޯގެ ކަސަބު ލަންކާއަށްވެސް އެދުވަހުގެ 6.54 ގައި ހަނދު އޮއްސޭކަމާއި 6.57 ގައި އިރު އޮއްސޭކަން އެނގޭން އޮތުމުން، މޮރޮކޯގެ ވެރިރަށަށްވެސް އެދުވަހު އިރަށް ވުރެން ތިން މިނެޓް ކުރީގައި ހަނދު އޮއްސޭކަން އެނގޭން އޮވެއެވެ.

އޭގެ އިތުރުން އެފްރިކާ ބައްރުގައި އެޓްލާންޓިކް ކަނޑާވީ ފަޅީފައި، އެންމެ ހުޅަނގަށް އޮންނަ، އިސްލާމީ ގައުމެއް ކަމުގައި ބަލައިއުޅޭ ސެނެގޯލްގެ ޑާކާރު ކިޔާ ރަށަށް އެދުވަހު 7.22 ގައި ހަނދު އޮއްސޭނެކަމާއި 7.24 ގައި އިރު އޮއްސޭކަން އެނގޭން އޮންނަ އޮތުމުން، ސެނެގޯލަށްވެސް އިރަށްވުރެ ދެ މިނެޓް ކުރީގައި ހަނދު އޮއްސޭނެކަން އެނގޭން އޮވެއެވެ.

ސެނެގޯލްގެ ޑާކާރަކީ، 17 ދަރަޖަ 31 ދަގީގު ހުޅަނގުގައި އޮންނަ ރަށެއްކަމުގައިވެފައި، މާލެ އޮންނަނީ 73 ދަރަޖަ 30 ދަގީގު އިރުމަތީގައިކަމަށް ވުމުން، ރާއްޖެއަށް އިރު އޮއްސޭނީ ސެނެގޯލްގެ ޑަކާރަށް ވުރެން ހުޅަނގަށް އިރު ދިއުމުންކަމަށްވާތީ އާއި، އިސްލާމީ ގައުމުތައްވެސް އޮންނަނީ ސެނަގޯލްގެ ޑާކާރު އޮންނަ ޠޫލަށް ވުރެން އިރުމަތީގައި ކަމަށްވާތީ، ސެނަގޯލުގެ ޑާކާރަށް ހަނދު ފެންމަތިނުވާނެކަން ކަށަވަރުވެ އެނގޭ ދުވަހަކު އިސްލާމީ އެއްވެސް ގައުމަކަށް އިރު އޮއްސުމެ ފަހުން، އެދުވަހު ހަނދު ފެންމައްޗެއް ނުވާނެކަމީ ކަށަވަރު ކަމެކެވެ.

ސެނަގޯލަށް ހަނދު ފެންމަތި ނުވާ ދުވަހެއްގައި، އިސްލާމީ އެއްވެސް ޤަައުމަކަށް، އެދުވަހު ހަނދު ފެންމައްޗެއް ނުވާނެއެވެ. އެފަދަ ދުވަހަކު އިސްލާމީ އެހެން ގައުމަކަށް ހަނދު ފެންމަތިވޭތޯ ބެލުމުގެ ބޭނުމެއްވެސް ނެތެވެ.

އެ ސަބަބުތަކަށްޓަކައި، އަންނަ ފިޠްރު ޢީދު ދުވަހަކީ، މުޅި ދުނިޔޭގެ ހުރިހައި ގައުމަކަށްވެސް މި ހިނގާ އޭޕްރީލް މަހުގެ 10 ވާ ބުދަދުވަސް ކަމުގައި ވާނެކަމާ މެދަކު ކުޑަވެސް ޝައްކެއް ޚިލާފެއް ނެތެވެ.

އަދި އިންޑޮނޭޝިޔާގެ އެންމެ އިރުމަތިން 140 ދަރަޖަ 59 ދަގީގަށް އެދުވަހު، އިރަށް ވުރެން، 24 މިނެޓް ހަނދު އޮއްސުމުގައި އިސްވާނެވެއެވެ.

އިންޑޮނޭޝިޔާގެ އެންމެ އިރުމަތިން 140 ދަރަޖަވީ ޠޫލުގެ އިރުމަތީގައި އިސްލާމީ ގައުމެއް ނޯންނާތީ އިންޑޮނޭޝިޔާއަކީ އެންމެ އިރުމަތީގައި އޮންނަ އިސްލާމީ ގައުމު ކަމުގައި ބަލަން ޖެހެއެެވެ.

އެފަދައިން، އެންމެ ހުޅަނގަށް އޮންނަ އިސްލާމީ ގައުމަކީ، ސެނަގޯލް ކަމުގައިވެސް ބަލަންޖެހެއެވެ.

އެ ސަބަބަށްޓަކައި އިންޑޮނޭޝިއާއަށް ފެންމަތިވެއްޖެ ހަނދެއް، އޭގެ ހުޅަނގުގައި ހުރި ހުރިހައި ގަައުމަކަށް ފެންމަތިވާނެއެވެ. އަދި ސެނެގޯލަށް ފެންމަތިނުވެއްޖެ ހަނދެއް އޭގެ އިރުމަތީ އެއްވެސް ގައުމަކަށް ފެންމަތި ނުވާނެއެވެ. މިއީވެސް ހަނދު ބެލުމުގައި އެނގުން މުހިއްމު ކަންކަމެވެ.

އެ ހުރިހައި ހަމައަކުން ބަލައި ކަށަވަރު ކުރުމުން އެނގެނީ، މި ހިނގާ އޭޕްރީލް މަހުގެ 10 ވަނަ ދުވަހަކީ، މިފަހަރު އިސްލާމީ ހުރިހައި ގައުމަކަށްވެސް ފިޠްރު ޢީދު ދުވަހަށް ވާނެކަމެވެ.