...

Support Us

ކާރު ބޮމެއް ގޮއްވާލައި ސީރިޔާގައި ހަތް މަރު

ސީރިޔާގެ އުތުރު ސަރަހައްދެއްގައި ކާރު ބޮމެއް ގޮއްވާލުމުގެ ސަބަބުން މަދުވެގެން ހަތް މީހުން މަރުވެއްޖެއެވެ. ތުރުކީ އާ އިމުގެ ގޮތުން ކައިރި ސަރަހައްދެއް ކަމަށްވާ ހަލަބު ޕްރޮވިންސްގެ އަޒާޒު ނަމަކަށް ކިޔާ އަވަށުގައި ރޭގައި ދިން މ ހަމަލައިގެ ސަބަބުން 30 މީހުން ޒަހަމްވިއެވެ.

އަހުލީ ހަނގުރާމަ 2011 ގައި ފެށުނު ފަހުން ރައީސް ބައްޝާރުލްއަސަދުގެ އަސްކަރިއްޔާއިން ގައުމުގެ ތިންބައިކުޅަދެބައި ކޮންޓްރޯލް ކުރެއެވެ. އެއީ އޭނާއަށް އެހީތެރިވާ ރަޝިޔާ އާއި އީރާނާއި އަދި ހިޒްބުﷲ ހަނގުރާމަވެރިންގެ އެހީގައެވެ. ހުޅަނގު އުތުރު ސަރަހައްދުތައް ކޮންޓްރޯލް ކުރަނީ އޭނާއާ އިދިކޮޅު ހަނގުރާމަވެރިންނެވެ.

ކާރު ބޮމުގެ ހަމަލަ ދީފައިވަނީ ރޯދަ ވީއްލައިގެން، ފިތުރު އީދަށް ތައްޔާރުވުމުގެ ގޮތުން، ރޭގަނޑު ބާޒާރު ކުރުމަށް ނިކުތް އެތައް ބަޔަކު ދިޔަ މާރުކޭޓަކަށެވެ.

ބޮން ގޮއްވާލީ ކޮން ބައެއްކަން އަދި ނޭނގެއެވެ. އަޒާޒަކީ ރައީސް ބައްޝާރުލްއަސަދު އާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ، ތުރުކީ އަށް ތާއީދު ކުރާ ހަނގުރާމަވެރިން ހިފާފައިވާ އަވަށެކެވެ.

ސީރިޔާ އާއި ތުރުކީގެ އިމާ ގުޅޭ ސީރިޔާގެ ބޮޑެތި ސަރަހައްދުތަކުގައި ހަނގުރާމަ ކުރަމުން ދަނީ ތުރުކީ ސިފައިންނާއި ތުރުކީއަށް ތާއީދު ކުރާ ހަނގުރާމަވެރިންނެވެ.

ބޮން ގޮއްވާލިއިރު، ނިމެން ކައިރިވެފައިވާ ރޯދަ މަހަށް ފަހު އަންނަ ފިތުރު އީދަށް އާ އަންނައުނު ގަންނަން އެތައް ބަޔަކު ބާޒާރު ކުރަމުން އައެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް އީދު ހެދުން ގަންނަން އުޅުނު އެތައް އާއިލާތަކެއްވެއެވެ.

ސީރިޔާގައި މީހުން ރައްކާތެރި ކުރުމަށް ހިންގާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތް ކަމަށްވާ "ވައިޓް ހެލްމެޓްސް"އިން ބުނީ ހަމަލާގައި ދެ ކުޑަކުދިން ވެސް މަރުވިކަމަށެވެ.

ހަމަލައިގެ ވީޑިތަކާއި ފޮޓޯތަކުން ފެންނަނީ މަރުވެފައިވާ އެތައް ބައެއްގެ ހަށިގަނޑުތައް މަގުމަތީގައި އޮތް ތަނާއި ހަލާކުވެފައިވާ ފިހާރަތަކާއި ގޭގެއާއި ސައިކަލުތަކާއި އަދި އަލިފާން ހިފާފައިވާ ކާރެކެވެ.

އަޒާޒްއަކީ "ސީރިއަން އިންޓެރިމް ގަވަންމަންޓް" ނުވަތަ ސީރިއާގެ ގާނޫނީ ސަރުކާރަކީ ތިމަންނަމެން ކަމަށް ދައުވާ ކުރާ އިދިކޮޅު ގްރޫޕްގެ ބާރު އޮންނަ އަވަށެކެވެ. ތުރުކީގެ އިމާ ކައިރީގައި އޮތުމުންނާއި މުދާ އުފުލާ ސަރަހައްދަކަށް ވާތީ އަޒާޒްއަކީ ސީރިޔާގެ އަހުލީ ހަނގުރާމަ ހިންގަމުންގެންދާ ދެ ފަރާތަށް ވެސް މުހިއްމު އަވަށެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އަޒާޒްގައި 2017 އަހަރު ކާރު ބޮމެއް ގޮއްވާލުމުން 40 މީހުން މަރުވެފައިވެއެވެ. ބޮން ގޮއްވާލީ ކޯޓެއްގެ ކައިރީގައެވެ. އެ ފަހަރު ބޮން ގޮއްވާލުމުގެ ޒިންމާ ނަގާފައިވަނީ "އިސްލާމިކް ސްޓޭޓް" ނުވަތަ އައި.އެސް.އިންނެވެ. އައި.އެސް.އިން 2013 ގައިވަނީ ކުޑަ ދުވަސްކޮޅަކަށް އަޒާޒް ހިފައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.